Advertisement

އަހުރެމެންނަށް ލިބިގެންވަނީ ކޮން ކަހަލަ ހިތެއްބާ!؟؟؟ (12)

16 Sep 2024 | 00:01
ހިތް

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

(09.09.2024 ގައި ޝާއިޢުކުރި ބައާ ގުޅޭ)

ހިތުގައިނުޖެއްސުން

އިސްލާމީ ދަޢުވަތުގެ ކުރީކޮޅުގައި رسول الله ﷺ ޤުރައިޝުންގެ ބޮޑުންގެ ގާތުގައި އިސްލާމްދީނުގެ ވާހަކަދައްކަވާން އިންނަވަނިކޮށް އެކަލޭގެފާނުގެ އަރިހަށް ލޯފަން ބޭކަލެއްކަމުގައިވާ ޢަބްދުﷲ ބިން އުއްމި މަކްތޫމުގެފާނު ވަޑައިގެން ދީނާ ބެހޭ ގޮތުން ސުވާލުކުރައްވާން ފެށްޓެވުމުން ރަސޫލުﷲގެފާނު އެކަމާ ހިތްޕުޅާނުވެގެން މޫނުފުޅު އަނެއް އަތަށް އަބުރައިލެއްވިއެވެ. ﷲ ސުބްޙާނަހޫ ވަ ތަޢާލާ މި ކަމާ މެދު ރުހިވޮޑިނުގަންނަވާކަން އަންގަވައި ބަސްވަޙީކުރެއްވިއެވެ. އެއީ ރަސޫލާ ބޮޑުންނަށް އިސްކަންދެއްވައި މި ނިކަމެތި މީހާ ހިތުގައިޖެހޭ ގޮތަށް ޢަމަލުފުޅު ބެހެއްޓެވީތީއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. (عَبَسَ وَتَوَلَّى {1} أَن جَاءهُ الْأَعْمَى {2} وَمَا يُدْرِيكَ لَعَلَّهُ يَزَّكَّى {3} أَوْ يَذَّكَّرُ فَتَنفَعَهُ الذِّكْرَى {4} أَمَّا مَنِ اسْتَغْنَى {5} فَأَنتَ لَهُ تَصَدَّى {6} وَمَا عَلَيْكَ أَلَّا يَزَّكَّى {7} وَأَمَّا مَن جَاءكَ يَسْعَى {8} وَهُوَ يَخْشَى {9} فَأَنتَ عَنْهُ تَلَهَّى[1] މާނައީ : އެކަލޭގެފާނު (އެބަހީ: محمد ގެފާނު) ހިތްޕުޅާނުވުމުގެ ގޮތް މޫނުފުޅުން ދައްކަވައި (އަނެއްފަރާތަށް) އެނބުރިވަޑައިގަތެވެ.. (1)  ލޯފަންމީހާ އެކަލޭގެފާނުގެ އަރިހަށް އައުމުންނެވެ. (2)  އަދި އޭނާ ކުށްތަކުން ސާފުވެ، طاهر ވެދާނެކަން، ނުވަތަ އޭނާ ހަނދުމަކޮށް، ދެން އެ ހަނދުމަކުޅައުން އޭނާޔަށް މަންފާކޮށްފާނެކަން ކަލޭގެފާނަށް އަންގައިދެނީ ކޮންއެއްޗެއްތޯއެވެ؟ (3–4)  އެމީހާ އަމިއްލަޔަށް ފުދިގެންވާކަމަށް ދެކޭމީހާ ދަންނާށެވެ! (5)  ފަހެ، ކަލޭގެފާނު އެމީހަކާ ކުރިމަތިލައްވަމުއެވެ. (6) އެމީހަކު (كافر ކަމުން) طاهر ނުވުމަކުން، ކަލޭގެފާނުގެ މައްޗަކަށް ކުށެއް ނެތެވެ. . (7) އަދި ބިރުވެތިވާ حال، ކަލޭގެފާނުގެ އަރިހަށް ހިނގަމުންއައި މީހާ ދަންނާށެވެ!   (8–9) ފަހެ، އެމީހާއާ ކަލޭގެފާނު އަޅައިނުލައްވައި مشغول ވެވަޑައިގަންނަވަމުއެވެ.) މި ޙާދިސާ މި ގޮވައިލަނީ މީހުންގެ އިޙްސާސްތަކަށާއި ޝުޢޫރުތައް ކަތިނުލުމަށެވެ. މޮޅު މީހުންނާއި ދެރަ މީހުން ތަފާތުނުކުރުމަށެވެ.

ރަސޫލާ ﷺ ނަމޫނާ

رسول الله ﷺއަކީ ހިތްޕުތިރިކަމާއި މީހުންނަށް އިޙްތިރާމުކުރެއްވުމުގައި ލާމަސީލު ނަމޫނާއެކެވެ. އެކަލޭގެފާނުގެ ބަސްފުޅުތަކުންނާއި ޢަމަލުފުޅުތަކުން ވަނީ މި ކަން ދައްކަވައިފައެވެ. މުހުތާދުވެރިންނަށް އެހީގެ އަތްދިއްކޮށްލުމާއި، އެ މީހުންގެ ބޭނުންތައް ފުއްދައިދިނުމަށް ޓަކައި މަސައްކަތްކުރުމަކީ މާތްﷲ އިންސާނާގެ ފިޠުރަތުގައި ލައްވައިފައިވާ އިންސާނިއްޔަތުކަމުގެ ސިފައެކެވެ. އެއީ މާތްﷲ ހެއްދެވި އެކަލާނގެ ލޮބުވެތި އަޅުންގެ ކިބައިން ފެންނާން ޖެހޭނެ ކަމެކެވެ. އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާ rއަކީ މީސްތަކުންގެ ބޭނުންތައް ފުއްދަވައިދެއްވުމުގައި ލާމަސީލު ނަމޫނާއެކެވެ. އެކަލޭގެފާނު މިސްކީނުންނަށާއި ހުވަފަތް އަންހެނުންނަށް އެހީވެވަޑައިގަތުމަށް ޓަކައި އެ މީހުންގެ ގާތަށް ވަޑައިގެން އެ މީހުންގެ ބޭނުންތައް ފުއްދަވައިދެއްވައިފައިވެއެވެ.[2] މާތްﷲ ރުއްސުންލެއްވި އަނަސުގެފާނުގެ އަރިހުން ރިވާވެގެންވާ ގޮތުގައި "ރަސޫލުﷲ r ހުކުރު ޚުޠުބާ ދެއްވައިފައި މިންބަރުން ފައިބައިވަޑައިގަންނަވަނިކޮށް މީހަކު އައިސް ކަމަކަށް އެދި ދަންނަވައިފި ނަމަ، އެ ކަމެއް ކޮށްދެއްވާން އޭނައާ އެކު، ވަޑައިގަންނަވައެވެ. މި ކަމެއް ކޮށްދެއްވައިފައި އެނބުރި ވަޑައިގެން ނަމާދުކުރައްވަތެވެ.[3]"

ﷲގެ ޙަޟްރަތުގައި އެންމެ ލޮބުވެތި ޢަމަލުތައް ބަޔާންކޮށްދެއްވަމުން ރަސޫލާ r ޙަދީސްކުރެއްވި ބަސްފުޅުގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން ފުރަތަމަ ކަމަކީ ((سُرُورٌ تُدخِلُهُ على مُسلِمٍ[4]- މުސްލިމެއްގެ ހިތަށް އުފާވެރިކަން ވައްދައިދިނުމެވެ.)) އެ މީހުންގެ ހިތްތައް ބާއްޖަވެރިކުރުމެވެ. އެ މީހުންނަށް ހިނިތުންވުން ގެނެސްދިނުމެވެ. އެ މީހުން ހިތުގައިނުޖެއްސުމެވެ. އެ މީހުންގެ ކުރިމަތީގައި މޫނުކުނިނުކުރުމެވެ.

އުޙުދު ހަނގުރާމައިގައި ޖާބިރުގެފާނުގެ ބަފައިކަލުން ޝަހީދުވުމުން ދެރަފުޅުވެ ހާސްވެވަޑައިގަތް ހިތްޕުޅުހަމަނުޖެހުނު ވަގުތު ކީރިތި ރަސޫލާ ﷺ ޖާބިރުގެފާނުގެ ގެކޮޅަށް ވަޑައިގެން އެކަލޭގެފާނުގެ ހިތްޕުޅަށް އަސަރުކޮށްފައިވާ މިންވަރު ދެކެވަޑައިގެން ޙަދީސްކުރެއްވިއެވެ. "ތިޔަހައި ބޮޑަށް ކަންބޮޑުވެވަޑައިގެން  ތިޔަ ހުންނެވީ  ކީއްވެގެންތޯއެވެ؟ ޖާބިރުގެފާނު ދެންނެވިއެވެ. ބައްޕާފުޅު ޝަހީދުވެއްޖެއެވެ. ބައްޕާފުޅު އެ ވަޑައިގަތީ ބޭފުޅުންތަކަކާއި ދަރަނިތަކެއް ދޫކުރައްވައިފައެވެ. ޙަދީސްކުރެއްވިއެވެ. ކަލޭގެފާނުގެ ބަފައިކަލުންނަށް ﷲގެ ޙަޟްރަތުގައި ލިބިވަޑައިގަތް ހެޔޮޚަބަރުގެ ވާހަކަ ވިދާޅުވެއްވަންހެއްޔެވެ؟ ޖާބިރުގެފާނު އާދޭހޭ ދެންނެވުމުން ޙަދީސްކުރެއްވިއެވެ. ﷲ އެއްވެސް މީހަކާ ފަރުދާއެއްގެ އަނެއް ފަރާތުން މެނުވީ ބަސްވަޙީ ކުރައްވައިފައެއްނުވެއެވެ. އެހެނަސް ކަލޭގެފާނުގެ ބަފައިކަލުން ދިރުއްވަވައި އެކަލޭގެފާނާ ހުރަހެއްނެތި ބަސްވަޙީކުރެއްވިއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. އޭ ތިމަންރަސްކަލާނގެ އަޅާއޭވެ! ތިބާ އެދޭ ކަމެއް ދަންނަވާށެވެ! ތިމަންރަސްކަލާނގެ އެ ކަމެއް ކޮށްދެއްވާނަމެވެ. އެކަލޭގެފާނު ދެންނެވިއެވެ. މި އަޅާގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ ވަޖުހުފުޅު އަދައިގެން ދެވަނަ ފަހަރަށް ޤަތުލުވުމަށް ޓަކައި އަލުން ދިރުއްވާނދޭވެ! ﷲ ޢައްޒަ ވަ ޖައްލަ ވަޙީކުރެއްވިއެވެ. އެބައިމީހުން  އެނބުރި ދުނިޔެއަށް ނުދިޔުމަށް ތިމަންރަސްކަލާނގެ ބަސްފުޅު ވަނީ ކަނޑައަޅުއްވައި ނިމިފައެވެ. ޙަދީސްކުރެއްވިއެވެ. ﷲ ވަޙކުރެއްވިއެވެ. ((وَلَا تَحْسَبَنَّ ٱلَّذِينَ قُتِلُوا۟ فِى سَبِيلِ ٱللَّهِ أَمْوَٰتَا ۚ بَلْ أَحْيَآءٌ عِندَ رَبِّهِمْ يُرْزَقُونَ [5]-މާނައީ : اللَّه ގެ މަގުގައި ހަނގުރާމަކޮށް شهيد ވީ މީހުންނަކީ، މަރުވެފައިވާ ބަޔެކޭ ހީނުކުރާ ހުށިކަމެވެ! އަދި، ކިއެއްތަ! އެއުރެންނީ އެއުރެންގެ ވެރިރަސްކަލާނގެ حضرةގައި رزق ލިބޭ حال، ދިރިތިބި ބަޔެކެވެ.))[6]

ޚަދީޖަތުގެފާނު ރަސޫލާގެ ހިތްޕުޅުހަމަޖައްސަވައިދެއްވި

އުއްމުލްމުއުމިނީން ޚަދީޖަތުގެފާނަކީ  އިސްލާމީ ރިސާލަތުގެ އެންމެ ދަތި ދުވަސްތަކުގައި  އެކަލޭގެފާނަށް ހިތްހަމަޖެހުން ދެއްވުމަށް ޓަކައި އެންމެ އަރިހުގައި އުޅުއްވި ކަމަނާއެވެ. އަލްބުޚާރީއާއި މުސްލިމު ވިދާޅުވާ ގޮތުގައި ރަސޫލުﷲގެފާނު ޙިރާ ފަރުބަދައިގެ ހޮހަޅައިގައި އިންނަވަނިކޮށް ޖިބްރީލުގެފާނު ވަޑައިގެން ވަޙީގެ ފުރަތަމަ ބަސްފުޅު އިއްވެވުމުން ރަސޫލާ ބިރުފުޅުން ގެކޮޅަށް ވަޑައިގެން އެ ވާހަކަ އެކަމަނާއަށް ވިދާޅުވެދެއްވިއެވެ. އެކަލޭގެފާނު އެކަމާމެދު ބިރުފުޅުގަންނަ ވާހަކަ ދެންނެވުމުން ޚަދީޖަތުގެފާނު އެކަލޭގެފާނުގެ ހިތްޕުޅަށް ހިތްހަމަޖެހުން ވެއްދެވުމަށް ޓަކައި ވިދާޅުވިއެވެ. (( ހަމަހިލާ އެހެނެއް ނުވާނެއެވެ. ﷲ ކަލޭގެފާނާ ނުރަނގަޅު ކަމެއް ކުރިމަތިނުކުރައްވާނެތެވެ. ހަމަކަށަވަރުން ކަލޭގެފާނަކީ ރަޙިމުގެ ގުޅުން ވާޞިލުކުރައްވާ ބޭކަލެކެވެ. ކަލޭގެފާނު އިތުރުފުޅެއް ނުހައްދަވަމުއެވެ.ނިކަމެތީންނަށް އަޅައިލައްވަމުއެވެ. މެހުމާނުންނަށް ކާން ދެއްވަމުއެވެ. ޙައްޤަށް ނަޞްރު ދެއްވަމުއެވެ.))

ރަސޫލާއަށް މީހުން ކޮށްދޭ ހެޔޮކަން ހަނދުމަފުޅު ބަހައްޓަވާ ބޭކަލެއް

ރަސޫލާ ﷺއަށް މީހުން ކޮށްދީފައިވާ ހެޔޮކަންތައްތައް އެކަލޭގެފާނު އަބަދުވެސް ހަނދުމަފުޅުގައި ބަހައްޓަވައެވެ. މިކަމުގެ ކުޑަކުޑަ މިސާލަކީ ބުޚާރީގައި އައިސްފައިވާ އަލްމުޠުޢިމު ބިން ޢަދިއްޔާ ބެހޭ ޙަދީސްބަސްފުޅެވެ.ބަދްރު ހަނގުރާމައިގެ އަސީރުންނާ ބެހޭގޮތުން ރަސޫލާ  ﷺ  ޙަދީސްކުރެއްވިއެވެ. (( އަލްމުޠުޢިމު ބިން ޢަދިއްޔު ދުނިޔޭހައި ހުރިނަމަ އަދި އޭނާ މި އަސީރުންތައް ދޫކޮށްލުމަށް އެދުނުނަމަ ތިމަންކަލޭގެފާނު އެމީހުން އޭނާއަށް ޓަކައި ދޫކޮށްލެއްވީމުހެވެ.))[7] ރަސޫލާ r މިފަދައިން ޙަދީސްކުރެއްވީ ޠާއިފުގެ ދުވަހުގައި މުޠުޢިމުގެ ފަރާތުން ރަސުލާއަށް ލިބިވަޑައިގަތް އެހީތެރިކަމަށް ޓަކައެވެ.

ރަސޫލާ ޖަނަވާރުންނަށް އަޅައިލެއްވި

ރަސޫލާ r  އަޅައިލައްވާފައި ވަނީ ހަމައެކަނި އިންސާނުންނަކަށްނޫނެވެ. މީގެއިތުރަށް އެކަލޭގެފާނު ދިރޭ އެއްޗެއްއސަށް ވަނީ އަޅައިލައްވައިފައެވެ. އޭއްޗެއްސަށް ވެސް ވަނީ ހިތްހަމަޖެހުން ދެއްވައިފައެވެ. މާތްﷲ ރުއްސުންލެއްވި ޢަބްދުﷲ ބިން ޖަޢުފަރު ވިދާޅުވިއެވެ. (( އެއްދުވަހަކު ރަސޫލާ ﷺ  އަންޞާރު ބޭކަލެއްގެ ބުސްތާނަކަށް ވަދެވަޑައިގަތެވެ. އެހިނދު ޖަމަލެއް ލޮލުން ކަރުނަ އޮއްސަމުން އެކަލޭގެފާނުގެ އަރިހަށް އައެވެ. ރަސޫލާ އަރިހަށް މީތި އައުމުން ރަސޫލާ އޭތީގެ ލޮލުގެ ކަރުނަތައް ފުހެދެއްވައި އޭތީގެ ބުރިކަށިމަތީގައްޔާއި ކަންފަތްމަތީގައި އަތްޕުޅުން ފިރުމައިލެއްވިއެވެ.އެހިނދު އެ ޖަމަލު ހަމަޖެހި މަޑުމައިތިރިވިއެވެ. އަދި ރަސޫލާ ސުވާލު ކުރެއްވި މި ޖަމަލުގެ ވެރިއަކީ ކާކު ހެއްޔެވެ؟ އަންޞާރީ ޒުވާނަކު އައިސް އަޅުގަނޑޭ ދެންނެވިއެވެ. އެހިނދު ޙަދީސްކުރެއްވިއެވެ. " ތިބާއަށް މީތި މިލްކުކޮށްދެއްވި  މާތްﷲ އަށް ތިބާ ބިރުވެތިނުވާނަން ހެއްޔެވެ؟ އޭއްޗަށް ކެތްނުކުރެވޭ ވަރަށް ތިބާ މަސައްކަތް ކުރުވާކަމުގެ ޝަކްވާ ތިމަންކަލޭގެފާނަށް އޭތި ކޮށްފިއެވެ.))[8]

ރަސޫލާ ﷺ ދިރުންނެތް އެއްޗެހި ވެސް ހިތްހަމަޖެއްސެވި

ރަސޫލާ ޚުޠުބާ ދެއްވުމަށް ޓަކައި އަރައިވަޑައިގެން ހުންނަވާނެ  މިންބަރުކޮޅެއް ރޫމީއަކު ހަދައިދިނުމުގެ ކުރިން އެކަލޭގެފާނު ޚުޠުބާދެއްވަން ހުންނެވީ މިސްކިތްކޮޅުގައި ހުރި  ކަނދުރުބުޑެއްގައި ލެނގިވަޑައިގެންނެވެ. މިންބަރުކޮޅު ހަދައިދިން ރޫމީ ދެންނެވިއެވެ.އޭގެމަތީގައި އިށީނދެވަޑައިގެން އިންނަވާއިރު ކޮއްޅަންހުންނަވާ ކަމަށް ދައްކާދޭ އެއްޗެއް ހަދާދެންތޯއެވެ؟ އެހިނދު އޭނާ ތިންވަނަ ހަރުފަތް މަތީގައި އިށީންނަ ގޮތަށް ތިން ހަރުފަތުގެ މިންބަރެއް ހެދިއެވެ. ޖެހިގެން އައި ހުކުރުދުވަހު ރަސޫލާ ﷺ މި މިންބަރުކޮޅު މަތީގައި އިށީނދެވަޑައިގަތުމުން މި ކަނދުރުބުޑު ރޯންފެށިއެވެ. މީސްތަކުންނަށް އެ އަޑު އިވުނީ ގެރިއެއް ގޮވާ ގޮތަށެވެ. އަދި މުޅި މިސްކިތް ގުޑަންފެށިއެވެ. އެހިނދު رسول الله ﷺ  މިންބަރުކޮޅު މަތިން ފައިބާވަޑައިގެން އެ ރުއްބުޑު ކައިރިއަށް ވަޑައިގެން އޭގައި ބައްދައިލެއްވިއެވެ. ރަސޫލާ ﷺ  ބައްދައިލެއްވުމުން އޭތި ހަމަހިމޭންވިއެވެ. އެއަށްފަހު ޙަދީސްކުރެއްވިއެވެ. ތިޔަބައިމީހުން ދަންނާށެވެ! މުޙައްމަދުގެފާނުގެ ނަފްސު އެ ފަރާތެއްގެ ބާރުގެ ދަށުގައިވާ ފަރާތް ގަންދެއްވާ ވިދާޅުވަމެވެ. ތިމަންކަލޭގެފާނު އޭތީގައި ބައްދައިނުލެއްވިނަމަ ޤިޔާމަތާ ޖެހެންދެން އޭތި އެ ގޮތުގެ މަތީގައި ދެމިއޮންނާނެއެވެ.))[9]

ރަސޫލާ ﷺ މީހުން ހިތުގައިނުޖެއްސުމަށް އަމުރުކުރެއްވި

ރަސޫލާ ﷺ މީސްތަކުން ހިތްހަމަޖެއްއސުމަށް ގޮވައިލެއްވިއެވެ. މީސްތަކުންގެ ހިތްތަކަށް އުފާވެރިކަން ވެއްދުމަށް ހިތްވަރުދެއްވިއެވެ. ރަސޫލާ ﷺ ޙަދީސްކުރެއްވިއެވެ. ((تبسُّمُك في وجهِ أخيكَ لَك صدَقةٌ [10]-ތިބާގެ އަޚާގެ ކުރިމަތީގައި ހިނިތުންވެލުމަކީ ތިބާއަށް ލިބިގެންވާ ޞަދަޤާތެކެވެ.)) رسول الله ﷺ ގެ އެހެން ބަސްފުޅެއްގައި ވެއެވެ. (( إِنَّكُمْ لا تَسَعُونَ النَّاسَ بِأَمْوَالِكُمْ، وَلَكِنْ يَسَعُهُمْ مِنْكُمْ بَسْطُ الْوَجْهِ، وَحُسْنُ الْخُلُقِ [11]- ހަމަކަށަވަރުން ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ މުދަލުން މީސްތަކުންނަށް ތަނަވަސްވެނުގަނެވޭނެއެވެ. އެހެނަސް ތިޔަބައިމީހުންނަށް މީސްތަކުންނަށް ތަނަވަސްވެގަނެވޭނީ ހިނިތުންވުމާއި ރިވެތި ޚުލުޤުންނެވެ. ))

ކީރިތި ރަސޫލާ ﷺ ގެ އެތައް ބަސްފުޅުތަކެއްގައި  މީސްތަކުން ހިތްހަމަޖައްސައިދިނުމަށް ޓަކައި އެހީވުމަށް ގޮވައިލައްވާފައިވެއެވެ. رسول الله އަބޫޛައްރުގެފާނަށް ޙަދީސްކުރެއްވިއެވެ. ((أمرُكَ بالمعروفِ ونَهيُكَ عنِ المنْكرِ صدقةٌ، وإرشادُكَ الرَّجلَ في أرضِ الضَّلالِ لَكَ صدقةٌ، وبصرُكَ للرَّجلِ الرَّديءِ البصرِ لَكَ صدقةٌ، وإماطتُكَ الحجرَ والشَّوْكَ والعظمَ عنِ الطَّريقِ لَكَ صدقةٌ، وإفراغُكَ من دلوِكَ في دلوِ أخيكَ لَكَ صدقةٌ [12]-ތިބާ ހެޔޮކަންތަކަށް އަމުރުކުރުމާއި މުންކަރާތްތައް ނަހީކުރުމަކީ ޞަދަޤާތެކެވެ. މަގު އޮޅިގެން އުޅޭ މީހަކަށް ތިބާ މަގުދައްކާދިނުމަކީ ޞަދަޤާތެކެވެ. ލޯއަނދިރި މީހަކަށް ތިބާގެ ފެނުމުން އެހީވެދިނުމަކީ ޞަދަޤާތެކެވެ.މަގުމަތީގައި އޮތް ގައުގަނޑެއް އަދި ކަށިކޮޅެއް އަދި ކަށިގަނޑެއް އެއްފަރާތްކުރުމަކީ ޞަދަޤާތެކެވެ. ތިބާގެ ދާނިން ތިބާގެ އަޚާގެ ދާންޏަށް ފެންފުރައިދިނުމަކީ ޞަދަޤާތެކެވެ. ))

ކައު ރަސޫލާ  ﷺ ބަޔާންކޮށްދެއްވާ ގޮތުގައި މީހަކު ހިތުގައި ޖެހުނަނުދިނުމަށް ޓަކައި މަސައްކަތްކުރުމަކީ ނަރަކައިން  ސަލާމަތްވުމަށް ކުރެވޭ ކަމެކެވެ. އެކަލޭގެފާނު ޙަދީސްކުރެއްވިއެވެ. ((اتَّقُوا النّارَ ولو بشِقِّ تَمْرَةٍ، فمَن لَمْ يَجِدْ فَبِكَلِمَةٍ طَيِّبَةٍ[13]- ތިޔަބައިމީހުން ކަދުރު ފަޅިވަރަކުން ވިޔަސް ނަރަކައިން ރައްކައުތެރިކަން ހޯދާށެވެ!ފަހެ އެ މިންވަރު ނުލިބުނު މީހާ ހެޔޮބަހަކުންނެވެ.))

މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރަތުގެފާނު ވިދާޅުވާ ގޮތުގައި އެއްދުވަހަކު މީހަކު ރަސޫލުﷲގެފާނު އަރިހަށް އައިސް އޭނާގެ ހިތްހަރުކަމާމެދު ޝަކުވާ ދެންނެވިއެވެ. އެހިނދު ލޮބުވެތި ރަސޫލާ އޭނާއަށް ނަސޭހަތްދެއްވައި ޙަދީސްކުރެއްވިއެވެ. (( إن أرَدْتَ أن يَلِينَ قلبُك، فأطعِمِ المسكينَ، وامسَحْ رأسَ اليتيمِ[14]-  ތިބާގެ ހިތް އޯގާވެރިކުރަން އެދޭނަމަ ފަހެ ތިބާ މިސްކީނުންނަށް ކާންދޭށެވެ!އަދި ތިބާ ޔަތީމުކުއްޖާގެ ބޮލުގައި ފިރުމާށެވެ!))

ނަމާދުގައި ހިތްހަމަޖެހުން ދެއްވުންއެދި ދުޢާކުރުން

މިހެންވެ ރަސޫލާ  رَسُولُ اللَّهِ ﷺ ދެ ސަޖިދަ ދެމެދުގައި ހިތްހަމަޖެހުން ދެއްވުން އެދި ދުޢާކުރައްވައިފާ ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.((رَبِّ ‌اغْفِرْ ‌لِي، ‌وَارْحَمْنِي، وَاجْبُرْنِي، وَارْزُقْنِي، وَارْفَعْنِي[15] -ހައްދަވާބޮޑުކުރެއްވި މި އަޅާގެ ވެރިރަސްކަލާކޮ! މި އަޅާއަށް ފާފަފުއްސަވާ ދެއްވާނދޭވެ! މި އަޅާއަށް އޯގާވެރިވެވޮޑިގަންނަވާނދޭވެ! އަދި މި އަޅާ ހިތްހަމަޖައްސަވާ ދެއްވާންދޭވެ! ))  (ނުނިމޭ)

މަރުޖިޢުތައް:

[1] - عبس: 9-1

 ([2]) النسائي : 1414 ، والدارمي : 75 واللفظ له.

([3]) أبو داود: 1120، والنسائي : 1419.

[5]  -  آل عمران : 169

[6]  -  أخرجه الترمذي (٣٠١٠)، وابن ماجه (١٩٠) وأحمد (١٤٨٨١) وابن أبي عاصم في ((السنة)) (٦٠٢) 

[7]  - صحيح البخاري (٤٠٢٤  وأبو داود في ((المراسيل)) (٣٣٧) والطبري في ((التفسير)) (١٥٩٧٩)

[8]  -  المنذري، الترغيب ( 3 / 214)  و ضياء المقدسي، الأحاديث المختارة  ( ٩ / ١٥٨ )

[9]  - أخرجه الترمذي (٣٦٢٧)، وابن ماجه (١٤١٥)، وأحمد (١٣٣٦٣)  والدارمي (٤١)

[10]  - أخرجه الترمذي (١٩٥٦)، وابن حبان (٥٢٩)

[11]  - أخرجه  البيهقي، شعب الإيمان ( 6 / 3743 ) و أبو شيبة (٢٥٨٤٢)، والطبراني في (مكارم الأخلاق)) (١٨)، والحاكم (٤٢٧)                                                                                                                                                                                 

[12]  - أخرجه الترمذي (١٩٥٦)، وابن حبان (٥٢٩)، وابن عدي في ((الكامل في الضعفاء)) (٥/٢٧٥) 

[13]  - أخرجه البخاري (٦٥٤٠)، ومسلم (١٠١٦) 

[14]  -  الألباني، صحيح الجامع   (1410 ) و أخرجه أحمد (٧٥٧٦) وعبد بن حميد (١٤٢٤)، والطبراني في ((مكارم الأخلاق)) (١٠٧)

[15]  - أخرجه أبو داود (٨٥٠)، والترمذي (٢٨٤)، وابن ماجه (٨٩٨)، وأحمد (٢٨٩٥)

އެޑިޓަރުގެ ނޯޓް
މިޞްރުގެ އަލްއަޒުހަރުގެ ދަސްވެންޏެއްކަމަށްވާ އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާއަކީ ނޫސްވެރިކަމާއި ލިޔުންތެރިކަމާއި ޢިލްމީ ތަފާތު މައިދާންތަކުގައި އެ ފަދަ ދެވަނައެއް ނެތުމުގެ ސަބަބުން ކިޔުންތެރީންނަށް އިތުރު ތަޢާރަފަކަށް ބޭނުންވާނެ ބޭފުޅެއް ނޫނެވެ. އެއީ ޢިލްމީ އަދި އަދަބީ ދާއިރާގައި "ފަސް މީރު ކުރިރުކެކެވެ."

Advertisement

ކޮމެންޓް