Advertisement

ފަލަސްތީނުގައި ޢުދުވާނު ހިންގާން އިތުރު 12 މަސްދުވަހުގެ ނުސީދާ ހުއްދައެއް!!!؟؟؟

19 Sep 2024 | 01:27
އދ.މަޖިލީހުން ގަރާރު ފާސްކުރަނީ: މިއީ މެންބަރު ގައުމުތަކުން އޭގެ މައްޗަށް ޢަމަލުކުރުން ލާޒިމު އެއްޗެއް ނޫނެވެ.

އަބާ މުޙަންމަދު

ބައިނަލްއަގުވާމި ގާނޫނުތަކާ ޚިލާފަށް ފަލަސްތީނުގައި ވެރިކަންކުރާން އަލިފުދާލުގެ އާންމު މަޖިލީހުން އިތުރު 12 މަސް ދުވަހަށް އިސްރާއީލަށް "ހުއްދަދިނުމަކީ" ލަދުވެތިކަމެކެވެ. ފަލަސްތީނުގައި ޣައިރުޤާނޫނީ ގޮތެއްގައި ބާރު ހިންގަމުން ގެންދާ އިސްރާއީލުގެ ލަސްކަރުތައް ފަލަސްޠީނުގެ ބިންތަކުގައި ވެރިކަން ހިންގާން އދ.ގެ ޢާންމު މަޖިލީހުން ޔަހޫދީންނަށް 12 މަސް ދުވަހުގެ މުހުލަތެއް ކަނޑައަޅައިފައި މި ވަނީ އެ މަޖިލީހުން ފާސްކުރި ގަރާރެއްގައެވެ. ފަލަސްޠީނުން ތައްޔާރުކޮށް އދ.ގެ ޢާންމު މަޖިލީހަށް ހުށައަޅައިފައިވާ ޤަރާރު ފާސްވީ، އެ މަޖިލީހުގެ 124 މެންބަރުންގެ ބޮޑު ތާއީދަކާ އެކީގައެވެ. ދިވެހިރާއްޖެއިން ވެސް ފަލަސްތީނުން ހުށައެޅި މި ޤަރާރަށް ވޯޓުދިނެވެ. 43 ޤައުމަކުން ވަކި ކޮޅަކަށް ވޯޓު ނުދީ ތިއްބެވެ. އެއީ އެމެރިކާއަށް ބިރުންނެވެ. އިސްރާއީލާއި އެ މީހުންގެ ބައިވެރިޔާ އެމެރިކާއިން ވޯޓުދީފައި ވަނީ ޤަރާރު ފާސްކުރުމާ ދެކޮޅަށެވެ. ޔަހޫދީންގެ ޣައިރު ޤާނޫނީ ވެރިކަމާ ދެކޮޅަށް އދ.ގެ ޢާންމު މަޖިލީހުން ޤަރާރެއް ފާސްކޮށްފައި މި ވަނީ، އދ.ގެ ޢާންމު މަޖިލީހުގެ އަހަރީ ޢާންމު ބައްދަލުވުން ފަށާން ތައްޔާރުވެފައިވާ ދަނޑިވަޅެއްގައެވެ. އެ މަޖިލީހުގެ 193 މެންބަރު ޤައުމުގެ ވެރީންގެ ބައްދަލުވުން ފަށާން ހަމަޖެހިފައިވަނީ މި ސެޕްޓެންބަރު މަހު 26ވަނަ ދުވަހުގައެވެ. އެ ޖަލްސާގައި ފަލަސްޠީނުގެ ރައީސް މަޙުމޫދު ޢައްބާސް ތަޤުރީރުކުރައްވާނެއެވެ. އަދި, އިސްރާއީލުގެ ބޮޑުވަޒީރު ބުންޔާމީން ނަތަންޔާހޫ ވެސް އެ ޖަލްސާގައި ތަގުރީރުކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ފަލަސްޠީނުގެ ބިންތަކުން ޔަހޫދީންގެ އިސްތިޢުމާރީ ބާރުތައް ވަގުތުން ފައިބާން ޖެހޭނެކަމަށް ކަނޑައަޅައި ބައިނަލްއަގުވާމީ ޢަދާލަތުގެ ކޯޓު (އައިސީޖޭ)ން އިސްތިޝާރީ ލަފައެއް ނެރެފައިވާތީ އެ ކަމަށް އދ.ގެ ޢާންމު މަޖިލީހުން މަރުޙާބާ ކިޔައިފައި ވެއެވެ. ނަމަވެސް ކޯޓުގެ އެ ނިންމުން ތަންފީޒުކުރާން އިތުރު 12 މަސް ދުވަސް މި ވަނީ ދީފައެވެ. އޭގެ މާނައަކީ އަދި ވެސް ޣައްޒާގައި ޢުދުވާނުތައް ހިންގާން ރަސްމީކޮށް 12 މަސް ދުވަހަށް ހުއްދަދިނީކަމަށް ބެލެވިދާނެއެވެ.

ޔަހޫދީންނާ ދެކޮޅަށް ފާސްކުރިކަމަށް ބުނާ މި ޤަރާރު އދ.ގެ ޢާންމު މަޖިލީހުން ފާސްކޮށްފައި މި ވަނީ، ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލާން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން 12ވަނަ މަސް ދުވަހަށް ދެމިގެން ގޮސްފައި ވަނިކޮށެވެ. އަދި މި ޢުދުވާންތައް ހުއްޓައިލައި، ޣައްޒާގައި ހައިހޫނުގައި ޖައްސައި ނިކަމެތިކޮށްލައިފައިވާ 2.3 މިލިޔަން މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދެވޭނެ މަގު ފަހިކޮށްދޭން ބިންޔާމީން ނަތަންޔާހޫ ދެކޮޅުހަދަމުން ދަނިކޮށެވެ. އދ.އިން މި ފާސްކުރި ޤަރާރުގެ ސަބަބުން އިތުރު 12 މަސް ދުވަހަށް ޢުދުވާނު ހިންގާން ރަސްމީ ގޮތުން ހުއްދަ ދެވުނީއެވެ. އެ ޢުދުވާނު ގާނޫނީކުރެވުނީއެވެ. އެއީ މި ގަރާރުން އަޅުގަނޑަށް މާނަކުރެވޭ ގޮތެވެ. އެހެން ނޫންނަމަ، ވަގުތުން ފައިބާން ކޯޓުން ނިންމައިފައި ވަނިކޮށް އިތުރު 12 މަސްދުވަހުގެ މުހުލަތެއް ދިނުމުގެ ބޭނުމެއް ނުވިސްނެއެވެ.

އަނެއްކޮޅުން ލުބުނާނަގައި ޕޭޖަރުތަކަކާއި ވޯކީޓޯކީތަކެއް ލުބުނާނުގައި ގޮވައިލައިގެން އެތައް ބަޔަކު ޝަހީދުކޮށްލައި ގިނަ ޢަދަދެއްގެ ބަޔަކު ޒަޚަމުވެފައިވާ މި ދަނޑިވަޅުގައި މި ކަމަށް ނިސްބަތް ވާ ގޮތަށް އިސްރާއީލުގެ ދިފާޢީ ވަޒީރު އިޢުލާނުކޮށްފައިވަނީ ޣައްޒާއާ ދެކޮޅަށް ހިންގާ "ހަނގުރާމައިގެ" އާ ފިޔަވައްސެއް ފެށުނީކަމަށެވެ. ހުންނަ ނުބައި ނުލަފާކަން ދެކެބަލާށެވެ! މި ޙާމަލާގެ ޒިންމާ ރަސްމީކޮށް އެ މީހުން އުފުލާން ބޭނުން ނުވިޔަސް މި ބުނަނީ އެހެން ނޫންހެއްޔެވެ. އާ ފިޔަވައްސެއް ފެށުމުގެ މާނައަކީ ފަންނިއްޔާތުގެ އާލަތްތައް ގޮއްވައިލައިގެން ނުރައްކާތެރި ހަމަލާތައް ދިނުންކަން އޭނާގެ ވާހަކައިން ސާބިތު ނުވޭހެއްޔެވެ؟ މި ފަދަ ނުލަފާ ބަޔަކަށް އިތުރު 12 މަސްދުވަސް "ރަސްމީކޮށް" ދޭންވީ ކޮން ސަބަބަކާ ހުރެހެއްޔެވެ؟

ޣައްޒާގައި އިސްރާއީލުން ހިންގާ ޢުދުވާނަށް 12 މަސްވީ އިރު، 41 ހާސް ދުއިސައްތަ ބާހަތްތަރި މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. 96 ހާހާ ކައިރި ކުރާ ޢަދަދަކަށް މީހުން ވަނީ ޒަޚަމްވެފައެވެ. އިތުރު 12 މަސްދުވަހު މި ޢުދުވާނު ހިންގާން ނުސީދާކޮށް ނަމަވެސް ހުއްދަ ދިނުމުން މި ހުއްދަ ދެވެނީ މި ޢަދަދަށް މީހުން ޝަހީދުކޮށް ޒަޚާމުކުރިޔަސް ވަރިހަމަކަމަށް ނޫންހެއްޔެވެ؟ މި ގޮތަށް އދ.ން ގަރާރެއް ފާސް ނުކުރި ނަމަ، އެ މީހުން އެ ތިބެނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް ތާއެވެ. ނަމަވެސް މިހާރު ފާޑަކަށް އެ ހުއްދަ ދެވުނީ އިތުރު 12 މަސް ދުވަހު ޢުދުވާނު ހިންގާން ނޫންހެއްޔެވެ؟

____________________________________

އެޑިޓަރުގެ ނޯޓް
އަބާ މުޙަންމަދަކީ މީގެ ކުރީން ވެސް ނޫސްތަކަށް ލިޔުއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

Advertisement

ކޮމެންޓް