Advertisement

ޣައްޒާގައި ތިބި ތިން އަސީރުން މަރުވީ އިސްރާއީލު ސިފައިންގެ ހަމަލާއިންކަމަށް ވުމުގެ ފުރުޞަތު ވަރަށް ބޮޑުކަމަށް އެ މީހުން ބުނެފިއެވެ.

17 Sep 2024 | 00:55
މަރުވި ތިން އަސީރުން

ޢަޒީޒު ޖަމާލު

ޣައްޒާގައި ޙަމާސް ޖަމާޢަތުން ހިފަހައްޓައިފައިވާ އަސީރުންގެ ތެރެއިން ތިން މީހަކު، ހުސްވި އަހަރުގެ ނޮވެންބަރު މަހު ޣައްޒާއަށް ޔަހޫދީ ފައުޖުން ދިން ވައިގެ ޙަމަލާތަކެއްގައި މަރުވިކަމަށް ޙަމާސުން ބުނުމުން އިސްރާއީލުން އެ ކަން އެތައް ދުވަހެއް ވަންދެން ދޮގުކުރަމުން ގެންދިޔައެވެ. ނަމަވެސް މިހާރު އިސްރާއީލުގެ ސިފައިން ބުނަނީ ތިން އަސީރުން މަރުވީ އެބައިމީހުން ޣައްޒާގެ ބިންގަރާހަކަށް ދިން ޙަމަލާގައިކަމަށް ވުމުގެ ފުރުޞަތު ވަރަށް ބޮޑުކަމަށެވެ.

އިސްރާއީލުގެ ސިފައިންގެ ކޯޕަރަލެއްކަމަށްވާ ނިކް ބެއިޒާއާއި ސާޖެންޓެއްކަމަށްވާ ރޮން ޝަރްމާނާއި ފަރަންސޭސި ދަރިކޮޅަށް ނިސްބަތްވާ އިސްރާއީލުގެ ރައްޔިތެއްކަމަށްވާ އެލިއާ ޓޮލެޑާނޯގެ މަރުވެފައިވާ ހަށިގަނޑު ފެނިފައިވަނީ މި ދިޔަ އަހަރު ޑިސެންބަރު މަހު 14ވަނަ ދުވަހުއެވެ. ނަމަވެސް މިހައި ތަނަށް އެ މީހުންގެ މަރުގެ ސަބަބު ކަށަވަރުވެފައެއް ނުވެއެވެ. ޙަމާސް ޖަމާޢަތުން ކުރީން ވެސް ބުނެފައިވަނީ އެމީހުން މަރުވީ އިސްރާއީލުގެ ޢުދުވާނީ ޙަމަލައިގައިކަމަށެވެ.

މި ވާހަކަތައް އިސްރާއީލުން ދޮގުކުރަމުން އަންނަތާ އެތައް ޒަމާނަކަށް ފަހު، މިއަދު ނެރެފައިވާ ބަޔާނެްގައި ބުނެފައިވަނީ "ތަހުގީގުގެ ހޯދުންތައް ދައްކާ ގޮތުން އެ ތިން މީހުން މަރުވެފައިވަނީ، ޙަމާސްގެ އުތުރު ބްރިގޭޑް ކޮމާންޑަރު އަޙުމަދު ޣަންދޫރުގެ ދުވަސް ދުއްވައިލުމަށް ޓަކައި 2023 ވަނަ އަހަރު ނޮވެންބަރު މަހު 10ވަނަ ދުވަހު [އިސްރާއީލު ސިފައިން] ދިން ވަރުގަދަ ވައިގެ ޙަލަމާގެ ނަތީޖާއެއްގެ ގޮތުންކަމަށްވުމުގެ ފުރުޞަތު ވަރަށް ބޮޑު"ކަމަށެވެ. އެހެންނަމަވެސް ޣަންދޫރު ފިއްލަވައިގެން ހުންނެވިކަމަށް ބެލެވޭ ބިންގަރާހުގައި އަސީރުން ތިބިކަމެއް ކުރިއަކުން އެނގިފައި ނުވާ ކަމުގައި ވެސް އެ މީހުން ބުނެއެވެ. އަދި އަސީރުން މަރުވީ އިސްރާއީލު ސިފައިންގެ  ވައިގެ ޙަމަލާތަކުގެ ސަބަބުންކަމަށް ޞަރީޙަކޮށް ބުނާން އިސްރާއީލުން އަދިވެސް ގެންދަނީ ދެކޮޅު ހަދަމުންނެވެ.

ޔަހޫދީންގެ އަޅުވެތިކަމަށް ނެތް ނުކުރެވިގެން ޙަމާސްގެ މުޖާހިދުން 2023 އޮކްޓޫބަރު 7ގައި އިސްރާއީލުގެ ބައެއް ސަރަހައްދުތަކަށް ދިން ކުއްލި ޙަމަލާތަކަށް ފަހު 250އެއްހާ ޔަހޫދީން ރަހީނުކުރިއެވެ. އޭގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު މިނިވަން ކޮށްފައިވާ އިރު، އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި 100އެއްހާ އަސީރުން އަދިވެސް ތިބިކަމަށް ބެލެވެއެވެ. ޣައްޒާއަށް އިސްރާއީލުން ދެމުން ގެންދާ ރަޙުމު ކުޑަ ޙަމަލާތަކުގައި އަސީރުންގެ ގިނަ ބަޔަކު މަރުވެފައިވާކަމަށް ޙަމާސުން ވަނީ ބުނެފައެވެ.

އިސްރާއީލުގެ ރައްޔިތުންގެ ތެރެއިން ގިނަ މީހުން މިހާރު އިސްރާއީލުގެ ޚަބަރު ފަތުރާ މީޑިއަމްތަކުން ފަރުރާ ޚަބަރަށް ވުރެ ބޮޑަށް ޙަމާސުން ދޭ ޚަބަރުތަކަށް އިތުބާރުކުރެއެވެ. ސަބަބަކީ އިސްރާއީލުން ދޮގު ޚަބަރު ފަތުރާކަން އެތައް ފަހަރަކު ސާބިތުވެފައިވުމާއި ޙަމާސުން ޚަބަރެއް ޢާންމުކުރަނީ ފުރިހަމަ ހެތްކާއި އޭގެ ވީޑިއޯއާއި ފޮޓޯއާ އެކުގައިކަމަށް ވާތީއެވެ.

ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުންގެ ތެރެއިން ތިން މީހަކު މަރުވީ އިސްރާއީލުން ދިން ޙަމަލާތަކެއްގައިކަމަށް ނުސީދާކޮށް ނަމަވެސް އިސްރާއީލު ލަސްކަރުން އެއްބަސްވުމާ ގުޅިގެން، އިސްރާއީލުގެ ބޮޑުވަޒީރު ބުންޔާމީން ނަތަންޔާހޫއަށް އާންމުގެ ފަރާތުން  އޮތް ފިއްތުންތައް އެތައް ގުނައެއް އިތުރުވާނެކަމަށް ބެލެވެއެވެ.

ޣައްޒާގެ މުސްލިމުން ޝަހީދުކުރާން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ހުއްޓައިލައި، ޙަމާސާ އެކު ސުލްޙައިގެ އެއްބަސްވުމެއްގައި ސޮއިކުރާން އިސްރާއީލުގެ އެތައް ހާސް ރައްޔިތުންނެއް ގެންދަނީ އޭނާއަށް ބާރު އަޅަމުންނެވެ. އަދި ނަތަންޔާހޫގެ ސަރުކާރުގެ ސިޔާސަތަށް ނުރުހުން ފާޅުކުރުމުގެ ގޮތުން އިސްރާއީލުގެ ވެރިރަށް ތައްލުއަބީބުގައި ސިލްސިލާކޮށް ގެންދަނީ މުޒާހަރާތައް ބާއްވަމުންނެވެ.

މުޙައްލިލުން ގަބޫލުކުރާ ގޮތުގައި އަމިއްލަ ޙަމަލާތަކެއްގައި އަމިއްލަ ގައުމުގެ އަސީރުންތަކެއް މަރުވިކަމަށް އެއްބަސްވުމަކީ ވަރަށް ލަދުވެރިކަމެއްކަމަށް އިސްރާއީލު ސިފައިންގެ ފައުޖުން ޤަބޫލުކުރާނެއެވެ. އަދި މިއީ ނަތަންޔާހޫއަށް ކުރިމަތިވާނެ އިތުރު ފިއްތުންތަކަކަށް ވާނެއެވެ.

މި ދިޔަ އަހަރު އޮކްޓޫބަރުމަހު ހަތްވަނަ ދުވަހު ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް އިސްރާއީލު ސިފައިން ދޭން ފެށި ލާއިންސާނީ ޢުދުވާނުގައި ޝަހީދުކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ ގާތްގަނޑަކަށް 42 ހާހަށް އުފުލިފައެވެ. އޭގެ ތެރޭގައި 16،000އަށް ވުރެ ގިނަ ޢަދަދަކަށް މައުސޫމު ކުޑަކުދީން ހިމެނެއެވެ. އަދި، އިސްރާއީލުގެ ފައުޖުތަކުން ސުންނާފަތި ކޮށްލައިފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10،000އަށް ވުރެ ގިނަ މީހުންގެ ހަށިތައް ތާށިވެފައިވާކަމުގައި ޣައްޒާގެ އޮފިޝަލުން ގަބޫލުކުރެއެވެ. ޔަހޫދީންގެ ރަޙުމު ކުޑަ ޙަމަލާތަކުގައި ޒަޚަމު ކޮށްލައިފައިވާ މީހުންގެ ޢަދަދު ވަނީ ލައްކައަކާ ކައިރިވެފައެވެ. ނަމަވެސް މި މުއްދަތުގައި އިސްރާއީލުގެ މީހުންގެ ތެރެއިން މަރުވެފައިވާކަމަށް އެ މީހުން ބުނަނީ 12 ސަތޭހައެއް މީހުންނެވެ. (ގިނަ މަޢުލޫމާތު: އަލްޖަޒީރާ)

Advertisement

ކޮމެންޓް