Advertisement

އިސްރާއީލުން ޣައްޒާއަށް ޙަމަލާދިނުން ދުވާލަކު ހަތަރު ގަޑި އިރަށް މެދުކަނޑައިލަނީއްޔޯ! މިއަދު އެ ކަން ފަށައިފިޔޯ!

09 Nov 2023 | 23:48
ޣައްޒާއަށް ދޭ ޢުދުވާނު މެދުކަނޑައިލައިފައި އޮތް ވަގުތުގައި ރައްޔިތުން ރަށް ދޫކޮށް ދަނީ (އޭއެފްޕީ2)

ދެންނެވުމުގެ ބޭނުމެއް ނެތް ފަދައިން މިއަދު ޣައްޒާ ވަނީ ތަޅައި ސުންނާފަތިކޮށްލެވިފައިވާ ގާފުންޏަކަށް ހަދައިލައިފައެވެ. 10،570 މީހުން މީހުން ވަނީ ޔަހޫދީންގެ ރަޙުމެއް ނެތް އަނިޔާވެރި ޙަމަލާތަކުން ޝަހީދުކޮށްލައިފައެވެ. އޭގެ ތެރޭގައި 4325 ކުޑަކުދިންނާއި 2825 އަންހެނުން ހިމެނެއެވެ. މީގެ އިތުރަށް 26،475 މީހުން ވަނީ ޒަޚަމްކޮށްލައިފައެވެ. ޒަޚަމުވި ގިނަ މީހުން ވަނީ ނުކުޅެދޭ ޙާލަތުގައެވެ. މުޅި ސަހަރުން ވަނީ ކަރަންޓާއި ފެން ކަނޑައިލައިފައެވެ. ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް ކާނާއާއި ބޭހާއި ފެން ލިބޭނެ މަގުތައް ވަނީ ބަންދުކޮށްފައެވެ.

ހަނގުރާމަ ހުއްޓައިލާން މުޅި ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި އެތައް ލައްކަ ރައްޔިތުންނެއް އަޑު އުފުއްލަމުން ގެންދިޔަޔަސް ސަހުޔޫނީ ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ބުންޔާމީން ނަތަންޔާހޫ ހަރުކަށިކަމާއެކު ބުނަމުން ގެންދިޔައީ ޙަމާސްގެ ދުވަސް ދުއްވައިލުމަށް ފަހުގައި ނޫނީ ޙަމަލާތައް ހުއްޓައިނުލާނެކަމަށެވެ.

ނަމަވެސް ޙަމާސް ނައްތައެއް ނުލެވެއެވެ. ފަނާކޮށްލީ ޣައްޒާގެ މުޅި މިއުމާރިއްޔަތެވެ. މުޅި ބިނާރެވެ. ޝަހީދުވެފައިވަނީ ފަލަސްތީނުގެ މައުޞޫމު ރައްޔިތުންނެވެ.

މި ދަނޑިވަޅުގައި މިހާރު އިސްރާއީލުން އެއްބަސްވެފައިވަނީ ދުވާލަކު ހަތަރު ގަޑި އިރަށް ޙަމަލާތައް މެދުކަނޑައިލާށެވެ. މި ކަން ކޮންމެ ދުވަހަކު ވެސް އިޢުލާނުކުރާނީ ޙަމަލާތައް ހުއްޓައިލުމުގެ ތިންގަޑި އިރު ކުރީންކަމަށެވެ. އެމެރިކާގެ ރިޔާސީ ގަނޑުވަރުގެ ގައުމީ ސަލާމަތާ ބެހޭ ތަރުޖަމާނު ޖޯން ކާރބީ ބުނެފައިވަނީ "ޙަމަލާތައް ހުއްޓައިލާ ވަގުތުތަކުގައި މި ސަރަޙައްދުގައި ޢަސްކަރީ އެއްވެސް ޙަރަކާތެއް ނުހިންގާނެ"ކަމަށެވެ. މި އުސޫލަށް މިއަދުން ފެށިގެން ޢަމަލުކުރެވޭނެކަމަށް ވެސް އޭނާ ބުނެފައިވެއެވެ. އެނގިފައިވާ ގޮތުގައި މިހާރު މިއަދުގެ ހަތަރު ގަޑި އިރަށް ޙަމަލާތައް މެދުކަނޑައިލައިފިއެވެ.

މި ކަން އެމެރިކާއިން ކަށަވަރުކޮށްދިނުމާއެކު ބުނެފައިވަނީ "ޙަމާސަށް އަލުން ހަނގުރާމަވެރީން އެއްކުރުމަށް ވަގުތު ލިބިދާނެތީ "ހަނގުރާމަ" (ޢުދުވާނުތައް) މުޅީން ހުއްޓައިލާން އެމެރިކާއިން ހުއްދައެއް ނުދޭނެ"ކަމަށެވެ. މި ބަޔާނުން ސާފުކޮށް އެނގެނީ އިސްރާއީލު ލައްވައި ފަލަސްތީނަށް ޙާމަލާދެނީ އެމެރިކާއިންކަމެވެ.

"ޙަމަލާތައް މެދުކަނޑައިލާ ވަގުތު ހަމައެކަނި މުހުތާދުވެފައިވާ މީހުންނަށް އިންސާނީ އެހީ ދިނުމަށް ޓަކައެވެ." ކާބީ ބުނެފައިވެއެވެ. "އަދި މި ވަގުތުގެ ތެރޭގައި ނުރައްކާތެރި ތަންތަނުން މީހުން ދުރަށް ގެންދާން ވެސް އެހީތެރިވެވޭނެއެވެ."

އިސްރާއީލުން ޢުދުވާނު މެދުކަނޑައިލައިފައި އޮތް ހަތަރު ގަޑި އިރުގެ ތެރޭގައި ރައްޔިތުން ރަށުން ބޭރަށް ނުކުންނާން ދަނީ.<br>

އެހެންވީމާ، ކާރބީގެ މި ވާހަކަތަކުން ވެސް މި ދޭހަވަނީ މިއީ ނުސީދާކޮށް ހިންގާ ނަކުބާ (މީހުން ހުސްކުރުން)ގެ ޙަރަކާތެއްކަމަށެވެ.

އޭނާ އިތުރަށް ބުނެފައިވާ ގޮތުގައި "މި ފުރުޞަތުގެ ސަބަބުން މި ހުޅުވެނީ ރަހީނުކޮށްފައިވާ މީހުން ސަލާމަތްކުރުމުގެ މަގެކެވެ."

ދުވާލަކަށް ހަތަރު ގަޑި އިރަށް، ޣާއްޒާއަށް ޙަމަލާދިނުން ހުއްޓައިލަނީ، އެއްވެސް އިޚުލާޞްތެރި ނިޔަތެއް ނެތި ހަމައެކަނި ޔަހޫދީންގެ ފައިދާއަށްކަމަށް ވެސް މި ވާހަކަތަކުން ދޭހަވެއެވެ. ނަމަވެސް ޔަހޫދީންގެ ބާރުގައި ހުޅަނގުން ހިންގާ މީޑިއާއިން ޚަބަރު ފަތުރާނީ މިއީ އިސްރާއީލުން ކޮށްދޭ ވަރަށް "ހެޔޮ ޢަމަލެއް"ގެ ގޮތުގައެވެ. ނަމަވެސް މި ހަތަރު ގަޑި އިރުގެ ބޭނުމަކީ ޣައްޒާގެ ރައްޔިތުން ރަށުން ބޭރުކޮށް ޙަމާސުން ރަހީނުކޮށްފައިވާ ޔަހޫދީން ސަލާމަތްކުރުންކަން ވަރަށް ރީތިކޮށް ހާމަވެއެވެ.

ނަމަވެސް މި ހަތަރު ގަޑި އރަކީ ދުނިޔޭގެ ގައުމުތަކުގެ ފިއްތުންތަކުގެ ސަބަބުން މެދުކަނޑައިލާ މެދުކަނޑައިލުމެކެވެ. އެހެނީ މިއަދު ހެނދުނު ޙަމާސްގެ އެންމެ އިސް ތިން އިސްވާރުންނާއެކު މިޞްރުގައި މިޞްރުގެ ޖާސޫސީ އިދާރާގެ ވެރިޔާ އިންޓެލިޖެންސް ޖެނެރަލް ޢައްބާސް ކާމިލު ބައްދަލުކުރެއްވިއެވެ. ޢައްބާސް ކާމިލު ބައްދަލުކުރެއްވި ޙަމާސްގެ ތިން އިސްވާރުންނަކީ ޙަމާސްގެ ސިޔާސީ އޮފީހުގެ ވެރިޔާ އިސްމާޢީލް ހަނިއްޔާއާއި އޭނާގެ ނާއިބު ޚާލިދު މިޝާލާއި  ބިޔުރޯ މެންބަރު ޚަލީލް އަލްޙަޔާއެވެ.

މި ބޭފުޅުން ބޮޑަށް މަޝްވަރާކުރެއްވީ ޣައްޒާއަށް ބޭނުންވާ ތެޔޮ ވެސް ހިމެނޭހެން ގިނަ ޢަދަދަކަށް އިންސާނީ އެހީތައް ފޯރުކޮށްދެވޭނޭ ގޮތްތަކަކާ ބެހޭ ގޮތުންނެވެ. އަދި އަސީރުން ބަދަލުކުރުމާމެދުގައެވެ.

މިޞްރުން ޙަމާސްގެ އިސްވެރީންނާ ބައްދަލުކުރުމުގެ އިތުރަށް ޤަޠަރާއި އެމެރިކާއާއި ޔަހޫދީން ބައިވެރިވާ މަޝްވަރާ ބައްދަލުކުރުމެއް ވެސް މިއަދު މިޞްރުގައި ބޭއްވިކަމަށް ރޮއިޓާރސްއިން ޚަބަރު ދީފައިވެއެވެ.

އަނެއްކޮޅުން ޚަބަރު ލިބޭ ގޮތުގައި ނެދަރލޭންޑްސްގެ ބޮޑުވަޒީރު ވަނީ ޣައްޒާގައި މިހާރު ހިނގަމުންދާ "ހަނގުރާމަ"އާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ޓަކައި ފަލަސްތީނުގެ ރައީސް މަޙުމޫދު ޢައްބާސް ނެދަރލޭނޑްސްއަށް ވަޑައިގަތުމަށް ދަޢުވަތު އަރުވައިފައިކަމަށް އެކްސްގައި އޭނާ ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ. އޭނާ އިތުރަށް ބުނެފައިވާ ގޮތުގައި "ނެދަރލޭންޑްސް އަބަދުވެސް ދެ ދައުލަތުގެ ޙައްލާމެދު ކަށަވެއްޗެވެ. އެއީ ފަލަސްތީނުންގެ އަމިއްލަ، ރައްކާތެރި ދައުލަތާ ޖެހިގެން ރައްކާތެރި އިސްރާއީލެއް އޮތުމުގެ ޙައްލެވެ." (ރޮއިޓާރސް)

____________________________________

ބައެއް ލަފުޒުގެ މާނަ:

ކަށަވެތި  ނއ.   ޒިންމާދާރުކަމާއި ޝައުޤުވެރިކަމާއެކު ކަމެއް ކުރުމުގެ ސިފަހުރި

އިސްވާރު: ނ.    (1) ވެރިޔާ، (2) އިސްވެ ހުންނަ މީހާ

މިއުމާރިއްޔަތު: ނ. އިމާރާތްތައް ބިނާޚުރުމާއި ފަރުވާކުރުމުގެ މަސައްކަތް ނުވަތަ އެ ކަމުގެ ފަންނު

ބިނާރު:   ނ.   ގައުމަކަށް ނުވަތަ ރަށަކަށް ނުވަތަ ސަރަހައްދަކަށް ބޭނުންވާ މާއްދީ ތަރައްގީގެ އަސާސީ އޮނިގަނޑު. މީގެ ތެރޭގައި މަގުތަކާއި އިމާރާތް ތަކާއި ބަނދަރުތަކާއި ކަރަންޓު ނިޒާމު ފަދަ މި ބާވަތުގެ ހުރިހާ ޚިދުމަތްތަކެއް ދިނުމަށްޓަކައި ގާއިމުކުރާ މާއްދީ ވަސީލަތްތައް ހިމެނެއެވެ.


Advertisement

ކޮމެންޓް