Advertisement

ހައިކަލް ސުލައިމާނަކީ ކޮބާ؟

05 Nov 2023 | 13:58
.

ޢަބްދުﷲ ސަޢީދު

ޔަހޫދީން ކިޔާ ހައިކަލް ސުލައިމާނަށް "ސޮލޮމޮން ޓެމްޕަލް" ނުވަތަ "ފަސްޓް ޓެމްޕަލް" ވެސް ކިޔައެވެ. ތަފާތު ނަންނަމުން ކިޔަސް އެތަން ނިސްބަތް އެ ކުރަނީ ނަބިއްޔާ ސަލާމްލެއްވި ސުލައިމާންގެފާނު ބިނާކުރެއްވި މިސްކިތްކޮޅުކަމަށްވާ "ބައިތުލްމަޤްދިސް"އަށެވެ. މައިތުލްމަޤްދިސް ހުރި ސަރަޙައްދަށް މުސްލިމުން ކިޔަނީ "އަލްޙަރަމުއްޝަރީފް"އެވެ. އިނގިރޭސީން ކިޔަނީ "ޓެމްޕަލް މައުންޓް"އެވެ.

މާތްﷲ ގެ އަމުރުފުޅަށް ޤުދުސްގެ ބިމުގައި ސަލާމްލެއްވި ސުލައިމާން ނަބީކަލޭގެފާނު ބައިތުލްމަޤްދިސް ބިނާކުރެއްވިއެވެ. އެ މިސްކިތްކޮޅު ބިނާކުރެއްވީ ދުނިޔޭގައި މާތްﷲއަށް އަޅުކަންކުރުމަށް ޓަކައި ދެވަނައަށް ބިނާކުރެވުނު މަސްޖިދުލްއަޤްޞާ ބިނާކުރެވިފައިވާ ސަރަޙައްދުގައިކަމަށް ތާރީޚީ ޢިލްމުވެރިން ދެކެވަޑައިގަންނަވައެވެ. ދުނިޔޭގައި މާތްﷲއަށް އަޅުކަން ކުރުމަށް ޓަކައި ފުރަތަމަ ބިނާކުރެވުނީ މައްކާގައި ހުންނަ މަސްޖިދުލްޙަރާމެވެ. މަސްޖިދުލްއަޤްޞާ ބިނާކުރެވުނީ މަސްޖިދުލްޙަރާމް ބިނާކުރެވުނުތާ 40 އަހަރު ފަހުންނެވެ. މި ދެ މިސްކިތް ވެސް ބިނާކުރެއްވީ ސަލާމްލެއްވި އާދަމްގެފާނަށްފަހު ސަލާމްލެއްވި އިބްރާހީމްގެފާނެވެ. މުސްލިމުން މަސްޖިދުލްއަޤްޞާ ކިޔަނީ އެތައް ނަބީބޭކަލުންނަކާއި ރަސޫލު ބޭކަލުންނެއްގެ ވެސް ތާރީޚާ ގުޅިފައިވާ ސަރަޙައްދަކަށެވެ. މަސްޖިދުލްއަޤުޞަގެ ލަފުޒީ މާނައަކީ ދުރުގައިވާ މިސްކިތެވެ. މާނައަކީ ޙުރުމަތްތެރިކުރެއްވިގެންވާ ތިން މިސްކިތުގެ ތެރެއިން އެންމެ ދުރުގައި ހުންނަނީ އެ މިސްކިތްކަމަށް ވާތީއެވެ. އަނެއް ދެ މިސްކިތަކީ މައްކާގައި ހުންނަ އަލްމަސްޖިދުލްޙަރާމާއި މަދީނާގައި ހުންން އަލްމަސްޖިދުއްނަބަވީއެވެ.

ސުލައިމާންގެފާނު ބިނާކުރެއްވި މިސްކިތްކޮޅު ނުވަތަ ބައިތުލްމަޤްދިސް ބިނާކުރެއްވީ މީލާދީން ސަނަތުގެ 960 އަހަރު ކުރީންނެވެ. އެ މިސްކިތްކޮޅު ތަޅައި ސުންނާފަތިކުރީ މީލާދީ ސަނަތުގެ 586-587 އަހަރު ކުރިން ބާބިލީންނެވެ. އޭރު އެ މިސްކިތްކޮޅަށް ވަނީ 370 އަހަރުވެފައެވެ. ބާބިލީން ފަލަސްޠީނު ހިފީ ނަބިއްޔާ ސުލައިމާންގެފާނަށްފަހު ބަނީ އިސްރާޢީލުންގެ ތެރޭގައި ބައިބައިވުން އުފެދިފައިވަނިކޮށް އެ ބިމަށް ވެރިވި އާޝޫރީން ބަލިކޮށްފައެވެ. ބާބިލީންނަށްފަހު ފަލަސްޠީނު ހިފީ ފާރިސީންނެވެ. ފާރިސީންގެ ދުވަސްވަރު ނަބިއްޔާ ސުލައިމާންގެފާނު ބައިތުލްމަޤްދިސް ބިނާކުރެއްވި ސަރަޙައްދުގައި ފައްޅިއެއް ބިނާކޮށްދިނެވެ. އެއީ ހައިކަލް ސުލައިމާން ދެވަނަ ފަހަރަށް ބިނާކުރުންކަމަށް ޔަހޫދީން ގަބޫލުކުރެއެވެ. އެ ތަނަށް އެ މީހުން ކިޔަނީ "ސެކަންޑް ޓެމްޕަލް" އެވެ. މި ފައްޅި ހަލާކުކޮށްލީ މީލާދީން 70ވަނަ އަހަރުގައި ރޯމަނުންނެވެ. ސެކަންޑް ޓެމްޕަލުން ހަލާކުނުވެ ހުރީ އެ ތަނުގެ ހުޅަނގު ފަރާތުގެ ފާރުކަމަށް ޔަހޫދީން ބުނެއެވެ. އެ ފާރަކީ ޔަހޫދީން މުޤައްދަސް ތަނެއް ކަމަށް ބަލާ "ވެސްޓަރން ވޯލް" އެވެ. މިހާރު ވެސް ހުރި އެ ފާރަށް މުސްލިމުން ކިޔަނީ ބުރާޤު ފާރެވެ.

ރޯމަނުން ދެވަނަ ފައްޅި ތަޅައިލުމަށްފަހު އެ ސަރަޙައްދު ހަދައިފައި އޮތީ ބޮޑު ކުނިގޮނޑަކަށެވެ. ރޯމަނުން ނަޞާރާދީނަށް ވަނުމަށްފަހު ވެސް އެ ގޮނޑު އޮތެވެ. އެ ސަރަޙައްދުން ކުނިގޮނޑު ނަގައި ސާފުކުރެއްވީ ޤުދުސްގެ ތަޅުދަނޑިއާ ހަވާލުވެވަޑައި ގަތުމަށްފަހު މުސްލިމުންގެ ދެވަނަ ޚަލީފާ ޢުމަރުގެފާނާއި މުސްލިމް ޞަޙާބީންނެވެ. އަލްޙަރަމުއްޝަރީފްގެ ބިން ސާފުކުރައްވައި، ޢުމަރުގެފާނުގެ ޢަމުރުފުޅަށް ބިނާކުރެއްވި މިސްކިތްކޮޅަކީ މިހާރުގެ "މަސްޖިދުލްޤިބްލީ" އެވެ. މި މިސްކިތް ބިނާކުރެއްވީ މަސްޖިދުލް އަޤްޞާގެ ޤަދީމީ ބިންގަލުގެ މަތީގައެވެ. ނަމަވެސް މަސްޖިދުލް އަޤްޞާއަކީ ހަމައެކަނި މި މިސްކިތެއް ނޫނެވެ. އެއީ މި މިސްކިތް ހިމެނޭހެން އެތައް މިސްކިތެއް ހުންނަ ބޮޑު ސަރަޙައްދެކެވެ.

ފަލަސްޠީނުގެ އަލްޤުދުސްގައި ހުންނަ މާތްވެގެންވާ މަސްޖިދުލްއަޤްޞާ ބިނާކޮށްފައިވަނީ ޔަހޫދީންގެ ކުރީގެ ފައްޅިއެއްކަމަށްވާ "ހައިކަލް ސުލައިމާން" ހުރި ތަނުގައި ކަމަށްބުނެ ޔަހޫދީންނާއި އިޒްރޭލު ސަރުކާރުން ވެސް ދިޔައީ ދައުވާކުރަމުންނެވެ. އެ ކަން ބެލުމަށްފަހު އެބައިމީހުން ކުރަމުންދަނީ ބާތިލު ދައުވާތަކެއްކަމަށް ޔުނެސްކޯއިން ވަނީ 2016 ވަނަ އަހަރު ނިންމައިފައެވެ. އދ.ގެ ތަޢުލީމާއި ސައިންސާއި ސަޤާފަތާ ބެހޭ ޖަމްޢިއްޔާއިން ނެރުނު ގަރާރުގައި ބުނެފައިވަނީ ފަލަސްޠީނުގެ ބިމުގައި ހުރި މުސްލިމުންގެ ފުރަތަމަ ޤިބުލަ އަދި ތިންވަނަ ޙަރަމްފުޅުކަމަށްވާ މާތްވެގެންވާ މަސްޖިދުލްއަޤްޞާއަކީ ޔަހޫދީންނާ ތާރީޚީ ގޮތުން އަދި ދީނީގޮތުން ވެސް އެއްވެސް ގުޅުމެއްނެތް ތަނެއްކަމަށެވެ. އދ. ގެ ސަލާމަތީ މަޖިލީހުގެ ޤަރާރުތައް އެމެރިކާއިން ވީޓޯކުރާ ގޮތަށް ޔުނެސްކޯގެ ކައުންސިލަކީ ވީޓޯ ކުރުމުގެ ޤާނޫނީ ބާރު އެމެރިކާއަށާއި އިޒްރޭލުގެ އަނިޔާވެރިކަމަށް ހިތްވަރުދޭ ހުޅަނގުގެ ޤައުމުތަކަށް އޮންނަ ކައުންސިލެއް ނޫނެވެ. އެހެންކަމުން އަލިފުދާލުގެ ސަލާމަތީ މަޖިލީހުން ފާސްކުރާ ފާސްކުރުންތަކަށްވުރެ ޔުނެސްކޯއިން ފާސްކުރާ ފާސްކުރުންތަކުގެ ޢިލްމީ އަގާއި މުޖުތަމަޢުގެ އިތުބާރު މާ ބޮޑެވެ. ވީމާ ގުދުސާ ބެހޭ ގޮތުން ޔަހޫދީން ކުރާ ދައުވާތަކަކީ އަސާސެއް ނެތް ބާޠިލު ދައުވާތަކެއްކަން މުޅި ދުނިޔެއަށް ވެސް ސާބިތުވާނެއެވެ.

އެޑިޓަރުގެ ނޯޓް
ޢަބްދުﷲ ސަޢީދަކީ ތާރީޚީ ލިޔުންތައް ލިޔުއްވާ ކުޅަދާނަ ލިޔުންތެރިއެކެވެ. 1994 އޮކްޓޫބަރު 11ން ފެށިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގައި މަސައްކަތްކުރައްވާން ފެއްޓެވި ސަޢީދަކީ ތާރީޚީ ދިރާސާތައްކުރައްވައިގެން ލިޔުއްވަމުން ގެންދަވާ ބޭފުޅެކެވެ. މިހާރު އެއީ އެމްއެންޑީއެފްގައި ކޮމާންޑް ސަރޖެންޓް މޭޖާރއެވެ.

Advertisement

ކޮމެންޓް