Advertisement

ޔަހޫދީން ތިބޭން ޖެހޭނީ ބިންގަރާސްތަކުގައި ބިރުން ފިލައި. – ހާޝިމް ޝަރަފުއްދީން

15 Sep 2024 | 15:14
އިސްރާއީލުގެ ވެރިރަށް އަދި އިގުތިސާދީ ހަބުކަމަށް ވާ ތައްލުއަބީބަށް މިސައިލުން ހަމަލާދީފި

އަބާ މުޙަންމަދު

ޔަމަންގެ ރައްޔިތުން ކީރިތި ރަސޫލާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ޢީދު މީލާދު ފާހަގަކުރަމުންދާ އިރު, ޔަހޫދީން ތިބޭން ޖެހޭނީ ބިންގަރާސްތަކުގައި ބިރުން ފިލައިކަމުގައި ޙޫޘީ ޖަމާޢަތުގެ ތަރުޖަމާނު ހާޝިމް ޝަރަފުއްދީން ވިދާޅުވެފައިވެއެވެ.  މިއީ އިސްރާއީލުގެ ވެރިރަށް ތައްލުއަބީބަށް ދިން ވަރުގަދަ މިސައިލު ޙަމަލާތަކަށް ފަހު ދެއްވި ބަޔާނެކެވެ. މި ޙަމަލާތަކާ ގުޅުވައި ޙޫޘީންގެ އެހެން ވެރީން ވެސް ވަނީ ޔަހޫދީންނަށް އަމާޒުކޮށް އިންޒާރުގެ މެސެޖުތައް މީސްމީޑިޔާގައި ޝާއިޢުކޮށްފައެވެ.

ޔަމަންގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޙޫޘީ ޖަމާޢަތުން ދިންކަމަށް ބެލެވޭ މިސައިލް ޙަމަލާތަކުން ޔަހޫދީންގެ ވެރިރަށް ތައްލުއަބީބަށް ބޮޑެތި ގެއްލުންތަކެއް ލިބުނުކަމަށް ވީޑިއާ ބުނެއެވެ. ތައްލުއަބީބާއި އިސްރާއީލުގެ މެދުތެރޭ ސަރަޙައްދުތަކަށް 20 މިސައިލް އަމާޒުކޮށް ފޮނުވައިލައިފައިވާ ކަމަށާއި، އެ ޙަމަލާތަކުގައި ގިނަ ޢަދަދެއްގެ ބަޔަކު ޒަޚަމުވިކަމަށް ރިޕޯޓުތައް ބުނެއެވެ. އެ ޙަމަލާތަކުގައި އެއްވެސް މީހަކު މަރުވެފައިވާ ކަމެއް އިސްރާއީލުން އަދި އެހެން މީޑިއާއަކުން ވެސް އަދި ކަށަވަރު ކޮށްދީފައެއް ނެތެވެ. އެހެންނަމަވެސް ޙޫޘީން ދިންކަމަށ ބެލެވޭ މި ޙަމަލާތަކާ ގުޅިގެން ތައްލުއަބީބުގައި އިންޒާރުގެ ރަނގަބީލު ޖަހާފައިވެއެވެ. ނަމަވެސް, އިންޒާރުގެ ރަނގަބީލާ އެކު އާންމުން ބިރުން ކޮޅުކޮޅަށް ދުވާ މަންޒަރު އެ ޤައުމުގެ މީޑިޔާތަކުން ޢާންމު ކޮށްފައިވާ ވީޑިޔޯތަކުން ފެނުނެވެ. އަދި, ވައިގެ ޙަމަލާތަކުން ރައްކާތެރިކަންހޯދުމަށް ޓަކައި ތައްޔާރުކޮށްފައިވާ ބިންގަރާސްތަކަށް ވަދެ، އެ މީހުން ފިލިއެވެ. މި މިސައިލް ޙަމަލާތަކާ ގުޅިގެން ތައްލުއަބީބުގެ މައި ވައިގެ ބަނދަރުގެ ޚިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑައިލިއެވެ. ވައިގެ ބަނދަރާ ހަ ކިލޯމީޓަރު ދުރަށް އެއް މިސައިލު ވެއްޓިފައިވާކަމަށާއި ތައްލުއަބީބުގެ ބުރިޖަކަށް ވެސް ޙަމަލާއެއް އަމާޒުވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. ވެރިރަށް ތެލް އަވީވާ ހަމައަށް މިސައިލްތައް ވާސިލުވެފައި ވަނީ, އެ ރަށުގައި ޤާއިމު ކޮށްފައިވާ އަޔަން ޑޯމޭ ކިޔާ ވައިގެ ދިފާޢީ ނިޒާމު ފޭލިވީމާ ކަމަށް ވެސް އިސަރާއިލުގެ ނޫސްތަކުން ބުނެފައިވެއެވެ. މިސައިލް ޙަމަލާއެއްގައި ކުފާރު ދާނިޔަލް ސަރަޙައްދުގައި އަލިފާން ރޯވެފައިވާ ކަމުގައި އެ ސަރަޙައްދުގައި ހަރަކާތްތެރިވާ ނޫސްވެރިން ބުންޏެވެ. މީގެ އިތުރަށް މޮދިއީން ކިޔާ ރަށެއްގައި ހުންނަ ރޭލުވޭ އިސްޓޭޝަނަކަށް ވެސް ވަނީ މިސައިލު ޙަމަލާތަކުގައި ގެއްލުންވެފައެވެ. އެ އިސްޓޭޝަންގައި ހުރި އެސްކެލޭޓަރެއްގެ މައްޗަށް މިސައިލެއްގެ ބައިތަކެއް ވެއްޓިފައިވާ މަންޒަރު އިސްރާއީލު މީޑިޔާތަކުން ޢާންމުކޮށްފައިވެއެވެ.

ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނާ ގުޅުވައި އިސްރާއީލުގެ ރަށްތަކަށް އަމާޒުކޮށް ޙޫޘީން ވަރަށް ގިނަ ފަހަރު ވަނީ އެތައް ޙަމަލާތަކެއް ދީފައެވެ. ޖުލައި މަހު ވެސް ޙޫޘީން ވަނީ ނުރައްކާތެރި އަސްކަރީ ޑްރޯނެއް ބޭނުން ކޮށްގެން ތައްލުއަބީބަށް ޙަމަލާދީ, ޔަހޫދީއަކު މަރައިލައި, އިތުރު 10 މީހުން ޒަޚަމު ކޮށްލައިފައެވެ. ނަމަވެސް، މި ފަހަރުގެ މިސައިލް ޙަމަލާތަކުގެ ޒިންމާ އެ ޖަމާޢަތުން އުފުއްލައިފައެއް ނުވެއެވެ. ޣައްޒާ ޢުދުވާން ހުއްޓައިލުމަށް ބާރު އެޅުމުގެ ގޮތުން ޙޫޘީން ދަނީ ރަތް ކަނޑުން ދަތުރު ކުރާ އާގުބޯޓުފަހަރަށް ވެސް ޙަމަލާ ދެމުންނެވެ. އަސްކަރީ ޑްރޯނާއި ބެލިސްޓިކް މިސައިލް ފަދަ ނުރައްކާތެރި ހަތިޔާރު ބޭނުން ކޮށްގެން ދެމުންދާ ޙަމަލާތައް އަމާޒު ކުރަމުން ދަނީ ޔަހޫދީންގެ ބަނދަރުތަކަށް މުދާ އުފުލާ ބޯޓުފަހަރާއި, ޔަހޫދީންނާ ގުޅުން އޮތް އުޅަނދުފަހަރަށެވެ. އޭގެ އިތުރަށް ޔަހޫދީންންނަށް ތަކެތީގެ ގޮތުންނާއި މާލީ ގޮތުން އެހީތެރިވާ އެމެރިކާއާއި އިނގިރޭސިވިލާތުގެ އާގުބޯޓުފަހަރާއި އަސްކަރީ މަނަވަރުތަކަށް ވެސް ޙޫޘީންގެ ޙަމަލާތައް އަމާޒު ކޮށްފައިވެއެވެ.

އޮކްޓޫބަރު ހަތެއްގައިއިސްރާއީލުން ޙަމާސާ ދެކޮޅަށް ޢުދުވާނު ފެށި ފަހުން މިހާތަނަށް 42 ހާހެއް ހައި މީހުން ޣައްޒާއިން ޝަހީދުވެ ލައްކައެއް ހައި މީހުން ޒަޚަމުވެއްޖެއެވެ. ނަމަވެސް މި ހަމަނުޖެހުންތަކުގައި އިސްރާއީލު ރައްޔިތުންގެ ތެރެއިން މަރުވެފައިވަނީ އެންމެ 12 ސަތޭކައެއް ހައި މީހުންކަމަށް އިސްރާއީލުން ބުނެއެވެ.

__________________________________

އެޑިޓަރުގެ ނޯޓް
އަބާ މުޙަންމަދަކީ މީގެ ކުރީން ވެސް ބައެއް ނޫސްތަކަށް ލިޔުއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

Advertisement

ކޮމެންޓް