Advertisement

މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަލަންތީނަށް ތާއިދުކޮށް އެތައް ލައްކަ ބަޔަކު ހިނގައިލުންތަކާއި މުޒާހަރާތައް އެބަ ބާއްވައެވެ.

08 Nov 2023 | 08:20
މަޣުރިބުގެ ރަބާޠުގައި ކުރި މުޒާހަރާގެ ތެރެއިން (ފޮޓޯ: އެސޯސިއޭޓެޑް ޕްރެސް)

ފަލަސްތީނުގެ ރައްޔިތުނަށް އިސްރާއީލުން ދެމުންގެންދާ ލާއިންސާނީ ޙަމަލާތައް ވަގުތުން ހުއްޓައިލުމަށް ގޮވައިލައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިއްޔެ ވެސް އެތައް ލައްކަ ބަޔަކު އަޑު އުފުލިއެވެ. މިހާރު ވެސް އެ ފަދަ އެއްވުންތަކާއި މުޒާހަރާތައް ހިނގަމުން އެބަ ދެއެވެ. ހަގީގަތަކީ އެއްވެސް ގައުމެއްގެ ރައްޔިތުންނެއް ލައިންސާނީ ޢުދުވާނު ހިންގާން ގަބޫލު ނުވާކަމެވެ. ނަމަވެސް އެމެރިކާގެ ސަރުކާރަށް ވިކިފައި ތިބި ސަރުކާރުތަކުން އެ ކަމަށް ތާއީދުކުރަނީއެވެ.

"ފަލަސްތީނު މިނިވަންކުރޭ!": ސްވިޓްޒަރލޭންޑްގެ ޖެނީވާގައި ފަލަސްތީނަށް ތާއިދުކޮށް ބޭއްވި ހިނގައިލުމުގައި އެ މީހުން ގޮވަމުން ގެންދިޔައެވެ. <br>

އިއްޔެ އޮސްޓްރޭލިއާގެ ގާނޫނު ހަދާ މަޖުލިސްތެރޭގައި ވެސް "ފަލަސްތީނު މިނިވަންކުރޭ!" މި ޝިޢާރު އުފުލައި، ތިޔަބައި މީހުންނަށް ވެސް ފަލަސްތީނުގައި ހިންގާ ގަތުލުއާންމުތައް ފެންނާނެކަމަށާއި ނަމަވެސް އިސްރާއީލު ކުށްވެރިކުރާން ތިޔަ ތިބީ ނުކުޅެދިފައިކަމަށް ބުނެ އަޑު އުފުލައި, "ފެހި ޕާޓީ"ގެ މީހުން އިހުތިޖާޖުކުރިއެވެ. އަދި "އަހަރެމެން މި މާލަމުގައި ވެސް ފަލަސްތީނާ އެއްކޮޅަށް މި އަޑު އުފުލަނީއްޔޭ" ބުނެ "ފްރީ ފްރީ ޕެލަސްޓައިން"އޭ ގޮވިއެވެ. އަދި ނުރުހުން ފާޅުކުރުމުގެ ގޮތުން އެ ޕާޓީއަށް ނިސްބަތްވާ ހުރިހައި މެންބަރުން މަޖުލިސް ދޫކޮށް ނުކުމެގެންދިޔަ ތަން (ވޯކްއައުޓްކުރި ތަން) ފެނުނެވެ.

ނަމަވެސް އޮސްޓްރޭލިއާގެ މެލްބަންގައި "އިސްރާއީލާއެކުގައި" މި ނަމުގައި ބަޔަކު ބޭއްވި އެއްވުމެއްގައި ސަރުކާރުގެ ބައެއް ވެރީންނާއި ގާނޫނުހަދާ މަޖިލީހުގެ ބައެއް މެންބަރުން ވެސް ބައިވެރިވެ އިސްރާއީލަށް ތާއިދުކުރާކަން ހާމަކުރިއެވެ. ނަމަވެސް ފަލަސްތީނަށް ތާއީދުކޮށް މުޅި އޮސްޓްރޭލިއާގެ އެކި ކަންކޮޅުތަކުގައި ބާއްވާ އެއްވުންތަކާއި ހިނގައިލުންތަކުގައި ބައިވެރިވާ މީހުންގެ އަދަދު އެތައް ގުނައެއް އިތުރަކަން ވެސް ފާހަގަކުރެވެއެވެ. ހަނދުމަފުޅު އާކޮށްލެއްވުން އެކަށީގެންވާ ފަދައިން އޮސްޓްރޭލިއާގެ ދައުލަތުގެ ވެރިއެއްގެ ގޮތުގައި ހުންނަވާނީ އިނގިރޭސި ތަޚުތުގައި އޭރަކު ރެދަލިކުރައްވާ ބޭފުޅެކެވެ. އެހެންކަމުން އިނގިރޭސި ދައުލަތާ އިދިކޮޅަށް އަޑުއުފުލުމަކީ އޮސްޓްރޭލިއާ ސަރުކާރަށް ފަސޭހަ ކަމަކަށް ނުވާނެއެވެ.

އިއްޔެ އެމެރިކާގެ ވައިޓްހައުސް ކައިރީގައި ވެސް "ފަލަސްތީނަށް ޓަކައި ފިޔަވަޅު އެޅުމުގެ ދުވަސް"ގެ ނަމުގައި ފަލަސްތީނަށް ތާއީދުކުރާ އެތައް ހާސް ބަޔަކު އަޑު އުފުލައި މުޒާހަރާކުރިއެވެ.

އެމެރިކާގެ ބެރިންގޓަންައި ބޭއްވި އެއްވުމެއްގެ ތެރެއިން.....<br>

މީގެ އިތުރަށް އިއްޔެ އެމެރިކާގެ އެކި ކަންކޮޅުތަކުގައި އެތައް ހާސް ބަޔަކު ފަލަސްތީނަށް ތާއީދުކޮށް އިސްރާއީލުގެ ޢުދުވާނު ހުއްޓައިލުމަށް ގޮއިލައި އަޑު އުފުލިއެވެ. މީގެ ތެރޭގައި ވޮޝިންގްޓަން ޑީސީގެ އިތުރަށް ލޮސްއެންޖަލީހާއި ނިއުޔޯކާއި ޑިއަރބޯރންއާއި މިޝިގަން ސިޓީގައި މުޒާހަރާކުރި އެތައް ހާސް ރައްޔިތުންނެއް ހިމެނެއެވެ. އެމެރިކާގައި ކުރި މުޒާހަރާގައި ޔަހޫދީން ވެސް ބައިވެރިވިކަން ފާހަގަކޮށްލެވެއެވެ. އޭގެ ތެރެއިން އެކަކު ބުނި ގޮތުގައި ފަލަސްތީނުގައި ގަތުލުއާންމު ހިނގާކަށް އެ މީހުންނެއް ބޭނުމެއް ނުވެއެވެ. އެއީ ޔަހޫދީންގެ ތެރޭގައި އުޅޭ ހައްދުފަހަނަޅައިފައިވާ ސަހުޔޫނީން ހިންގާ ލާއިންސާނީ ޢަމަލުތަކެއްކަމަށާއި "އަހަރެމެން ޔަހޫދީން ބޭނުންވަނީ ފަލަސްތީނާއެކު ސުލްޙަވެރިކަމާއެކު ދިރިއުޅޭން"ކަން ވެސް ހާމަކުރިއެވެ.

އިނގިރޭސިވިލާތުގައި މެންޗެސްޓަރއާއި އުތުރު އިންގްލަންޑާއި އެޑިންބަރާއާއި ސްކޮޓްލޭންޑްގެ ގްލަސްގޯވްގައި ވެސް އެތައް ހާސް ބަޔަކު ފަލަސްތީނަށް ތާއީދުކޮށް މުޒާހަރާކުރިއެވެ. އިނގިރޭސިވިލާތުގެ ވެރިރަށުގެ މެދުތެރެއަށް މުޒާހަރާކުރާމީހުން ވަދެގަންނާން މަސައްކަތްކުރުމުން އެ މީހުން މައިތިރިކުރުމަށް ޓަކައި ހާހަކަށްވުރެ ގިނަ ފުލުހުން ނެރެފައި ތިއްބެވެ.

އަރަބި ގައުމެއްކަމަށްވާ މަޣުރިބުކަރައިގެ ވެރިރަށް ރަބާތުގައި ފަލަސްތީނާ އެއްބައިވަންތަކަށް ހާމަކުރުމަށް ޓަކައި އެތައް ހާސްބަޔަކު ނުކުމެ މުޒާހަރާތަކާއި ހިނގައިލުންތައް ބާއްވަމުން އެބަގެންދެއެވެ.

މީގެ އިތުރަށް ސްވިޓްޒަރލޭންޑްގެ ޖެނީވާއާއި އިޓަލީގެ ޓޫރިންގައި ވެސް އެތައް ހާސް ބަޔަކު ފަލަސްތީނަށް ދޭ ޢުދުވާނު ހުއްޓައިލުމަށް ގޮވައިލައި މުޒާހަރާކުރިއެވެ.

އޮސްޓްރޭލިއާގެ ސިޑްނީގެ މަގުތަކަށް ފަލަސްތީނަށް ތާއިދުކުރާ މީހުން ނުކުމެ ފަލަސްތީނު މިނިވަންކުރުމަށް ގޮވައިލައި މުޒާހަރާކުރިއެވެ.

އިޓަލީގައި ބޭއްވި ހިނގައިލުމެއްގެ ތެރެއިން......<br>

އަޔަރލޭންޑްގެ ޑުބްލިންގައި ވެސް ފަލަސްޠީނަށް ތާއީދުކޮށް ވަގުތުން ޙަމަލާތައް ހުއްޓައިލައި ފަލަސްޠީނު މިނިވަންކުރުމަށް ގޮވައިލައި އަޑު އުފުލިއެވެ.

ތުރުކީގައި މުޒާހަރާކުރި މީހުން އެމެރިކާގެ އެންބަސީއަށް ވަދެގަންނާން ވެސް މަސައްކަތްކުރިއެވެ. އަދި ތުރުކީގައި ފަލަސްތީނަށް ތާއީދުކޮށް ކުރި މުޒާހަރާއެއްގައި ރައީސް ޠައްޔިބު އުރުދުޣާން ވެސް ބައިވެރިވެވޑައިގެން ވާހަކަފުޅުދައްކަވަމުން ނަތަންޔާހޫއަކީ ޓެރަރިސްޓެއްކަމަށް ވެސް ވިދާޅުވިއެވެ. އަދި ޔަހޫދީ ދައުލަތަކީ ބަޔެއްގެ ބިން ފޭރިގަނެގެން އުޅޭ ބަޔެއްކަމަށް ވެސް ވިދާޅުވިއެވެ. މީގެ އިތުރަށް އިންޑޮނޭޝިއާއާއި މެލޭޝިއާގައި ވެސް އެތައް ހާސް ބަޔަކު މުޒާހަރާކުރިއެވެ.

ފާހަގަކޮށްލާން ޖެހޭ ކަމަކީ ގިނަ ގައުމުތަކުގައި ފަލަސްތީނަށް ތާއީދުކޮށް ކުރާ މުޒާހަރާތައް މައިތިރިކުރާން ކަރުނަ ގޭހާއި ފެންހޮޅި ބޭނުންކޮށްގެން ވެސް މައިތިރި ނުވާކަމެވެ. އަދި އިނގިރޭސިވިލާތުގައި ފުލުހުންގެ ހާހަކަށްވުރެ ގިނަ މީހުން ނެރެގެން ހިނގި ކުރިމަތިލުންތަކުގައި އެތައް ބަޔަކު ހައްޔަރު ވެސް ކުރިކަމެވެ.

މީގެ ކުރީން ދިވެހިރާއްޖޭގައި ވެސް ފަލަސްތީނަށް ތާއީދުކޮށް އެއްވުންތަކާއި ހިނގައިލުންތައް ބާއްވައިފައިވެއެވެ. އަދި ފަލަސްތީނަށް ތާއީދުކޮށް ބާއްވާން އިންތިޒާމުކުރި ސައިކަލު ބުރެއް ވެސް މޫސުން ތަން ނުދިނުމުގެ ސަބަބުން ފަސްކުރެވިފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ. ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ ފަލަސްތީނާއެކުގައެވެ. މާލީ ގޮތުން ދިވެހީންގެ ފެންވަރުގައި ގިނަ އެހީތަކެއް ފަލަސްތީނަށް ދިވެހީން ދެމުން ގެންދާކަން ވެސް ފާހަގަކޮށްލާންޖެހެއެވެ.

___________________________________

Advertisement

ކޮމެންޓް