އިސްވާރީ ޢަމަލުތަކަށް ހިތްވަރުދޭ ޢުލަމާއީ ނަމޫނާތަކުގެ ތެރެއިން . . . ޢުބާދަތު ބުނުއްޞާމިތު
އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
ކޮންމެ އުންމަތަކަށް ވެސް އެ އުންމަތުގެ ތާރީޚު ކުރަހައިދިން އިސްވާރުންތަކެއް ލިބިގެން ވެއެވެ. އެއީ އެ އުންމަތުގެ އުޑުގައި ފިޔަޖެހި ތަރިތަކެކެވެ. އެ އުންމަތުގެ ދަރީން އެ ތަރިތަކުން އެ މީހުންގެ ކުރިމަގު އާރާސްތުކުރިއެވެ. އިސްލާމީ އުންމަތުން ފެންނަ މި ފަދަ ނަމޫނާ ޞަޙާބީންގެ ތެރެއިން މިއަދު ބަލައިލާނީ ޢުބާދަތު ބުނުއްޞާމިތަށެވެ.
މާތް ﷲ ރުއްސުންލެއްވި ޢުބާދަތު ބުނުއް ޞާމިތަކީ ﷲގެ ދީނަށް ޓަކައި އެއްވެސް މަލާމާތެއް ޤަބޫލުނުކުރުއްވާނެކަމަށް ޢަހުދުކަށަވަރުވެވަޑައިގެން ކީރިތި ރަސޫލާއަށް ބައިޢަތުހިއްޕެވި ޞަޙާބީއެކެވެ. އެކަލޭގެފާނަކީ ޞަޙާބީންގެ ތެރޭގައި ވެސް އޮފުގަދަ ފަހުލަވާނެކެވެ. ސަފީރެކެވެ. އެނދުރުބޭކަލެކެވެ. މުފައްސިރެކެވެ. ޤާޟީއެކެވެ. ޙަދީސްފުޅުތައް ރިވާކުރެއްވި ރާވީއެކެވެ. ޝަމުކަރައާއި މިޞްރާއި ފަލަސްޠީނުގައި އެކަލޭގެފާނުގެ އަތްޕުޅު މަތީން ދަރިވަރުވެވަޑައިގަތް އެތައް ޢާލިމުންނެއް ވެއެވެ. ހެޔޮކަމުގެ ހުރިހާ މައިދާންތަކެއްގައި އެކަލޭގެފާނު ވަނީ އިސްނަންގަވައިފައެވެ. އެކަލޭގެފާނަކީ އިސްލާންދީނުގެ ސާފު ކުލަތަކުން ޒީނަތްތެރިވެވަޑައިގެން އީމާންކަމުގެ ފޮނިމީރުކަން ދެކެވަޑައިގެންފައިވާ މަޝްހޫރު ޞަޙާބީއެކެވެ.
ޢުބާދަތު ބުނުއް ޞާމިތަކީ: ޢުބާދަތު ބުނުއްޞާމިތު ބުނު ޤައިސް ބުނު އަޞްރަމު ބުނު ފިހްރު ބުނު ޤައިސު ބުނު ޘަޢުލަބަތު ބުނު ޣަނަމު ބުނު ސާލިމު ބުނު ޢައުފު ބުނު ޢަމްރު ބުނު ޢައުފު އިބްނުލް ޚަޒްރަޖުލް އަންޞާރީ އައްސާލިމީ އައްޚަޒްރަޖީއެވެ. އެކަލޭގެފާނުގެ ލޯބިނަންފުޅަކީ އަބުލްވަލީދުލްއަންޞާރީއެެވެ.
ޢުބާދަތުގެފާނަކީ މައް ޢަރަތްބެކެވެ. އެކަލޭގެފާނަކީ ގައިކޮޅުގެ ކުލަ އޮޅަލި، ހަށިކޮޅު ބިޔަ ބޭކަލެކެވެ. ސަޢީދު ބުނު ޢުފައިރު ވިދާޅުވާ ގޮތުގައި ޢުބާދަތުގެފާނުގެ އިސްކޮޅަކީ 10 ކައިވަތެވެ.
ޢުބާދަތު ބުނުއް ޞާމިތުގެފާނަކީ ވަރަށް ކުރީކޮޅުގައި އިސްލާންދީނަށް ވަދެވަޑައިގަތް އަންޞާރީ ބޭކަލެކެވެ. އެކަލޭގެފާނު އިސްލާންވެވަޑައިގަތީ ކީރިތި ރަސޫލާގެ ރަސޫލުކަމުގެ ދިހަވަނަ އަހަރުގައެވެ. އެކަލޭގެފާނު ދުނިޔޭގައި އުޅުއްވީ އިސްލާމީ ދައުލަތުގެ އެންމެ ޠާހިރު އެންމެ އުޖާލާ ޒަމާނުގައެވެ. ކީރިތި ރަސޫލާގެ ދަޢުވަތުގެ މުހިއްމު ހުރިހާ ޙާދިސާތަކެއް ވަނީ ދެކެވަޑައިގެންފައެވެ. ރަސޫލާގެ މައްޗަށް ޤުރްއާން ބާވައިލެއްވެމުންދިޔަ ގޮތް ދެކެވަޑައިގަތުމުގެ ސަބަބުން އެކަލޭގެފާނަށް ވަނީ ޤުރްއާން ތަފްސީރުކުރުމުގެ ޢިލްމު ލިބިވަޑައިގެންފައެވެ.އިސްލާމީ ޝަރީޢަތުގެ މަޤްޞަދުތަކާއި ލަނޑުދަނޑިތައް ވަނީ އެނގިވަޑައިގެންފައެވެ.
ޢުބާދަތުގެފާނަކީ މަތިވެރި ޞަޙާބީއެކެވެ. އެކަލޭގެފާނު ރަސޫލާގެ އަރިހުގައި ހުރިހާ ހަނގުރާމަތަކެއްގައި ބައިވެރިވެވަޑައިގެންނެވިއެވެ. ޢަޤަބާގެ ފުރަތަމަ ބައިޢަތާއި ދެވަނަ ބައިޢަތުގައި ބައިވެރިވެވަޑައިގަތެވެ. ބަދްރާއި އުޙުދާއި ޚަންދަޤު ހަނގުރާމައިގައި ކައު ރަސޫލާގެ އަރިހުގައި އިސް ސަފުގައި ހަނގުރާމަކުރެއްވިއެވެ. މީގެއިތުރަށް އެކަލޭގެފާނަކީ ބައިޢަތުއް ރިޟްވާނުގެ އަހްލުވެރިއެކެވެ. ބަލާޣަތްތެރި ޚަޠީބެކެވެ. ޢަދްލުވެރި ފަޤީހެކެވެ.
ޢުބާދަތު ބުނުއް ޞާމިތަކީ ރަސޫލާގެ ޒަމާނުގައި ޤުރްއާން ހިތުދަސްކުރައްވާފައިވާ ފަސް އަންޞާރުންގެ ތެރެއިން ބޭކަލެކެވެ.އެކަމަށް ކީރިތި ރަސޫލާ ވަނީ ހެކިވެ ވަޑައިގެންފައެވެ. މުސްލިމުން ޝާމުކަރަ ފަތަޙަކުރުމުން ޚަލީފާ ޢުމަރު ބުނުލް ޚައްޠާބު t ޢުބާދަތުގެފާނު ޙިމްޞަށް ފޮނުއްވިއެވެ. މީސްތަކުންނަށް ޤުރްއާން ކިޔަވަން ދަސްކޮށްދެއްވުމަށާއި ފިޤްހު އުނގަންނާދެއްވުމަށެވެ.
ޢުބާދަތުގެފާނު ޢަޤަބާގައި ރަސޫލާއަށް ބައިޢަތު ހިއްޕެވުމަށް ފަހު މަދީނާއަށް ވަޑައިގެން މަދީނާ މީހުންނަށް ދީނަށް ގޮވައިލެއްވުމުގެ މަސައްކަތް ފެށްޓެވިއެވެ. މުޞްޢަބު ބުނު ޢުމައިރުގެފާނާއެކު ދީނަށް ގޮވައިލެއްވުމަށް ކުރެއްވި މަސައްކަތްޕުޅުގެ ސަބަބުން އިސްލާންދީނުގެ އަލިކަން ނުވަންނަ ގެއެއް މަދީނާގައި ނެތެވެ. އިސްލާމީ ފުތޫޙާތުތަކާއެކު ޢުބާދަތުގެފާނު ޝާމަށާއި މިޞްރަށާއި ފަލަސްޠިނަށް ވަޑައިގެން މީސްތަކުންނަށް ޤުރްއާން ކިޔަވާން ދަސްކޮށްދެއްވިއެވެ. އަދި ދީން އުނގަންނާދެއްވިއެވެ.
ޢުބާދަތުގެފާނަކީ އަހްލުއް ޞުއްފާގެ ބޭކަލުންގެ އެދުރުކަލޭގެފާނެވެ. އަހްލުއް ޞުއްފާގެ ބޭކަލުންނަކީ ކައު ރަސުލާގެ ޒަމާނުގައި އަހްލެއްވަހްލެއް ނެތް ، ގެއެއް ގެދޮރެއްނެތި އުޅުއްވި ފަޤީރު ޞަޙާބީންތަކެކެވެ. މި ބޭކަލުން އަވަހާރަފުލައްޕަވަމުން ގެންދަވައިފައި ވަނީ މިސްކިތުގެ ދާލައިގައެވެ. ޞުއްފާއަކީ ދާލައެވެ. މިހެންވެ މިބޭކަލުން ދާލައަށް ނިސްބަތްކުރެވުނީއެވެ. ރަސޫލާ އަންގަވައިފައިވަނީ ޞުއްފާގެ ބޭކަލުންނަށް އެއްވެސް އުޖޫރައަކާ ނުލައި ކިޔަވާދެއްވުމަށެވެ. އެއްދުވަހަކު އަހްލުއްޞުއްފާގެ ބޭކަލަކު ޢުބާދަތުގެފާނަށް ދުނިދަނޑިއެއް ވެދުމަށް އެރުވިއެވެ. މި ދުނިދަނޑި ޤަބޫލުފުޅުކުރެއްވުމުގެ ކުރީން އެކަލޭގެފާނު ރަސޫލާ އަރިހަށް ވަޑައިގެން އެ ވާހަކަ ދެންނެވިއެވެ. އެހިނދު ކީރިތި ރަސޫލާ ﷺ ޙަދީސްކުރެއްވިއެވެ. ((إن كنتَ تُحِبُّ أن تُطَوَّقَ طَوْقًا من نارٍ فاقبَلْها[1] - ތިބާގެ ކަރުގައި އަލިފާނުގެ އުޅަލެއް އެޅުވުމަށް ލޯބިކުރާ ނަމަ އެ ހަދިޔާ ޤަބޫލުކުރާށެވެ!))
ކީރިތި ޤުރްއާން ކިޔަވައިވިދާޅުވުމާއި އުނގަންދެއްވުމުގައި ޢުބާދަތުގެފާނު މަޝްހޫރުވެވަޑައިގެންފައިވާ ވަރަށް ރަސޫލާގެ ޙަދީސްފުޅުތައް ރިވާކުރެއްވުމުގައި ވެސް އެކަލޭގެފާނު ވަނީ މަޝްހޫރުވެވަޑައިގެންފައެވެ. ޢުބާދަތުގެފާނަކީ ރަސޫލާގެ ސުންނަތުގައި ހިފެއްޓެވި، ރަސޫލާ ﷺ ދެކެ ވަރަށް ބޮޑަށް ލޯބިފުޅުވި ޞަޙާބީއެކެވެ. އެކަލޭގެފާނު ޙަދީސްފުޅުތައް ރިވާކުރެއްވުމަށް އިސްކަންދެއްވުމުގެ ސަބަބަކަށް ވީ މި ލޯތްބެވެ.
ޢުބާދަތުގެފާނުގެ އަރިހުން ޙަދީސްފުޅުތައް ރިވާކުރެއްވި ޞަޙާބީންގެ ތެރޭގައި އަބޫ އައްޔޫބުލްއަންޞާރީއާއި ޢަމްރު ބުނުލްއަސްވަދުއް ސުކޫނީއާއި އަނަސު ބުނު މާލިކުގެފާނާއި ޖާބިރު ބުނު ޢަބްދުﷲގެފާނާއި އެކަލޭގެފާނުގެ ކާފަ ދެ ދަރިކަލުންނާއި އައުސް ބުނު ޢަބްދުﷲ އައްޘަޤަފީއާއި އަލްމިޤްދާމު ބުނު ޢަމްރު ބުނު މަޢުދީ ކަރަބާއި އަބޫ އުމާމަތުލްބާހިލީއާއި ރިފާޢަތު ބުނު ރާފިޢާއި ޝުރަޙްބިލު ބުނު ޙަސަނަތުގެފާނު ވެއެވެ. އެކަލޭގެފާނު ޝާމުކަރައާއި މިޞްރުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވުމުގެ ސަބަބުން މި ދެ ގައުމުގައި ޢުބާދަތުގެފާނުގެ ދަރިވަރުން ވަރަށް ގިނައެވެ. ޙަދީޘާ ބެހޭ ގިނަ މުޞައްނިފާތުތަކެއްގައި ޢުބާދަތުގެފާނު އަރިހުން ރިވާކުރެވިގެންވާ ވަރަށް ގިނަ ޙަދީސްފުޅުތައް ހުރިކަން ފާހަގަކުރެވެއެވެ. އެކަލޭގެފާނުގެ އަރިހުން ރިވާކުރެވިގެންވާ ގިނަ ޙަދީސްފުޅުތައް އައިސްފައިވަނީ (سمعت رسول الله – ރަސޫލުﷲގެފާނު ޙަދީސްކުރެއްވި އަޑުފުޅު އަހުރެން އެހީމެވެ. މި ޢިބާރާތުންނާއި كنا مع رسول الله ﷺ - އަހުރެމެން ރަސޫލާ rގެ އަރިހުގައި ތިބީމެވެ.) މި ޢިބާރާތުން ސަނަދު ވަރުގަދަކޮށެވެ. ޢަޤަބާގެ ބައިޢަތާއި އަންހެން ބޭކަނބަލުންގެ ބައިޢަތުހިއްޕެވުމާއި ޙުނައިނު ހަނގުރާމައިގެ ވާހަކަތަކާއި ޢަރަފާތު ދުވަހާ ބެހޭ ޙަދީސްފުޅުތައް ޢުބާދަތުގެފާނު ރިވާކުރައްވާފައިވަނީ އެ ކަންތައް ދުށް ހެކިވެރިއެއްގެ ހައިސިއްޔަތުންނެވެ.
ޢުބާދަތުގެފާނުގެ އަރިހުން ރިވާކުރެވިގެންވާ ނަބިއްޔާގެ ޙަދީސްފުޅުތަކުން އެނގޭ ގޮތުގައި ޢުބާދަތުގެފާނަކީ އިސްލާމީ ފިޤްހުގެ މައިދާނުގައި ވަރަށް ފުންނާބުފުޅު އުސް އަދި ޝަރީޢަތުގެ ޙުކުންތައް ވަރަށް ރަނގަޅަށް ދެނެވަޑައިގަންނަވާ ބޭކަލެކެވެ. ޢުބާދަތުގެފާނު ޙިމްޞުގައި ފަނޑިޔާރުކަން ކުރެއްވިއެވެ. ޢުބާދަތުގެފާނު ޙިމްޞުގެ އަހްލުވެރީންނަށް ދެއްވި ޚުޠުބާއެއްގައި ވިދާޅުވިއެވެ. "ފަހެ ދަންނާށެވެ! ހަމަކަށަވަރުން މި ދުނިޔެއަކީ ހެޔޮ މީހާއާއި ނުބައި މީހާ އެ ތަނުން ކައިހަދާ ވަގުތީ މުދާގަނޑެކެވެ. ފަހެ ދަންނާށެވެ! ހަމަކަށަވަރުން އާޚިރަތްދުވަހަކީ އަންނާނެކަމުގެ ތެދު ވަޢުދެކެވެ. އެއީ ގަދަފަދަ ބާރުވެރި ރަސްކަލަކު ވެރިކަން ކުރައްވާނެ ދުވަހެކެވެ. ފަހެ ދަންނާށެވެ! ތިޔަބައިމީހުން ކޮށްފައިވާ ޢަމަލުތައް އެ ދުވަހުން ހުށައެޅޭނެތެވެ. ފަހެ، ޒައްރެއްގެ މިންވަރުވިޔަސް، ހެޔޮކަމެއްކޮށްފި މީހާ، އޭނާ އެ ކަން ދެކޭނެތެވެ. އަދި ޒައްރެއްގެ މިންވަރުވިޔަސް، ނުބައިކަމެއްކޮށްފި މީހާ، އޭނާ އެ ކަން [ވެސް] ދެކޭނެތެވެ. ފަހެ ދަންނާށެވެ! ހަމަކަށަވަރުން ދުނިޔެއަށް ދަރީންތަކެއް ވެއެވެ. އަދި އާޚިރަތްދުވަހަށް ވެސް ދަރީންތަކެއް ވެއެވެ. ފަހެ ތިޔަބައިމީހުން އާޚިރަތްދުވަހުގެ ދަރީންކަމުގައި ވާށެވެ! ދުނިޔޭގެ ދަރީންކަމުގައި ނުވާށެވެ! ފަހެ ޤިޔާމަތްދުވަހުން ކޮންމެ މަޔަކަށް އޭނާގެ ދަރީން ތަބާވާނެއެވެ.)) މި އަސަރު ގަދަ ޚުޠުބަގައި އެކަލޭގެފާނު މީސްތަކުންނަށް ގޮވައިލައްވައިފައި މި ވަނީ ދުނިޔޭގެ ކުލަތަކަށް ހެއްލިގެންނުދިޔުމަށެވެ. އާޚިރަތް ކާމިޔާބުކުރުމަށް ޓަކައި މަސައްކަތްކުރުމަށެވެ. އެއަށް ފަހު، އެކަލޭގެފާނު ވަޑައިގަތީ ފަލަސްޠީނަށެވެ. ހިޖްރައިން 34ވަނަ އަހަރު އަވަހާރަވަންދެން ހުންނެވީ ފަލަސްޠީނުގެ ޤާޟީކަމުގައެވެ.
____________________________________
ޙަވާލާ:
[1] - أخرجه أبو داود (٣٤١٦)، وابن ماجه (٢١٥٧)، وأحمد (٢٢٦٨٩)