މުހިންމު ނަސޭހަތެއް: ޒުހައިރު ބިން އަބީ ސުލްމާގެ ޙިކުމަތްތެރި ޅެން ބަސްކޮޅެއްގެ ތެރެއިން........
ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް
ޒުހައިރު ބިން އަބީ ސުލްމާއަކީ ޖާހިލީ ޒަމާނުގެ އަރަބި ޝާއިރެކެވެ. މީލާދީ ސަނަތުން ހަވަނަ ގަރުނާއި ހަތްވަނަ ގަރުނުގައި އުޅުއްވި ޝާއިރެކެވެ. އަވަހާރަވީ މީލާދީ ސަނަތުން 609 ވަނަ އަހަރުއެވެ. އިސްލާން ދީނާއިގެން ކީރިތި ރަސޫލާ ވަޑައިގަތުމުގެ އަހަރެއްހާ ދުވަސް ކުރީންނެވެ.
ޒުހައިރު ބިން އަބީ ސުލްމާއަކީ އަރަބި ޖާހީލީ ޒަމާނުގެ ޅެންވެރިންގެ ތެރެއިން އެންމެ ބޮޑެތި ތިން ޝާއިރުންގެ ތެރޭގައި ހިމަނައިލެވޭ އެއް ޝާއިރެވެ. އަނެއް ދެ ޝާއިރުންނަކީ އިމްރުއުލްޤައިސްއާއި އައްނާބިޣާ އައްޛުބްޔާނީއެވެ. ޒުހައިރުގެ ދަރިކަލުން ކައުބު ބިން ޒުހައިރަކީ ވެސް މޮޅު ޅެންވެރިޔެވެ. އޭނާގެ ޅެންތައް ކީރިތި ރަސޫލާއަށް އިއްވައި ދެއްވި ޅެންވެރިޔެކެވެ.
ޒުހައިރު މަޝްހޫރުވެފައިވަނީ ޅެންވެރިންގެ ހަކީމުގެ ގޮތުގައެވެ. ހިކުމަތުގެ ޅެން ލިޔުއްވި ޅެންވެރިޔެއްގެ ގޮތުގައެވެ. ޒުހައިރު ޅެން ހައްދަވައި ޅެންތައް އިސްލާހުކުރައްވައި ރީތި ކުރެއްވުމުގައި އަހަރެއްހާ ދުވަސް ހޭދަކުރައްވާ ކަމަށް ބުނެފައި އޮވެއެވެ. އެހެންވެ، އޭނާގެ ޅެންތަކަށް ހައުލިއްޔާތޭ ނުވަތަ އަހަރީ ޅެންތަކޭ ކިޔެއެވެ. އޭނާގެ ޅެންތަކުގެ ތެރެއިން ޅެމެއް މުއައްލަގާތުގެ ތެރޭގައި ހިމެނެއެވެ. އެއީ ޖާހިލީ ޒަމާނުގައި މޮޅު ޅެންތައްކަމުގައި ބެލެވި ކައުބާގައި އެލުވުނު ޅެންތަކެވެ. ތިރީގައިވާ ބައިތުކޮޅު ނެގިފައިވަނީ ޒުހައިރުގެ މުއައްލަގާތުންނެވެ. އަޑު އަހައި ވިސްނައި ފިކުރުކުރާން މުހިންމު ނަސޭހަތްތަކެކެވެ.
ތިރީގައިވާ ބައިތުތަކުގައި އެކުލެވިގެންވާ ހިކުމަތްތައް ގުޅެނީ އިންސާނީ ތަބީއަތުގެ ބައެއް ސިފަތަކާއެވެ. ބައިތުތަކުގެ މާނަ ހުށަހަޅާލުމަށް ފަހު، މި ސިފަތަކާ ބެހޭ ގޮތުން އެއްޗެއް ބުނެލާނަމެވެ.
1. فلا تكتمن الله ما في نفوسكم * ليخفي، ومهما يكتم الله يعلم
ކަލޭމެންގެ ނަފުސުގައި އޮތް ކަމެއް، ފޮރުވިފައި ބޭއްވިދާނެކަމަށް ހީކޮށް، ވަންހަނާކުރާން ނޫޅޭށެވެ. އެހެނީ ކިތަންމެ ވަރަށް (ކަމެއް) ފޮރުވާން އުޅުނަސް، (އެކަން) މާތްރަސްކަލާނގެ ދެނެވޮޑިގެންވެއެވެ.
2. يؤخر فيوضع في كتاب فيدخر * ليوم الحساب أو يعجل فينقم
އަދި، އެ ކަމެއް ފަސްކުރެވި، ފޮތެއްގައި ލިޔެވި، (އެ ކަމުގެ ހައްގު ޖަޒާ ދިނުމަށް ޓަކައި) ހިސާބު ބެއްލެއްވޭ ދުވަހަށް އެ ކަން ރައްކާކުރެވިފައި ބޭއްވެއެވެ. ނޫން ނަމަ، އަވަސްކުރެވި (އެ ކަން ފާޅުކުރެވި،) އެ ކަމުގެ ބަދަލު، (އެ ކަމުގެ ހައްގު ޖަޒާ، ކަލޭމެންނަށް، މި ދުނިޔޭގައި) ދެވެއެވެ.
ފޮރުވައިގެން، ސިއްރުކޮށްގެން އިންސާނުން ކަންތައްތައް ކޮށް އުޅެއެވެ. ނަމަވެސް، މި ހުރިހާ ކަމަކީ ވެސް މާތްރަސްކަލާނގެ ދެނެވޮޑިގެންވާ ކަމެއްކަން ޒުހައިރު ހަނދާންކޮށްދެއްވައެވެ. މާނައަކީ، ކަންކަން ކުރާ އިރު، ޚާއްސަ ގޮތެއްގައި އެއީ ނުރަނގަޅު ކަމެއްކަން ތިމާއަށް އެނގޭއިރު، އެ ފަދަ ކަންކަން ސިއްރުކުރެވިދާނޭކަމުގައި ހީނުކުރާށެވެ. އެ ކަންކަން މާތްރަސްކަލާނގެ ދެނެވޮޑިގެންވެ، އަދި، އެ ކަން ރެކޯޑުކޮށްފައި ބޭއްވެއެވެ. އެ ކަމުގެ ނަތީޖާއާ ކުރިމަތިލައި އެ ކަމުގެ ހައްގު ޖަޒާ، ފަހުން، ލިބިދޭނޭ ދުވަހަކަށް ޓަކައެވެ. އަދި ބައެއް ފަހަރު، އެ ކަމުގެ ޖަޒާ އަވަސްކުރެވި، ދުނިޔެމަތީގައި ވެސް އެ ކަމުގެ ޖަޒާ ދެވޭކަމުގައި ޒުހައިރު ފާހަގަކުރައްވައެވެ.
3. وأعلم ما في اليوم والأمس قبله * ولكنني عن علم ما في غد عم
މިއަދު ވާ ކަންތައްތަކާއި އިއްޔެ ވީ ކަންތައްތައް އަހަންނަށް އެނގިދާނެއެވެ. ނަމަވެސް، މާދާމާ ވާނޭ ކަންތައްތަކުގެ ޚަބަރު އަހަންނަށް ފެނި، އެނގިގެންނުވެއެވެ.
މާޒީވެ ދިޔަ ކަންތައްތަކާއި މިހާރު ހިނގަމުންދާ ކަންތައްތަކުގެ ވާހަކަ އިންސާނާއަށް ބުނެދެވިދާނެއެވެ. ނަމަވެސް، ޣައިބުގައި ފޮރުވިފައިވާ ކަންތައްތައް އިންސާނުންނަކަށް ނޭނގެއެވެ. ކުރިއަށް އޮތް ތާނގައި އޭނަ ކުރިމަތިލާން ޖެހޭނީ ކޮންކޮން ކަންތައްތަކާ ކަމެއް އޭނާއަކަށް ބުނެދޭކަށެއް ނޭނގޭނެއެވެ.
4. رأيت المنايا خبط عشواء من تصب * تمته ومن تخطئ يعمر فيهرم
މަރަކީ، އަހަންނަށް ފެނި އެނގިފައިވާ ގޮތުގައި، ރޭނގަޑު ކަނު އަނދިރީގައި އުޅޭ ޖަމަލެއް ފަދަ އެއްޗެކެވެ. އޭގެ އަތުގައި ޖެހުނު މީހަކު މަރައިލައެވެ. އޭގެ އަތުން ބިވެއްޖެ މީހާގެ އުމުރު ދިގުވެ، އިންތިހާއަށް މުސްކުޅިވެދެއެވެ.
މަރަކީ ވަކި ހަމައެއްގެ މަތިން ކުރިމަތިވާ ކަމެއް ނޫނެވެ. އޭގެ މިސާލަކީ ކަނު ޖަމަލެއްގެ މިސާލެވެ. އަނދިރީގެ ތެރޭގައި އޭގެ އަތް އެއްލައި އަތުގައި ޖެހުނު މީހަކު ގެންދެއެވެ. އަދި، އަތު ނުޖެހޭ މީހަކު ދުވަސްވެ މުސްކުޅިވާން ދޫވެފައި ހުރެއެވެ. މާނައަކީ ކޮންމެ ވަގުތެއްގައި ވެސް މަރު އައިސް ބައްދަލުކޮށްފާނެއެވެ. މަރުވާން ވަކި އުމުރެއް ކަނޑައެޅިފައެއް ނޯވެއެވެ.
ބައެއް މީހުން ގާތަށް މަރު އަންނަނީ ޒުވާން އުމުރުގައެވެ. އަނެއް ބައި މީހުން ދުވަސްވެ މުސްކުޅިވުމަށް ފަހުގައެވެ.
5. ومن هاب أسباب المنايا ينلنه * وإن يرق أسباب السماء بسلم
މަރު މެދުވެރިކުރުވާ ކަންތައްތައް ދެކެ އިންސާނާ ބިރުގަނެ، (މަރުން ރެކެން އޭނާ އުޅުނުކަމުގައި ވިޔަސް،) މަރު އައިސް ބައްދަލުކޮށް އޭނާ ގެންދާނެއެވެ. (މަރުން ސަލާމަތްވުމަށް ޓަކައި) އުޑުގެ ވަސީލަތްތައް، އެހީ، ހޯދަން ހަރުގަނޑެއް ބޭނުންކޮށްގެން އުޑަށް އެރިކަމުގައި ވިޔަސް ވެހެވެ.
މަރުން ރެކިގަނެ ސަލާމަތްވާނޭ އެއްވެސް ގޮތެއް ނޯންނާނެއެވެ. މަރުން ރެކިގަނެވިދާނޭ ހިތައި އުޑަށް އެރިކަމުގައި ވިޔަސް ވެހެވެ.
6. ومن يجعل المعروف في غير أهله * يكن حمده ذما عليه فيندم
ހެޔޮ ކަންތައްތައް ހައްގުނުވާ މީހަކަށް ހެޔޮ ކަމެއް ފޯރުކޮށްދެވިއްޖެ ނަމަ، އެ ކަމަށް ޝުކުރުކުރުން ލިބުމުގެ ބަދަލުގައި، ލިބޭނީ ބަދު ބަހެވެ. އަދި، އެހެންވެ، ފަހުން، އެ ކުރެވުނު ހެޔޮކަމާ މެދު ހިތާމަކުރާން ވެސް ޖެހިދާނެއެވެ.
ޒުހައިރު ދެކިލައްވާ ގޮތުގައި ހެޔޮކަންތައްތައް ކޮންދޭން ވާނީ ހެޔޮ ކަންތައްތަކުގެ އަހުލުވެރިންނަށެވެ. ހެޔޮ ކަންތައްތަކުގެ އަގު ވަޒަންކުރާން އެނގޭ މީހުންނަށެވެ. އެ ކަމުގެ އަހުލުވެރި ނޫން ބަޔަކަށް ހެޔޮ ކަމެއް ކޮށްދީފި ނަމަ، ޝުކުރުވެރިވުމުގެ ބަދަލުގައި އެފަދަ މީހުން އެއްޗެހި ކިޔާނެކަމަށް ވާތީއެވެ.
ޒުހައިރު ބިން އަބީ ސުލްމާގެ ޅެން<br>
7. ومن يغترب يحسب عدوا صديقه * ومن لا يكرم نفسه لا يكرم
ބީރައްޓެހި މާހައުލެއްގައިވާ މީހާ، އޭނާގެ ހަތުރަކީ މިތުރެއްގެ ގޮތުގައި ވެސް ދެކެފާނެއެވެ. އޭނާގެ އަމިއްލަ ނަފުސަށް (އިހުތިރާމުކޮށް) މާތްކޮށް ނުހިތާ މީހާގެ ނަފުސާ މެދު (އިހުތިރާމުވެވި) މާތްކޮށެއް ނުހިތޭނެއެވެ.
ބީރައްޓެހި ރަށަކަށް ގޮސް، މީސްނުމީސް ނޭނގޭ މީހާއަށް މިތުރުންނާއި ހަތުރުން ވަކިކުރާން ނޭނގިދާނެއެވެ. އަދި ހަތުރަކީ މިތުރުކަމުގައި ވެސް ބެލިދާނެއެވެ. ހަމަ އެހެންމެ، ތިމާގެ ނަފުސަށް އިހުތިރާމް ނުކުރާ މީހާއަށް އެހެން މީހުން ވެސް އިހުތިރާމެއް ނުކުރާނެއެވެ. ލަދެއް ނެތި، ފާޅުގައި އެންމެންގެ ކުރިމަތީގައި ހުތުރު ގޮތްގޮތަށް އުޅެ ތިމާގެ އަބުރާއި އިއްޒަތް ނަގައިލައިފި ނަމަ، އެހެން މީހުންނެއް ތިމާއަށް ގަދަރުކޮށް އިއްޒަތެއް ނުދޭނެއެވެ.
8. ومهما تكن عند امرئ من خليقة * وإن خالها تخفى على الناس تعلم
މީހެއްގެ ކިބައިގައި ނުބައި ސިފައެއް ހުރެ، އެ ސިފަ އޮތީ ފޮރުވިފައިކަމަށް ހީކުރި ނަމަވެސް، އެ ކަން ކޮންމެ ވެސް ދުވަހަކުން އެންމެނަށް ވެސް އެނގި ފާޅުވާނެއެވެ.
ތިމާގެ ކިބައިގައި ނުބައި ސިފައެއް ހުރެ، ކިތަންމެ ވަރަކަށް އެ ކަން ފޮރުވައިގެން އުޅުނަސް، އެ ކަން ހާމަވާނޭ ދުވަހެއް އަންނާނެއެވެ. މިސާލަކަށް އަމާނާތެއް ހަވާލުކުރެވިފައިވާ މީހަކު އެ އަމާނާތައް ޚިޔާނަތްތެރިވެ، އެ ކަން ފޮރުވުނީކަމުގައި ހީކޮށްގެން، ދުވަސް ކޮޅަކު ހުރެވުނަސް، އެކަން ބޭޒާރުވާނޭ ދުވަހެއް އަންނާނެއެވެ.
9. وكائن ترى من صامت لك معجب * زيادته أو نقصه في التكلم
މީހަކަށް ހަނުހުރި މީހަކު ފެނީ، (އޭނާއަކީ މޮޅު މީހެއް ކަމުގައި ބެލެވި) އޭނާއާ މެދު ގަޔާވެ، އޭނާ ކަމުހިނގައިދާނެއެވެ. (ނަމަވެސް، ހަނދާންކޮށްލާން ޖެހެނީ) މީހާގެ މޮޅުކަމާއި ދެރަކަން، އިތުރުކަމާއި އުނިކަން، އެނގި ފާޅުވަނީ އޭނާ ދައްކާ ވާހަކައިންނެވެ. (އޭނާ ހަނުހުންނަ ހުރުމަކުން ނޫނެވެ.)
ބައެއް ފަހަރު، އެއްވެސް އެއްޗެއް ނުބުނެ، މަޑުމަޑުން ހުންނަ މީހަކީ ބުއްދިވެރިއެއް ކަމުގައި ބެލެވިދާނެއެވެ. ނަމަވެސް، މީހާގެ ހަގީގަތް، އޭނާގެ ސިކުނޑިގެ ހުރި ނަމަ ހުރި ތެތްކަމެއް ފާޅުވެ، އެނގޭނީ އޭނާ އެއްޗެއް ބުނުމުންނެވެ. އިހުގެ ފަލްސަފާވެރިޔަކު ބުނެފައިވާ ފަދައިންނެވެ. "އެއްޗެއް ބުނެބަލާށެވެ! އަހަންނަށް ކަލޭ ފެންނާނީ އޭރުންނެވެ!"
10. لسان الفتى نصف ونصف فؤاده * فلم يبق إلا صورة اللحم والدم
އިންސާނާގެ ދެބައި ކުޅަ އެއްބަޔަކީ އޭނާގެ ދުލެވެ. އަނެއް ބައަކީ އޭނާގެ ހިތެވެ. ދެން އޭނާގެ ކިބައިގައި މަހާއި ލޭ ނޫން އެހެން އެއްޗެއް ނުވެއެވެ.
އިންސާނާއަކީ ކާކުކަން އަންގައި ދެނީ ދެކަމެކެވެ. އޭނާގެ ދުލާއި އޭނާގެ ހިތެވެ. އޭނާގެ ހިތަކީ - އޭގެ އެންމެ ފުޅާ މާނައިގައި، އިނގިރޭސި 'މައިންޑް'ގެ މާނައިގައި - އޭނާގެ ހުރިހާ އިހުސާސުތަކާއި ޝުއޫރުތަކާއި ފިކުރުތަކުގެ މަރުކަޒެވެ. ދުލަކީ އެ މަރުކަޒުގެ ވާހަކަތައް، އެ ވާހަކަތައް ބިނާވަނީ އިހުސާސުތަކާއި ޝުއޫރުތަކުގެ މައްޗަށްކަމަށް ވިޔަސް ނޫނީ ވިސްނުމުގެ މައްޗަށް ބިނާވާ ފިކުރުތަކާއި ޚިޔާލާތުތަކުގެ މައްޗަށް ވިޔަސް، ބޭރަށް ނެރެ ހާމަކޮށްދޭ އާލަތެވެ. ދެން، ބާކީ އިންސާނާގެ ކިބައިގައިވަނީ ލެޔާއި މަހެވެ. އިންސާނާ އެހެން މީހުންނާ ތަފާތުކޮށްދެނީ އޭނާގެ ހިތުގެ އިހުސާސުތަކާއި ޝުއޫރުތައް އަދި ފިކުރުތަކާއި ޚިޔާލުތަކާއި މި ކަންކަން ބަޔާންކޮށްދޭ އޭނާގެ ދުލުގެ ކުޅަދާނަކަމެވެ. އޭނާގެ ކިބައިގައި ވާ މަހާއި ލެޔެއް ނޫނެވެ.
11. وإن سفاه الشيخ لا حلم بعده * وإن الفتى بعد السفاهة يحلم
މުސްކުޅިޔާގެ މޮޔަކަން ފިލައި، އަޚުލާގެ ރަނގަޅު ނުވެއްޖެ ނަމަ، ދެން އޭނާ ހޭޖެހި އޭނާގެ އަޚުލާގު ރަނގަޅު ވާނޭ ދުވަހެއް ނާންނާނެއެވެ. ނަމަވެސް ޒުވާނާ، އޭނާގެ މޮޔަކަން ނުފިލައި އަދި އަޚުލާގު ރަނގަޅު ނުވިޔަސް، ފަހުން އޭނާގެ މޮޔަކަން ފިލައި އަޚުލާގު ރަނގަޅުވެދާނެއެވެ.
ޒުވާން، ޝަބާބުގެ ދުވަސް ވަރު، މޮޔަ ސޭކުކަންތައް ކުރެވިދާނެއެވެ. ނަމަވެސް، ދުވަސްވެ، ހަރުވުމުން، އެފަދަ ކަންކަމީ މޮޔަކަންކަމުގައި ވިސްނި، އެފަދަ ކަންކަމާ ދުރުވެ، ޒުވާނާ ހޭޖެހޭ ގޮތް ވެއެވެ. ނަމަވެސް، މުސްކުޅިވާ ދުވަހު ވެސް، އިންސާނާ ހޭވެރި ނުވެއްޖެ ނަމަ، ދެން އޭނާ ހޭވެރިވާނޭ ދުވަހެއް ނާންނާނެއެވެ.
12. سألنا فأعطيتم وعدنا فعدتم * ومن أكثر التسآل يوما سيحرم
އެއްޗިއްސައް އެދި އަހަރުމެން ކަންކަމަށް އެދުނީމެވެ. ދެން ކަލޭމެން އެއްޗެހި ދީ އެ ކަންކަން ފުއްދައިދިނެވެ. ދެން، އަނެއްކާވެސް އެފަދައިން އަހަރުމެން ކަންތައް ކުރުމުން، އަނެއްކާ ވެސް ކަލޭމެން ހަމަ އެފަދައިން ކަންތައް ކުރިއެވެ. ނަމަވެސް، އަބަދު ކަންތަކު ކިޔައި، އެއްޗިއްސަށް އެދުން ގިނަވެއްޖެ ނަމަ، އެ އެދުންތައް ފުއްދައި ނުދެވޭނޭ ދުވަސް ވެސް އަންނާނެއެވެ.
މީސްމީހުންގެ ކިބައިން، ތަކުރާރުކޮށް ކަންތަކަށް އެދެވި، މީސްމީހުން އެ ކަންތައް ތަކުރާރުކޮށް ފުއްދައިދީފާނެއެވެ. ނަމަވެސް، މީސްމީހުންގެ ކިބައިން ކަންތައްތަކަށް އަބަދު އެދިއެދި، އެއީ އާދައަކަށް ހަދައިފި ނަމަ، މީސްމީހުންނަށް އެ ކަން ފުއްދައިނުދެވޭނޭ ދުވަސް ވެސް އަންނާނެއެވެ.
________________________________________