Advertisement

ކަރުނައިގެ އަސަރު (29)

19 Sep 2024 | 00:25
ކަރުނައިގެ އަސަރު (29)

ދިވެހި ބަހަށް ގެނައީ: ޢަލީ ޒުބައިރު ޙުސައިނު

(2024 ސެޕްޓެމްބަރ 11ވަނަ ދުވަހު ޝާއިޢުކުރި ބައިގެ ބާކީ)

          ___________________________________________________

                ލޯތްބާ މެދު ވިސްނާންވެއްޖެ ނަމަ، ލޯބިވެގެންދާނީ ޖާހިލު ނަމަކަށެވެ.

            ފަހަރެއްގައި ވެސް ކޯރުގެ އައްސޭރި ފަށުން ޠޫފާނު އަންނާނެކަމަކަށް ލަފައެއްނުކުރެވެއެވެ.

          ___________________________________________________

ޚާން އަކުބަރު އޯގާތެރިކަމާއެކު ވަޅުލައިފިއެވެ.

ނިޝޫ ޢާމިރު ގާތުގައި ބުންޏެވެ. ތިޔައީ މާތް އިންސާނެކެވެ. ------ އަހަރެން ޢާމިރަށް ބޭބެ ކިޔުމުން  ފަޚުރުވެރިކަން އިހުސާސްކުރެވެއެވެ.

އެއީ ޢާމިރު، ރަޢުނާއާ ކައިވެނިކުރީ ނިޝޫގެ އެދުމުގެމަތީންނެވެ.

އޭގެ ދެ ތިން ދުވަސް ފަހެވެ.-----------

ރާލިޔާގެ ވާހަކަ ރަޢުނާ ކައިރީ ޢާމިރު ބުނުމުން، ޚުދު ރަޢުނާ، އޭނާގެ ގައިގައި ބައްދައިލިއެވެ.

އަދި ރާލިޔާ، ރަޢުނާގައިގައި ބައްދާލައިގެން ހުރެ، ގިސްލަ ގިސްލައި ރޮމުންދިޔައެވެ.

އެހެނީ ޢާމިރު، ރާލިޔާއާ ކައިވެނިކުރުމުގެ ހުއްދަ ރަޢުނާ ދީފައިވާތީއެވެ.

ޢާމިރުގެ މިހާރު ދެ އަނބީން ތިބެއެވެ.

ކައުސަރު އުޅުނީ އެ އެންމެންނާ ދުރުގައެވެ.

އެއް ދުވަހަކު ޢާމިރު، ނިޝޫ ގާތުގައި ބުންޏެވެ.

"ލޯބިވާ ކޮއްކޯއެވެ.؟ --------- މަންމަ ޢާމިރުބޭބެއާ ރުޅިއެވެ.---------"

"ޢާމިރު ބޭބެގެ އޮތީ ކޮން ގޯހެއްހެއްޔެވެ.-------؟"

ނިޝޫ ބުންޏެވެ.

"އެއްގެއެއްގައި އަހަރެމެންނާ ދުރުގައި އިޙުތިރާމު ލިބިގެންވާ ގޭގެ މެމްބަރަކު އެހެން ރުޅިއައިސްހުރުމުން، މި މާޙައުލުގައި އަހަންނަށް އުނދަގޫކަން އިހުސާސް ކުރެވެއެވެ."

"ދެން މިއަދު މަންމަ ރުއްސޭތޯ ބަލައިމާހެއްޔެވެ؟

ޢާމިރު ބުންޏެވެ.

"މަސައްކަތް ކޮށްލާނަމެވެ. -------"

ނިޝޫ މަޑުމަޑުން ބުންޏެވެ.

"އެންމެ ރަނގަޅު -------! ނިޝޫ ކޮއްކޮ އެންމެން ގޮވައިގެން މަންމަ ކޮޓަރިއަށް ދާށެވެ. އެންމެންވެގެން  މަންމަ ރުއްސަން މަސައްކަތް ކުރާނީއެވެ."

ޢާމިރު ބުންޏެވެ.

ނިޝޫ، ވަރަށް ލޯބީން ފުރިގެންވާ ގޮތެއްގައި ޢާމިރަށް ބަލައިލިއެވެ.

"ނިޝޫކޮއްކޮ ތިގޮތަށް ނުބަލާށެވެ. ------ އަހަރެންގެ ބޭބީ --------- އެހެންނޫނީ މިހެއްގެ އަތްނބަކަށް ހަދައިފައި ވަރަށް އަވަހަށް ނިޝޫ ކޮއްކޮ މިގެއިން ބޭރުކޮށްލާނަމެވެ."

ޢާމިރު ބުންޏެވެ.

ނިޝޫ ލަދުވެތިކަމާއެކު ކުރިއަށް ހިނގައިގަތެވެ.

ޢާމިރު، ކައުސަރުގެ ކޮޓަރިއާ ދިމާއަށް ދިޔައެވެ،

ކައުސަރު ހަމަހިމޭންކަމާއެކު ގޮނޑީގައި އިނެވެ. ކޮންކަމަކާ ވިސްނަނީކަމެއް ނޭނގެއެވެ.

ކުއްލިއަކަށް ޢާމިރު، ކޮޓަރިއަށް ވަދެ، ކައުސަރުގެ ފައިތިލައާ ހިސާބުގައި ހިފައި އާދޭސްކުރާ ގޮތެއްގައި ބުންޏެވެ.

"ތިޔައީ އަހަރެމެންނަށް މަންމައެއް ފަދައިން ޠާހިރު، ޝަރަފުވެރި، މާތްކަމާއި އިޙުތިރާމު ލިބިގެންވާ މީހެކެވެ. ------- އަހަންނަށް މަޢާފެއް ނުކުރާނާންހެއްޔެވެ؟"

ކައުސަރު ބުންޏެވެ.

"ފައިން ދޫކޮށްލާށެވެ. -------"

ޢާމިރު ވަރަށް ދެރަވެފައި ބުންޏެވެ.

"މިއަދު އަހަރެން މަރުވާނީވެސް ------ ނޫނީ އަހަރެން މަންމައެއްގެ ލޯތްބާއެކު ނިމިގެންދާނީ މިފައިތިލައިގެ ދަށުގައެވެ."

އޭނާ ބުންޏެވެ.

ކައުސަރު އަދިވެސް އެއްވެސް ޖަވާބެއް ނުދެއެވެ. ނިޝޫ، ރަޢުނާ އަދި ރާލިޔާ ކޮޓަރިއަށް އަތުވެއްޖެއެވެ.

އެމީހުންނަށް ޢާމިރު، ކައުސަރުގެ ފައިމައްޗަށް ވެއްޓިފައި އޮތް ތަން ފެނުނެވެ.

އެހެންކަމުން ރަޢުނާ ބުންޏެވެ. -------

"މަންމާ ދެން މަޢާފު ކުރާށެވެ. -------"

ދެން ހަމަ އެ ޖުމްލަ ނިޝޫ ވެސް ބުންޏެވެ.

"ދެން އަޅެ އަހަރެން ފައިން ދޫކޮށްލަބަލާށެވެ. --------"

ކައުސަރު ވާހަކަ ދެއްކީ އުފާވެރި ހިތަކާއިގެންނެވެ. ---------

"އަހަރެންގެ ބޮލުގައި ލޯބީން ފިރުމާލަދޭށެވެ. ---------"

ޢާމިރު ކުޑަޖުއްޖެއް ފަދައިން ބޮޑާ ހާކަމުންދިޔައެވެ. އެހެންކަމުން ޢާމިރު ނަގާން ކައުސަރަށް މަޖުބޫރުވިއެވެ. ދެން އޭނާ ޢާމިރު ނަގައި، ޢާމިރާ ދިމާއަށް ބަލައިލިއެވެ. ޙަޤީޤަތުގައި ވެސް މަންމައެއްގެ ލޯތްބާއި އިޚްލާޞްތެރިކަން ލޮލުގައި ވިދާ ބަބުޅަމުންދިޔައެވެ.

"ޝުކުރިއްޔާ! ލޯބިވާ މަންމާ! ----- ދުވަހަކުވެސް އަހަރެންގެ ފަރާތުން އެއްވެސް ލާނެތްކަމެއް ނުފެންނާނެއެވެ. ------"

"އަހަރެން އަވަށަށް ދާނަމެވެ. -------"

ކައުސަރު މަޑު މަޑުން ބުންޏެވެ.

"ހުރިހައިމީހުން އެކުގައެވެ."

ޢާމިރު ބުންޏެވެ.

"އާނ، އެންމެން އެކުގައެވެ. --------" ކައުސަރު އަމުރުވެރި ރާގެއްގައި ބުންޏެވެ.

ދެން އޭގެ ދެތިން ދުވަސް ފަހުން، ޢާމިރުގެ އަވަށަށް ކުޑަ ޤާފިލާއެއްގައި ދިޔައީ ލޯތްބާއި ކުލުނާއެކުގައެވެ.

               --------------------------------------------------

                            ނިމުނީ

އެޑިޓަރުގެ ނޯޓް
އަލްފާޟިލް ޢަލީ ޒުބައިރު ޙުސައިނަކީ ކުޅަދާނަ ލިޔުންތެރިއެކެވެ. އޭނާގެ ޚާއްޞަ ރޮނގަކީ ތަރުޖަމާކުރެއްވުމެވެ. ޚާއްޞަކޮށް އުރުދޫ ބަހުން ދިވެހިބަހަށް ތަރުޖަމާކުރެއްވުމެވެ. އޭނާގެ ބައެއް ތަރުޖަމާތައް ވަނީ ޗާޕުކުރައްވައިގެން ޝާއިޢުވެސްކުރައްވައިފައެވެ.

Advertisement

ކޮމެންޓް