Advertisement

ލުބުނާނުގައި އިސްރާއީލުން ހިންގި ނަސްލުހޭދު ހުއްޓައިލީ ކީއްވެ؟

28 Nov 2024 | 00:01
އެންމެ ފަހު ވަގުތު އިސްރާއީލުން ލުބުނާނަށް ދިން ޢުދުވާނީ ޙަމަލާ

އަބާ މުޙަންމަދު

ލުބުނާނުގައި އިސްރާއީލުން ހިންގަމުން ގެންދިޔަ ނަސްލުހޭދާއި ލާއިންސާނީ ޖަރީމާތައް ހުއްޓައިލުމާ ގުޅޭ އެއްބަސްވުން އިޢުލާނުކުރާން އެމެރިކާއާއި ފަރަންސޭސިވިލާތުން ތައްޔާރުވަމުންދާކަން އެކި މަޞްދަރުތަކުން ހާމަކުރަމުން ދިޔަ އިރު، އިސްރާއީލުން ގެންދިޔައީ އެމެރިކާއިން ދީފައިވާ އެންމެ ޒަމާނީ ހަތިޔާރު ބޭނުންކޮށްގެން ސިދާ މަދަނީ ސަރަހައްދުތަކަށް ބޮމާއި މިސައިލުން ޙަމަލާދެމުންވެ. އެ ބުނާ ސުލްޙައެއް އިޢުލާނުކުރާން ކައިރިވެފައިވަނިކޮށް އިސްރާއީލުން ދިން ޢުދުވާނުގައި މުޅި ބައިރޫތު ގުޑައިގެން ދިޔަފަދައެވެ. އެހާ ބާރުހަދަ ޙަމާތަކެއް އެންމެ ފަހު ވަގުތުގައި ވެސް ދިނެވެ. މި ކަމުން އަންގައިދިނީ އެ މީހުންގެ އެއްވެސް އިޚުލާޞްތެރިކަމެއް ނެތްކަމެވެ.

ކޮންމެއަކަސް ލުބުނާންގައި އިސްރާއީލުން ހިންގަމުން ގެންދިޔަ ނަސްލުހޭދުގެ ޢުދުވާނުތައް އިއްޔެ ހުއްޓައިލިކަން އިޢުލާނުކޮށް ޙަމަލާދިނުން ވަނީ މެދުކަނޑައިލައިފައެވެ. އަދި މި ކަން ދަމަހައްޓާނެކަން އެކެރިކާއިން ވަނީ ބުނެފައެވެ. ލުބުނާނަށް ޙަމަލާދިނުން ހުއްޓައިލާން ޔަހޫދީން އެއްބަސްވެފައިވާކަން އިޢުލާނުކުރީ އެމެރިކާގެ ރައީސް ޖޯ ބައިޑަނެވެ. ލުބުނާނގައި އިސްރާއީލުން ހިންގި ޢުދުވާން ހުއްޓައިލާން އެއްބަސްވުމެއް ހުށަހަޅައި، އެ ކަމަށް ދެ ފަރާތުގެ ތާއީދު ހޯދާން މަސައްކަތްކޮށްފައި ވަނީ އިސްރާއީލުގެ  އެހީތެރީންކަމަށްވާ އެމެރިކާއާއި ފަރަންސޭސިވިލާތް ގުޅިގެންނެވެ.

ލުބުނާނުގެ އެތައް ހާސް ބަޔަކު ޝަހީދުކޮށް ބިނާރުތައް ތަޅައި ސުންނާފަތިކުރުމަށް ފަހު، އަދި ޣައްޒާގައި ހިންގަމުން ގެންދާ ޢުދުވާނު ހުއްޓައިއިނުލައި ލުބުނާނަށް ދެމުން ގެންދިޔަ ޙަމަލާތައް ހުއްޓައިލާން އެމެރިކާއާއި ފަރަންސޭސީން މި ވަރަކުން މި އުޅެގަތީ ކީއްވެގެންތޯއެވެ؟ ސަބަބުތައް ވަރަށް ގިނައެވެ.

މުޙައްލިލުން ލަފާކުރާ ގޮތުގައި ލުބުނާނުގެ ބިނާރުތައް ތަޅައި ސުންނާފަތި ކުރިޔަސް އިސްރާއީލަށް ލިބެމުން ދިޔަ ގެއްލުންތަކެއް ވަކި ކުޑައެއް ނޫނެވެ. ލުބުނާނާ ކައިރި ހުރިހާ ސިޓީއަކުން ވަނީ މީހުން ހުސްކޮށް ވަގުތީ ހިޔާތަކަށް މީހުން ބަދަލުކޮށްފައެވެ. ވިޔަފާރިތައް ހުއްޓި އިގުތިސާދަށް ވަނީ ލޮޅުންތަކެއް އަރައިފައެވެ. އަނެއްކޮޅުން ސަރުކާރާ ދެކޮޅަށް އިސްރާއީލުގެ ވެރިރަށުގައި ވެސް މުޒާހަރާތައް ހިންގަމުން ގެންދާތާ އެއްތައް ދުވަހެކެވެ. އިސްރާއީލަކީ އެ މީހުންނަށް ލިބޭ ގެއްލުންތައް ހާމަކުރާ ބަޔެއް ނޫނެވެ. އަދި ބައިންލައަގުވާމީ ނޫސްވެރީން ވަނީ އިސްރާއީލުން ފޮނުވައިލައިފައެވެ. ނުވަތަ ޖަލަށްލައި ނުވަތަ މަރައި ހުސްކޮށްފައެވެ. އެހެންކަމުން އިސްރާއީލުގެ ތެރެއިން ޚަބަރެއް ލިބެނީ ވަރަށް ދަތި ގޮތަކަށެވެ. ވީމާ، އިސްރާއީލުގެ ނާކާމިޔާބު ބޭޒާރުވުމުގެ ކުރީން އެމެރިކާ މެދުވެރިކޮށް އެ މީހުން ސުލްޙައަށް ޓަކައި "ހަނގުރާމަ" ހުއްޓީކަމަށް ހެދޭންވެގެން އިސްރާއީލު ބުނެގެން އެމެރިކާއިން އެ ކަމާ އިސްނެގީއެވެ. އެންމެ ބޮޑު ސަބަބަކީ މިއީއެވެ.

އަނެއްކޮޅުން، އެމެރިކާ ކިތަންމެ "ފުއްޕައިފައި" އުޅުނަސް އެމެރިކާއަށް ވެސް ވަނީ އިގުތިސާދީ ދަތިތަކާ ކުރިމަތިވެފައެވެ. އިސްރާއީލަށާއި ޔުކުރޭނަށް ސުމާރެއް ނެތި ތަކެއްޗާއި މާލީ އެހީ ދިނުމުގެ ސަބަބުން އިގުތިސާދީ ގޮތުން ލިބޭ ގެއްލުންތަކުގެ އިތުރަށް ސިޔާސީ ގޮތުންނާއި ޚާރިޖީ ގޮތުން ވެސް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ އެމެރިކާއަށް ކުރިމަތިލާން ޖެހިފައެވެ. އަދި މޫސުމީ މުޞީބާތްތަކުގެ ސަބަބުން ވެސް ގިނަގުނަ ގެއްލުންތަކެއް އެމެރިކާއަށް ވަނީ ކުރިމަތިވެފައެވެ.

ލުބުނާނުގެ ބޮޑުވަޒީރު ނަޖީބު މީޤާތީ (ކ)، މެދުއިރުމައްޗަށް އެމެރިކާއިން އައްޔަނުކޮށްފައިވާ ޚާއްޞަ މަންދޫބު އާމޯސް ހޮސްޓެއިން (މ)، ފަރަންސޭސި ރައީސް އެމަނުއެލް މެކްރޯން (ވ) (ފޮޓޯ: މުޙަންމަދު އަޒާކިރު/ ރޮއިޓަރސް)

މި ހުރިހައިކަމަކާ އެކު ވެސް ޙިޒުބުﷲ ހުއްޓުވުމަކީ އެ މީހުންގެ އެންމެ ބޮޑު އެއް އަމާޒެވެ. ލުބުނާނުގެ ސަރުކާރަށް ފިއްތުންތައް ކުރިމަތިކޮށްގެން ޙިޒުބުﷲ އަލުން ރުކުރުވައިނުލެވޭ ގޮތް ހެދުމެވެ. އެހެންނަމަވެސް އެއީ އިސްރާއީލަށް ކުރެވޭނެ ކަމެއްކަމަކަށް ގަބޫލެއް ނުކުރެވެއެވެ. އިސްރާއީލަށް އެމެރިކާއިން އެހީވާ ބީދައިން އީރާނުން ޙިޒުބުﷲއަށް އެހީވާނެއެވެ.

އިސްރާއީލުން ކިތަންމެ ބޭނުން ވިޔަސް ޙިޒުބުﷲ ނައްތައެއް ނުލެވޭނެއެވެ. ލުބުނާންގައި އިސްރާއީލުން ހިންގި ލާއިންސާނީ ޖަރީމާތަކާއި ނަސްލުހޭދު ހުއްޓައިލިޔަސް އެ ޤައުމުގެ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުاللهއިން ޚިދުމަތްތެރިކަމާ އެކު، ދެމިއޮންނާނެކަން ޙިޒްބުاللهގެ އިސް އޮފިޝަލެއްކަމަށްވާ އަދި ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޙަސަން ފަޟުލުالله ވެސް އިއްޔެވަނީ ވިދާޅުވެފައެވެ. މި ވަގުތު އެ ޖަމާޢަތުގެ މައިގަނޑު އަމާޒަކީ، ޔަހޫދީންގެ ޢުދުވާނުގައި ގެދޮރު ނެތިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުންކަމަށް ވެސް ފަޟުލުﷲ ވަނީ ވިދާޅުވެފައެވެ.

އިސްރާއީލުގެ ޢުދުވާން ހުއްޓައިލުމާ ގުޅިގެން ފަޟްލުالله ވިދާޅުވީ، ޙިޒްބުاللهގެ މި ވަގުތުގެ މައިގަނޑު އަމާޒަކީ ޢުދުވާނީ ޙަމަލާތަކުގައި ގެދޮރު ނެތިކޮށްލައިފައިވާ މީހުންނަށް އިންސާނީ އެހީތެރިކަން ފޮރުކޮށްދިނުން ކަމުގައެވެ. އަދި، ސުންނާފަތިކޮށް ބިމާ ހަމަކޮށްލައިފައިވާ ގެދޮރާއި އިމާރާތައް ބިނާކޮށް، ރަށްތައް އަލުން އާރާސްތު ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުންކަމުގައެވެ.

"ލުބުނާންގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުން ދިޔަ ޢުދުވާނީ ޙަމަލާތައް ހުއްޓައިލުމުން، ކުރީން މަގުތަކުގައި ޖިހާދުކުރަމުން ގެންދިޔަ މުޖާހިދުން ދެން ފެންނާނީ ލުބުނާންގެ ރައްޔިތުން އެނބުރި ގެދޮރަށް ދިޔުމުގައި އެހީތެރިކަން ފޯރުކޮށްދީ، އާރާސްތުކުރާން ކުރަމުން ގެންދާ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދޭ މަންޒަރު،" ފަޟުލުﷲވިދާޅުވިއެވެ. ޙިޒްބުاللهގެ ޞިއްޙީ އަދި އިޖުތިމާޢި ޚިދުމަތްތެރީންނާއި ޢުމްރާނީ ތަރައްޤީއާ ބެހޭ އިދާރާއިން އިއްޔެއިން ފެށިގެން ގެންދަނީ ލުބުނާންގެ ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަސައްކަތުގައި ޙަރަކާތްތެރިވަމުންނެވެ. ފަޟުލުﷲވިދާޅުވީ، ޔަހޫދީންގެ ޢުދުވާނާ ގުޅިގެން ގެދޮރު ދޫކޮށް، ވަގުތީ ހިޔާތަކަށް ބަދަލުވެފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަކައި، ރައްޔިތުންނާ މަޝްވަރާކުރައްވަމުން ގެންދަވާކަމުގައެވެ. ސުންނާފަތި ކޮށްލައިފައިވާ އިމާރާތްތަކުގެ ކޮންކުރީޓާއި ގާކުނޑީން ފުރިފައިވާ މަގުތައް ސާފުކުރުމުގެ މަސައްކަތާއި، ޝަހީދުކޮށްލައިފައިވާ މީހުންގެ ޖަނާޒާގެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދޭން ފަށައިފައިވާކަމުގައި ވެސް ފަޟުލުﷲވިދާޅުވިއެވެ.

"ހަނގުރާމަ" ހުއްޓިކަން އިޢުލާނުކުރާން ވަގުތު ކުޑަތަންވި ވަރަކަށް އިސްރާއީލުން ގެންދިޔައީ އެމެރިކާގެ އެހީގައި ޙަމަލާތައް އިތުރުކުރަމުންނެވެ.<br>

"އަޅުގަނޑުމެންގެ ކުރިމަތީގައި އޮތީ ވަރަށް ނުރައްކާތެރި ހާލަތެއް. އިސްރާއީލުގެ ޢުދުވާނީ ޙަމަލާތަކަށް އަޅުގަނޑުމެން ތިބީ ހޭނިފައި. ޢުދުވާނީ ޙަމަލާތައް ހުއްޓައިލުމާ ގުޅޭ އެއްބަސްވުން އިޢުލާނުކުރާން ކައިރިވަމުން ދިޔަ ވަރަކަށް ލުބުނާންގެ ރަށްތަކަށް ދެމުން ގެންދިޔަ ޙަމަލާތައް [އިސްރާއީލުން] ގެންދިޔައީ އިތުރުކުރަމުން. އެންމެ ފަހު ވަގުތުތަކުގައި ވެސް ފެންނަމުން ދިޔައީ އެ މަންޒަރު،" އޭނާ ވިދާޅުވިއެވެ.

އޭނާ އިޝާރާތްކުރައްވައިފައި އެ ވަނީ، ޙަމަލާ ބަދަލުކުރުން ހުއްޓައިލުމާ ގުޅޭ އެއްބަސްވުން އިޢުލާނުކުރާން ކައިރިވެފައިވާ ދަނޑިވަޅުގައި، ލުބުނާނުގެ ވެރިރަށް ބައިރޫތާއި އަދި ދެކުނުގެ ރަށްތަކަށް އިސްރާއީލުން ދީފައިވާ ނުރައްކާތެރި އަދި ފަނާކުރަނިވި ޙަމަލާތަކަށެވެ. މީގެ އިތުރަށް ލުބުނާނުން ސޫރިޔާއަށް ދަތުރުކުރެވޭން އޮތް މަގުތަކަށް ވެސް އިސްރާއީލުން ވަނީ ނިރުބަވެރި ޙަމަލާތަކެއްދީ، ހަ މީހުން ޝަހީދުކޮށްލައިފައެވެ. ސޫރިޔާގެ ދައުލަތުގެ މީޑިޔާއިން ބުނެފައިވަނީ، ޝަހީދުކޮށްލައިފައި ވަނީ މަދަނީންގެ ހަތަރު މީހުންނާއި ސިފައިންގެ ދެ މީހުންކަމުގައެވެ. 

ލުބުނާންގެ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުاللهއާއި އިސްރާއީލު ސިފައިންނާ ދެމެދު ޙަމަލާ ބަދަލުކުރާން ފަށައިފައި ވަނީ މީގެ 13 މަސް ކުރިން ފަލަސްޠީނުގައި ލާއިންސާނީ ޢުދުވާނެއް ފެށުމާ ގުޅިގެންނެވެ. އިސްރާއީލުގެ ރަށްތަކާއި އިސްރާއީލު ސިފައިންގެ އަސްކަރީ މަރުކަޒުތަކަށް ޙިޒްބުاللهއިން ޙަމަލާދޭން ފަށައިފައި ވަނީ ފަލަސްޠީނުގެ ރައްޔިތުންނާއި، އެ ޤައުމުގެ މިނިވަންކަމަށް ޓަކައި ޖިހާދުކުރާ މުޖާހިދުންނަށް ވާގިވެރިވުމުގެ ގޮތުންނެވެ. އެ ޖަމާޢަތުގެ އަމާޒަކީ ޣައްޒާއަށް ދެމުން ގެންދާ ޢުދުވާނު ހުއްޓުމަކަށް ގެނައުމަށް އިސްރާއީލަށް ބާރުއެޅުމެވެ. ނަމަވެސް، ސެޕްޓެންބަރު 23ވަނަ ދުވަހު އިސްރާއީލުން ވަނީ ލުބުނާންގެ ޢާންމުން ދިރިއުޅޭ ރަށްތަކަށް ބޮންއަޅާން ފަށައިފައެވެ. އެންމެ ނުރައްކާތެރި ޙަމަލާތައް އަމާޒުކުރަމުން ގޮސްފައި ވަނީ ވެރިރަށް ބައިރޫތާއި ދެކުނުގެ ރަށްތަކުގެ އިތުރަށް އަލް-ބިޤާޢު ވާދީގެ ސަރަޙައްދުތަކަށެވެ. އެއަށް ފަހު، އޮކްޓޫބަރު ފުރަތަމަ ދުވަހު އިސްރާއީލު ސިފައިން، ބަރުހަތިޔާރާއި އަސްކަރީ ޓޭންކުތަކާ އެކު، ލުބުނާންގެ ދެކުނުގެ ރަށްތަކަށް އަރައިގަނެ، ޤަތުލުޢާންމު އިތުރަށް ފުޅާކުރިއެވެ. ލުބުނާނުގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުން ގެންދިޔަ ޢުދުވާނުގައި ޝަހީދުކޮށްލައިފައިވާ ޢާންމުންގެ ޢަދަދު ވަނީ 3,823އަށް އަރައިފައެވެ. އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ އަންހެނުންނާއި ކުޑަކުދީން ހިމެނޭކަމުގައި ލުބުނާނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނެފައި ވެއެވެ. އަދި، ޒަޚަމުކޮށްލައިފައިވާ މީހުންގެ ޢަދަދު 15,859އަށް އަރައެވެ. ޔަހޫދީންގެ ޢުދުވާނުގައި ގެދޮރު ނެތިކޮށްލައިފައިވާ މީހުންގެ ޢަދަދު 1.2 މިލިޔަނަށް އަރައިފައިވާ އިރު، އޭގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު މި ވަގުތު ދިރިއުޅެމުން ގެންދަނީ މަގުތަކުގެ މަތީގައެވެ.

__________________________________

ބައެއް ލަފުޒުގެ މާނަ

ބިނާރު     ނ.    ގައުމަކަށް ނުވަތަ ރަށަކަށް ނުވަތަ ސަރަހައްދަކަށް ބޭނުންވާ މާއްދީ ތަރައްގީގެ އަސާސީ އޮނިގަނޑު. މީގެ ތެރޭގައި މަގުތަކާއި އިމާރާތް ތަކާއި ބަނދަރުތަކާއި ކަރަންޓު ނިޒާމު ފަދަ މި ބާވަތުގެ ހުރިހާ ޚިދުމަތްތަކެއް ދިނުމަށް ޓަކައި ގާއިމްކުރާ މާއްދީ ވަސީލަތްތައް ހިމެނެއެވެ.

ނަސްލުހޭދު  ނ.    އިންސާނީ ނަސްލެއް ނައްތާލުމަށް ޓަކައި ގަސްތުގައި މަރައި ހުސްކުރުމުގެ ޢަމަލު.

ޓޭންކު     ނ.    އެއްގަމު ސިފައިން ބޭނުންކުރާ ހަނގުރާމަމަތީ އުޅަނދެއް. މި ހުންނަނީ މެޝިން ބަޑިޔާއި ލުއި ބޮޑުބަޑި ހަރުކޮށްފައެވެ. މިއީ ވަޒަން ނުވަންނަ ގޮތަށް ހަދައިފައި ހުންނަ އެއްޗެކެވެ. މީގެ ފުރޮޅުތައް ހުންނަނީ ފުޅާކޮށް، ފަތިކޮށް ހުންނަ ދިއުޅިއެއް ކަހަލަ ބަންދެއްގެ ތެރޭގައެވެ.

ނިރުބަވެރި  ނއ.    (1) ފައިދާއެއް ހޯދާން ނުވަތަ މަގުސަދެއް ހާސިލުކުރާން ދައްކާ ގަދަބަދަވިކަމާއި އާދަޔާ ޚިލާފަށް ބިރުގަންނަވާ

އެޑިޓަރުގެ ނޯޓް
އަބާ މުޙަންމަދަކީ މީގެ ކުރީން ވެސް ބައެއް ނޫސްތަކަށް ލިޔުްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

Advertisement

ކޮމެންޓް