ކުޑަކުއްޖެއްގެ ނަޒަރުން ސިޔާސީ ފަސާދަ (ތަރުޖަމާއެއް)
ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް
އެއްދުވަހަކު، ކުޑަކުއްޖަކު މަދަރުސާއިން އައިސް އޭނާގެ ބައްޕައާ ސުއާލުކުރިއެވެ.
ކުޑަ ކުއްޖާ: ބައްޕާއެވެ! މިއަދު ކިލާހުގައި އިވުނު އިބާރާތެކެވެ. 'ސިޔާސީ ފަސާދަ'އޭ ކިޔައިގެން ކުދީން ވާހަކަދައްކައި ހަދާ އަޑު މިއަދު އެހީމެވެ. ނަމަވެސް، އަޅުގަނޑަކަށް އެއީ ކޮބައިކަމެއް ހަމަ، އެއް ގޮތަކަށް ވެސް ވިސްނޭ ގޮތެއް ނުވިއެވެ. އަޅެ ބައްޕަ އަޅުގަނޑަށް ސިޔާސީ ފަސާދައަކީ ކޮބައިކަން ކިޔައި ދެއްވައިފާނުތޯއެވެ!
ބައްޕަ: ސިޔާސީ ފަސާދައަކީ ކޮބައިކަން ވިސްނޭ ވަރަށް ވުރެ ދަރިފުޅު އަދި ތަންކޮޅެއް ކުޑައެވެ. ނަމަވެސް، އެ މަފްހޫމު، މާނައަކީ އެ އިބާރާތުގެ މާނަ، ދަރިފުޅަށް ވިސްނި ފަހުމުވުމަށް ޓަކައި އެނގިގަންނާން ޖެހޭނޭ ކަންކަން އެބަ ހުއްޓެވެ. މިސާލަކަށް ދައުލަތް، ދައުލަތުގެ ޚަޒާނާ، ރައްޔިތުންގެ މަޖުލީހާއި ސަރުކާރު، ރައްޔިތުންނާއި، މަސައްކަތްކުރާ އާމިލުން އަދި މުސްތަގުބަލު، މި ފަދަ މަފްހޫމުތަކެވެ. ސިޔާސީ ފަސާދައަކީ ކޮބައިކަން އެނގޭނީ އެންމެ ފުރަތަމަ މި މަފްހޫމުތައް، މި އިބާރާތްތަކުގެ މާނަތައް، ރަނގަޅަށް ދަސްވެގެންނެވެ. ދަރިފުޅަށް މި ލަފުޒުތަކުގެ މާނަ އެނގޭ ހެއްޔެވެ؟
ދަރފުޅު: ނޫނެކެވެ. ނޭނގެއެވެ!
ބައްޕަ: އެހެންކަމަށް ވަނީ ނަމަ، އެންމެ ފުރަތަމަ މި ލަފުޒުތަކުގެ މާނަ ދަރިފުޅަށް ބައްޕަ ކިޔައިދޭނަމެވެ. ދަރިފުޅަށް ވިސްނިދާނޭ ގޮތެއްގެ މަތީންނެވެ. ބައްޕަމެންގެ ގެ ރަމްޒުކޮށްދެނީ ދައުލަތްކަމަށް ބަލާށެވެ! ދެން، ބައްޕައަކީ ގެއަށް ފައިސާ ހޯދާ މީހާ ނޫން ހެއްޔެވެ؟ އެހެންވެ، ބައްޕައަކީ ދައުލަތުގެ ޚަޒާނާކަމަށް ބަލާށެވެ! ދެން، ދަރިފުޅުގެ ކަންތައްތައް ބައްޕައާއި މަންމައާއި ގޭގެ ބޮޑެތި އެހެން މީހުން ވެސް ބަލަހައްޓައި އަޅައިލާން ޖެހޭ ނޫންހެއްޔެވެ؟ އެހެންވެ ދަރިފުޅު ރަމްޒުކޮށްދެނީ ރައްޔިތުންނެވެ. ދެން، ގޭގެ ކަންކަން ބަލަހައްޓައި ހިންގަނީ މަންމަ ނޫންހެއްުޔެވެ؟ އެހެންވެ، މަންމަ ރަމްޒުކޮށްދެނީ މަޖުލީހާއި ސަރުކާރެވެ. ދެން، ގޭގައި ޚިދުމަތްކޮށް ދޭން އުޅޭ ރީތިރީތި މަންދައްތަ ރަމްޒުކުރަނީ މަސައްކަތްތެރި އާމިލުން ކަމުގައި ދެކޭށެވެ! ދެން އޮތީ މުސްތަގުބަލެއް ނޫން ހެއްޔެވެ؟ ތުއްތުތުއްތު ކޮއްކޮއަކަށް އެއްވެސް ކަމެއް، އަމިއްލައަކަށް ނުކުރެވޭ ނޫންހެއްޔެވެ؟ ތުއްތު ކޮއްކޮ ރަނގަޅު ގޮތުގައި ބޮޑުކުރުމަށް ޓަކައި ގޭ އެންމެން ވެސް މަސައްކަތްކުރާން ޖެހޭ ނޫންހެއްޔެވެ؟ އެހެންވެ، ތުއްތު ކޮއްކޮ ރަމްޒުކޮށްދެނީ އަހަަރުމެން އެންމެންގެ މުސްތަގުބަލެވެ!
ދެން ދަރިފުޅު މި ކަންކަމާ މެދު، ރަނގަޅަށް ވިސްނައިލާށެވެ! މި ކަންކަން ވިސްނުނީމާ ސިޔާސީ ފަސާދައަކީ ކޮބައިކަން ވިސްނައިގަންނާން ފަސޭހަވާނެއެވެ.
ބައްޕަގެ ވާހަކަ އަޑުއަހައިފައި، ދަރިފުޅު ނިދާން ދިޔައެވެ. ނަމަވެސް، އެތައް އިރެއްވީ އިރު ވެސް ނިދޭ ގޮތެއް ނުވިއެވެ. ދެން، އެހެން އޮއްވައި ކުޑަ ކޮއްކޮ ރޯ އަޑު އިވެއްޖެއެވެ. އެއް ގޮތަކަށް ވެސް ކުޑަ ކޮއްކޮ ހުއްޓައިނުލީމާ، ހިތަށް އެރީ ވާނުވާ ބަލައިލާން ދާށެވެ. ދެން، ކުޑަ ކޮއްކޮ ކޮޓަރިއަށް ވަދެ ބަލައިލި އިރު، ކަމަކު ދާކަށް ނެތެވެ. ކުޑަ ކޮއްކޮއަށް އޮތީ ވަރަށް ބޮޑަށް ޕުއްޕުލެވި، ހަޑިވެފައެވެ. ދެން، އަވަހަށް މަންމަ ކޮބައިތޯ ބަލައިލާން ދިޔައިރު، މަންމަ އޮތީ ގަދައަށް ނިދައިފައެވެ. މަންމަ ކައިރީ ބައްޕަ ނެތުމުން، ބައްޕަ ހޯދާންވެގެން އެއް ކޮޓަރީން އަނެއް ކޮޓަރިއަށް ވަދެ، ބަލަމުން ދިޔައެވެ. އެހެން ގޮސް ރީތިރީތި ޚާދިމާ މަންދައްތަ ކޮޓަރިއާ އަރައި ހަމަވީ ތަނުން، އެ ކޮޓަރީ ތެރޭން ބައްޕައާއި މަންދައްތައް ވާހަކަދައްކާ އަޑާއި ހޭ އަޑު އިވުނެވެ. ދެން، ކޮންމެއަކަސް، ހަދާނެނުހަދާނެ ގޮތެއް ނޭނގިގެން، ދަރިފުޅު އެނބުރި އޭނާ ކޮޓަރިއަށް ގޮސް، އަނެއްކާ ވެސް ނިދަޭތޯ އޮށޯތެވެ.
އަނެއް ދުވަހު، ސައިބޯން އިނދެފައި ބައްޕަ ގާތު ދަރިފުޅު ނަންގަތެވެ.
ދަރިފުޅު: ބައްޕާއެވެ! މިހާރު އަޅުގަނޑަށް ސިޔާސީ ފަސާދައަކީ ކޮބައިކަން ވިސްނިއްޖެއެވެ.
ދެން ބައްޕަ ބުނުއްވިއެވެ: އެހެންހެއްޔެވެ؟ އެހެންވެއްޖިއްޔާ ސިޔާސީ ފަސާދައަކީ ކޮބައިކަން އަޅެ ބުނެދީބަލާށެވެ!
ދަރިފުޅު:
އެއީ، ރީތިތީރި މަސައްކަތު ކުދީންނާއެކު މުނިފޫހި ފިލުވުމަށް ޓަކައި، ދައުލުތުގެ ޚަޒާނާ
ހޭދަކުރެވެމުންދާ އިރު، މަޖުލީހާއި ސަރުކާރު ގަދަ ނިންޖަކުން ނިދައިފައި އޮތުމެވެ.
ދެން، ރައްޔިތު މީހާ އޭނާއަށް އަޅައިނުލެވި، ވާނުވާ ނޭނގި، ހަދާނެ އެއްވެސް ގޮތެއް
ނެތިފައި، ލޮލުފިޔަ ވެސް ޖަހައިނުލެވި އޮންނާން ޖެހުމެވެ! ދެން، މުސްތަގުބަލަށް
ވާނީ ކިހިނެއްތޯއެވެ؟ މުސްތަގުބަލު އޮންނާނީ ނަޖިހުގެ ތެރެއަށް ކަރުތާ ފެނަށް
ގެނބި، ނަޖިހާ ތަތްތެޅި އެއްކޮށް މޮޑެވިފައެވެ! ސިޔާސީ ފަސާދައަކީ މިއީ ނޫންތޯއެވެ!