Advertisement

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މާ ގިނަ ޙަރަކާތަކެއް މި ހިންގަނީ ކޮންތާކުން ފައިސާ ހޯދައިގެން؟

18 Sep 2024 | 00:44
ހަ އަތޮޅެއްގެ ޚާޠީބުންނަށް ދާދިވަރުކޮށް ހިންގެވި ތާޒާކުރުމުގެ ޕްރޮގްރާމެއްގެ ނިމުން ފާހަކުރުމަށް ޓަކައި ދާދިވަރުކޮށް ބޭއްވި ޙަފުލާގައި ޖަލްސާ ފެށުމުގެ ގޮތުން ދާދިވަރުކޮށް ޤުުރުއާން ކިޔަވަނީ (ފޮޓޯ: ސަރުކާރު.ގޮވް.އެމްވީ)

އަބާ މުޙަންމަދު

ވޭތުވެ ދިޔަ ފަސްވަރަކަށް އަހަރުގެ ތެރޭގައި ދައުލަތުގެ ސިޔާސަތަށް ގެނެސްފައި އޮތް ބޮޑެތި ބަދަލުތަކެއްގެ ސަބަބުން، ބަދަލުގެ ގޮތުގައި އެތައް ބަޔަކަށް ދޭން ނުޖެހޭ ފައިސާތަކެއް ބަހައިލިއެވެ. ސުމާރެއް ނެތް ވަރަށް ފައިސާ ޗާޕުކޮށް ޚަރަދުކުރިއެވެ. މުސަރަދޭން ވެސް ލޯނު ނެގީއެވެ. ލޯނުދައްކާން ވެސް ލޯނު ނެގީއެވެ. މާލިއްޔަތާ ބެހޭ ގާނޫނުގެ ވަކި ބައިތަކެއް ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީގެ ނާޖާއިޒު ފައިދާ ނަގައިގެން ސަސްޕެންޑްކުރީއެވެ. ޑޮލަރުން ލޯނުއަދާކުރާން ރައީސް ޔާމީންގެ ސަރުކާރުން އުފެއްދެވި މިނިވަން ޑޮލަރުގެ އެކައުންޓުގައި ހުރި ފައިސާކޮޅު ދިވެހި ރުފިޔާއަށް މާރުކޮށް ޑޮލަރުކޮޅު ހުސްކޮށްލީއެވެ.

މި ފަދަ ސިޔާސަތުގެ ސަބަބުން މި ދިޔަ އަހަރު ނޮވެންބަރު މަހު ޑރ. މުޙަންމަދު މުޢިއްޒު ދިވެހިރާއްޖޭގެ ޒަޢާމަތާ ޙަވާލުވެވަޑައިގަތް އިރު، ދައުލަތް އޮތީ އޭގެ ކުރީން ދުވަހަކު ވެސް ނުދަރާ ވަރަށް ދަރައިފައެވެ. ނަމަވެސް ޑރ. މުޢިއްޒުގެ ސަރުކާރުން ގައުމުގެ ހެވަތަށް ޓަކައި ފައިސާ ޗާޕުކުރުން ނިމުމަކަށް ގެންނަވައި ޑޮލަރުގެ މިނިވަން ފަންޑަށް ޑޮލަރު ޖަމާކުރައްވާން ފެއްޓެވީއެވެ. އަދި މި ނޫނަސް ޚަރަދުކުޑަކުރެއްވުމަށް ޓަކައި އުނދަގޫ ފިޔަވަޅުތަކެއް އަޅުއްވާން ފެއްޓެވީއެވެ. ނަތީޖާއެއްގެ ގޮތުން ދައުލަތުގެ އިދާރާތަކަށް ބަޖެޓުގެ ދަތިކަން އިންތިހާއަށް ބޮޑުވިއެވެ. މި ދަނޑިވަޅުގައި ބައެއް ވުޒާރާތަކުން ފައިސާ ނެތްކަމުގެ ބަހަނާގައި ގިނަ ކަންތައްތަކެއް މަޑުޖައްސަވައިލެއްވިއެވެ.

ނަމަވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހިންގަވާ މަޝްރޫޢުތަކަށް މަޑުޖެހުމެއް ނުގެންނަވައެވެ. ޙާފިޒުންނާއި އިމާމުން ތަމްރީނުކުރެއްވުމުގެ ޕްރޮގްރާމްތައް ކުރެއްވީ އިތުރެވެ. ޒުވާން ޚަޠީބުން އުފެއްދެވުމުގެ ޕްރޮގްރާމެއް އަލަށް ފައްޓަވައިގެން ކުރިއަށް ގެންދަވަނީއެވެ. ޢިލްމުވެރީންގެ މަހާސިންތާތަކާއި ޖަމުޢިއްޔާތަކުގެ މަހާސިންތާތާތަކާއި އިމާމުންގެ މަހާސިންތާތައް ކުރިއަށް ގެންދަވަނީއެވެ. އިމާމުންނާއި ޚަޠީބުން ރާއްޖެއިންބޭރަށް ފޮނުއްވައިގެން އިތުރު ތަޖުރިބާތައް ވެސް ހޯއްދަވައިދެއްވަނީއެވެ.

އިމާމުން ތާޒާކުރެއްވުމުގެ ޕްރޮގްރާތައް މެކުހަށް ޖެއްސެވީއެވެ. އިމާމުން ތާޒާކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފަށާފައިވާ ޤައުމީ މަޝްރޫޢުގެ ދަށުން، ރާއްޖޭގެ ހަ އަތޮޅެއްގެ އިމާމުންނަށް ބޭއްވި އިމާމުން ތާޒާކުރުމުގެ ޕްރޮގުރާމެއް އިއްޔެ ވެސް ނިންމަވައިލެއްވިއެވެ. މި ކަމަށް ޓަކައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި އިއްޔެ ވަނީ ޚާއްސަ ރަސްމިއްޔާތެއް ވެސް ބާއްވައިފައެވެ.

މި ޕްރޮގުރާމް ޚާއްސަކުރައްވައިފައިވަނީ މިލަދުންމަޑުލު ދެކުނުބުރިއާއި މާޅޮސްމަޑުލު އުތުރުބުރިއާއި ނިލަންދެއަތޮޅު އުތުރުބުރިއާއި އެ އަތޮޅު ދެކުނުބުރިއާއި ކޮޅުމަޑުލާއި ހައްދުންމަތީ އިމާމުންނަށެވެ. މި ހަ އަތޮޅުން ޖުމްލަ 272 އިމާމުން މި ޕްރޮގުރާމުގައި ބައިވެރިވެފައިވާކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ.

މި އަހަރު ފެބްރުވަރީ މަހު ހުވަދުއަތޮޅު އުތުރުބުރިއާއި ދެކުނު ބުރީގެ 75 އިމާމުން ތާޒާކުރައްވައި ވަނީ ނިމިފައެވެ. އަދި މާރިޗު މަހު ފުވައްމުލަކު އިމާމުންނާއި ޚަޠީބުންނަށް ހިންގި ޕްރޮގްރާމުން 15 އިމާމުންނާއި ޚަޠީބުން ވަނީ ތާޒާކުރައްވައި ނިންމަވައިފައެވެ. އޮގަސްޓް މަހު ފެލިދެ އަތޮޅާއި މުލަކަތޮޅަށް ހިންގެވި ތާޒާކުރުމުގެ ތަމްރީނު ޕްރޮގްރާމުން 40 އިމާމުންނާއި ޚަޠީބުން ވަނީ ތަމްރީނު ފުރިހަމަކުރައްވައިފައެވެ. އިއްޔެ ނިމުނު ޕްރޮގްރާމުން ތަމްރީނު ހޯއްދެވި 270 އިމާމުންނާ އެކު މި ހައި ތަނަށް 400 ވަރަކަށް އިމާމުންނާއި ޚަޠީބުން ތާޒާކުރައްވައި ވަނީ ނިންމަވައިލައްވައިފައެވެ. އިއްޔެ ނިންމަވައިލެއްވި ތަމްރީނު ޕްރޮގްރާމުގެ ނިމުން ފާހަގަކުރެއްވުމަށް ޓަކައި ބޭއްވި ޙަފުލާގައި ވާހަކަފުޅުދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވަނީ މި އަހަރު ނިމުމުގެ ކުރީން ހުރިހައި އަތޮޅެއްގައި މި ޕްރޮގްރާމް ހިންގަވައި ނިންމަވާނެކަމަށް ވަޢުދުވެވަޑައިގެންފައެވެ. މިއީ ވެސް ދާދިވަރުކޮށް ބޭއްވި ޙަފުލާއެއްކަން ފާހަގަކޮށްލާން ޖެހެއެވެ.

އިމާމުން ތާޒާކުރުމާއި، އިމާމުންނަށް އިތުރު ތަމްރީން ދިނުމާއި، އެ ބޭފުޅުންނަށް މަތީތަޢުލީމުގެ ފުރުސަތު ފަހިކޮށްދެއްވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަރަށް އިސްކަން ދެއްވާ ކަމެއްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙަންމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ވިދާޅުވެފައެވެ. އެހެންކަމުންރައީސުލްޖުމްހޫރިއްޔާގެ މި ސިޔާސަތު ތަންފީޒުކުރައްވާން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވަރަށް ޚާއްޞަ އިސްކަމެއް ދެއްވައެވެ.

އެހެން އިދާރާތަކަށް ފައިސާ ނެތިގެން ކަންތައްތައް ނުވެފައި ހުއްޓައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް އެއްވެސް އުނދަގުލެއް ނެތި މި ކަންތައްތައް މިހައި ފަސޭހައިން މި ކުރެއްވެނީ ކީއްވެގެންތޯ މީހުން ސުވާލު އުފައްދައެވެ. ޚުދު އަޅުގަނޑުގެ ހިތުގައި ވެސް މި ސުވާލު އުފެދުމުން މި ކަންކަން ސާފުކޮށްލާ ހިތްވީއެވެ.

ބައެއް މީހުން ޝައްކުކުރާ ގޮތުގައި މިސްކިތް ފަންޑާއި ޒަކާތު ފަންޑުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ޚަރަދުކުރައްވައިގެން މި ކަންތައްތައް ކުރައްވަނީއެވެ. ނަމަވެސް ހަގީގަތަކީ އެއީއެއް ނޫނެވެ. ތަފާތަކީ ހުރިހައި ކަމަކީ ފައިސާއާ ހަމައިން ހުއްޓިފައި އޮންނާން ޖެހޭ ކަމެއް ނޫންކަމަށް ޑރ. ޝަހީމް ގަބޫލުފުޅުކުރައްވައި ލިބިވަޑައިގަންނަވާން ހުރި ވަސީލަތްތަކެއް ބޭނުންފުޅުކުރައްވައިގެން މަސައްކަތްޕުޅުކުރައްވަނީއެވެ. އިހައް ދުވަހު ބޭއްވެވި ޖަމުޢިއްޔާތަކުގެ މަހާސިންތާއަށް ވެސް އެ މިނިސްޓްރީގެ ބަޖެޓަކުން އަދި އެއްވެސް ފަންޑަކުން ނުވަތަ ދައުލަތުގެ އެއްވެސް ދިމާއަކުން އެންމެ ލޯލާރިއެއް ވެސް ޚަރަދެއް ނުކުރައްވައެވެ. އިންތިޒާމުތައް ހަމަޖައްސަވައި ޢިލްމީ ކަރުދާސްތައް ތައްޔާރުކުރައްވަނީ ވުޒާރާގެ އިންސާނީ ވަސީލަތްތައް ބޭނުންފުޅުކުރައްވައިގެންނެވެ. މާލޭގައި ނެތް ޖަމުޢިއްޔާތަކުން ބައިވެރިވެވަޑައިގަތީ އެ ޖަމުޢިއްޔާއެއް ގާއިމުވެފައި އޮންނަ އަތޮޅެއްގައި ތިއްބަވައިގެން ދާދިވަރުކޮށްވެ. މާލޭގައި ތިއްބެވި ބޭފުޅުން ޙާޒިރުވެވަޑައިގެންނެވެ. ސައިފޮދާއި ފަރިއްކޮޅު ހަމަޖެއްސެވީ ހެޔޮ އެދޭ ފަރާތްތަކުން ދީލަތި އެހީތެރިކަން ހޯއްދަވައިގެންނެވެ.

އިމާމުން ތާޒާކުރައްވާން ހިންގަވާ ގިނަ ޕްރޮގްރާމްތައް ހިންގަވަނީ ވެސް ދާދިވަރުކޮށެވެ. މި ކަންކުރައްވާން އެހީތެރިކަން ހޯއްދަވަނީ އަތޮޅުތަކުގެ ކައުންސިލްތަކާއި ރަށްރަށުގެ ކައުންސިލުތަކުންނެވެ. ކަމާ ބެހޭ ވުޒާރާއާއި ލޯކަލް ގަވަރންމެންޓް އޮތޯރިޓީގެ އެއްބާރުލެއްވުމާ އެކީގައެވެ.

ތަޖުރިބާ ދަތުރުތަކުގައި އިމާމުންނާއި ޚާޠީބުން ފޮނުއްވަނީ ވެސް ދިވެހި ސަރުކާރުން އަދި ސަރުކާރުގެ އެއްވެސް ފަންޑަކުން ލޯލާރިއެއް ވެސް ޚަރަދުނުކުރައްވައި އެކުވެރި ގައުމުތަކުގެ ސަރުކާރުތަކާއި ޖަމުޢިއްޔާތަކުގެ އެހީތެރިކަމާ އެކުގައެވެ. ބައެއް ޚަރަދުގައި އިމާމުން އަމިއްލަފުޅަށް ހިއްޕަވައިގެން ވެސް މެއެވެ. މިއީ އިސްލާމީ ދުނިޔެއާ ޑރ. މުޙަންމަދު ޝަހީމާ ދެމެދު އުފެދިފައި އޮންނަ ގާތްކަމެއްގެ ސަބަބުން ހޯއްދެވޭ ފުރުޞަތުތަކެކެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މި ސާބިތުކޮށްދެނީ ކަންކަން ރާއްވަވައި އިންތިޒާމުކުރެއްވުމުގެ ހުނަރު ހުރި ޤާބިލު ޓީމެއް އޮވެއްޖެ ނަމަ، އެއްވެސް ޚަރަދަކާ ނުލައި ގިނަ ކަންކަން ހިންގިދާނެކަމެވެ. ނަމަވެސް ބައެއް ވުޒާރާތަކުން ހަމައެކަނި ދުވަހެއް ފާހަގަކޮށްލައްވާން ވެސް އެތައް މިލިއަނެއް އެބަ ޚަރަދުކޮށްލައްވައެވެ. ނަމަވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބޮޑެތި ކޯސްތަކާއި މަހާސިންތާތައް ދިވެހި ސަރުކާރުން އަދި ސަރުކާރުގެ ފަންޑަކުން ނުވަތަ ސަރުކާރުގެ ކުންފުންޏަކުން އެންމެ ލާރިއެއް ވެސް ޚަރަދު ނުކުރައްވައި މި އޮއް ބާއްވަނީއެވެ.

ތެދުފުޅެކެވެ. ބޭނުންވާ ވަރަށް މިނިސްޓްރީގައި މުވައްޒަފުންނެއް ވެސް ނެތެވެ. ބަޖެޓުގެ ދަތިކަމުންނެވެ. ނަމަވެސް ތިއްބެވި މުވައްޒަފުންނަކީ އެކި ދަންނުތަކުގައި ހުނަރުވެރި ޤާބިލު ބޭފުޅުންކޮޅެކެވެ. ވީމާ، ވުޒާރާގައި ލިބިވަޑައިގަންނަވާން ހުރި އިންސާނީ ވަސީލަތްތައް ބޭނުންފުޅުކުރައްވައިގެން ދައުލަތުން އެއްވެސް ފައިސާއެއް ޚަރަދު ނުކުރައްވައި ކަންކަން މިއޮއް ކުރައްވަނީއެވެ.

އާދޭހެވެ! މިއީ އެހެން ވުޒާރާތަކާއި މުއައްސަސާތަކަށް ހުރި ނަމޫނާއެކެވެ. ބޭނުންވަނީ ހުނަރާއި ވިސްނުމާއި ޙިކުމަތުޢަމަލީއެވެ. ދެން އިޚުލާޞްތެރި ނިޔަތަކާއި ފުރިހަމަ ކަށަވެތިކަމެކެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އާދަޔާ ޚިލާފު ގިނަ މަސައްކަތަތަކެއް އެ ކުރައްވަނީ ރޭވުންތެރިކަމާއި ޢިލްމާއި ޙިކުމަތާއި ތަޖުރިބާގެ ބޭނުންފުޅުކުރައްވައިގެން އިޚުލާޞްތެރި ނިޔަތެއް އޮތީތީއެވެ. ފައިސާ ހުރިތޯ ބެއްލެވުމެއް ނެތިއެވެ. ޢިލްމުވެރި ވަޒީރުގެ ދުރުވިސްނުންފުޅާއި ޤާބިލުކަމާއި، ވުޒާރާގެ ކަށަވެތި ޓީމަކީ މިއަދު އެހެން މުއައްސަސާތަކަށް ހަމަ ހަގީގަތުގައި ވެސް ނަމޫނާއެކެވެ. ހުރިހައި ކަމަކާއި އެއްޗަކީ ފައިސާ ނޫންކަމާއި ކަންކަން ކުރާން ބޭނުންވަނީ ހުނަރުވެރި ޢިލްމުވެރި ސިކުނޑިތަކެއްކަން ޑރ. ޝަހީމް އެ ސާބިތުކޮށްދެއްވަނީއެވެ. އާދޭހެވެ! އިގުތިސާދީ ގޮތުން މި ދަތި ދުވަސްވަރު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މާ ގިނަ ޙާރަކާތަކެއް މި ހިންގަނީ އެއްވެސް ތާކުން ފައިސާ ހޯދައިގެން ނުވަތަ ފައިސާތަކެއް ޚަރަދުކުރައްވައިގެންނެއް ނޫނެވެ. އިންސާނީ ވަސީލަތަތަކުގެ މުއްސަނދިކަމާއި މުވައްޒަފުންގެ ކަށަވެތިކަމުންނެވެ.

___________________________________

ބައެއް ލަފުޒުގެ މާނަ:

ކަށަވެތި      ނއ.    ޒިންމާދާރުކަމާއި ޝައުގުވެރިކަމާއެކު ކަމެއް ކުރުމުގެ ސިފަ ހުރި.

ކަށަވެތިކަން   ނއނ.   (1) ޒިންމާދާރުކަމާއި ޝައުގުވެރިކަމާއެކު ކަމެއް ކުރުމުގެ ސިފަ. (2) ކަމެއް ކުރާނެކަމަށް ދޭ ކަށަވަރުކަން ނުވަތަ ވާ ވައުދު.

ދާދިވަރު      ނ.    (1) މާއްދީ ހަގީގަތެއް ނެތި ސުމޭކު ވަސީލަތުން ހަގީގަތެއްގެ ގޮތުގައި ދައްކާ. (2) ހަގީގަތާ ވަރަށް ގާތް.

ސުމޭކު      ނ.     (1) ކަށްޓެއް ނުވަތަ ތީރަކުން މިންވަރު ދައްކައި ދިނުމުގެ ބަދަލުގައި ހިސާބު އަދަދުން މިންވަރު އަންގައިދޭ. (2) ހިސާބު ޢަދަދު ބޭނުންކޮށްގެން މަޢުލޫމާތު ރައްކައުކޮށް ބޭނުންކުރާ. (3) އެކަކާއި ސުމެއް ނުވަތަ ހިސާބު ޢަދަދުގެ ގުނައަކުން ކަމަކާއި ގުޅޭ ހުރިހާ މަޢުލޫމާތެއް ރައްކާކުރާ. (4) ކޮމްޕިއުޓަރު މެދުވެރިކޮށް މަޢުލޫމާތަށް ބަދަލުގެނެވޭ. (5) ކޮމްޕިއުޓަރާ ނުވަތަ ކޮމްޕިއުޓަރު ފަންނިއްޔާތާ ގުޅުން ހުރި.

އެޑިޓަރުގެ ނޯޓް
އަބާ މުޙަންމަދަކީ މީގެ ކުރީން ވެސް ބައެއް ނޫސްތަކަށް ލިޔުއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

Advertisement

ކޮމެންޓް
ޢާމިރު
ހަގީގަތުގައި ވެސް ޑރ. ޝަހީމަކީ ވަރަށް ޙަރަކާތްތެރި ދުރުވިސްނިވަޑައިގަންނަވާ ޒުވާން ޢިލްމުވެރި ވަޒީރެއް. ޑރ. މުޢިއްޒުގެ މެނިފެސްޓޯގެ އިސްލާމީ ބައި އެ ގެންދަވަނީ "ވަކްތުން ވަކްތަށް" ތަންފީޒުކުރައްވަމުން.
18 Sep 2024