ޝަހީދުންތަ؟ ނުވަތަ މަޒުލޫމުންތަ؟
އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
ﷲގެ މަގުގައި ޖިހާދުކުރުމަކީ ﷲގެ ޙަޟުރަތާ ކުއްތަންކުރުވާ އެންމެ މަތިވެރި ޢަމަލުތަކުގެ ތެރޭގައި އަދި އެންމެ މާތް އަޅުކަންތަކުގެ ތެރޭގައި ގުނައިލެވޭ ޢަމަލެކެވެ. އެއީ ޢާލަމުތަކުގެ ވެރިރަސްކަލާނގެއާ ކުއްތަންކޮށްދޭ އެންމެ ރިވެތި އެންމެ އޮފުގަދަ ޢަމަލުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ނަބިއްޔާ صلى الله عليه وسلم މުޢާޛުގެފާނަށް ބަޔާންކޮށްދެއްވި ފަދައިން އެއީ އިސްލާމްދީނުގެ އެންމެ އުސް ގޮންގަނޑެވެ. ކައު ރަސޫލާ ﷺ ޙަދީސްކުރެއްވިއެވެ. ((أَلا أخْبرك بِرَأْس الْأَمرِ، وَعَمُودِهِ، وذِرْوَةِ سِنَامِه قُلْتُ: بَلَى يَا رَسُولَ اللهِ قَالَ: رَأسُ الْأَمرِ الْإِسْلَامُ، وعمودُه الصَّلَاةُ، وذروةُ سنامه الْجِهَادُ[1] - ހުރިހާ ކަމެއްގެ ބޮލަކީ އަދި ތަނބަކީ އަދި ގޮންގަނޑަކީ ކޮބައިކަން ތިބާއަށް ވިދާޅުވެދެއްވަން ހެއްޔެވެ؟ އަހުރެން ދެންނެވީމެވެ. އާދޭހެވެ! ﷲގެ ރަސޫލާއޭވެ!ޙަދީސްކުރެއްވިއެވެ. ހުރިހާ ކަމެއްގެ ބޮލަކީ އިސްލާމްކަމެވެ. އޭގެ ތަނބަކީ ނަމާދެވެ.އޭގެ އެންމެ އުސް ގޮންގަނޑަކީ ޖިހާދެވެ.))
މާތް ﷲ ރުއްސުންލެއްވި އަބޫ ޛައްރުގެފާނު ވިދާޅުވިއެވެ. ((އަހުރެން ދެންނެވީމެވެ. އޭ ﷲގެ ރަސޫލާއޭވެ! އެންމެ މާތް ޢަމަލަކީ ކޮން ކަމެއްތޯއެވެ؟ ޙަދީސްކުރެއްވިއެވެ. الْإِيمَان بِاللَّه، وَالْجهَاد فِي سَبِيل الله [2]- އެއީ ﷲއަށް އީމާންވުމާއި ﷲގެ މަގުގައި ޖިހާދުކުރުމެވެ.))
[3] -އެއީ ﷲގެ މަގުގައި
އޭނާގެ ނަފްސާއި މުދަލުން ޖިހާދުކުރާ މުއުމިނާއެވެ.)) މާތް
ﷲ ރުއްސުންލެއްވި އަބޫ ސަޢީދުލް ޚުދްރީގެ އަރިހުން ރިވާވެގެންވެއެވެ. ((
އެއްދުވަހަކު رَسُول الله صلى الله عليه وسلمގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ. أَي
النَّاس أفضل؟ އެންމެ ރަނގަޅު މީހަކީ ކާކުތޯއެވެ؟ ޙަދީސްކުރެއްވިއެވެ. مُؤمن
يُجَاهد فِي سَبِيل الله بِنَفسِهِ وبماله
މިއީ ﷲގެ މަގުގައި ޖިހާދުކުރުމުގެ މަޤާމު ބަޔާންކޮށްދޭ ބަސްފުޅުތަކެކެވެ. ﷲގެ ޙަޟްރަތުގައި ޝަހީދުންނަށް ލިބިފައިވާ މަތިވެރި މަޤާމާ ހެދި ﷲގެ މަގުގައި މަރުވުމަކީ ކޮންމެ މުސްލިމަކު ވެސް އެދޭނެ ކަމެކެވެ. ނަބިއްޔާ ﷺ ޙަދީސްކުރެއްވިއެވެ. ((مَا مِنْ أَحَدٍ يَدْخُلُ الْجَنَّةَ يُحِبُّ أَنْ يَرْجِعَ إِلَى الدُّنْيَا، وَأَنَّ لَهُ مَا عَلَى الْأَرْضِ مِنْ شَيْءٍ غَيْرُ الشَّهِيدِ، فَإِنَّهُ يَتَمَنَّى أَنْ يَرْجِعَ فَيُقْتَلَ عَشْرَ مَرَّاتٍ لِمَا يَرَى مِنَ الْكَرَامَةِ [1]- ސުވަރުގެ ވަންނަ މީހުންގެ ތެރެއިން ހަމަ އެކަކުވެސް ދުނިޔެއަށް އެނބުރިދާކަށް އަދި ދުނިޔޭގައި އޭނާއަށް ލިބިފައިވާ އެއްޗެއް ލިބުމަކަށް ނޭދޭނެތެވެ. ޝަހީދުވި މީހާ މެނުވީއެވެ. އޭނާއަށް ސުވަރުގޭގައި ލިބޭ ކަމޭހިތުމާއި މާތްކަމާ ހެދި އޭނާ އެނބުރި ދުނިޔެއަށް ގޮސް ދިހަ ފަހަރު ޝަހީދުވުމަށް އެދޭނެތެވެ.))
[1] - أخرجه البخاري (٢٨١٧)، ومسلم (١٨٧٧)، وأحمد (١٣٩٢٦)
ޝަހީދުން ދެ ބަޔަކަށް ބެހިގެންވެއެވެ. އެއްބަޔަކީ ދުނިޔެއާއި އާޚިރަތުގެ ޝަހީދުންނެވެ. އަނެއް ބަޔަކީ އާޚިރަތުގެ އެކަނި ޝަހީދުންނެވެ. ދުނިޔެއާއި އާޚިރަތުގެ ޝަހީދުންނަކީ އިސްލާންދީނަށް ޓަކައި ކާފަރުންނާ ހަނގުރާމަކޮށް ހަނގުރާމައިގެ މައިދާނުގައި މަރުވާ މީހުންނެވެ. އާޚިރަތުގެ ޝަހީދުންނަކީ ވަރަށް ގިނަ ބަޔެކެވެ. ކަނޑުވެ ޣަރަޤުވެގެން މަރުވާ މީހުންނާއި ގެ ވެއްޓިގެން މަރުވާ މީހުންނާއި އަލިފާނުގެ ޙާދިސާތަކުގައި އަނދައިގެން މަރުވާމީހުންނާއި މަތިންދާބޯޓު ވެއްޓިގެން މަރުވާމީހުންނާއި ވިހެއުމުގެ ތެރޭގައި މަރުވާ މާބަނޑުމީހުންނާއި ބޭއިންސާފުން މަރައިލެވޭ މީހުން ފަދަ އެންމެންނަކީ އާޚިރަތުގެ ޝަހީދުންނެވެ.
ޣައްޒާގައި ޞިހްޔޫނީ ޢަދުއްވުންނާ ހަނގުރާމަކުރަނިކޮށް މަރުވާ މީހުންނަކީ އެއްވެސް ޝައްކެއްނެތް ގޮތުގައި ޝަހީދުންނެވެ. އެއީ ހުރިހާ ޢިލްމުވެރީން އެއްބަސްވެވަޑައިގަންނަވާ ކަމެކެވެ. ޣައްޒާގައި އިސްރާއީލުން މަރަމުންދާ އަންހެނުންނާއިި ކުޑަކުދީންނާއި މުސްކުޅީން ޝަހީދުންނަށް ވާނެހެއްޔެވެ؟ އެމީހުން ޝަހީދުންނަށް ނުވާނެކަމަށް ވިދާޅުވާ ބޭފުޅުންގެ ރައުޔަކީ ރަނގަޅު ރައުޔެއްނޫނެވެ. ފަލަސްޠީނުމީހުންގެ ނަސްލު ނައްތައިލުމަށް ޓަކައި ޞިހްޔޫނީ ކިޔާނުން ހިންގަމުން ދާ ޤަތުލުޢާންމުތަކުގައި މަރައިލާ އެންމެން ޝަހީދުންނަށް ވާނެކަމަށް ވިދާޅުވާ ޢިލްމުވެރީންގެ ދަލީލުތައް ވަރަށް ގިނައެވެ. އޭގެ ތެރެއިން ބައެއް ދަލީލުތައް ދަންނަވައިލާނަމެވެ.
1-ރަސޫލާ ﷺ ޙަދީސްކުރެއްވިއެވެ. ((مَنْ قُتِلَ دُونَ مَظْلَمَتِهِ فَهُوَ شَهِيدٌ[5] - އަނިޔާވެރިކަމުގެ ގޮތުން މަރައިލެވުނު މީހަކީ ޝަހީދެކެވެ.)) ޣައްޒާގެ އަހްލުވެރީންގެ ތެރެއިން އިސްރާއީލާ ދެކޮޅަށް ހަނގުރާމަނުކުރާ މީހުން މަރުވެގެން އެ ދަނީ އަނިޔާވެރި ޙަމަލާތަކުގެ ސަބަބުންނެވެ.އެމީހުން ވާނީ ﷲގެ ޙަޟްރަތުގައި ޝަހީދުންނަށެވެ.
2-ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ޝަހީދުންގެ ސަވާބު ލިބުމަށް ޓަކައި މަޒުލޫމުންނަށް ޢަދާވަތްތެރީންނާ ކުރިމަތިލުން ޝަރްޠުވެގެންނުވެއެވެ. އޭނާއަށް ކުއްލިއަކަށް ޙަމަލާދީ މަރައިލެވުނު މީހާއަށް ޝަހީދުންގެ ސަވާބު ދެއްވާނެތެވެ.
3-މާތް ﷲ ރުއްސުންލެއްވި ޢުމަރު ބުނުލްޚައްޠާބު މުސްލިމުންނާއިގެން އިމާމުވެ ފަތިސްނަމާދުކުރައްވަނިކޮށް އަވަހަރަކޮށްލީ މަޖޫސީއެއްކަމުގައި ވާ އަބޫ ލުއުލުއަތެވެ. މާތްﷲ ރުއްސުންލެއްވި ޢުޘްމާން ބިން ޢައްފާން އަވަހާރަކޮށްލީ އެކަލޭގެފާނާ ދެކޮޅަށް ބަޣާވާތްކުރި ޚަވާރިޖުންގެ ބައެކެވެ. ނަބިއްޔާ ﷺ ވަނީ މި ދެބޭކަލުންނަކީ ޝަހީދުން ކަމަށް ސިފަކުރައްވައިފައެވެ.މާތްﷲ ރުއްސުންލެއްވި އަނަސް ބިން މާލިކު ވިދާޅުވިއެވެ. އެއްދުވަހަކު ނަބިއްޔާ ﷺ އަބޫބަކްރުގެފާނާއި ޢުމަރުގެފާނާއި ޢުޘްމާނުގެފާނާއެކު އުޙުދު ފަރުބަދަ މައްޗަށް އަރައިވަޑައިގެންނެވެ. މި ފަރުބަދަ ތެޅެންފެށުމުން ރަސޫލާގެ މާތް ފައިންޕުޅުން ޢުހުދުފަރުބަދައިގައި ޖައްސަވައިފައި ޙަދީސްކުރެއްވިއެވެ. (اثْبُتْ أُحُدُ ، فَمَا عَلَيْكَ إِلاَّ نَبِيٌّ ، أَوْ صِدِّيقٌ ، أَوْ شَهِيدَانِ[6] - އުޙުދާއޭވެ! ތިބާ ސާބިތުވާށެވެ!ތިބާ ގައިމަތީގައި މި ތިއްބެވީ ނަބީބޭކަލަކާއި ޞިއްދީޤަކާއި ދެ ޝަހީދުންނޫން އެހެން ބަޔެއްނޫނެވެ.)) ނަބީބޭކަލަކީ ކައު ރަސޫލާ ﷺއެވެ. ޞިއްދީޤަކީ މާތްﷲ ރުއްސުންލެއްވި އަބޫބަކްރުގެފާނެވެ. ދެ ޝަހީދުންނަކީ މާތް ﷲ ރުއްސުންލެއްވި އުމަރުގެފާނާއި ޢުޘްމާނުގެފާނެވެ. މި ދެ ބޭކަލުން ވެސް އަވަހަރަވީ ޝަހީދުކޮށްލެވިގެންނެވެ. ޢުމަރުގެފާނު ޝަހީދުކޮށްލެވުނީ މިސްކިތުގައި މިޙްރާބުގައި އިމާމުވެ ނަމާދުކުރައްވަން ހުންނަވަނިކޮންނެވެ. ޢުޘްމާނުގެފާނު ޝަހީދުކޮށްލެވުނީ އެކަލޭގެފާނުގެ ގެކޮޅުގައި ޤުރްއާން ކިޔަވައިވިދާޅުވާން އިންނަވަނިކޮށް ޚަވާރިޖުން ޙަމަލާދީގެންނެވެ.[7]
4-މާތް ﷲ ރުއްސުންލެއްވި ޢުމަރު ބުނުލްޚައްޠާބު ދުޢާކުރައްވައި ﷲއަށް ދެންނެވިއެވެ. (( اللَّهُمَّ ارْزُقْنِي شَهَادَةً في سَبيلِكَ، واجْعَلْ مَوْتي في بَلَدِ رَسولِكَ صَلَّى اللهُ عليه وسلَّمَ [8]- ހައްދަވާބޮޑުކުރެއްވި ރަސްކަލާކޯ! އިބަރަސްކަލާނގެ މަގުގައި މި އަޅާ ޝަހީދެއް ކަމުގައި ލެއްވުމަށާއި އިބަރަސްކަލާގެ ރަސޫލާގެ ރަށުގައި މި އަޅާގެ މަރުގެންނެވުން ލެއްވުމަށް މިއަޅާ އިބަރަސްކަލާނގެއަށް ދަންނަވަމެވެ.))އަލްއިސްތިޛްކާރު ނަމަކަށް ކިޔާ ފޮތުގައި އިބްނު ޢަބްދިލްބިއްރު ވިދާޅުވިއެވެ. މިއިން އެނގެނީ މަޒުލޫމަކީ ޝަހީދެއް ކަމެވެ. އަލްފާރޫޤު އަވާހަރަކޮށްލެވުނީ މިސްކިތުގައި މިޙްރާބުގައި ނަމާދުކުރައްވަން ހުންނަވަނިކޮށް ބޭއިންސާފުންނެވެ. އެކަލޭގެފާނު ޝަހީދަކަށް ވާތީ މި އިން އެނގެނީ ބޭއިންސާފު ގޮތަކަށް މަރައިލެވޭ މީހަކީ ޝަހީދެއްކަމެވެ. އިސްރާއީލުން ޣައްޒާގައި މަރައި މީހުން މަރުވަނީ ހަނގުރާމައިގެ ބިރުވެރި ޙަމަލާތަކުގެ ސަބަބުންނާއި އެމީހުންގެ ގެދޮރުތައް ތަޅައި ސުންނާފަތިކުރުމުގެ ސަބަބުންނެވެ. އެހެން ވީމާ އެ މީހުންނަކީ ޝަހީދުންނެވެ.
5-މާތްﷲ ރުއްސުންލެއްވި އިބްނު ޢުމަރުގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ﷺ ޙަދީސްކުރެއްވި އަޑުފުޅު އެއްސެވީމެވެ.(( مَن مَشى إلى رجلٍ مِن أُمَّتي لِيقتُله فليقُلْ هكذا؛ فالقاتِلُ في النّارِ والمقتولُ في الجنَّةِ [9]- ތިމަންކަލޭގެފާނުގެ އުންމަތުގެ މީހަކު މަރައިލުމަށް ޓަކައި މީހަކު ދިޔަނަމަ އެމީހަކާ ދިމާއަށް މިފަދައިން ބުނާށެވެ! ފަހެ ޤާތިލު ވާނީ ނަރަކައިގައެވެ. މަރައިލެވުނު މީހާ ވަނީ ސުވަރުގޭގައެވެ. ))މި ބަސްފުޅުން ސާފުކޮށް އެނގޭގޮތުގައި އަނިޔާވެރި ގޮތުގައި މަރައިލެވޭ މުސްލިމުންނަކީ ސުވަރުގޭގެ އަހްލުވެރީންނެވެ. ޣައްޒާގެ އަހްލުވެރީން މަރަމުން އެ ދަނީ އަނިޔާވެރިކަމާއި ހަތުރުވެރިކަމުގެ ޢަމަލުތަކުގެ ތެރެއިންނެވެ.
6-ފަތުޙުލްބާރީގައި އިބްނު ޙަޖަރު ވިދާޅުވެފައިވާ ފަދައިން ބޭއިންސާފުން މަރައިލެވޭ މީހާގެ ފާފަތައް އެކަމުގެ ސަބަބުން ފުހެވިގެންދާނެތެވެ. ރަސޫލުﷲ ﷺ ޙަދީސްކުރެއްވިއެވެ. ((إنَّ السَّيفَ محّاءٌ للخطايا [10]- ހަމަކަށަވަރުން ކަނޑިއަކީ ކުށްފާފަތައް ފުހެދޭ އެއްޗެކެވެ.)) މާތްﷲ ރުއްސުންލެއްވި އިބްނު މަސްޢޫދު ވިދާޅުވިއެވެ. "ޤަތުލު އަތުވެއްޖެ ނަމަ ހުރިހާ ކަމެއް ފުހެލާނެތެވެ. "[11]
7-އިސްރާއީލުން ބޮންއަޅައިގެންނާއި ތަފާތު ވަސީލަތްތަކުން ޣައްޒާގެ ޢިމާރާތްތަކާއި މަދުރަސާތަކާއި ހަސްފަތާލުތައް ފަދަ ތަންތަން ވައްޓާލައިގެން މަރައިލާ ޢާންމު ރައްޔިތުންނަކީ ޢިލްމުވެރީންގެ ބަސްފުޅުތަކުން އެނގޭ ގޮތުގައި ޝަހީދުންނެވެ.އެމީހުންނަކީ މަޒުލޫމުންނެވެ. ނަބިއްޔާ ﷺ ޙަދީސްކުރެއްވިއެވެ. (( الشُّهَداءُ خَمْسَةٌ: المَطْعُونُ، والمَبْطُونُ، والغَرِقُ، وصاحِبُ الهَدْمِ، والشَّهِيدُ في سَبيلِ اللَّهِ[12] -ޝަހީދުން ފަހެކެވެ. ޠާޢޫންބަލި ޖެހިގެން[13] މަރުވާ މީހާއާއި، އެތެރެހަށީގެ ބައްޔެއް[14] ޖެހިގެން މަރުވާ މީހާއާއި ޣަރަޤުވެގެން މަރުވާ މީހާއާއި ޢިމާރާތެއް ދަށުވެގެން މަރުވާ މީހާއާއި ﷲގެ މަގުގައި ޝަހީދުވާ މީހާއެވެ.))
ޚުލާޞާކޮށް ދަންނަވާ ނަމަ އެއްވެސް ދެބަސްވުމެއް ނެތް ގޮތުގައި މަޒުލޫމީ ޙާލަތުގައި މަރައިލެވޭ މީހަކީ ޝަހީދެކެވެ. ޢިލްމުވެރީންގެ މެދުގައި ރައުޔު ތަފާތުވެފައިވަނީ އެއި ދުނިޔެއާއި އާޚިރަތުގެ ޝަހީދެއްހެއްޔެވެ؟ ނުވަތަ އެއީ ހަމައެކަނި އާޚިރަތުގެ ޝަހީދެއްހެއްޔެވެ؟ ޙަނަފީ މަޒުހަބުގެ ބޮޑު އިމާމެއް ކަމުގައިވާ އައްސަރްޚަސީ ވިދާޅުވިއެވެ. ((އަނިޔާވެރިކަމުގެ ސަބަބުން ޤަތުލުވެގެންދާ މީހާ ނުހިނެވޭނެއެވެ.))[15]
ޙަންބަލީ މަޒުހަބުގެ އިސް އިމާމެއް ކަމުގައިވާ އިބްނު މުފްލިޙު ވިދާޅުވިއެވެ.((ޞައްޙަކަން ބޮޑު ރައުޔުގައި މަޒުލޫމީ ޙާލަތުގައި ޤަތުލުވެގެންދާ މީހާ ނުހިނެވޭނެއެވެ!))[16]
________________________________
[1] - أخرجه الترمذي (٢٦١٦)، والنسائي في ((السنن الكبرى)) (١١٣٩٤)، وابن ماجه (٣٩٧٣)، وأحمد (٢٢٠١٦)
[2] - أخرجه البخاري (١٥١٩)، ومسلم (٨٣)، والترمذي (١٦٥٨)، والنسائي (٢٦٢٤) وأحمد (٩٠٣٨)
[3] - صحيح مسلم ( ١٨٨٨ )
[4] - أخرجه البخاري (٢٨١٧)، ومسلم (١٨٧٧)، وأحمد (١٣٩٢٦)
[5] - رواه أحمد في المسند وصححه الشيخ أحمد شاكر كما رواه النسائي (حديث رقم: 4096 )
[6] - رواه البخاري (3483)
[7] - شرح رياض الصالحين( (4 / 12
[8] - رواه البخاري (1890)
[9] - أخرجه أبو داود (4260) و أحمد (٥٧٠٨)، والطبراني في ((المعجم الأوسط)) (١٩٩٤) ، وأبو نعيم في ((حلية الأولياء)) (٨/٢٥٠)
[10] - أخرجه أحمد (١٧٦٩٣)، والدارمي (٢٤١١)، وابن حبان (٤٦٦٣)
[11] - رواه الطبراني في الكبير، وعبدالرزاق في مصنفه
[12] - أخرجه البخاري (٢٨٢٩ )، ومسلم (١٩١٤)
[13] - ޠާޢޫންބަލީގެ ތެރޭގައި ކޮވިޑް ފަދަ ޢާލަމީ ވަބާތައް ހިމެނޭނެއެވެ.
[14] - އެތެރެހަށީގެ ބަލިތަކުގެ ތެރޭގައި ކެންސަރާއި ކޮލެރާ ފަދަ ބޮޑެތި ބޭރަށްހިންގުންތަކާއި ބަނޑުގެ ފާރުތައް ފަދަ ބަލިތައް ހިމެނޭނެއެވެ.
[15] - އައްސަރްޚަސީ ، އަލްމަބްސޫޠު ، 2/52
[16] - އިބްނު މުފްލިޙު ، އައްލްފުރޫޢު (3 / 299)