ދުންފަތުގެ އިސްތިޢުމާލުކުރުމާ މެދު.....
އައްޝައިޚު އަޙްމަދު ފަހުމީ ދީދީ
ޞިއްޙަތަށް ފައިދާހުރި ޙަލާލު ރަނގަޅު ތަކެތި ކެއުންބުއިމަށް އަމުރުކުރެއްވި ﷲ ސުބްޙަނަހޫ ވަތަޢަލާއަށް ޙަމްދާއި ޝުކުރުކުރަމެވެ. އިންސާނުން އުޅޭންވީ ގޮތް ބަޔާށްންކޮށްދެއްވުމަށް ޓަކައި މާތް ﷲ ފޮނުއްވި ރަސޫލާ މުޙައްމަދުގެފާނަށް ޞަލަވާތާއި ސަލާމާއި ބަރަކާތްލެއްވުމަށް އެދި ދުޢާކުރަމެވެ. މި ޞަލަވާތާއި ސަލާމާއި ބަރަކާތުގައި އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުންނާއި އެ ބޭކަލުންނަށް ހެޔޮ ގޮތުގައި ތަބަޢަވީހައި ބަޔަކު ޝާމިލުކުރައްވާނދޭވެ!
ދުނިޔޭގައި ދުންފަތުގެ އިސްތިޢުމާލުކުރުން ފެށުނުތާ ކައިރީގައި، އޭގެ ޙަޤީޤަތް ނުދަންނަ ގިނަ ބަޔެއްގެ ތެރޭގައި، ދުންފަތުގެ އިސްތިޢުމާލުކުރުމަކީ މައްސަލައެއްކަމަކަށް ޤަބޫލުކުރެވިފައެއް ނެތެވެ. މީގެ ތެރޭގައި ހުރިހައި ފަންތިއެއްގެ މީހުން ހިމެނެއެވެ. ޢާންމުން، ޑަކްޓަރުން، ދީނީ ޢިލްމުވެރީން، ދައުލަތުގެ ޢިއްޒަތްތެރީން، އަދި އެކިއެކި ދާއިރާތަކުން މަތީ ތަޢުލީމު ޙާޞިލުކޮށްގެން ތިއްބެވި ޢިލްމުވެރީން ވެސް މީގެ ތެރޭގައި ހިމެނެއެވެ. އެ ދުވަސްވަރު ޢާންމު ތަންތާނގައި ޑަކްޓަރުން ވެސް ސިގިރެޓު ބައްލަވާ ތަން ފެނެއެވެ. ޓީޗަރުން ވެސް ސިނގިރޭޓު ބެއްލެވިއެވެ. މައިންބަފައިން ދަރީންގެ ކުރިމަތީގައި ވެސް މި ޢަމަލުކުރަމުން ގެންދިޔައެވެ. ޒުވާނުންގެ ފެޝަނަކަށް ވެސް އޮތީ މި ކަން ވެފައެވެ. ތުއްތު ދަރިފުޅު އުނގުގައި އޮންނަ އިރު، ދުން ގުޑުގުޑާ ކައިރީގައި ހުރެއެވެ. ވަށައިގެން ތިބޭ އެތައް ބަޔަކު މި ގުޑުގުޑާ ބޮމުން ވައިގެ ތެރެއަށް އޭގެ ވިހަ ދުންތައް ދޫކުރަމުން ގެންދެއެވެ. އެ ތުއްތު ކުއްޖާއާ ދޭތެރޭގައި އެއްވެސް ފިކުރެއް ނެތެވެ. ކިރުބޯ ތުއްތު ކުއްޖާ އެ ވަގުތު ދެކަމެއް ކުރަމުން ގެންދެއެވެ. މަންމަގެ ގާތުން ބުއް ބޮމުން، ނޭފަތުން ދުން ބޮމުން ގެންދެއެވެ. ޝައްކެއް ނެތް ގޮތުގައި، އެ ތުއްތު ކުއްޖާ އެ ވަގުތު ނޭވާލަމުން ދާނީ އޭގައި ނިކޮޓީނާއި ތާރު ހިމެނޭ، އަދި އޭގެ ސަބަބުން ފުއްޕާމޭގެ ކެންސަރު ޖެހުމަށް މަގު ފަހިވާ، އެ ވިހަ ދުމުގެ ތެރެއަށެވެ.
ނަމަވެސް އޭރު ކުޑަކުދީން މި ފަދަ އެއްޗެއްގެ ބޭނުންކުރުމަކީ، ކޮށްގެންވާނެ ކަމެއްކަމަކަށް ބޮޑެތި މީހުންނެއް ނުދެކެއެވެ. މީގެ މާނަ އަކީ، ނޭނގި ނަމަވެސް، ސިކުނޑީގެ ކޮންމެވެސް ކަނެއްގައި، މިއީ ގޯސްކަމެއް ކަމުގެ އިޙްސާސް އޭރު ވެސް ހުރީއެވެ. އާދޭހެވެ! ދުންފަތުގެ އިސްތިޢުމާލުކުރުމަކީ، މިއަދު މުޅި ދުނިޔެ ޤަބޫލުކުރާ ގޮތުގައި ގޯސް ކަމެކެވެ. އެ ކަން ވަނީ އެކިއެކި ދިރާސާތަކުގެ ނަތީޖާއިންނާއި، ތަފާސްހިސާބުތަކުން ސާބިތުކުރެވިފައެވެ. އެއީ ޔޯލަ ވާހަކައެއް ނޫނެވެ. އެތައް މިލިއަން މުސްކުޅީންނަކާއި، އެހައި ގިނަ ޒުވާނުންނާއި، ކުޑަކުދީންނާއި، ތުއްތުކުދީން ދުންފަތުގެ ބާވަތްތަކުގެ ޝިކާރައަކަށް ވެ، ދުނިޔެ ދޫކުރަމުން ދާކަމީ މިއަދު ސާބިތު ކަމެކެވެ. ކަމާބެހޭ ޢިލްމުވެރީންގެ އެންމެ ފަހުގެ ދިރާސާތަކުން ހާމަވާ ގޮތުގައި، މިހާރު ކޮންމެ 10 ސިކުންތަކުން ދުންފަތުގެ އިސްތިޢުމާލުކުރާ މީހަކު މަރުވެއެވެ. ކުރިއަރަމުން އަންނަ ޤައުމުތަކުގައި މީލާދީން 1950އާ 2000އާ ދެމެދު ދުންފަތުގެ އިސްތިޢުމާލުކުރާ 60 މިލިއަން މީހުން މަރުވެފައި ވެއެވެ. މި މީހުންގެ ދެބައިކުޅަ އެއް ބަޔަކީ، ޒުވާނުންނެވެ. މީގެ އިތުރަށް ސިގިރޭޓު ފަދަ އެއްޗެއް ނުބޯ މީހުން އެ ފަދަ ތަކެތީގެ ދުމަށް ނުސީދާކޮށް ހުށައެޅި (އެހެން މީހުން ބޮއިފައި އަނގައިން ބޭރުކޮށްލާ ދުން ނޭވާލާ ނިޒާމުގެ ތެރެއިން ފުއްޕާމެއަށް ވާޞިލުވުމުގެ ސަބަބުން) މަރުވާ ނިސްބަތް މި ދަންނަވައިލަނީއެވެ. ގޭތެރޭގައި އެކީގައި އުޅޭ މީހުން ބޯ ދުމުގެ ސަބަބުން 24%، ބޮޑެތި އަންހެނުން، މަސައްކަތުގެ ދާއިރާގައި އެހެން މީހުން ބޯ ދުމުގެ ސަބަބުން 39%، ބޮޑެތި އަންހެނުން، ޢާންމު ތަންތަނުގައި އެހެން މީހުން ބޯ ދުމުގެ ސަބަބުން 50% މަރުވެއެވެ.
ދިރާސާތައް ބުނާ ގޮތުން، މި އެންމެން ވެސް މަރުވަނީ ފުއްޕާމޭގެ ކެންސަރު ޖެހިގެންނެވެ. ކުވައިތުގެ ނޫހެއްކަމުގައިވާ جَرِيدَةُ القُبْسِ الْكُوَيْتِيَّةގައި 2/6/1994ގައި ޝާއިޢުކޮށްފައިވާ الْمَرحُومُ اِبْنُ بَازُގެ ފަތުވާ ބުނާ ގޮތުން، ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންނާއި، އޭގެ ބާވަތްތަކުގެ ވިޔަފާރިކުރާ މީހުން އެ ކަން ހުއްޓައިލައި، ތައުބާވުމަށް އަވަސްވެގަތުން ހުއްޓެވެ.
އެކިއެކި ތަފާސް ހިސާބުތަކުން ލިބޭ މަޢުލޫމަތުގެ އަލީގައި، ދީނީ ޢިލްމުވެރީން ވިދާޅުވަނީ ދުންފަތުގެ އިސްތިޢުމާލުކުރުމަކީ، ދީނީ ނަޒަރަކުން ބަލާ އިރު، މުސްލިމަކަށް އެއް ގޮތަކަށް ވެސް ހުއްދަ ކަމެއް ނޫންކަމަށެވެ. މި މޭރުމުން ފަތުވާ ދެއްވައިފައި ވަނީ ވަރަށް ގިނަ ޢަދަދެއްގެ ދީނީ ޢިލްމުވެރީންނެވެ. އޭގެ ތެރޭގައި ކުރީގެ ޝައިޚުލްއަޒްހަރު جَادُ الْـحَقُّ عَلِي جَادُ الْـحَقّ އާއި އަލްއަޒްހަރު ޔުނިވަސިޓީގެ އަމީން، ޑަކްޓަރ حَامِدُ جَامِعُއާއި އަލްއަޒުހަރު ޔުނިވަސިޓީގެ އިސްލާމީ ޝަރީޢަތާއި، ކުއްލިއްޔަތުލްޙުޤޫޤުގެ އުސްތާޛު އަދި އަޒުހަރުގެ ފަތުވާ ކޮމިޓީގެ މެންބަރު، ޑަކްޓަރު زكَرِيَّا اَلبَرِّ يއާއި އެ ކޮމިޓީގެ މެންބަރުން ކަމުގައިވާ ޝައިޚު عَطِيَّة صَقْرُއާއި ޝައިޚު عَبدُالله اَلْـمَشَّدُ ހިމެނެއެވެ. މީގެ އިތުރަށް ސަޢޫދީ ޢަރަބިޔާގެ اَللِّجْنَةُ الدَّائِمَةُ لِلْبُحُوثِ الْعِلْمِيَّةِ وَالإفتَاءއިން ވެސް ވަނީ ދުންފަތުގެ އިސްތިޢުމާލުކުރުމަކީ، ޙަރާމް ކަމެއްކަމުގެ ފަތުވާ ނެރެ ޢާންމު ކޮށްފައެވެ. ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ ޑަބްލިޔޫ އެޗް އޯއިން ދުންފަތުގެ އިސްތިޢުމާލުކުރުމާ ދެކޮޅުހަދައެވެ. ދީނީ ޢިލްމުވެރީން، މިއީ ޙަރާމް ކަމެއްކަމަށް ފަތުވާދެއްވައެވެ. ދުންފަތުގެ އިސްތިޢުމާލުކުރުމުން ތިމާ ނޫން އެހެން މީހުންނަށް ވެސް ގެއްލުން ލިބެއެވެ. ވީމާ ލޮބުވެތި މުސްލިމު އަޚުންނާއި އުޚުތުންނޭވެ! މި ކަމާ ދުރުވަމާ ހިނގާށެވެ!
______________________________________