Advertisement

ދުނިޔޭގެ އިސްލާމީ މާލީ އިސްވާރުކަމުގެ އިނާމު ޙަފުލާގައި ދެ ޝަރަފެއް ރާޖެއަށް. ތަހުނިޔާއެވެ!

19 Sep 2024 | 01:30
ޙަފުލާގެ ބައިވެރީން، ޙަފުލާ ނިންމުމަށް ފަހު ފޮޓޯއަކަށް ހުއްޓިވަޑައިގެން... (ފޮޓޯ: ގިފާ2024)

ޢަޒީޒު ޖަމާލު

ދުނިޔޭގެ އިސްލާމީ މާލީ އިސްވާރުކަމުގެ އިނާމު (ގްލޯބަލް އިސްލާމިކް ފައިނޭންސް ލީޑަރޝިޕް އެވޯޑް)އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އިސްލާމީ ބެންކާއި މާލީ ނިޒާމު ދެމެހެއްޓެނިވި ގޮތަކަށް ކުރިއަރުވާން މަސައްކަތްކުރާ ޤައުމުތަކާއި، މުއައްސަސާތަކާއި، ޖަމާޢާތްތަކާއި ފަރުދުންގެ އަގުވަޒަންކޮށް އަހަރަކު އެއް ފަހަރު ދޭ ޝަރަފުވެރި ބައިނަލްއަގުވާމީ އިނާމެކެވެ. އިނާމު ދިނުމުގެ ބައިނަލްއަޤްވާމީ މި ޙަފުލާ އެކި ފަހަރު ބާއްވަނީ އެކި ގައުމުތަކުގައެވެ. މި އަހަރު މި ޙަފުލާ ބާއްވައިފައިވަނީ ދިވެހިރާއްޖޭގެ ރިސޯޓެއްގައެވެ. އިއްޔެ ނޫން އިހައް ދުވަހު (މި ސެޕްޓެންބަރު މަހު 17ގައި) މި ޙަފުލާ ބޭއްވީ  ވިލާ ނޮޓިކާ ރިސޯޓުގައެވެ.

މި ހަފުލާގައި "14 ވަނަ ގްލޯބަލް އިސްލާމިކް ފައިނޭންސް ލީޑަޝިޕް އެވޯޑު 2024"ގެ ޝަރަފުވެރި އިނާމު ރާއްޖޭއަށް ވަނީ ލިބިފައެވެ. މި އިނާމު ރާއްޖެއަށް ލިބިފައިވަނީ އިސްލާމީ މާލީ ނިޒާމު ކުރިއަރުވާން ދިވެހިރާއްޖޭން މަސައްކަތްކުރަމުންދާ މިންވަރު ދެނެގަނެ މިހައި ތަނަށް ލިބިފައިހުރި ކާމިޔާބީތަކުގެ އަގު ވަޒަންކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އިސްލާމީ މާލީ ނިޒާމު ކުރިއަރުވާން ރާއްޖޭންކުރަމުން ގެންދާ މަސައްކަތްތަކުގެ މައްޗަށް ބިނާކޮށެވެ.

ޕްރޮފެސަރ ޑރ. ޢާއިޝަތު މުނީޒާ: އިނާމު ލިބިގަންނަނީ (ފޮޓޯ: ގިފާ2024)<br>

ރާއްޖެއަށް ލިބުނު އަނެއް ޝަރަފަކީ ދިވެހިރާއްޖޭގެ ޢިލްމީ ދަރިއެއް ކަމަށްވާ ޕްރޮފެސަރ ޑރ. ޢާއިޝަތު މުނީޒާއަށް ލިބިވަޑައިގަތް "14ވަނަ ގްލޯބަލް އިސްލާމިޗް ފައިނޭންސް އެޑްވޮކަސީ އެވޯޑް 2024"އެވެ. އެ ކަމަނާއަށް މި އިނާމު ލިބިވަޑައިގަތީ އިސްލާމީ މާލީ ނިޒާމަށް މީހުން ހޭލުންތެރިކޮށް އެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޓަކައި ގައުމީ ފެންވަރުގައްޔާއި ބައިނަލްއަގުވާމީ ފެންވަރުގައި އެ ކަމާ ކުރައްވައިފައިވާ އަދި ކުރައްވަމުންގެންދަވާ އާދަޔާ ޚިލާފު މަސައްކަތަތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުންނެވެ. ހަގީގަތުގައި ދިވެހިރާއްޖެއަށް މި ދާއިރާއިން ލިބިފައިވާ ނަމަ، ލިބިފައިވާ ކުރިއެރުމެއްގެ ވަރަށް ބޮޑު ޙިއްސާއެއް އެ ކަމަނާއަށް އޮންނާނެއެވެ.

ޕްރޮފެސަރ ޑރ. ޢާއިޝަތު މުނީޒާއަކީ ކެޕިޓަލް މާރކިޓް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ޝަރީޢާ އެޑްވައިޒަރީ ކައުންސިލްގެ ޗެއަރޕާރސަންކަމާއި މާލީ ވަޒީރުގެ ނާއިބުކަމާއި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުގެ ނާއިބުކަމާއި މޯލްޑިވްސް ސެންޓަރ ފޮރ އިސްލާމިކް ފައިނޭންސް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕާރސަންކަމާއި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕާރސަންކަމާއި މި ނޫނަސް އިސްލާމީ މާލީ އިދާރާތަކުގެ އިސް ގިނަ މަގާމުތަކެއް ފުރުއްވައިފައިވާ އެ ދާއިރާގެ ތަޖުރިބާކާރު މާހިރެކެވެ. އަދި ބަޙުރައިބާއި މެލޭޝިއާ ފަދަ ބައެއް ގައުމުތަކުގައްޔާއި ބައިނަލްއަގުވާމީ އެކި މުއައްސަސާތަކުގައި މަތީ މަގާމުތައް ފުރުއްވައިފައިވާ ގާބިލު ބޭފުޅެކެވެ.

އާދެހެވެ! އެ ކަމަނާ ވަނީ ދިވެހރާއްޖެއާއި ބޭރުގެ އެކި ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމުޢިއްޔާތަކުގެ އިސްލާމީ މާލީ ދާއިރާގެ އިދާރާތަކާއި މަޖިލިސްތަކުގައި އިސް މަގާމުތަކެއް ފުރުއްވައި ގިނަ ޚިދުމަތްތަކެއްކުރައްވައިފައެވެ. އެއްވެސް ޝައްކެއް ނެތް ގޮތުގައި މިއީ ބައިނަލްއަގުވާނީ ދުނިޔޭން ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ޝުހުރަތެކެވެ. އަދި އިސްލާމީ ދުނިޔޭގައި ރާއްޖޭގެ މަގުބޫލުކަން އެތައް ގުނައެއް އިތުރުވާނޭ ކާމިޔާބީއެކެވެ.

ދިވެހިރާއްޖެއަށް ލިބުނު އިނާމާ، ދިވެހިރާއްޖޭން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ޙަވާލުވެވަޑައިގަތީ ދިވެހިރާއްޖޭގެ މާލިއްޔަތާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަފީޤެވެ. މި ހަފުލާގައި ރާއްޖޭގެ އިސްލާމިކް ފައިނޭންސްގެ ތާރީޚަށް އަލިއަޅުއްވައިލައްވައި ވަޒީރު ޑރ. މުޙައްމަދު ޝަފީޤު ވަނީ ވާހަކަފުޅުދައްކަވައިފައެވެ.

ވަޒީރު ޑރ. މުޙަންމަދު ޝަފީގު (ފޮޓޯ: ގިފާ2024)

އެ މަނިކުފާނުގެ ވާހަކަފުޅުގައި މިހާރު އިސްލާމީ މާލީ ނިޒާމަށް އައިސްފާވާ ބަދަލުތަކުގެ މައްޗަށް ވަނީ ބައްލަވައިލައްވައިފައެވެ. އަދި ރާއްޖޭގައި އިސްލާމީ ނިޒާމަށް މީހުން ހެލުންތެރިކޮށް ހޭލުންތެރިކަން އިތުރުކުރުމުގެ މުހިންމުކަމާއި ރާއްޖެއަކީ އިސްލާމީ މާލީ ނިޒާމުގެ ދާއިރާގައި ސަރަޙައްދީ ނާރެހަކަށް ހެއްދެވުމަށް ޓަކައި ސަރުކާރުން ގެންގުޅުއްވާ ތަސައްވުރުގެ މައްޗަށް ވެސް ވަނީ އަލިއަޅުއްވައިލައްވައިފައެވެ.

ދުނިޔޭގެ އިސްލާމީ މާލީ އިސްވާރުކަމުގެ އިނާމު (ގްލޯބަލް އިސްލާމިކް ފައިނޭންސް އެވޯޑް) ދިވެހިރާއްޖެއާ ޙަވާލުކުރުމުގެ ހަފުލާގައި ދިވެހިރާއްޖޭގެ މާލީ ވަރަށް ގިނަ އިދާރަތަކުގެ އިސްވެރީން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. ދިވެހިރާއްޖެއަށް މި ލިބުނު ޝަރަފުވެރި އިނާމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާއަށާއި މާލީ ވަޒީރަށާއި އިގުތިޞާދީ ވަޒީރަށާއި މާލީ އެންމެހައި އިދާރާތަކުގެ ހިންގުންތެރި ވެރީންނަށް ފަރަގު އެކެޑަމީގެ ފަރާތުން ތަހުނިޔާ އަދާކުރަމެވެ. އަދި ވަކީން ޚާއްޞަކޮށް ޕްރޮފެސަރ ޑރ. ޢާއިޝަތު މުނީޒާ ދިވެހިރާއްޖޭގައި އިސްލާމީ މާލީ ނިޒާމު ތަޢާރަފުކުރައްވައި ކުރިއަރުވައި ހިންގެވުމުގައި އަދާކުރެއްވި މުހިންމު ދައުރުގެ މަތީން ހަނދާންކޮށް ޝުކުރުވެރިވުމާ އެކު ތަހުނިޔާ ދަންނަވައި ހެޔޮ އެދުންތައް އަރިސްކުރަމެވެ.

______________________________________

އެޑިޓަރުގެ ނޯޓް
އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރަކީ މަޝްހޫރު ލިޔުންތެރިއެކެވެ. ބަސްވާރެކެވެ. އޭނާ ވަނީ ބަހުގެ ދާއިރާއިންނާއި ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން މަތީތަޢުލީމު ޙާޞިލުކުރައްވައިފައެވެ. ގިނަ ނޫސްމަޖައްލާތަކަކަށް ލިޔުއްވައިފައެވެ. މީގެ އިތުރަށް އޭނާ ވަނީ ކިޔަވައިދެއްވުމާއި އިސްކޫލުތައް ހިންގުމުގެ ދާއިރާގައި ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވައި ތަޖުރިބާ ޙާޞިލުކުރައްވައިފައެވެ. އޭނާއަށް ވަނީ ދިވެހިބަހަށް ޚިދުމަތްކުރުމާއި ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ހިތްވަރުދިނުމުގެ ޤައުމީ އިނާމާއި ޝަރަފުވެރިކަމުގެ އިނާމު ވެސް ލިބިވަޑައިގެންފައެވެ.

Advertisement

ކޮމެންޓް