Advertisement

މެލޭޝިއާގައި ފެންބޮޑުވެ ހާލުގައި ޖެހުނު ގިނަ މީހުން އަދިވެސް ވަގުތީ ހިޔާތަކުގައި

06 Nov 2023 | 00:08
މެލޭޝިއާގެ ކަމްޕުން ބަންގީ: ވޭތުވެ ދިޔަ ދުވަސްތަކުގައި ބޯކޮށް ވެހުނު ވާރޭގެ ސަބަބުން ނޮވެންބަރު 5ގައި ސާރވޭކުރި އިރު އެ ސަރަހައްދުގެ ޙާލަތު އޮތް ގޮތް (ފޮޓޯ: ބަރްނާމާ)

އަޅުގަނޑުމެންގެ އުޚުއްވަތްތެރި މުސްލިމު ގައުމެއްކަމަށްވާ މެލޭޝިއާއަށް ކުރިމަތިވާ އެންމެ ބޮޑު ޤުދުރަތީ ކާރިސާއަކީ ފެންބޮޑުވުމުގެ ހާދިސާތަކެވެ. ފަހުގެ ތާރީޚަށް ބަލާއިރު ސާޅީހަކަށް ހާސް މީހުން ވަނީ ފެންބޮޑުވުމުގެ އެކި ހާދިސާތަކުގައި ގެއްލިފައެވެ.

މެލޭޝިއާއަކީ އާންމު ގޮތެއްގައި ގިނަ ދުވަސްދުވަހު ހަވީރު ވާރޭވެހޭ ގައުމެއް ނަމަވެސް އެ ގައުމަށް ވިއްސާރަ މޫސުން އަންނަނީ އިރުވައި މޫސުމުގައެވެ. އެއީ އިނގިރޭސިބަހުން ދަންނަވާނަމަ ނޯތުއީސްޓް މޮންސޫންކަމަށް ބަލާ ދުވަސްވަރެވެ. އޮކްޓޫބަރުން ފެށިގެން މާރިޗު މަހާ ދެމެދުގެ ދުވަސްވަރެވެ. މެލޭޝިއާއަށް އެންމެ ވިއްސާރަ ދުވަސްވަރަކީ މިއީއެވެ.

ފެންބޮޑުވެފައިވާ ސަރަހައްދެއް (ފޮޓޯ: މެލޭމެއިލް)<br>

މިއީ ދިވެހިރާއްޖެއަށް ވެސް ވަރަށް ވިއްސާރަ ދުވަސްވަރެކެވެ. އަޅުގަނޑުމެންނަށް މުޞީބާތަކަށް ވާވަރަށް ވިއްސާރަ ނުވިޔަސް މި ދުވަސްވަރު މެލޭޝިއާގެ ތިރި ބިންތަކުގައި ދިރިއުޅޭ ރައްޔިތުން ވޭތުކުރަމުން ގެންދަނީ ވަރަށް ހިތްދަތި ދުވަސްތަކެކެވެ. މި ގޮތުން އާދީއްތަ ދުވަހުގެ (5.11.2023) ރޭ 8:00އާ ހަމައަށް ފެންބޮޑުވުމުގެ ސަބަބުން ސެލަންގޯރާއި ޕެރަކު ސަރަހައްދުން ހާލުގައި ޖެހުނު މީހުންނަށް ޓަކައި، ނުވަ ވަގުތީ ހިޔާވައްސެއް ސެލަންގޯރާއި ޕެރަކު އަވަށުގައި ހުޅުވުނުކަމަށް ކުއަލާލުންޕޫރުން ޚަބަރު ލިބުނެވެ.

މެދުކެނޑުމެއް ނެތި، ވާރޭވެހުމުގެ ސަބަބުން ސުންގައި ދެންކިލް ކޯރު ބަންޑުންވެ ސެލަންގޯރު ސްޓޭޓުން ޙާލުގައި ޖެހުނު މީހުންނަށް ސެޕަންގ ޑިސްޓްރިކްޓްގައި އިއްޔެ ހަވީރު 3:00ން ފެށިގެން ފަސް ވަގުތީ ހިޔާ ހުޅުވިފައިވާކަމަށް ސެލަންގޯރުން ޚަބަރު ލިބުނެވެ. ސެޕަން ޑިސްޓްރިކްޓްގެ ފުލުހުންގެ އިސްވެރިޔާ (އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް) ވަން ޤަމަރުލްއަޒުރާން ވަން ޔޫސުފް ވިދާޅުވެފައިވާ ގޮތުގައި ތަމަން ގެމިލަންގ އިޖުތިމާޢީ މަރުކަޒާއި ދާތޫ އަޙުމަދު ރަޒާލީ އަވަށާއި އެ އަވަށުގެ އިޖުތިމާޢީ މަޖުލިސްގެ މާލަމުގައި 67 ޢާއިލާއަކުން 255 މީހަކަށް ވަގުތީ ހިޔާވަހިކަން ދެވުނެވެ.

ހާލުގައި ޖެހުނު މީހުންނަށް އެހީތެރިވުމުގެ ކަންކަން މިހެން ހުރިކަމުގައި ވިޔަސް ޕެރަކް ސްޓޭޓްގައި ވަގުތީ ހިޔާގައި ތިބި މީހުންގެ ޢަދަދު 75 ޢާއިލާއަކުން 272 މީހުން މިހާރު ވަނީ 64 ޢާއިލާއަކުން 220 މީހުންނަށް ދަށްވެފައެވެ. މި ޢަދަދުން އެނގެނީ ކޮންމެވެސް ވަރަކަށް ޙާލަތު ރަނގަޅުވަމުން އަންނަކަމެވެ. މި ކަމަށް ޓަކައި މާތް ﷲއަށް ޙަމްދާއި ޝުކުރުކުރަމެވެ.

މެލޭޝިއާގެ ގޮމްބަކު ކޯރާއި ކްލާންގ ކޯރު ގުޅޭ ސަރަހައްދު: މެދުނުކެނޑި ބޯކޮށް ވާރޭ ވެހިއްޖެ ނަމަ، މި ފަދަ ކޯރުތައް ފުރި ބަންޑުންވުމުގެ ސަބަބުން މުޅި ސަރަހައްދުގައި ފެންބޮޑުވެ އެ ތައް ބަޔަކު ހާލުގައި ޖެހެއެވެ.

ވޭތުވެ ދިޔަ 50 އަހަރުގެ މާޒީއަށް ބަލާއިރު މެލޭޝިއާއަށް ކުރިމަތިވި ފެންބޮޑުވުމުގެ އެންމެ ނުރައްކާތެރި ޙާދިސާ ހިނގައިފައިވަނީ 2021ވަނަ އަހަރުގެ ފަހުކޮޅާއި 2022ވަނަ އަހަރުގެ ކުރީކޮޅުގައި ކްލާންގ ވާދީއަށް ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާއެވެ. މި ސަރަހައްދުގައި ޕޯޓް ކްލާންގާއި ކްލާންގާއި ސެތިއާ އާލަމާއި ޕުޗަކް އާލަމާއި ކޮތާ ކެމުނިންގާއި ޝާހު ޢާލަމާއި ކުއަލަލުމްޕޫރާއި އަމްޕަންގާއި ހުލޫ ލަންގަތާއި ޕޫޗޮންގާއި ދެންކިލާއި ޗެރާސް ހިމެނެއެވެ. އެހެންކަމުން ވަރަށް ބޮޑު ސަރަހައްދަކަށް މި ފެންބޮޑުވުމުގެ ގެއްލުން ފެތުރިފައިވެއެވެ.

މީގެ އިތުރަށް ވެސް ވަރަށް ގެއްލުން ބޮޑު ފެންބޮޑުވުމުގެ ކާރިސާތައް އެކި އަހަރުގެ ތެރޭގައި މެލޭޝިއާއަށް ކުރިމަތިވެފައިވެއެވެ. މި ފަދަ ކާރިސާތައް ކޮންމެ އަހަރަކު ދިމާ ނުވިޔަސް ކޮންމެ އަހަރެއްގައި ވެސް އޮކްޓޯބަރު މަހުން ފެށިގެން މާރިޗު މަހާ ހަމައަށް ކުރާ ވިއްސާރައިގައި މި ފަދަ ފެންބޮޑުވުމުގެ ހާދިސާތަކާ އަބަދު ވެސް ހިސާބަކަށް ކުރިމަތިވެއެވެ. މިހާރު ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ ކާރިސާގައި ހާލުގައި ޖެހުނު މީހުންގެ ތެރެއިން ގިނަ މީހުން އަދި ވެސް ތިބީ ވަގުތީ ހިޔާތަކުގައެވެ. ނަމަވެސް ބައެއް ސަރަހައްދުތަކުގެ ޙާލަތު ރަނގަޅުވަމުން އަންނަކަމަށް ވެސް ބައެއް ރިޕޯޓްތައް ބުނެއެވެ. (މަޢުލޫމާތު: މެލޭމެއިލް)

____________________________________

Advertisement

ކޮމެންޓް