Advertisement

"ހަނގުރާމަ" ހިނގިޔަސް އިމާރާތާއި ސުޢޫދީން އިސްރާއީލާއެކު، ގުޅުން ދަމަހައްޓާން ތަދުބީރުކުރަނީ ކީއްވެހެއްޔެވެ؟

09 Nov 2023 | 09:36
ޢަރަބި އިސްރާއީލުގެ ސަމިޓްގެ ތެރެއިން (ފައިލް ފޮޓޯ)

ހިތާމައިގެ ކޮޅެއް ވެސް ނެތެވެ. މާތް ﷲގެ އަމުރުފުޅާ ޚިލާފަށް ނަޞާރާއިންނާއި ޔަހޫދީންނަކީ ހެޔޮއެދޭ އެކުވެރީންކަމުގައި ޢަރަބި ގައުމުތަކުގެ ވެރީން ބަލަނީ ކީއްވެގެންހެއްޔެވެ؟ ޔަހޫދީން ޖަހާ ކޮންމެ މަޅިއެއްގައި އެ މީހުން ޖެހެނީ ކީއްވެގެންހެއްޔެވެ؟ އީމާންތެރިކަން ނެތީމާހެއްޔެވެ؟ ޤުދުސްގެ މުޤައްދަސް ބިމާއި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ޢުދުވާނީ ޙަމަލާތައް ދީ މަޢުޞޫމު އެތައް ހާސް ރައްޔިތުންނެއް ޝަހީދުކޮށްލައިފައިވާ މި ދަނޑިވަޅުގައި ވެސް ޢަރަބި ދުނިޔޭގެ އެންމެ މުހިންމު، އެންމެ ބާރުގަދަ ދެ ގައުމުން އަދިވެސް އިސްރާއީލާ ވަކިވާކަށް ނުކެރުނެވެ.

އެނގިވަޑައިގަންނަވާނޭ ފަދައިން އޮކްޓޫބަރު ހަތެއްގައި ފެށުނު ޢުދުވާނާ ގުޅިގެން ލެޓިން އެމެރިކާގެ ނަޞާރާ ދައުލަތެއްކަމުގައިވާ ބޮލީޔާއިން ވަނީ އިސްރާއީލާ ސިޔާސީ ގުޅުން ކަނޑައިލައިފައެވެ. ނަމަވެސް ޢަރަބި ޤައުމުތަކުން ތިބީ މި ކަމަށް ފަސްޖެހި ފަހަތު ފަޔަށް ބަރުވެފައެވެ. ޢަރަބި ގައުމުތަކާއި މުސްލިމު އެހެން ޤައުމުތަކުގެ ރައްޔިޔުން ރެޔާ ދުވާލު އިސްރާއީލާ ދެކޮޅަށް މުޒާހަރާކުރަމުން ގެންދާ އިރު ވެސް އަދި މުޅި ޣައްޒާ ތަޅައި ސުންނާފަތިކުރަމުން ގެންދާއިރު ވެސް އެ ގައުމުތަކުގެ ވެރީން ތިބީ ނަގޫ ފިތިފައި ތޯއްޗެކެވެ. މިހާރު ސަޢޫދީ ޢަރަބިއްޔާއާއި އެކުވެރި އަރަބި އިމަރާތުން ތަދުބީރުކުރަނީ ފަލަސްތީނާއި އިސްރާއީލާ ދެމެދު ކިތަންމެ ބޮޑު ނުތަނަވަސްކަމެއް އޮތަސް އަދި ފަލަސްތީނު ރައްޔިތުން މަރައި ހުސްކުރަމުން ގެންދިޔަ ކަމުގައި ވިޔަސް، ކޮންމެ ޙާލަތެއްގައި ވެސް އިސްރާއީލާއެކު އޮންނަ ދިބްލޫމާސީ އަދި އިގުތިސާދީ ގުޅުން ދަމަހައްޓާށެވެ. 

އިސްރާއީލުގެ ނިރުބަވެރި ބޮޑުވަޒީރު ބުނަނީ މި ފަހަރު ހަނގުރާމަ ފެށީ ތިމަންނަމެން ނޫންކަމަށާއި ހަނގުރާމަ ފެށީ ޙަމާސުންކަމަށެވެ. އޭނާގެ ކޮންމެ ތަގުރީރެއްގައި މި ވާހަކަ ފާހަގަކޮށް އިސްރާއީލުގެ "ކުށެއް ނެތް" 1400 މަދަނީންނާއި ސިފައިންގެ އެތައް ބަޔަކު ހަމާސުން މަރައިލި ވާހަކަ ދައްކައެވެ. ނަމަވެސް އެ ކަމުގެ ހަގީގަތަކީ ކޮބައިތޯއެވެ؟

ވޭތުވެ ދިޔަ 70 އެތައް އަހަރެއްގެ ތެރޭގައި ފަލަސްޠީނުގެ ކުށެއް ނެތް ރައްޔިތުންނަށް ތުއްތުރާ ނުކުރާ އެންމެ ދުވަހެއް ވެސް ނުދެއެވެ. ޙައްގުން ކަމަކާ ނުލައި ފަލަސްތީނަށް ޙަމަލާދީ ރައްޔިތުންގެ އަމިއްލަ ގެދޮރާއި ދަނޑުފަނގު ހަލާކުކޮށް އިސްރާއީލުގެ މީހުންނަށް އެ ތަންތާނގައި ގެއަޅައި ފަލަސްތީނުގެ ބިންތައް ފޭރެމުން ދާތާ ބައިގަރުނަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. ކޮންމެ ރަމަޟާން މަހަކާ ދިމާކޮށް އިސްރާއީލުގެ ޢުދުވާނު އެތައް ގުނައެއް އިތުރުކޮށްލައެވެ. ނަމަވެސް އެއްވެސް އިރެއްގައި ޢުދުވާނު ހުއްޓުމަކަށް ނުގެނެއެވެ. ފަލަސްތީނުގެ ޗާޓު ބަލައިލުމުން އެކަން ވަރަށް ރަނގަޅަށް ސާފުވާނެއެވެ. ފަލަސްތީނުގެ އެތައް ސަތޭކަ ބަޔަކު އިސްރާއީލުގެ ޖަލުތަކުގައި މިހާރު ވެސް އެބަތިއްބެވެ. އެ މީހުންނަށް އަނިކޮށް މަރައި ހަދައެވެ. އެތައް ސަތޭކަ ބަޔަކު މަގުމަތިކޮށް ގަދަކަމުން ވަގުތީ ފޭލިގެތަކުގައި ދިރިއުޅޭން ވަނީ ޖައްސައިފައެވެ. މިއީ ޢާންމު ކަމެކެވެ. ފަލަސްތީނުގެ ރައްޔިތުންނަށް އެ ޢުދުވާނާ ދެކޮޅަށް ކުރެވޭ ކަމަކީ ގާބުރިއެއް އެއްލުމެވެ. އެހެންކަމުން މި ޢުދުވާނަކީ އާންމު ކަމަކަށްވުމުން އެ ޢުދުވާނަކީ ޚަބަރަކަށް ނުވަނީއެވެ. ކޮންމެ ދުވަހަކު ހިނގާ ކަމެއް ޚަބަރަކަށް ނުވާ ފައިންނެވެ. ޚަބަރަކީ އާ ކަންތައްތަކަށްވާތީއެވެ. އާދަޔާ ޚިލާފު ކަންތައްކަމަށްވާތީއެވެ. ވީމާ އޮކްޓޫބަރު ހަތެއްގައި ޙަމާސުން ކުރި ކަމަކީ، އެތައް ދުވަހަކު ތައްޔާރުވުމަށް ފަހު، ޚަބަރަކަށް ވާވަރުގެ ރައްދު ޙަމަލާއެއް ދިނީއެވެ. އެއީ އިސްވެ ދިން ޙަމަލާއެއް ނޫނެވެ. މި ފަހަރުގެ ރައްދު ޙަމަލާ، އިސްރާއީލުން ލަފާނުކުރާ ވަރުގެ ވަރުގަދަ ޙަމަލާއަކަށްވީއެވެ. 1400 އިސްރާއީލީން މަރުވި ވާހަކަ ދައްކާ އިރު ކޮންމެ ދުވަހަކު އިސްރާއީލުން މަރަމުން ގެންދާ ވާހަކަ ދައްކާނެ ދުލެއް ނެތީއެވެ. ހަމާސުން ދިނީ ނިރުބަވެރި ޙަމަލާއެއް ނޫނެވެ. އެއީ ކޮންމެ ދުވަހަކު އިސްރާއީލުން ދޭ ޢުދުވާނުތަކަށް ދިން ރައްދެކެވެ. އެހެންވީމާ، ޙަމާސުން އޮކްޓޫބަރު ހަތެއްގައި ހަނގުރާމަ ފެށި ވާހަކަ އެއީ ހަގީގަތާ ޚިލާފު ވާހަކައެކެވެ. އެ ދުވަހު ރައްދުގައި ދިން ޙަމަލާ ވަރުގަދަވީއެވެ. އެ ކަމާ ގުޅިގެން މުނާފިޤު އެމެރިކާއާއި ބޭއިންސާފު އިނގިރޭސީންގެ އެހީގައި ދުނިޔޭގެ އެންމެ ބާރުގަދަ ހަތިޔާރުން ފަލަސްޠީނު ރައްޔިތުންނާ ދެކޮޅަށް ޢުދުވާނު ފެށީއެވެ. ޙަމާސަކީ ފަލަސްޠީނު ސަރުކާރާ ބެހޭ ޖަމާޢަތެއް ވެސް ނޫނެވެ. ނަމަވެސް ފަލަސްޠީނަށް ޙަމަލާ ދެނީ ނިރުބަވެރި އިސްރާއީލުގެ ސަރުކާރުންނެވެ. ވީމާ، ބުންޔާމީން ނަތަންޔާހޫ މި ދައްކާ ވާހަކައަކީ އިންސާފުގެ ތިލަފަތަކުން ކިރައިލެވޭނެ ވާހަކައެއް ނޫނެވެ.

ބްލިންކެން ސުޢޫދީއަށް ކުރި ދަތުރުގެ ތެރެއިން..... (ފައިލް ފޮޓޯ)

ނަމަވެސް ސުޢޫދީ ޢަރަބިއްޔާއާއި އަރަބި އިމާރާތަށް ވެސް ގަބޫލުކުރެވެނީ މަކަރުވެރި އިސްރާއީލުގެ ބަހެވެ. އިސްރާއީލާއި އެމެރިކާއިން ރާވަމުން ގެންދަނީ ޣައްޒާއިން ހަމާސްގެ ބާރު ކަނޑުވައިލާށެވެ. ޢަރަބި މި ދެންނެވި ގައުމުތަކަށް ވިސްނައިދެނީ އޭރުން އިސްރާއީލުން ފަލަސްތީނަށް ރަނގަޅަށް ކަންތައް ކޮށްދޭނެކަމަށެވެ. މި މަކަރުވެރި ވާހަކަތައް ގަބޫލުކޮށްގެން ޙަމާސްގެ ބާރު ކަނޑުވައިލެވިއްޖެ ނަމަ، ފަލަސްތީނުގެ ބިން ފޭރުމުގައި އިސްރާއީލަށް އެއްވެސް ހުރަހެއް ނޯންނާނެތީއެވެ. މުޅި ޣައްޒާއާއި މުޅި ފަލަސްތީނު އިސްރއީލުގެ ބިމަށް ބަދަލުކޮށް އެއީ އެ ނިރުބަވެރި ދައުލަތުގެ ތަނަކަށް ހަދައިލެވޭނެތީއެވެ.

މި ދިޔަ ހަފުތާގައި އެމެރިކާގެ ޚާރިޖީ ވަޒީރު، އެންތަނީ ބްލިންކެން އުރުދުނަށް ކުރި ޒިޔާރަތުގައި ވެސް އޭނާގެ މަސައްކަތަކަށްވީ ހަމާސާ ދެކޮޅަށް އެ ގައުމުގެ ވިސްނުން ބަދަލުކޮށްލެވޭތޯއެވެ. "އަހަރެމެން މި ވިސްނަނީ މިހާރު މި ހިނގާ އަރައިރުމުގެ ކުރީން ކަން އޮތް ގޮތުގެ ތަފާތު ނަޒަރިއްޔާތާމެދު، މި ސަރަހައްދުގެ ބައިވެރީންނާ މަޝްވަރާކޮށްގެން ފާހަގަކުރެވޭތޯއެވެ؟" އެމެރިކާގެ ޚާރިޖީ ވަޒީރު، އަރަބި ގައުމުތަކަށް ކުރީ ހަފުތާގައި ކުރި ޒިޔާރަތާ ގުޅިގެން ޚާރިޖީގެ ވުޒާރާގެ ތަރުޖަމާނު މެތިއު މިލާރ ބުނެފައިވެއެވެ.

މި ހުރިހާ މަސައްކަތަކީ ވެސް ޢަރަބި އިސްވާރުން ހައްލައިލައިގެން އިސްރާއީލަށް އެ މީހުންގެ ބިން ފޭރުމުގެ މަސައްކަތް ވީހައި ވެސް ފަސޭހަކަމާއެކު ކުރިއަށް ގެންދެވޭނެ މަގު ފަހިކޮށްދިނުމެވެ. ނަމަވެސް މި މަކަރުވެރި ސަހުޔޫނީންގެ މަކަރާއި ހީލަތް ދުނިޔެއަށް ހާމަވެގެން ދިޔަކަމުގައި ވިޔަސް އަމިއްލަ އެދުމަށް ޓަކައި ހަމައެކަނި ވެރިކަން ދިފާޢުކުރުމުގެ އުންމީދުގައި ޢަރަބި ގިނަ އިސްވާރުން އެ ތިބީ އެމެރިކާއާއި ސަހުޔޫނީ ޔަހޫދީންގެ އުނގަށް ވެއްޓިފައެވެ. ޢަރަބި ދުނިޔޭގައި އެންމެ ނުފޫޒު ގަދަ ދެ ގައުމުކަމަށްވާ، ސުޢޫދީ ޢަރަބިއްޔާއާއި އެކުވެރި ޢަރަބި ޢިމާރާތުން މިހާރު ވިސްނައި ތަދުބީރުކޮށްފައި އެ ވަނީ ކޮންމެ ފަދަ ޢުދުވާނެއް ސަހުޔޫނީ ޔަހޫދީން ފަލަސްތީނަށް ދިނަސް ނިރުބަވެރި ޔަހޫދީ ދައުލަތާއެކު އޮތް ދިބުލޫމާސީ އަދި އިގުތިސާދީ ގުޅުން ކަނޑައިނުލައި ދަމަހައްޓާށެވެ.

އިސްރާއީލުން ފަލަސްތީނުގެ ބިންތައް އަހަރުންއަހަރަށް ފޭރިފައިވާ ގޮތް ދައްކުވައިދޭ ޗާޓު<br>

އަޅުގަނޑު ދެކޭ ގޮތުގައި މިހެން މި ދިމާވަނީ މާތް ﷲގެ އަމުރުފުޅުތަކަށް ވުރެ ބޮޑަށް ޣައިރުމުސްލިމުންގެ ބަހަށް އިސްކަން ދެވޭތީއެވެ. މާތް ﷲގެ އަމުރުފުޅާ ޚިލާފަށް ނަޞާރާއިންނާއި ޔަހޫދީންނަކީ އެކުވެރީންކަމުގައި ބަލައި އެ މީހުންގެ ފަރާތުން ހެވަތަށް އެދެވޭތީއެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. "يَا أَيُّهَا الَّذِينَ آمَنُواْ لاَ تَتَّخِذُواْ الْيَهُودَ وَالنَّصَارَى أَوْلِيَاء بَعْضُهُمْ أَوْلِيَاء بَعْضٍ وَمَن يَتَوَلَّهُم مِّنكُمْ فَإِنَّهُ مِنْهُمْ إِنَّ اللّهَ لاَ يَهْدِي الْقَوْمَ الظَّالِمِينَ" ("އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ޔަހޫދީންނާއި، ނަޞާރާއިން (އެއީ) އެކުވެރިން ކަމުގައި ނުބަލާށެވެ! އެއުރެންގެ ތެރެއިން އެއްބަޔަކީ އަނެއްބަޔެއްގެ އެކުވެރިންނެވެ. ތިޔަބައިމީހުންގެ ތެރެއިން އެއުރެން އެކުވެރިން ކަމުގައި ބަލައިފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެއީ، އެއުރެންގެ ތެރެއިންވާ މީހެކެވެ. ހަމަކަށަވަރުން، އަނިޔާވެރި ބަޔަކަށް اللَّه ތެދުމަގެއް ނުދައްކަވާނެތެވެ.") (سورة المائدة:51)

މުސްލިމުން ގަބޫލުކުރާންޖެހޭ ހަގީގަތަކީ ޔަހޫދީންނާއި ނަޞާރާއިންނަކީ އެއްބަޔަކު އަނެއް ބަޔެއްގެ އެހީތެރީން ކަމުގައި ވާހިނދު، އެ މީހުންގެ އުޞޫލުތައް މުސްލިމުން ގަބޫލުނުކުރާހާ ހިނދަކު މުސްލިމުންނަކަށް އެއިން އެއްވެސް ބަޔަކު ހެވެއް ނޭދޭނޭކަމެވެ. ކީރިތި ރަސޫލާއާ މުޚާޠަބުކުރައްވައި މާތްﷲ ވަޙީކުރައްވައިފައިވަނީ ކީކޭކަމަށްތޯއެވެ؟ މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. "وَلَن تَرْضَى عَنكَ الْيَهُودُ وَلاَ النَّصَارَى حَتَّى تَتَّبِعَ مِلَّتَهُمْ قُلْ إِنَّ هُدَى اللّهِ هُوَ الْهُدَى وَلَئِنِ اتَّبَعْتَ أَهْوَاءهُم بَعْدَ الَّذِي جَاءكَ مِنَ الْعِلْمِ مَا لَكَ مِنَ اللّهِ مِن وَلِيٍّ وَلاَ نَصِيرٍ" ("އަދި ޔަހޫދީން ވެސް ނަޞާރާއިން ވެސް އެއުރެންގެ ދީނަށް ކަލޭގެފާނު ތަބަޢަވެވަޑައިގެންފުމަށް ދާނދެން ކަލޭގެފާނަކާ ނުރުހޭނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން اللَّهގެ މަގު އެއީ ހަމަ ތެދުމަގެވެ. އަދި ކަށަވަރުން ވެސް، ކަލޭގެފާނުގެ އަރިހަށް ޢިލްމުގެ ތެރެއިން އައި ކަންތަކަށް ފަހު، އެއުރެންގެ އެދުންތަކަށް ކަލޭގެފާނު ތަބަޢަވެވަޑައިގެންފި ނަމަ، اللَّهގެ ޙަޟުރަތުން ކަލޭގެފާނަށް އެއްވެސް އެހީތެރިޔަކު އަދި ނަޞްރުދޭނޭ މީހަކުވެސް ނުވާނެތެވެ.") (سورة البقرة:120).

މި އާޔަތުގައި ސީދާ ރަސޫލާއާ މުޚާޠަބުކުރައްވައިފައި ވިޔަސް މިއީ ހަމަ ހުރިހައި މުސްލިމުންނަށް ވެސް އޮތް އިރުޝާދުފުޅެކެވެ. ހުރިހައި މުސްލިމުން ޢަމަލުކުރާންޖެހޭ މަތިވެރި އިރުޝާދެކެވެ.

އެހެންވީމާ، މުސްލިމުންނަށް ކާމިޔާބު އޮތީ މާތް ﷲއަށް ނަޞްރުދީގެންނެވެ. އެ ކަލާނގެއަށް ކިޔަމަންތެރިކަން އަދާކޮށްގެންނެވެ. މާތް ﷲ ވަޢުދުވެވޮޑިގެންފައިވަނީ އެފަދައިންނެވެ. އެ ކަލާނގެ ވަޙީކުރެއްވިއެވެ. "يَا أَيُّهَا الَّذِينَ آمَنُوا إِن تَنصُرُوا اللَّهَ يَنصُرْكُمْ وَيُثَبِّتْ أَقْدَامَكُمْ" ("އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން اللَّهއަށް (އެބަހީ: اللَّهގެ ދީނަށް) ނަޞްރުދޭ ނަމަ، އެކަލާނގެ ތިޔަބައިމީހުންނަށް ނަޞްރުދެއްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ ފައިތިލަތައް ސާބިތުކުރައްވާނެތެވެ."(سورة محمد:7). ﷲއަށް ނަޞްރުދިނުމުގެ މާނައަކީ ﷲއަށް ކިޔަމަންތެރިކަން އަދާކޮށް އެކަލާނގެ އެންގެވުންތަކަށް ތަބާވުންކަން ފާހަގަކޮށްލާން ޖެހެއެވެ.

ވީމާ، ސުލްޙަ ހޯދާން ޖޯބައިޑަންއަށް ނުވަތަ ބިންޔާމީން ނަތަންޔާހޫއަށް އާދޭސްކުރާކަށް ނުޖެއެވެ. މުސްލިމުން ﷲއަށް ޓަކައި ނުކުމެ ކުރިމަތިލައިފި ނަމަ، މާތް ﷲ ކާމިޔާބުދެއްވާނެއެވެ. އެ ނޫން ގޮތަކުން މުސްލިމުންނަށް ކާމިޔާބީއެއް ނެތެވެ. މުޝްރިކުން ނުވަތަ ޣައިރުމުސްލިމުންނަކީ އެކުވެރީންކަމުގައި އަޅުގަނޑުމެން ބަލާހައި ހިނދަކު އަޅުގަނޑުމެންނާ ކުރިމަތިވާނީ ޞަރީޙަ ނާކާމިޔާބީއެވެ. މިއީ އަޅުގަނޑު ދައްކާ ވާހަކައެއް ނޫނެވެ. އަޅުގަނޑުމެންގެ ވެރި ﷲ ސުބުޙާނަހޫ ވަތަޢާލާގެ ވަޙީ ބަސްފުޅުގައި ވަނީ އެ ކަން ބަޔާންކުރައްވައިފައެވެ. މިކަންކަމާމެދު ނުވިސްނައި ނަޞާރާއީންނާއި ޔަހޫދީންގެ އުނގަށް މުސްލިމު އިސްވާރުން ވެއްޓިގަތުމަކީ މުސްލިމުންގެ ޙައިސިއްޔަތުން ލަދުގަންނާން ޖެހޭ ކަންކަމެވެ.

ބައެއް މަޢުލޫމާތު: www.semafor.com/article/11

ލަފުޒެއްގެ މާނަ:

ތަދުބީރު  ނ.  (1) ކަމެއްގެ މައްޗަށް ފުންކޮށް ވިސްނައި ރާވާ ރޭވުން (2) ޙިކުމަތް

Advertisement

ކޮމެންޓް