ކޮލަމް ހަމަ (11): އެންމެ މާތް ދަރަޖައިން ވާހަކަދައްކާ އިރު، ކަމުގެ ފަހަތަށް "ލެއްވުން" އިތުރެއް ނުކުރެވޭނެއެވެ.
ޢަޒީޒު ޖަމާލު
ތެދުފުޅެކެވެ. ރަސްމީ ގޮތުން އަޅުގަނޑާ ބެހޭ ކަމެއް ނޫނެވެ. ބަހާ ބެހޭ ވިދާރާއަކާއި ވުޒާރާއެއް އެބަ ހުއްޓެވެ. އެހެންވީ އިރު، އަޅުގަނޑާ ކޮން ބެހޭ ކަމެއްހެއްޔެވެ؟ މިއީ ތިޔައިގެ ތެރެއިން ބައެއް ބޭފުޅުން ހިތްޕުޅަށް އަރައިދާނެ ޚިޔާލެކެވެ. އެ މުއައްސަސާތަކުން ރަސްމީ މަންސަތަކުގައި މަސައްކަތްޕުޅުކުރައްވާނެއެވެ. އެއީ އެހެން މައިދާނެކެވެ. ނަމަވެސް ފަރުދީ ހައިސިއްޔަތުން، ދިވެއްސެއްގެ ހައިސިއްޔަތުން އަޅުގަނޑުގެ ވެސް ޒިންމާއެއް އޮތް ކަމެއްކަމަށް ގަބޫލުކުރެވޭތީ އެއްޗެއް ދަންނަވައިލާން ކަމަށެވެ. އެ މުއައްސަސާތަކުގެ މަސައްކަތްޕުޅުތަކަށް އެހީތެރިވުމުގެ ގޮތުންނެވެ. އުނދުޅިއަށް ވުރެ ދަނޑި ދިގުވަނީކަމަށް ހީފުޅުވާ ނަމަ، އިސްވެ މާފަށް އެދެމެވެ.
މިހާރަކަށް އައިސް "އަދަބުވެރިކޮށް ވާހަކަދެއްކުމުގެ" ނަމުގައި ވަރަށް ކުޑައިމީސްކޮށް އެކި ބޭފުޅުންނާ މުޢާމަލާތުކުރެވޭ އަޑު އިވި، އަދި މި ގޮތަށް ލިޔެފައި ހުއްޓައި ފެންނަލެއް ގިނަކަމުން، ހަމަ ހިތަށް އުނދަގޫވެގެން ހިމޭނުން ނުހުރެވުނީއެވެ. ދިވެހިބަހާއި ދިވެހި ޤައުމިއްޔަތަށް ކުރާ ޤަދަރެއްގެ ބޮޑުކަމުންނެވެ.
ވާހަކަދެއްކުމުގެ އަދަބުތަކުގެ ތެރޭގައި މިހާރު ދިވެހިބަހުގައި ބޭނުންކޮށް އުޅޭ ތިން ދަރަޖަ މަސްހުނިކޮށްގެން ވާހަކަދެއްކުން އާންމުވާކަމަށް އެބަ ފާހަގަކުރެވެއެވެ. ދައުލަތުގެ މަތީ މަގާމުތަކުގައި ތިއްބާވާ އެކި ބޭބޭފުޅުން މި ގޮތަށް ވާހަކަފުޅުދައްކަވައި ލިޔުއްވައި ހައްދަވާތީ ވަރަށް ބޮޑަށް ހިތަށް އުނދަގޫވެއެވެ. އެ ކަކާ މުޚާޠަބުކޮށް ވާހަކަދައްކާ އިރު، އެއް ވަގުތެއްގައި ތަފާތު ދަރަޖަތައް މަސްހުނިކޮށްގެން އެ ކަކާ ވާހަކަދެއްކުމަކީ ހަގީގަތުގައި އެ ވާހަކަ ރައްދުވާ ފަރާތަށް ކުރެވޭ މަލާމާތެއްކަމަށް އަޅުގަނޑަށް އިޙުސާސްކުރެވެނީއެވެ.
ވާހަކަދައްކާންވީ ދަރަޖަ ކަނޑައެޅުމަކީ ހަގީގަތުގައި އަދަބީ ކަމެއް ނޫނެވެ. އެއީ އިޖުތިމާޢީ ކަމެކެވެ. ބަސް ކޮށްދޭ ކަމަކީ، އެ ގޮތަށް ވާހަކަދެއްކުމުގައި ގެންގުޅޭނެ މިންގަނޑުތަކާއި އުޞޫލުތައް ބުނެދިނުމެވެ. އެ މީހަކު އިޙުތިރާމްކުރާނެ މީހެއް ކަނޑައަޅާނީ އެ މީހެކެވެ. އެއީ އިޖުތިމާޢީ ގޮތުންނެވެ. އާދޭހެވެ! އެއީ އިޖުތިމާ ސުލޫކާ ގުޅޭ ކަމެކެވެ.
ނަމަވެސް އަދަބުވެރިކޮށް ވާހަކަދެއްކުމުގައި އެ މީހަކު ދަރަޖަކުރާ މިންގަނޑެއްގައި އެ މީހަކު ހިފެހެއްޓުން ވަރަށް މުހިންމެވެ. އަދަބުވެރިކޮށް (ދިވެހިބަހުގައި މި ގޮތަށް ވާހަކަދެއްކުމަށް ޓަކައި ތިން ދަރަޖައެއްކަނޑައެޅިފައިވެއެވެ.) ވާހަކަދައްކާ ނަމަ، ހިފަހައްޓާން ޖެހޭ، ވަރަށް އަސާސީ މިންގަނޑުތަކެއް ހުރެއެވެ. އެއީ، ވާހަކަދައްކާ މީހާ އޭނާގެ އަމިއްލަ ނަފުސަށް ނިސްބަސްކޮށް އެންމެ އާދައިގެ ދަރަޖައިން ވާހަކަދެއްކުމާއި ތިމާ މުޚާޠަބުކުރާ މީހަކާ މުޚާޠަބުކުރާ ދަރަޖަ މަސްހުނިނުކުރުމާއި، ތަރަޖަ ތަކުރާރުނުކުރުމެވެ. މިއީ ވަރަށް އަސާސީ ތިން އުސޫލެވެ. މި އުސޫލުތަކުގެ ތަފުސީލަށް ދާކަށް ނެތީމެވެ. އަސްލު މައުޟޫޢަށް އަވަހަށް ވަންނާން ބޭނުންވާތީއެވެ.
މިހާރަކަށް އައިސް އެންމެ މާތްދަރަޖައިން ވާހަކަދައްކާ އިރު، ދެބައިކުޅަ އެއްބައި މާތްދަރަޖައަށް ބަދަލުކޮށްގެން ވާހަކަދައްކާ އަޑު އިވޭލެއް ގިނަކަމުން، ޚާއްޞަކޮށް އަޅުގަނޑު މަސައްކަތްކުރާ މަސައްކަތުގެ މާޙައުލުގައި މި ކަން ވަރަށް ބޮޑަށް ޢާންމުވަމުން ދާތީ މި ކަމަށް އެއްޗެއް ދަންވައިލާން ބޭނުންވީއެވެ. އިސްލާހަށް އެދިގެންނެވެ.
އެންމެ މާތްދަތަޖައިން ވާހަކަދައްކަމުން ވަރަށްގިނައިން މާތްކުރުމަށް ޓަކައި "ލެއްވުން" އެބަ ބޭނުންކުރެވެއެވެ. މިއީ ބަހުގެ ގޮތުން ވަރަށް ބޮޑު ކުށެކެވެ. މާތްކޮށް ވާހަކަދައްކާ އިރު، އެ ދަރަޖައިގައި ވަކި ލަފުޒެއް ނުހުންނަ ލަފުޒުތައް މާތްކުރުމަށް ޓަކައި ކަމުގެ ފަހަތަށް "ލެއްވުން" އިތުރުކުރެވެއެވެ. މިސާލަކަށް: ފެނުން = ފެނިލެއްވުން، އެދުން = އެދިލެއްވުން، ބޭނުންވުން = ބޭނުންވެލެއްވުން، ރުހުން = ރުހިލެއްވުން، އެނގުން = އެނގިލެއްވުން، މި ގޮތްގޮތަށެވެ. މިއީ އެންމެ މާތްދަރަޖައން ވާހަކަދައްކާ އިރު، ބޭނުންކުރެވޭނެ ލަފުޒުތަކެއް ނޫނެވެ. މި ހުރިހައި ތަނެއްގައި ވެސް އެންމެ މާތްދަރަޖައިން ވާހަކަދައްކާ ނަމަ، "ލެއްވުން" މި އެކައިގެ ބަދަލުގައި އިތުރުކުރާން ޖެހޭނީ "ވަޑައިގަތުން" މި ލަފުޒެވެ. މި ސާލަކަށް: ފެނުން = ފެނިވަޑައިގަތުން، އެދުން = އެދިވަޑައިގަތުން، ބޭނުންވުން = ބޭނުންވެވަޑައިގަތުން، ރުހުން = ރުހިވަޑައިގަތުން، އެނގުން = އެނގިވަޑައިގަތުން، މި ގޮތްގޮތަށެވެ. ކަމެއްގެ ނުވަތަ މަސްދަރެއްގެ ފަހަތަށް "ލެއްވުން" އިތުރުކުރަނީ މާތްކޮށް ވާހަކަދައްކާ އިރުގައެވެ. އެންމެ މާތް ދަރަޖައިން ވާހަކަދައްކާ އިރުގައެއް ނޫނެވެ. އެހެންވީ އިރު، ތިޔަ ހުރިހައި "ބޭފުޅުން އެދިލައްވާ ފަދައިން"، "އެ މަނިކުފާނު ބޭނުންވެލައްވަނީ" ތިޔަ ބޭފުޅުންނަށް ވެސް ފެނިލައްވާނެ" މި ގޮތްގޮތަށް ދެ ދަރަޖަ މަސްހުނިކޮށްގެން ވާހަކަދެއްކުމަކީ ބޭއަދަބީ ކަމެކެވެ. ގަވާއިދުގައި މަނާ ކަމެކެވެ. އެންމެ މާތް ދަރަޖައިން އިޝާރާތްކޮށް ވާހަކަދައްކާ ބޭފުޅަކަށް ނިސްބަތްކޮށް ބައިވެރިވެލެއްވިއެކޭ ނުބުނެވޭނެއެވެ. އެންމެ މާތް ދަރަޖައިން ވާހަކަދައްކާ ނަމަ، މި ހުރިހައި "ލެއްވުން"ތަކެއްގެ ބަދަލުގައި ބޭނުންކުރާން ޖެހޭނީ "ވަޑައިގަތުން"އެވެ. މިސާލަކަށް: ތިޔަ ހުރިހައި "ބޭފުޅުން އެދިވަޑައިގަންނަވާ ފަދައިން"، "އެ މަނިކުފާނު ބޭނުންފުޅުވަނީ"، "ތިޔަ ބޭފުޅުންނަށް ވެސް ފެނިވަޑައިގަންނަވާނެ". މި ގޮތްގޮތަށެވެ. މިހާރު ހިތްޕުޅުގައި ތިޔަ އުފެދޭ ސުވާލުގެ ޖަވާބުގެ ކުޑަ ތަފުސީލެއް ފަހަތުން އަދި އެބަ އާދެއެވެ.
އިޖުތިމާޢި ގޮތުން ބަލާ އިރު، ވަޒީރުންނާއި އެ ފެންވަރުގެ ބޭފުޅުންނަކީ އެންމެ މާތްދަރަޖައިން މުޚާޠަބުކުރާން އެންމެ އެކަށީގެންވާ ބޭބޭފުޅުންނެވެ. ވީމާ، މި ފަދަ ބޭބޭފުޅުންނަށް އިޝާރާތްކޮށް ނުވަތަ އެ ފަދަ ބޭބޭފުޅުންނާ މުޚާޠަބުކޮށް ވާހަކަދައްކާ އިރު، "ލެއްވުން" ބޭނުންފުޅު ނުކުރައްވައި "ވަޑައިގަތުން" ބޭނުންފުޅުކުރަމާތޯއެވެ! މާތްކުރުމުގެ ގޮތުން ކަމެއްގެ ފަހަތަށް "ލެއްވުން" އިތުރުކުރަނީ ހަމައެކަނި މާތް ދަރަޖައިން ވާހަކަދައްކާ ނަމައެވެ. އެންމެ މާތްދަރަޖައިން ވާހަކަދައްކާ އިރު، އެ ފަދަ ތަންތާނގައި "ލެއްވުން" ބޭނުމެއް ނުކުރެވޭނެއެވެ. ވީމާ، "ވަޒީރު އެދިލައްވަނީ"ގެ ބަދަލުގައި "ވަޒީރު އެދިވަޑައިގަންނަވަނީ"އްޔޭ ކިޔަމާ ހިންގަވާށެވެ!
މައުޟޫޢުން ބޭރު ވިޔަސް (މުޅީން މައުޟޫޢުން ބޭރެއް ވެސް ނުވެއެވެ.) އަދި އެއް ވާހަކައެއް ދަންނަވައިލާނަމެވެ. އިސްވެ އިޝާރާތްކުރި ފަދައިން ތަރަޖަ ތަކުރާރުރުމަކީ ވެސް ބަހުގެ އުޞޫލާ ޚިލާފު ކަމެކެވެ. މިސާލަކަށް: "މަރުވުން" މި ލަފުޒުގެ އެންމެ މާތް ގޮތަކީ "އަވަހާރަވުން"އެވެ. "ބޭނުންވުން" މި ލަފުޒުގެ އެންމެ މާތް ގޮތަކީ (މާތްކުރުމުގެ "ފުޅު" އިތުރުކޮށްގެން) "ބޭނުންފުޅުވުން"އެވެ. ވީމާ މި ފަދަ ލަފުޒު މާތްކުރުމަށް ޓަކައި ދަރަޖަ ތަކުރާރުކުރާކަށް ނުޖެހޭނެއެވެ. އެއީ ވެސް ބަހުގެ ގޮތުން ކުށެކެވެ. މިސާލަކަށް: "މަރުވުން" މި ލަފުޒުގެ މާތް ގޮތަކީ" ނިޔާވެއްޖެ"އެވެ. އެންމެ މާތްގޮތަކީ "އަވަހާރަވެއްޖެ"އެވެ. "އައުން" މި ލަފުޒުގެ މާތް ގޮތަކީ"ދުރުވުން"އެވެ. އެންމެ މާތް ގޮތަކީ "ވަޑައިގަތުން"އެވެ. އެހެންވީމާ، "ނިޔާވެލައްވައިފި"އޭ، |ދުރުވެލައްވައިފި"އޭ ކިޔައިގެން ދަރަޖަ ތަކުރާރުކުރުމަކީ ބަހުގެ ކުށެކެވެ. ނިޔާވެއްޖެ، ދުރުވެއްޖެ، މިހެން ބުނީމާ އެ އޮތީ މާތް ދަރަޖައިން ބުނެވިފައެވެ. އަވަހާރަވެއްޖެއޭ، ވަޑައިގެންފިއޭ، ބުނީމާ އެ އޮތީ އެންމެ މާތް ދަރަޖައިން ބުނެވިފައެވެ. ދަރަޖަ ތަކުރާރުކޮށްގެން "އަވަހާރަވެވަޑައިގެންފި"އޭ، "ވަޑައިގަންނަވައިފި"އޭ ކިޔައިގެން ދަރަޖަ ތަކުރާރުކުރުމަކީ ބަހުގެ ކުށެކެވެ. މި ކަންކަމާ މެދު ވިސްނައި އަޅުގަނޑުމެން އަމިއްލައަށް މި ކަންކަން ރަނގަޅުކުރުމުގެ ޢަޒުމެއް ކަނޑައަޅައިފި ނަމަ، އަޅުގަނޑުމެންނަށް މި ކުށްތައް އިސްލާޙުކޮށްލުމަކީ އުނދަގޫކަމަށް ނުވާނެއެވެ. އެ ކަމަށް ބޭނުންވާ ނަމައެވެ.
ކޮންމެއަކަސް އެންމެ މާތްދަރަޖައިން ވާހަކަދައްކާ އިރު، ލަފުޒު މާތްކުރުމަށް ޓަކައި ކަމުގެ ނުވަތަ މަސްދަރުގެ ފަހަތަށް "ލެއްވުން" ބޭނުންކުރުމަކީ ބަހުގެ ގޮތުން ވަރަށް ބޮޑު ކުށެކެވެ. އިޖުތިމާޢީ ގޮތުން ބަލާ އިރު ވެސް އެ ކަކާ އެއް ވަގުތެއްގައި ތަފާތު ދަރަޖައިން މުޚާޠަބުކުރުމަކީ ބޭއަދަބީ ކަމެއްކަން ކަށަވަރެވެ. ވީމާ، އެންމެ މާތް ދަރަޖައިން ވާހަކަދައްކާ އިރު، މި ބޭނުންކުރާ "ލެއްވުން"ތަކުގެ ބަދަލުގައި "ވަޑައިގަތުން" ބޭނުންކުރާން ޢަޒުމު ކަނޑައަޅަމާތޯއެވެ! އެދިލެއްވުމެއް ނޫނެވެ. އެދިވަޑައިގަތުމެވެ. ބައިވެލެއްވުމެއް ނޫނެވެ. ބައިވެރިވެވަޑައިގަތުމެވެ.
މާ ބޮޑަށް ތަފުސީލުކުރާން އުޅެފި ނަމަ، އިތުރަށް އޮޅުން އަރައިދާނެތީ މިހައިވަރުން މި ވަގުތަށް ފުއްދައިލާނަމެވެ.
__________________________________________