Advertisement

ބޮލީވިޔާއަށް ތަހުނިޔާ އަދާކުރާން ޖެހެއެވެ. ސާބަހެވެ.

03 Nov 2023 | 10:41
ބޮލީވިއާ: މިއީ މޫދާ ގުޅިފައި ނެތް، ބިމުން ވަށައިލެވިފައިވާ، ލެޓިން އެމެރިކާގެ ގައުމެކެވެ.

ފަލަސްޠީނުގެ މިނިވަންކަމަށްޓަކައި މަސައްކަތް ކުރަމުން އަންނަ "ހަމާސް" ޖަމާޢަތް ނައްތައިލުމަށް ފަހު ނޫނީ "ހަނގުރާމަ" ހުއްޓައިނުލާނެކަމަށް ބުނެ، ފަލަސްތީނުގެ މައުޞޫމު ރައްޔިތުންނާ ދެކޮޅަށް ޔަހޫދީން ހިންގާ ޢުދުވާނުގައި 26 ދުވަސް ހޭދަވެފައިވާ އިރު، މިހާތަނަށް ނުވަ ހާހަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފައިވެއެވެ. 32 ހާހަށް ވުރެ ގިނަ މީހުން ޒަޚަމުކޮށްލައިފިއެވެ. ނަމަވެސް ޔަހޫދީންނާ ދެކޮޅަށް ތެދުވާން މުސްލިމު ގައުމުތަކުން ތިބީ ނުކުޅެދިފައެވެ. ޔަމަންގެ ހޫތީ ސަރުކާރުން އިސްރާއީލާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކޮށް މިސައިލު ޙަމަލާތަކެއް ދިނަސް އެ ޙަމަލާތަކުން އިސްރާއީލު ދިފާޢުކުރާން އެމެރިކާ އޮތީ ކަށަވެތިވެފައެވެ.

ފަލަސްތީނަށް އިސްރާއީލުން ދެމުން ގެންދާ ލާއިންސާނީ ޢަމަލުތައް ކުށްވެރިކުރަނީ ހަމައެކަނި މުސްލިމުންނެއް ނޫނެވެ. އިސްރާއީލަށް ވާގިވެރިވާ އެމެރިކާ އާއި އިނގިރޭސިވިލާތާއި ޖަރުމަނު ފަދަ ވިލާތުގެ އެތައް ގައުމެއްގެ އެތައް ހާސް ރައްޔިތުން ވެސް އިސްރާއީލާ ދެކޮޅަށް މުޒާހަރާތައް ކުރަމުން އެބަ ގެންދެއެވެ.

ނަމަވެސް ތުރުކިޔޭއާއި އުރުދުން ފަދަ ބައެއް ގައުމުތަކުން އިސްރާއީލާ ދެކޮޅަށް ބަސްބުނެ ބަޔާންތައް ނެރުނަސް އެންމެ ކުޑަމިނުން އިސްރާއީލާ ސިޔާސީ ގުޅުން ކަނޑައިލާކަށް ވެސް މުސްލިމު ގައުމަކަށް ނުކެރުނެވެ. މި ކަން މިހެން އޮއްވައި އިސްރާއީލުގެ އުދުވާނާ ދެކޮޅު ހެދުމުގެ ގޮތުން ލެޓިން އެމެރިކާގެ ގައުމެއްކަމުގައިވާ ބޮލީވިއާ (ރަސްމީ ނަމުން ނަމަ: ޕްލޫރިނޭޝަނަލް ސްޓޭޓް އޮފް ބޮލީވިއާ)އިން އިސްރާއީލާ ގުޅުން ކަނޑައިލިކަން އިޢުލާނުކޮށް ތާރީޚުގެ ތެރެއަށް ވަދެއްޖެއެވެ.

ބޮލީވިޔާ: އިސްރާއީލުން ޣައްޒާއަށް ދޭ ޙަމާލާތަކުގެ ސަބަބުން އިސްރާއީލާ ގުޅުން ކަނޑައިލި ފުރަތަމަ ގައުމަކަށް ވެއްޖެއެވެ.<br>

ބޮލީވިއާގެ އިތުރަށް ލެޓިން އެމެރިކާގެ ބައެއް އެހެން ގައުމުތަކުގެ ފަރާތުން އިސްރާއީލަށް ކަނޑައަޅައިފައި ތައްލުއަވީވްގައި ތިބި ސަފީރުން ވެސް މަޝްވަރާކުރުމަށްކަމަށް ބުނެ ގައުމަށް އެނބުރި އައުމަށް ވެސް އަންގަމުން އެބަ ގެންދެއެވެ. 

އެނގިވަޑައިގަންނަވާނޭ ފަދައިން ބޮލީވިއާއަކީ ދެކުނު އެމެރިކާގެ ހުޅަނގު-މެދުތެރޭގައި އޮންނަ މިނިވަން ދައުލަތެކެވެ. މިއީ ބިމުން ވަށައިލެވިފައިވާ، އެއްވެސް ކަނޑަކާ ގުޅުމެއް ނެތް ދައުލަތެކެވެ. އިރުމައްޗާއި އުތުރުގައި އޮންނަނީ ބްރެޒިލެވެ. އިރުދެކުނުގައި އޮންނަނީ ޕެރަގުއޭއެވެ. ސީދާ ދެކުނުގައި އާޖެންޓީނާ އޮންނަ އިރު، ހުޅަނގުދެކުނުގައި ޗިލީއެވެ. ސީދާ ހުޅަނގުގައި އޮންނަނީ ޕެރޫއެވެ. މިއީ ނަޞާރާއިންގެ އަޣުލަބިއްޔަތު އޮންނަ ގައުމެކެވެ.  އެ ގައުމުގެ ގާތްގަނޑަކަށް 70 އިންސައްތައަކީ ނަޞާރާ ކެތޮލިކް މަޒުހަބުގެ މީހުންނެވެ. ފަލަސްޠީނާ ދެކޮޅަށް ޔަހޫދީން ހިންގާ ޢުދުވާނާ ދެކޮޅު ހެދުމުގެ ގޮތުން މި ފަދަ ޣައިރުމުސްލިމު ގައުމަކުން އިސްރާއީލާ ގުޅުން ކަނޑައިލި އިރު މުސްލިމު ގައުމަކަށް މި ވަރުގެ ފިޔަވަޅެއް ވެސް އަޅާން ނުކެރުނުކަމީ މުސްލިމުން ލަދުވެތިވާން ޖެހޭނެކަމެކެވެ.

ކޮންމެއަކަސް ބޮލީވިޔާއިން މި އެޅި ފިޔަވަޅަށްޓަކައި ބޮލީވިޔާ ސަރުކާރަށް ޚާއްޞަކޮށް ރައީސް ހިޒް އެކްސެލަންސީ މރ. ލުއިސް އާރސް ކެޓަކޮރާއަށް ތަހުނިޔާއާއި ހެޔޮ އެދުންތައް ރައްދުކުރަމެވެ. ސާބަސްދެމެވެ.

___________________________________

Advertisement

ކޮމެންޓް