ٱقْرَأْ بِٱسْمِ رَبِّكَ ތިބާގެ ވެރިރަސްކަލާނގެ އިސްމުފުޅުންކިޔަވާށެވެ! (2)
އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
(ކުރީގެ ޢަދަދާ ގުޅޭ)
މި ތާނގައި ކިޔުމުގެ މާނައަކީ މި ކައުނުގައި ﷲ ތަޢާލާ ލައްވައިފައިވާ ތަފާތު ކަންތައްތަކާމެދު ބަލައި ވިސްނުމެވެ.ﷲ ސުބްޙާނަހޫ ވަ ތަޢާލާ ކައުނުގައި އެކަލާނގެ އަޅުންގެ ޚިދްމަތުގައި ކިޔަމަންކުރައްވައިފައިވާ ކަންތައްތަކުން ފެންނަ އެކަލާނގެ ކުޅަދުންވަންތަކަމާއި މަތިވެރިކަން އެނގެނީ މި ކަންކަމާމެދު ބަލައި ވިސްނުމުންނެވެ. ކީރިތި ޤުރްއާނުގެ ވަރަށް ގިނަ އާޔަތްތަކެއްގައި އިންސާނާއަށް އޭނާގެ ވަށައިގެންވާ ކައުނަށް ބެލުމަށް ހިތްވަރުދެއްވާފައިވެއެވެ. މާތްﷲ ވަޙީކުރެއްވިއެވެ. ((أَفَلَمْ يَنظُرُوٓا۟ إِلَى ٱلسَّمَآءِ فَوْقَهُمْ كَيْفَ بَنَيْنَٰهَا وَزَيَّنَّٰهَا وَمَا لَهَا مِن فُرُوجٍ ﴿٦﴾ وَٱلْأَرْضَ مَدَدْنَٰهَا وَأَلْقَيْنَا فِيهَا رَوَٰسِىَ وَأَنۢبَتْنَا فِيهَا مِن كُلِّ زَوْجِۭ بَهِيجٍ ﴿٧﴾ تَبْصِرَةً وَذِكْرَىٰ لِكُلِّ عَبْدٍ مُّنِيبٍ [1]- ފަހެ، އެއުރެންނާ ދިމާ މަތީގައިވާ އުޑު، ތިމަންރަސްކަލާނގެ ހައްދަވައި، އެ އުޑު ޒީނަތްތެރި ކުރައްވާފައިވަނީ ކޮންފަދައަކުން ކަން އެއުރެން ނުބަލަނީ ހެއްޔެވެ؟ އަދި އެ އުޑު ފަޅަފަޅައިގެން ގޮސްފައެއްވެސް ނުވެއެވެ. އަދި ތިމަންރަސްކަލާނގެ ބިން ފަތުރުއްވައި، އެ ބިމުގައި ސާބިތުވެގެންވާ ފަރުބަދަތައް ލެއްވީމެވެ. އަދި އެ ބިމުގައި ހިތްއުފާކުރުވަނިވި ހުރިހާ ބާވަތެއްގެ ގަސް ފެޅުއްވީމެވެ. (އެއީ ތިމަންރަސްކަލާނގެއަށް) توبة ވާ ކޮންމެ އަޅަކަށް عبرة އެއް ކަމުގައްޔާއި، ހަނދާންކޮށްދިނުމެއް ކަމުގައެވެ.)) މި އާޔަތުގައި މާތް ﷲ މި ވަނީ ކައުނުގެ ކަންތައްތަކާމެދު ބަލައި ފިކްރުކުރަންވީ ސަބަބު އަންގަވައިފައެވެ.
އެހެން އާޔަތްތަކެއްގައި ވަޙީކުރެއްވިއެވެ. (( أَفَلَا يَنظُرُونَ إِلَى ٱلْإِبِلِ كَيْفَ خُلِقَتْ ﴿١٧﴾ وَإِلَى ٱلسَّمَآءِ كَيْفَ رُفِعَتْ ﴿١٨﴾ وَإِلَى ٱلْجِبَالِ كَيْفَ نُصِبَتْ ﴿١٩﴾ وَإِلَى ٱلْأَرْضِ كَيْفَ سُطِحَتْ [2]- ފަހެ، ޖަމަލު ހައްދަވާފައިވަނީ، ކޮންފަދައަކުން ކަމާމެދު އެއުރެން ޖަމަލަށް ނުބަލަނީހެއްޔެވެ. އަދި އުޑު އުފުއްލަވާފައިވަނީ، ކޮންފަދައަކުން ކަމާމެދު އެއުރެން އުޑަށް ނުބަލަނީހެއްޔެވެ؟ އަދި ފަރުބަދަތައް ކޮޅަށް ނަންގަވާފައިވަނީ، ކޮންފަދައަކުން ކަމާމެދު އެއުރެން ފަރުބަދަތަކަށް ނުބަލަނީހެއްޔެވެ؟ އަދި ބިން ފަތުރުއްވާފައިވަނީ، ކޮންފަދައަކުން ކަމާމެދު އެއުރެން ބިމަށް ނުބަލަނީހެއްޔެވެ؟))މި އާޔަތްތަކަށް ބަލަން މި އަންގަވަނީ އޭއްޗެއްސަށް ބަލައި މާތް ﷲ ގެ މި ނިޢުމަތްތަކުން އިންސާނުން ފައިދާ ލިބިގަތުމަށް ޓަކައެވެ. މި އެއްޗެހިތައް މި ގޮތަށް މަސައްކަތް ކުރަނީ މި އެއްޗެހީގެ އީޖާދުވެރި ފަރާތް ﷲ އޭއްޗެހި މި ގޮތަށް އުފެއްދެވީމައެވެ. އެހެން އާޔަތެއްގައި ވަޙީކުރެއްވިއެވެ. (( وَسَخَّرَ لَكُم مَّا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ جَمِيعًا مِّنْهُ ۚ إِنَّ فِى ذَٰلِكَ لَـَٔايَٰتٍ لِّقَوْمٍ يَتَفَكَّرُونَ - [3]އަދި އުޑުތަކާއި، ބިމުގައިވާހާ ތަކެއްޗެއް އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި خدمة ތެރިކޮށްދެއްވިއެވެ. އެހުރިހާ ތަކެއްޗެއްވަނީ، އެކަލާނގެ حضرة ންނެވެ. ހަމަކަށަވަރުން، އެކަމުގައި ފިކުރުކުރާ ބަޔަކަށް ހެކިތަކެއްވާކަން ކަށަވަރެވެ. )) މި ބަސްފުޅުގައި ( لَكُم -–ތިޔަބައިމީހުންނަށްޓަކައި) އޭ އޮތުމުން މާތް ﷲ މި އެއްޗެހި ޚިދްމަތްތެރިކުރެއްވީ އިންސާނާގެ މުހުތާދުތަކަށް އިޖާބަދެވޭގޮތަށް ކަން އެނގެއެވެ.އިބްނު ރުޝްދު ވިދާޅުވާ ގޮތުގައި މާތްﷲ ހުރިހާ އެއްޗެއް ވެސް ހައްދަވާފައި ވަނީ އިންސާނާއަށް ޚިދްމަތްކޮށްދިނުމަށެވެ. ރޭގަނޑާއިދުވާލު ، އިރާއިހަނދު، މޫސުންތަކާއި ބިން ހައްދަވާފައި ވަނީ އިންސާނާއަށް ޓަކައެވެ. ގަސްގަހާގެއްސާއި ތަރިތަކާއި ގުރަހަތަކާއި ފުރާނަނެތް އެއްޗެހި ވެސް ލައްވާފައި ވަނީ އިންސާނާއަށް ޓަކައެވެ. އަދި ކިއެއްހެއްޔެވެ؟ އިންސާނާ މި ސޫރައިގައި ހައްދަވާފައި މި ވަނީ ވެސް ހަމަ މި އިންސާނަށް ބޭނުންވާ ގޮތަށެވެ. މި ގޮތަށް އެއްޗެހިތައް ވުޖޫދުވުމަކީ އިއްތިފާޤީ ކަމެއްނޫނެވެ.އެއީ އެހެން އޮވެފައި ކުއްލިއަކަށް ވީ ކަމެއްނޫނެވެ.އެއީ މޮޅަށް ރާއްވަވާ މޮޅަށް ހިންގަވާ މަތިވެރި އިލާހެއްގެ ހިންގެވުމުގެ ދަށުން ހިނގަމުންދާ ކަންތައްތަކެކެވެ.[4]
މާނައިގައްޔާއި ބިނާގައި މި ދެ ބާވަތުގެ ކިޔުމުގައި ވާ އަހައްމިއްޔަތު ބޮޑުކަމުން ﷲ ތަޢާލާ ވަރަށް ގިނަ އާޔަތްތަކެއްގައި މި ދެ ބާވަތް ޖަމާކުރައްވާފައިވެއެވެ. މާތްﷲ ވަޙީކުރެއްވިއެވެ. ((تَنزِيلُ ٱلْكِتَٰبِ مِنَ ٱللَّهِ ٱلْعَزِيزِ ٱلْحَكِيمِ ﴿٢﴾ إِنَّ فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ لَـَٔايَٰتٍ لِّلْمُؤْمِنِينَ ﴿٣﴾ وَفِى خَلْقِكُمْ وَمَا يَبُثُّ مِن دَآبَّةٍ ءَايَٰتٌ لِّقَوْمٍ يُوقِنُونَ ﴿٤﴾ وَٱخْتِلَٰفِ ٱلَّيْلِ وَٱلنَّهَارِ وَمَآ أَنزَلَ ٱللَّهُ مِنَ ٱلسَّمَآءِ مِن رِّزْقٍ فَأَحْيَا بِهِ ٱلْأَرْضَ بَعْدَ مَوْتِهَا وَتَصْرِيفِ ٱلرِّيَٰحِ ءَايَٰتٌ لِّقَوْمٍ يَعْقِلُونَ ﴿٥﴾ تِلْكَ ءَايَٰتُ ٱللَّهِ نَتْلُوهَا عَلَيْكَ بِٱلْحَقِّ [5]- މިއީ عزيز ވަންތަ، حكيم ވަންތަ اللَّه ގެ حضرة ން ބާވައިލެއްވި ފޮތެވެ. (2) ހަމަކަށަވަރުން، مؤمن ންނަށް އުޑުތަކާއި، ބިމުގައި (اللَّه ގެ قدرة ތެރިކަމުގެ) ހެކިތަކެއްވާކަން ކަށަވަރެވެ. (3) އަދި ތިޔަބައިމީހުން ހެއްދެވުމުގައްޔާއި، އެކަލާނގެ ފަތުރުއްވާފައިވާ (އެންމެހާ) ދިރޭތަކެތީގައި يقين ކުރާ ބަޔަކަށް ހެކިތަކެއްވެއެވެ. (4) އަދި ރޭދުވާ ތަފާތުވުމުގައްޔާއި، ބިން މަރުވުމަށްފަހު، اللَّه، އުޑުން ވެއްސެވި رزق ން (އެބަހީ: ވާރޭފެނުން) އެ ބިން ދިރުއްވިކަމާއި، ވައިރޯޅި (އެކިފަރާތްފަރާތަށް) ހިންގެވުމުގައި، ވިސްނާބަޔަކަށް ހެކިތަކެއްވެއެވެ. (5) އެއީ اللَّه ގެ آية ތަކެވެ. حق (ތެދު) ގޮތުގައި ކަލޭގެފާނަށް ތިމަންރަސްކަލާނގެ آية ތައް ކިޔައިދެއްވަމެވެ.)) މާތްﷲ އެހެން ބަސްފުޅެއްގައި ވަޙީކުރެއްވިއެވެ. (( وَٱلطُّورِ ﴿١﴾ وَكِتَٰبٍ مَّسْطُورٍ ﴿٢﴾ فِى رَقٍّ مَّنشُورٍ ﴿٣﴾ وَٱلْبَيْتِ ٱلْمَعْمُورِ ﴿٤﴾ وَٱلسَّقْفِ ٱلْمَرْفُوعِ ﴿٥﴾ وَٱلْبَحْرِ ٱلْمَسْجُورِ ﴿٦﴾[6]-طور ފަރުބަދައާއި، (1) ފަތުރައިލެވިފައިވާ ހަމުގައި ލިޔެވިގެންވާ ފޮތާއި، (2–3) البيت المعمور އާއި (އެބަހީ: އުޑުގައި ملائكة ން އަޅުކަން ކުރައްވާ ތަނާއި) (4) އުފުލިގެންވާ އުޑާއި، (5) ފުރިގެންވާ ކަނޑާއި (މިހުރިހާ ތަކެތި) ގަންދެއްވައި وحى ކުރައްވަމެވެ. ))
މި ދެ ކިޔެވުމަކީ އިންސާނާއަށް މާތްﷲ ޙަވާލުކުރެއްވި ބިން އާރާސްތުކުރުމުގެ މަސައްކަތް އަދާކުރުމަށް އެހީވެދޭނެ ކަމެކެވެ. އެއީ ވަރަށް މަތިވެރި މުހިއްމަތެކެވެ. މި މުހިއްމަތުގައި ދެ ބައެއް ހިމެނެއެވެ.
1- ޢިބާދާތުގެ ނުވަތަ އަޅުކަމުގެ ބައި . މިކަން ބަޔާންކުރައްވާ ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. (( وَمَا خَلَقْتُ ٱلْجِنَّ وَٱلْإِنسَ إِلَّا لِيَعْبُدُونِ [7]- ތިމަންރަސްކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ، ތިމަންރަސްކަލާނގެ ޖިންނީންނާއި، އިންސީން ނަހައްދަވަމެވެ. )) ބައެއް ޢިލްމުވެރީން ވިދާޅުވާގޮތުގައި لِيَعْبُدُونِ ގެ މާނައަކީ لِيَعْرِفُونِ – ތިމަންރަސްކަލާނގެ ދެނެގަތުމަށެވެ.[8]މިއީ ޢިލްމީ ގޮތުން ބަލާއިރު ވަރަށް އޮށްޓަރު ހުރި ވާހަކައެކެވެ. އެހެނީ ﷲ ނޭނގޭ މީހަކަށް އެކަލާނގެއަށް ރަނގަޅަށް އަޅުކަމެއް ނުކުރެވޭނެތެވެ. އަޘަރުގައި އައިސްފައިވެއެވެ."ތިޔަބައިމީހުންނަށް ޙައްޤުގޮތުގައި ﷲ ދެނެގަނެވިއްޖެނަމަ ތިޔަބައިމީހުންގެ ދުޢާއިން ފަރުބަދަތައް ވެސް އުފުރިގެން ދާނެތެވެ.))
2- ބިނާކުރުމުގެ ނުވަތަ އާރާސްތުކުރުމުގެ ބައި : މި ބައި އައިސްފައިވަނީ ﷲ ތަޢާލާގެ ބަސްފުޅު (( هُوَ أَنشَأَكُم مِّنَ ٱلْأَرْضِ وَٱسْتَعْمَرَكُمْ فِيهَا[9] - އެކަލާނގެ ތިޔަބައިމީހުން ބިމުގެ ތެރެއިން އުފެއްދެވިއެވެ. އަދި އެ ބިމުގައި عمارة ކޮށް، އެ ބިމުގެ ފައިދާ ލިބިގަންނަ ބަޔަކު ކަމުގައި ތިޔަބައިމީހުން ލެއްވިއެވެ. )) މި ދެ ބަޔަށް ޢަމަލުކުރަން ޖެހޭނީ އެކުއެކުގައެވެ. ފަހެ ﷲ އިންސާނާ ހެއްދެވީ އެކަލާނގެ މަތިވެރިކޮށް އެކަލާނގެއަށް ތަސްބީޙަ ތަޙްމީދު ދަންނަވާކަށް އެކަންޏެއް ނޫނެވެ.އާދަމުގެފާނު ހައްދަވަން މާތް ﷲ އިރާދަކުރެއްވި ޚަބަރު އެކަލާނގެ މަލާއިކަތުންނަށް އެންގެވުމުން އެބޭކަލުން ދެންނެވިއެވެ. (( قَالُوٓا۟ أَتَجْعَلُ فِيهَا مَن يُفْسِدُ فِيهَا وَيَسْفِكُ ٱلدِّمَآءَ وَنَحْنُ نُسَبِّحُ بِحَمْدِكَ وَنُقَدِّسُ لَكَ[10]- އެބޭކަލުން ދެންނެވޫއެވެ. އަޅަމެން އިބަރަސްކަލާނގެއަށް حمد އާއެކު تسبيح ކިޔައި، އިބަރަސްކަލާނގެއަށް تقديس ކޮށްކޮށް ތިއްބައި، އެ ބިމުގައި ފަސާދަ އުފައްދައި ލޭއޮހޮރުވާނޭ ބަޔަކު އިބަރަސްކަލާނގެ އެ ބިމުގައި ލައްވަނީތޯއެވެ؟)) އެހިނދު މާތް ﷲ މަލާއިކަތުންނަށް ރައްދުދެއްވައި ވަޙީކުރެއްވިއެވެ. ( إِنِّىٓ أَعْلَمُ مَا لَا تَعْلَمُونَ [11]-ހަމަކަށަވަރުން، ތިޔަބައިމީހުންނަށް އެނގިގެންނުވާ ކަންތައްތައް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ. ))މަލާއިކަތް ބޭކަލުން ދެކެވަޑައިގެންނެވިގޮތުގައި މާތްﷲއަށް ޙަމްދުކޮށް ތަސްބީޙަ ދެންނެވުމުން ފުދިގެންވެއެވެ. ނުވަތަ ޚަލްޤުކުރެއްވުމުގެ މަޤްޞަދަކީ މިއެވެ. މާތް ﷲ މަލާއިކަތުންނަށް ދެއްވި ރައްދުން މި މަޤްޞަދުގެ އިތުރުން އެހެން މަޤްޞަދެއް ވާ ކަން ހާމަވެގެން ދިޔައެވެ.
ލިޔެވިފައިވާ ފޮތާއި ފެންނަން އޮތް ފޮތުން ކިޔަން ބަލާއިރު މި ދެ ފޮތް ކިޔުމަށް ޓަކައި އިންސާނާއަށް ދެ ރާސްތާއެއްގައި ދަތުރުކުރާން އެބަ ޖެހެއެވެ.
ފުރަތަމަ ރާސްތާއަކީ ((ٱقْرَأْ بِٱسْمِ رَبِّكَ ٱلَّذِى خَلَقَ [12]- ކަލޭގެފާނުގެ ވެރިރަސްކަލާނގެ اسم ފުޅުން ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އެކަލާނގެއީ) ހުރިހާ ތަކެއްޗެއް (ހެއްދެވި ރަސްކަލާނގެއެވެ. )) އެއީ އިލާހީ ރުއްސެވުން ހޯދުމަށް މަސައްކަތްކުރުމަށް ޓަކައި ދަތުރުކުރާން ޖެހޭ ރާސްތާއެވެ.މާނައަކީ އިންސާނާގެ ބަހާއި ޢަމަލުން މަސައްކަތްކުރަން ވާނީ ﷲގެ ރުއްސެވުން ލިބޭތޯއެވެ. މި ރާސްތާއިން އިންސާނާ ކަސިޔާރުވެ މީހުންގެ ރުހުން ހޯދުމަށް އިސްކަންދީފިނަމަ އޭނާއަށް އެއިން އެއްވެސް ފަރާތެއްގެ ރުހުމެއް ނުލިބޭނެތެވެ. ލޮބުވެތި ރަސޫލާ r ޙަދީސްކުރެއްވިއެވެ.((مَن التمَس رضا اللهِ بسخَطِ النّاسِ رضِي اللهُ عنه وأرضى النّاسَ عنه ومَن التمَس رضا النّاسِ بسخَطِ اللهِ سخِط اللهُ عليه وأسخَط عليه النّاسَ [13]- މީސްތަކުންގެ ނުރުހުމުން ﷲގެ ރުހުން ހޯދުމަށް މަސައްކަތްކުރާ މީހާދެކެ ﷲ ރުހިވޮޑިގަންނަވާނެތެވެ. އަދި އޭނާއަށް މީސްތަކުންގެ ރުހުން ދެއްވާނެތެވެ.އަދި ﷲގެ ރުހިވޮޑިނުގަތުމުން މީސްތަކުންގެ ރުހުން ހޯދަންއުޅޭ މީހާއަށް ﷲ ރުހިވޮޑިނުގަންނަވާނެތެވެ. އަދި މީސްތަކުންގެ ނުރުހުން އޭނާއަށް ދެއްވާނެތެވެ.))
ދެވަނަ ރާސްތާ ފެންނަނީ ﷲގެ ބަސްފުޅު (( ٱقْرَأْ وَرَبُّكَ ٱلْأَكْرَمُ[14] - ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، އެންމެ ދީލަތިވަންތަ ރަސްކަލާނގެއެވެ. )) މި ބަސްފުޅުންނެވެ. މިއީ އިންސާނީ ކަރާމަތުގެ ރާސްތާއެވެ. އެއީ ލިޔެވިފައިވާ ފޮތުން ބަރަކާތާއި ހެވާއި ލާބަ ހޯދުމާއި ، ފެންނަން އޮތް ފޮތުގެ ކަންޒުން ފައިދާ ޙާޞިލުކުރުމެވެ. މި ފައިދާއާއި ލާބައަކީ މުޅި އިންސާނިއްޔަތަށް އޮތް ކަމެކެވެ. އެއީ ވަކި ރަށަކަށް ވަކި ނަސްލަކަށް ވަކި ގިންތިއަކަށް އޮތް ކަމެއްނޫނެވެ.
އިންސާނާ މި ދެ ފޮތް ކިޔައިގެން ފައިދާ ޙާޞިލްނުކުރާނަމަ އޭނާ އެވަނީ މާތް ﷲ އޭނާއާ ޙަވާލުކުރެއްވި ޚަލީފާކަމަށް ފުރަގަސްދީފައެވެ.
_______________________________
[1] - ق : 6-8
[2] - الغاشية : 17-20
[4] - مناهج الأدلة في عقائد الملة ، ابن رشد ص 150- 151
[5] - الجاثية : 2-6
[6] - الطور : ض-1-5
[7] - الذاريات : 56
[8] - الجامع لأحكام القرآن ، تفسير القرطبى ج 17 ص 55
[9] - هود : 61
[10] - البقرة : 30
[11] - البقرة : 30
[12] - العلق :1
[13] - أخرجه الترمذي (٢٤١٤) وعبد بن حميد في ((المسند)) (١٥٢٢)، وابن حبان (٢٧٧)
[14] - العلق : 3