Advertisement

ވަޤުފު މަޝްރޫޢުތަކުން އަހަރަކު 50 މިލިއަން ރުފިޔާ

27 Nov 2024 | 00:11
އިޖުތިމާޢީ ކޮމެޓީގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރާއި އެ މަނިކުފާނުގެ ޓީމުގެ އިސްވެރީން: (ވާތުން ކަނާތަށް) ވަޒީރުގެ ނާއިބު އފ. ޢަލީ އަޙުސަން، އޑޖ އފލ އާމިނަތު ނަސީރު، ޑޖ. އފ ޢަބްދުލްޢަޒީޒު، ޕސ. އފ އަޙުމަދު ޢަދީލް، ސމ. ޑރ. މުޙަންމަދު ޝުޖާޢު ޢަބްދުލްޙަކީމް، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙަންމަދު ޝަހީމް ޢަލީ ސަޢީދު، ވަޒީރުގެނާއިބު އައްޝައިޚު އުސާމް މުޙަންމަދު ސަޢީދު، ވަޒީރުގެ ނާއިބު އައްޝައިޚު މުޠީޢު އިސްމާޢީލް، ވަޒީރުގެ ނާއިބާ އަލްއުސްތާޒާ ޙައްވާ ލަޠީފު، ސޕޑ. އައްޝައިޚު އިމްޠިތާއު ޢައްބާސް، (މީގެ އިތުރަށް އެ ތިއްބެވީ) މަޖިލީސްގެ ޤާނޫނީ ވަކީލެއްކަމަށްވާ އަލްއުސްތާޒާ ފާޠިމަތު ޝިފާ، މަޖްލިސް މެންބަރު އަސްމާ ރަޝީދު، ކޮމެޓީގެ މުގައްރިރު (މަޖިލިސް މެންބަރު) މުޙަންމަދު މުސްތަފާ އިބްރާހީމް (ފޮޓޯ: މަޖްލިސް ފޮޓޯ ގެލަރީ)

ފަރަގު މީޑިއާ

ދިވެހިރާއްޖޭގައި ފުރަތަމަ ޤާނޫނުއަސާސީގެ ދަށުން އުފެދުނު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަކީ "ވުޒާރުލްއައުޤާފު" (ވަޤުފުތަކާ ބެހޭ ވުޒާރާ)އެވެ. އެހެންނަމަވެސް ވަޤުފުތައް ދަމަހައްޓައި އެއިން މަންފާ ހޯދައި އެ މަންފާއިން އިސްލާމީ ކަންތައްތަކަށް ޚަރަދުކުރާކަށް މާ ބޮޑު މަސައްކަތްތަކެއް އޭރު ކުރެވިފައިވާކަމަކަށް ތާރީޚީ ލިޔުންތަކުން ފެންނާކަށް ނެތެވެ.

ދިވެހިރާއްޖޭގައި މި ފަހަކަށް އައިސް އިސްލާމީ ވަޤުފުގެ ކަންކަން ކުރިއަރުވައި ތަރައްޤީކުރައްވާން އެންމެ ބޮޑު މަސައްކަތްޕުޅުތަކެއް ކުރައްވަނީ މިއަދުގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙަންމަދު ޝަހީމް ޢަލީ ސަޢީދުކަމަށް ދެންނެވޭން އެބަ އޮތެވެ. އެހެނީ ރާއްޖޭގައި މިހާރު ހުރި ހަމައެކަނި ވަގުފު ބިނާކަމަށްވާ ދާރުލްއީމާނަކީ އެ މަނިކުފާނުގެ މޭސްތިރިކަމުގެ ދަށުން ރާއްޖޭގައި ބިނާކުރެވުނު މި ފަދަ ފުރަތަމަ ޢިމާރާތެވެ. މި ޢިމާރާތުން އަހަރަކު ހައެއްކަ މިލިޔަން ރުފިޔާ ލިބޭކަމަށްވެއެވެ.

އިސްލާމީ ކަންތައްތަކަށް ޚަރަދުކުރާނެ ފައިސާ ދައުލަތުގެ އަހަރީ ބަޖެޓަށް ބަރޯސާ ނުވެ ހޯއްދެވޭނެ ގޮތަކާ މެދު، އިސްލާމީ ވަޒީރު ގެންދަވަނީ ޚިޔާލުފުޅުތަކެއް ކުރައްވައި މަސައްކަތްޕުޅުތަކެއް ކުރައްވަމުންނެވެ. މި ކަން ހާމަވީ ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާޢީ ކޮމެޓީގައި އެ މަނިކުފާނު އިއްޔެ ދެއްކެވި ވާހަކަފުޅުތަކުންނެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި މާލެއާއި ހުޅުމާލޭގައި ވަޤުފު ޢިމާރާތްތަކެއް ބިނާކުރައްވައި ތަރައްޤީކުރައްވާން ސަރުކާރުން ވަނީ ނިންމަވައިފައެވެ. މި ޢިމާރާތްތައް ބިނާކޮށް ނިމުމުން އެ ތަންތަނުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް ލިބޭ އާމްދަނީ އަހަރަކު 50 މިލިޔަން ރުފިޔާއަށް އަރާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އިއްޔެ ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒުގެ ރިޔާސީ މި ދައުރުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހިންގަވާން ހަމަޖެހިފައިވާ އެންމެ ބޮޑު ދެ މަޝްރޫޢަކީ "ދާރުލްއަރުޤަމް" [ޢިމާރާތުގެ] މަޝްރޫޢާއި ހުޅުމާލޭގައި ބިނާކުރައްވާން ތައްޔާރުކުރައްވަމުން ގެންދަވާ "ދާރުއްސަލާމް" [ވަޤުފް ޢިމާރާތުގެ] މަޝްރޫޢެވެ. މި މަޝްރޫޢުތައް ކާމިޔާބުކަމާ އެކު ނިމުމުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ބަޖެޓަށް ބޮޑު ލުއެއް ލިބޭނެކަމަށް ވަޒީރު ދެކެވަޑައިގަނެއެވެ.

ވަޤުފު މަޝްރޫޢުތަކާ ގުޅޭ ގޮތުން މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީގައި އިއްޔެ ވާހަކަފުޅުދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ވަޤުފު މަޝްރޫޢުގެ ފުރަތަމަ އިމާރާތް ބިނާކުރުމުގެ މަސައްކަތް އަންނަ ޑިސެމްބަރު މަހު ފައްޓަވާން މަސައްކަތްޕުޅުކުރައްވަމުން ގެންދަވާކަމަށެވެ. އަދި ދެވަނަ މަޝްރޫޢުގެ މަސައްކަތް އަންނަ އަހަރު ޖަނަވަރީ މަހު ފައްޓަވާން ނިންމަވައިފައިވާކަމަށެވެ.

"އައުޤާފް [ވަޤުފުތައް] ޑިވެލޮޕްމަންޓަކީ [ތަރައްޤީކުރުމަކީ] ވަރަށް މުހިންމު ކަމެއް. މިހާރު މި ވަނީ ހުޅުމާލެއާއި މާލެއިން ދެ ބިމެއް [އެ ކަމަށް] ކަނޑައަޅައިފައި. މި ތަންތަން ޤާއިމްކުރުމުގެ މަސައްކަތް މި ދަނީ ކުރަމުން. މި މަޝްރޫޢުތައް ނިމޭ އިރު، އަހަރަކު 50 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ލިބޭނެ. އެއީ ދައުލަތަށް ބަރޯސާނުވެ ދީނީ ކަންކަމަށް ޚަރަދުކުރުމަށް ލިބޭނެ ވަރަށް ބޮޑު ބާރެއް." އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު އިއްޔެ ވިދާޅުވެފައިވެއެވެ.

ކުރީން ވެސް ދެންނެވި ފަދައިން ރާއްޖޭގައި މި ވަގުތު ހުރީ އެންމެ ވަޤުފު އިމާރާތެކެވެ. އެއީ މާލޭގައި ތަރައްޤީކޮށްފައިވާ ދާރުލްއީމާން ޢިމާރާތެވެ. މި ޢިމާރާތުން އަހަރަކު ހަ މިލިޔަން ރުފިޔާ ލިބެއެވެ. މީގެ އިތުރަށް މިހާރު ވަނީ އަތޮޅާއި ސިޓީ ވަޤުފު މަޝްރޫޢެއް ވެސް އިފުތިތާޙުކުރައްވައިފައެވެ. މި މަޝްރޫއުގެ ދަށުން ސިޓީތަކުގެ ތެރެއިން އައުޤާފުގެ ފުރަތަމަ މަޝްރޫޢު ހިންގަވާން ހަމަޖެހިފައިވަނީ އައްޑޫ ސިޓީގައެވެ. އަދި ރަށު ވަޤުފު މަޝްރޫޢު ފުރަތަމަ ހިންގަވާން ހަމަޖެހިފައިވަނީ ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫގައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ބޭނުންފުޅުވަނީ އެކި ސަރަޙައްދުތަކުގައި މި ފަދަ މަޝްރޫޢުތައް ހިންގަވައި، އެ މަޝްރޫޢުތަކުން [އިސްލާމީ ކަންތައްތަކަށް ޚަރަދުކުރައްވާނެ] ފައިސާ ލިބޭނެ މަގު ފަހިވުންކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

__________________________________

Advertisement

ކޮމެންޓް