Advertisement

އެންބިޔުލާންސްތަކަށް ޙަމަލާދެނީއެވެ. އިސްރާއީލްގެ ނަޒަރުގައި ޣައްޒާގެ ހުރިހައި ރައްޔިތުންނަކީ ނިރުބަވެރީންނެވެ.

04 Nov 2023 | 05:49
އިސްރާއީލުން މީގެ ގަޑިއެއްހާ އިރުކުރީން އެންބިޔުލާންސަކަށް ދިން ހަމަލާ: ބަލިމީހުންނާއި ކުޑަކުދީންނަކީ ވެސް ޔަހޫދީންގެ ބަހުން ހަމާސްގެ ނިރުބަވެރީންނެވެ. (ފޮޓޯ: ސްކައި ނިއުސް)

ޣައްޒާގެ ބިން ފޭރިގަތުމަށް ޓަކައި އެ ސިޓީގައި ދިރިއުޅޭ ހުރިހައި ރައްޔިތުން ތަޅައި މަރައި ބޭރުކޮށް ހެދުމުގައި ހަމައެއްލަމައެއް ނުބަލައެވެ. ކުޑަކުދީންތަކެއް ނުވަތަ ބަލި މީހުންތަކެއް މަރައިލުމަށް ފަހު ވެސް އެއީ ޙަމާސްގެ ނިރުބަވެރީންކަމަށް ބުނަނީއެވެ. މިހާރު މުޅި ޣައްޒާ ވަށައިލުމަށް ފަހު ތަނެއްދޮރެއް ނުބަލައި އަދި ސުމާރެއް ނެތި އެންމެ ޒަމާނީ ހަތިޔާރުތަކުން ޙަމަލާދެނީއެވެ. ކުށެއް ނެތް މަޢުޞޫމު ރައްޔިތުން ގަސްތުގައި މަރަނީއެވެ. މީގެ ގަޑިއެއްހާ އިރު ކުރީން ޣައްޒާގެ އައްޝިފާ ހޮސްޕިޓަލުގެ މައި ދޮރޯށި ކައިރީން ބަލި މީހުން އަރުވައިގެން ދިޔަ އެންބިޔުލާންސަކަށް ހަމަލާދީ 15 ބަލި މީހުން މަރައިލައި 16 މީހުން ޒަޚަމުކޮށްލައިފިކަމަށް އަލްޖަޒީރާއިން ޚަބަރު ދިނެވެ. މި ކަން ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން އިޢުލާނުކުރިތާ މާ ގިނައިރެއް ނުވަނީސް އިސްރާއިލުން އެ ކަން ވަނީ ފަޚުރުވެރިކަމާއެކު ކަށަވަރުކޮށްދީ އެއީ ޙަމާސްގެ ނިރުބަވެރީންކަމަށް ބުނެފައެވެ. އަދި ހޮސްޕިޓަލުގެ އުޅަނދުތައް ބޭނުންކުރަނީ ޙަމާސުންކަމަށް ބުނެފައެވެ. ނަމަވެސް މިއީ ކަނޑައެޅިގެން ދޮގެއްކަމަށާއި އެންބިޔުލާންސުން ޙަމާސާ ބެހޭ އެއްވެސް މީހަކު ނޫފުއްލާކަމަށް މަންޒަރު ދުށް މީހުން ބުނެއެވެ. ޙަމާސްގެ މުޖާހިދުންނަކީ އިސްރާއީލުގެ ނަޒަރުގައި ނިރުބަވެރީންނެވެ.

ފަލަސްތީނުގެ މިހާރުގެ ހާލަތު: މުސްލިމު ގައުމުތައް އަދިވެސް ތިބީ ނިދައިފައެވެ.<br>

ޣައްޒާގެ ޢުދުވާނުން ސަލާމަތްވާން އައްސޭރި މަގުން ދިޔަ ޣައްޒާގެ 16 މީހަކު އެހެން ޙަމަލާއެއްގައި ޝަހީދުކޮށްލި އިރު، އޭގެ ތެރޭގައި ގިނައީ ކުޑަކުދީންނެވެ. އަނިޔާވެރި ޔަހޫދީންގެ ނަޒަރުގައި އެއީ ވެސް ނިރުބަވެރީންނޯލައެވެ.

ޔަހޫދީންގެ އަނިޔާވެރި ޙަމަލާތައް ފެށި ފަހުން، ލުބްނާންގައި އޮންނަ ޙިޒުބުﷲގެ އިސްވާރު ޙަސަން ނަޞްރުﷲ ފުރަތަމަ ދިން ތަގުރީރުގައި މިއަދު ބުނެފައިވަނީ އިސްރާޢީލުންގެ އަމާޒަށް ވާސިލުނުވެވޭނެކަމަށެވެ. އެކަމަކު ރޭ އެކަނި ވެސް އިސްރާއީލުން ދިން ޢުދުވާނުގައި ހުޅަނގު އައްސޭރި ސަރަހައްދުން ފަލަސްތީނުގެ ނުވަ މީހަކު އަދި ޖެނީން ސަރަހައްދުން ފަސް މީހަކު ވަނީ ޝަހީދުކޮށްލައިފައެވެ.

އޮކްޓޫބަރު ހަތްވަނަ ދުވަހު އިސްރާއިލުން ޢުދުވާނީ ޙަމަލާތައް ފެށިފަހުން 9227 މީހަކު ފަލަސްތީނުން ވަނީ ޝަހީދުކޮށްލައިފައެވެ. އަދި 33 ހާސް އެތައް ބަޔަކު ވަނީ ޒަޚަމުކޮށްލައިފައެވެ. އިސްރާއީލުން އެއްބަސްވާ ގޮތުގައި އިސްރާއީލުން 1400 މީހުން ވަނީ މަރުވެފައެވެ.

ޣައްޒާ: ތިޔަ ފެނިވަޑައިގަންނަވަނީ ހަވާއަރުވާ މަންޒަރެއް ނޫނެވެ. އެއީ ޣައްޒާގެ ރައްޔިތުން ފަނާކޮށްލުމަށް ޓަކައި ވިހަ ކެމިކަލެއްކަމުގައިވާ ހުދު ފޮސްފަރަސް ބޭނުންކޮށްގެން ވައިގެ މަގުން ދޭ ޙަމަލާތަކެވެ.<br>

އިސްރާއީލުން ފަލަސްޠީނުގެ މަޢުޞޫމު ރައްޔިތުންނަށް ދެމުން މި ގެންދާ އިންސާނިއްޔަތާ ޚިލާފު ޙަމަލާތަކަކީ ފަލަސްތީނީ ނަސްލު ނައްތައިލައި މުޅި ބިން އިސްރާއީލުން ފޭރިގަންނާން ހިންގާ ގާނޫނާ އަދި އިންސާނިއްޔަތާ ޚިލާފު ޢުދުވާނެއްކަމަށް މުޅި ދުނިޔެއަށް ސާބިތު ވިޔަސް އެމެރިކާއާއި ހުޅަނގުގެ ސަރުކާރުތަކުން އިސްރާއީލަށް ތާއީދުކޮށް އެ މީހުންނަށް ފުރިހަމަ މަދަދު ދިނުމުގައި ވަރަށް ކަށަވެއްޗެވެ. މިއިން ކަމަކާ އިދިކޮޅަށް އިނގިލިކުރި ހިއްލައިލާކަށް ވެސް މުސްލިމު ގައުމުތަކަށް ނުކެރެއެވެ. މި އަނިޔާވެރި ޤަތުލުއަންމުތަކާ ގުޅިގެން އިސްރާއީލާ ގުޅުން ކަނޑައިލައިފައި ވަނީ ވެސް ނަޞާރާ ދައުލަތެއްކަމަށްވާ ބޮލީވިޔާއިން އެކަންޏެވެ. މުސްލިމު ގައުމަކުން އިސްރާއީލާ އޮންނަ ވިޔަފާރީގެ ގުޅުން ކަނޑައިލިކަން އަންގައިފައިވެއެވެ. ނަމަވެސް އެއާ ގުޅިގެން އެއީ ދޮގެއްކަމަށާއި އިސްރާއީލާ އޮންނަ ގުޅުމަށް ހީނަރުކަމެއް ނާންނަކަމަށް އިސްރާއީލުން އިޢުލާނުކުރުމުން އެއަށް ރައްދުދޭކަށް އެ ގައުމަކަށް ނުކެރުނެވެ. އެހެންކަމުން މުސްލިމު ގައުމުތަކުން ވެސް އިސްރާއީލާ ގުޅުން ކަނޑައިލިކަމަކަށް ނުބެލެއެވެ.

އަނެއްކޮޅުން ޔަމަންގެ ހޫތީ ސަރުކާރުން އިސްރާއީލާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކޮށް ޙަމަލާތައް ދޭން ފެށުމުން ސައޫދީ ޢަރަބިއްޔާއިން ސަމާލުވީ ޔަމަންގެ ކިބައިން އިސްރާއީލު ސަލާމަތްކޮށްދިނުމަށެވެ. މިއީ މީގެ އެއް ގަޑިއިރު ކުރިއާ ހަމައަށް ފަލަސްތީނުން ލިބުނު އެންމެ ފަހު ޚަބަރުތަކެވެ.

_____________________________

ބައެއް ލަފުޒުގެ މާނަ

ކަށަވެތި:    ޒިންމާދާރުކަމާއި ޝައުގުވެރިކަމާއެކު ކަމެއް ކުރުމުގެ ސިފަ ހުރި

އިސްވާރު:   (1) ވެރިޔާ، (2) އިސްވެ ހުންނަ މީހާ

ނިރުބަވެރީން:  (1) އާދަޔާ ޚިލާފަށް ބިރުވެރިކަން އުފައްދާ ނުވަތަ ފަތުރާ މީހުން (2) ފައިދާއެއް ހޯދާން ނުވަތަ މަގުސަދެއް ހާސިލުކުރާން ބިރުދައްކާ މީހުން

Advertisement

ކޮމެންޓް
ސޢ
ވަގުންނަށް ހީވާނީ ފުޅައްބުޑުން ދަންޏާ ކެޔޮގަނޑު ކަނޑައިލާނެހެންނެވެ. ނިރުބަވެރީންނަށް ހީވާނީ އެހެން މީހުންނަކީ ވެސް ނިރުބަވެރީންކަމަށެވެ.
04 Nov 2023