Advertisement

މަސްޖިދުލްއަޤުޞާގެ މިލްކުވެރިކަން މުސްލިމުން ދޫކޮށްލީހެއްޔެވެ؟

07 Nov 2023 | 18:24
އިސްރާއީލުން ޙަމަލާދީ ހަލާކުކޮށްލައިފައިވާ "ނާޞިރު ބޭސްވެރިކަމުގެ އެކުވެނި"ގައި ހުރި ރަންތީސީ ޚާއްޞިއްޔަ ހަސްފަތާލު މިހާރު ހުރި ގޮތް: ޙާލަތު ދެނެގަތުމަށް ޓަކައި ޑރ. ސުލައިމާން ޤާއޫދު ސާވޭކުރައްވަނީ (ފޮޓޯ: ޢަބްދުލްޙަކީމް އަބޫ-ރިއާޝް/އަލްޖަޒީރާ)

މަސްޖިދުލްއަޤުޞާއާއެކު މުޅި ޣައްޒާ ތަޅައި ސުންނާފަތިކޮށް، ރައްޔިތުން ގަދަކަމުން ބޭރުކޮށް، ނުނުކުތް މީހަކު މަރައި ހުސްކުރުމަށް ފަހު މުޅި އެ ބިމަކީ އިސްރާއީލީ ނިރުބަވެރި ދައުލަތުގެ ބަޔަކަށް ހަދާން ކުރާ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ގެންދަނީއެވެ. މުޅި ޣައްޒާގެ 90 އިންސައްތަ، ތަޅައި ސުންނާފަތިކޮށްފިއެވެ. ގެރޮރު ތަޅައި ސުންނާފަތިކޮށް، މުޅި ޢާއިލާ މަރައި ހުސްކޮށްލައި ޒަޚަމުވެ މަގުމަތިވެފައިވާ މީހުން ސިއްޙީ އެހީތެރިކަމާއި ބޯހިޔާވަހިކަން ހޯދާން ވެސް ވަންނާން ޖެހެނީ ހޮސްޕިޓަލަކަށެވެ.

މިހާރު ހުރިހާ ހޮސްޕިޓަލުތަކަކާއި ސިއްހީ ފަރުވާ ދޭ ހުރިހާ ތަނަކަށް ހަމަލާދީ ތަޅައި ސުންނާފަތިކުރަނީއެވެ. ޣައްޒާގެ ފަރުވާގެ އެކުވެނީގައި އެތައް ހޮސްޕިޓަލެއް ހިމެނެއެވެ. މީގެ ތެގޭގައި އައްނާސިރު ކުޑަކުދީންގެ ހޮސްޕިޓަލާއި ރަންތީސީ ޚާއްސިއްޔަތުގެ ހޮސްޕިޓަލާއި ލޮލުގެ ފަރުވަދޭ ހޮސްޕިޓަލަކާއި ނަފުސާނީ ބަލީގެ ޚާއްސަ ހޮސްޕިޓަލެއް ހިމެނެއެވެ.

މި އެކުވެންޏަށް ހަމަލާދެނީ ތަނެއްދޮރެއް ނުބަލައި މަދިރިމަރާން ސުޕްރޭ ކުރާހެންނެވެ. "މި އެކުވެނީގައި މަސައްކަތްކުރާ މުވައްޒަފަކަށް އިސްރާއީލުގެ ސިފައިން ގުޅައިފައި އެންގީ ރޭގައި އެ ހޮސްޕިޓާލުތަކުގެ ވަށައިގެން އަލިފާނުގެ ފާރެއްލާނެކަމަށެވެ." ޑރ. ސުލައިމާން ވިދާޅުވިއެވެ.

ގާތްގަނޑަކަށް ރޭ އިރުއޮއްސި 6:30ގައި އިސްރާއީލުގެ މަތީންދާ ބޯޓުތަކުން ނަފުސާނީ ބަލީގެ ހޮސްޕިޓާލާއި ރަންތީސީ ހޮސްޕިޓަލުގެ ސަރަހައްދަށް ހަމަލާދިނެވެ. އެ ހަމަލާގައި 35 މީހުން ވަރަށް ބޮޑަށް ޒަޚަމްކޮށްލިއެވެ. މީގެ ތެރޭގައި ޞިއްޙީ ޚިދުމަތްތެރީން ވެސް ހިމެނެއެވެ. އޭގެ ދެ ގަޑިއިރު ފަހުން ރަންތީސީ ހޮސްޕިޓަލުގެ އިރުދެކުނު ފަރާތަށާއި އިރުއުތުރު ފަރާތަށް ހަމަލާދިނެވެ. "ކުޑަކުދީންގެ ކެންސަރު ވޯޑް ހުންނަނީ ހޮސްޕިޓަލުގެ އިރުއުތުރު ފަރާތުގައެވެ. އެ ވަގުތު 30 ކުޑަކުއްޖަކަށް ކީމޯތެރަޕީގެ ފަރުވާދެމުން ގެންދެވުނެވެ." ޑރ. ސުލައިމާން ވިދާޅުވިއެވެ.

އޭގެ ފަހުން ތިންވަނަ ފަހަރަށް ހޮސްޕިޓަލުގެ އެންބިޔުލާންސްތައް ޕާކުކޮށްފައި ހުންނަ ސަރަހައްދަށް ހަމަލާދިނެވެ. އެއީ ގެދޮރު ގެއްލިފައިވާ އެތައް ޢާއިލާތަކަކަށް ބޯހިޔާވިކަން ދެމުން ގެންދިޔަ ސަރަހައްދެއް ވެސް މެއެވެ.

"އެ ވަގުތު ވެސް 80 އާއި 100އާ ދެމެދުގެ ޢަދަދަކަށް، ޒަޚަމުވެފައިވާ މީހުންނަށް، އެ ހޮސްޕިޓަލުގައި ކުއްލި ފަރުވާ ދެވެމުން ދިޔައެވެ. އަދި ގެދޮރު ގެއްލިފައިވާ 700 ޢާއިލާއަކަށް ބޯހިޔާވަހިކަން ދެމުން ގެންދެވުނެވެ. އެއީ ގާތްގަނޑަކަށް 5000 ވަރަކަށް މީހުންނެވެ."

"މިއާއެކު އެ ހޮސްޕިޓަލުގެ ސޯލާޕެނަލްތަކަށާއި ފެންތާނގީތަކަށް އަމާޒުކޮށްގެން ރޮކެޓްތަކަކުން ހަމަލާދިނެވެ. "މީގެ މާނައަކީ އެންމެ ފެންފޮދެއް ވެސް މިހާރު މި ހޮސްޕިޓަލުގައި ލިބޭން ނެތުމެވެ." ޑރ. ސުލައިމާން ވިދާޅުވިއެވެ.

މި ފަދަ ދަށު ދަރަޖައިގެ ލާއިންސާނީ ޢަމަލުތައް އެއްވެސް ރަހުމެއް ނެތި މަޢުޞޫމު ރައްޔިތަކާ ދެކޮޅަށް އަދި އެ ސަހަރުގެ ބިނާރު ހަލާކުކޮށް ސުންނާފަތިކުރުމަށް އަމާޒުކޮށްގެން ދެމުން ގެންދާ އިރު ވެސް އަދިވެސް އެ އަނިޔާވެރި ޔަހޫދީންގެ ހިތެއް ހަމައެއް ނުޖެހެއެވެ.

އަނެއްކޮޅުން މުސްލިމު ގައުމުތައް ތިބީ ކަނު ލޮލެއް ދީގެންނެވެ. ބީރު ކަންފަތެއް ދިއްކޮށްގެންނެވެ. އިންސާނީ ނަސްލެއް ނައްތައިލަނީއެވެ. އެތައް ސަތޭކަ އަހަރަކުން ތަރައްގީކޮށްފައިވާ އާބާދީއެއް، އެ އާބާދީގެ ބިނާރާއެކު ފަނާކޮށް ނިންމަމުން ގެންދާއިރު މިއަދު މުސްލިމުން ކޮބައިހެއްޔެވެ؟ މަސްޖިދުލްއަޤުޞާއާއި ބައިތުލްމަޤުދިސްގެ ޙުރުމަތް ކޮބައިހެއްޔެވެ؟ ތިން ޙަރަމްފުޅުގެ ތެރޭގައި ހިމެނޭ މަސްޖިދުލްއަޤުސާގެ މިލްކުވެރިކަން މުސްލިމުން ދޫކޮށްލައި އިސްރާއީލަށް ޤުދުސް ހިބަކޮށް ދެނީހެއްޔެވެ؟

__________________________________

ލަފުޒެއްގެ މާނަ:

އެކުވެނި  ނ.    ތަފާތު މަސައްކަތްތައް ހިންގާ ނުވަތަ ޚިދުމަތްދޭ ބައިތަކެއް ހުންނަ ބޮޑު ޢިމާރާތެއް ނުވަަތަ ގުޅިފައިވާ ޢިމާރާތްތަކެއް.

Advertisement

ކޮމެންޓް