Advertisement

ނަސްރުގެ ދުވަސް މިއަދު ފާހަގަކުރާ ހިނދު........

ސިފައިންގެ ހުޅަނގު ދެކުނު ކަންމަތީގައި ޝަހީދުންގެ ހަނދާނުގައި ގާއިމުކުރެވިފައިވާ ހަނދާނީ ބިނާ

މިއަދަކީ މިއަހަރުގެ ނަޞްރުގެ ދުވަހެވެ. 1988 ވަނަ އަހަރު ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ޙަމަލާ ނާކާމިޔާބުކޮށްލެވި ދިވެހީންނަށް ނަޞްރު ލިބުނު ދުވަހެވެ. ތަމަޅަ ޓެރެރިސްޓް ޖަމާޢަތެއް ކަމުގައިވާ ޕީޕަލްސް ލިބަރޭޝަން އޯގަނައިޒޭޝަން އޮފް ޓެމިލް އީލާމް (ޕްލޯޓް)އާ ދިވެހީންގެ ބަޔަކު ގުޅިގެން ހިންގި ވަރަށް އަނިޔާވެރި ޙަމަލާއަކުން ދިވެހި ދައުލަތާއި ރައްޔިތުން ސަލާމަތްވި ދުވަހެވެ. މިއަދުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހާ ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮ އެދުންތައް ރައްދުކުރަމެވެ.

މި ޙަމަލާ ރާވައި ހިންގުމުގައި އިސްކޮށް ޙަރަކާތްތެރިވެފައިވަނީ (ފެންނަ ފެނުމުގައި) ދިވެހީންގެ ހައެއްކަ މީހުންކަމަށް ވިޔަސް މި ކަމުގެ މޫތައް އެއަށްވުރެ މާ ދުރަށް ފޯރާކަމަށް އެ މައްސަލަ ހިނގައި ދިޔަ ގޮތާއި އޭގެ ވަށައިގެންވާ ކަންކަމަށް ވިސްނައިލުމުން ސާފުވާނެއެވެ. ދިވެހިރާއްޖެއަށް އެ ރޭ ފަތިހު ދިން ޙަމަލާއެއްގެ ޚަބަރު، އިންޓަރނެޓް ނެތް އެ ޒަމާނުގައި، ބޭރު ގައުމެއްގައި ހަމަ އެ ދުވަހު ހެނދުނު ނުކުތް ނޫހެއްގައި ޝާއިޢުކުރެވުނީ ކިހިނެއްތޯ ސުވާލު އުފެދެއެވެ. މިއީ ފުރިހަމަ ދިރާސާއެއް ކުރާން ޖެހޭނެ ކަމެކެވެ. ނޮވެންބަރު ތިނެއްގެ މިހާދިސާގައި މައުސޫމު 19 ދިވެހީންގެ ގަޔަށް ބަޑިޖަހައި ޝަހީދުކޮށްލައިފައިވެއެވެ. އެއީ ޢާންމުންގެ 11 މީހުންނާއި ސިފައިންގެ އަށް ބޭކަލެކެވެ. އަދި މިޙަމަލާގައި 39 ދިވެހިން ވަނީ ޒަޚަމްކޮށްލައިފައެވެ.

ދުޝްމަނުން އެ ދުވަހުގެ ސިފައިންގެ މައި މަރުކަޒަށް ތިން ދިމާއަކުން ހަމަލާތައް ދެމުން ގެންދިޔައެވެ. އެއީ ސިފައިންގެ ކުރިމަތީން މައި ދޮރޯއްޓާ ދިމާއިންނާއި، ސިފައިންގެ އިރުއުތުރު ކަންމައްޗާ ދިމާއިންނާއި، ސިފައިންގެ ހުޅަނުދެކުނު ކަންމައްޗާ ދިމާއިންނެވެ.

ނޮވެންބަރު ތިނެއްގެ ޙަމާލާ ނާކާމިޔާބު ކޮށްލުމުގައި އެންމެ ކުރީ ސަފުގައި ހުންނެވީ ހދ. ކުޅުދުއްފުށީގެ ހިތްވަރުގަދަ ބަޠަލެކެވެ. އެއީ ހދ. ކުޅުދުއްފުށީ މާވާގޭ ޝަހީދު ކޯޕަރަލް ޙުސައިން އާދަމް (ރަޙިމަހުﷲ)އެވެ. އެންމެ 20 އަހަރުގެ އެ ޒުވާނާ އެ ދުވަހު އެއްވެސް އަމިއްލަ އެދުމެއް ނެތި އޭނާގެ ފުރާނަފުޅު ޤުރުބާންކުރެއްވީ މާތްވެގެންވާ އިސްލާމްދީނާއި، ދިވެހީންގެ މި ލޮބުވެތި ވަޠަނަށް ޓަކައެވެ. ގާތްގަޑަކަށް 17 ވަރަކަށް ގަޑިއިރުވަންދެން ތަމަޅަ ހަނގުރާމަވެރީން އެ ދުވަހު މާލޭގައި ޙަމަލާތައް ދެމެހެއްޓިއެވެ.

ނޮވެންބަރު ތިނެއްގެ ޢުދުވާނީ ހަމަލާއާ ގުޅިގެން އެހީދޭން ތައްޔާރަށް އިސްލާމީ ކިތަންމެ ގައުމަކުން ތިބި ނަމަވެސް ދިވެހި ސަރުކާރުން ޢަސްކަރީ އެހީއަށް އެދުނީ އިންޑިޔާ ސަރުކާރުގައެވެ. އިންޑިޔާ ސަރުކާރުގެ ފަރާތުން އިންޑިޔާ ސިފައިންގެ 1600 މީހުން ހިމެނޭ ފައުޖެއް ރާއްޖެ އައި އިރު، ހަނގުރާމަ ވަނީ ނިމިފައެވެ. އެހެންކަމުން އެބައިމީހުންނަށް ހަނގުރާމަކުރާކަށެއް ނުޖެހުނެވެ. އެ ދުވަހު އެންމެ މަތިވެރި ޖިހާދެއް ކުރެއްވީ އަޅުގަނޑުމެންގެ ހިތްވަރުގަދަ ދިވެހި ސިފައިންނާއި، ޤައުމަށް ހެޔޮ އެދޭ ދިވެހި ލޮބުވެތި ރައްޔިތުންނެވެ. ނަމަވެސް ހަނގުރާމަ ނިމުމުން އިންޑިއާ ސިފައިން ރާއްޖެއިން ނުފައިބައި ގާއިމުވެ ތިބޭން މަސައްކަތްކުރިކަން ފާހަގަކުރެވުނެވެ. ނަމަވެސް ރައީސް މައުމޫނުގެ ޙިކުމަތުޢަމަލީއިން އެބައިމީހުން ޞުލްޙަވެރިކަމާއެކު ރާއްޖެއިން ފޮނުވައިލެވުނެވެ.

ބާޣީން ބަލިވުމާއި ގުޅިގެން ރާއްޖޭން ފިލުމަށްޓަކައި މާލެ ބަނދަރުގައި އޮތް ބޯޓެއް ކަމަށްވާ "ޕްރޮގްރެސްލައިޓް"އަށް އަރައިގެން ފިލަން ދިޔައިރު ދިޔައީ ރަހީނުންގެ ގޮތުގައި އެތައް ދިވެހީންނެއް ގޮވައިގެންނެވެ. މީގެ ތެރޭގައި އޭރު ސަރުކާރުގެ އިސްމަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ވެސް ހިމެނިވަޑައިގަތެވެ. އިންޑިޔާ ކަނޑުގެ ސިފައިންގެ ދެ މަނަވަރުން ބާޣީންގެ މީހުން އަތުލައިގަތް އިރު، ރަހީނުންގެ ގޮތުގައި ގެންދިޔަ ބައެއް ދިވެހީން ވަނީ ޝަހީދުކޮށްލައިފައެވެ. ނަމަވެސް ދިވެހި ސިފައިން ދެމިތިބީ އެބައިމީހުންގެ ޤައުމީ ވާޖިބު އަދާކުރުންމަތީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކުގައެވެ. މާތްﷲ ގެ މަދަދާއިއެކު ދިވެހިން ކުރި ހިތްވަރާއިއެކު ހަނގުރާމައިގައި ކާމިޔާބު ލިބި، ޚާއިނުންގެ އަނިޔާވެރި މަކަރުވެރި ރޭވުންތަކުން ދިވެހި އުންމަތް ސާލާމަތްވެ އޯގާވަންތަ މާތްﷲގެ ރަޙުމަތުން ނަޞްރު ލިބުނީއެވެ. ނަޞްރުގެ ދުވަސް މިއަދު މި ފާހަގަކުރަނީ މި މުނާސަބަތާ ގުޅުވައިގެންނެވެ.

ޝަހީދުން: ކަނާތުން ވާތަށް ތިންވަނައަށް ދުވަހުގެ ބަޠަލު ޝަހީދު ކޯޕްރަލް ޙުސައިން އާދަމް (ރަޙިމަހުﷲ)<br>

ކަން ދިމާވި ގޮތުން އަޅުގަނޑަށް އެ ދުވަހު ހުރެވުނީ ރާއްޖެއާ އެތައް ހާސް މޭލެއްގެ ދުރުގައެވެ. މި ޚަބަރު ލިބުނީ ވަރަށް ހިތްދަތި ގޮތެއްގައެވެ. ގޮތް ނޭނގޭ ބަޔަކު ރާއްޖެ އަރައި މާލެ ހިފައި މާލެއިން 2000 މީހުން މަރައިލައިފިކަމަށް ޚަބަރު ލިބުނެވެ. ރައީސުލްޖުމްހޫރިއްޔައާއި ވަޒީރުން ރަހީނުކުރިކަމަށް ވެސް ޚަބަރު ލިބުނެވެ. ނަމަވެސް ޚަބަރުތައް ސާފުވި އިރު އެއީ ޞައްޙަ ޚަބަރަކަށް ނުވިއެވެ.

1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ޢުދުވާނީ ޙަމަލާއަކީ، ރާއްޖެއަށް އެކި ފަހަރު މަތީން ކުރިމަތިވެފައިވާ ދުޝްމިނުންގެ ޙަމަލާތަކުގެ ތެރެއިން ސަރުކާރާއި ރައްޔިތުންގެ ފަރާތުން މި ޒަމާނުގެ ހަތިޔާރާއި ހުނަރުތައް ބޭނުންކުރެވުނު އެންމެ ވަރުގަދަ ޙަމަލާއެވެ. މި ޙަމަލާ ތަޖުރިބާކުރި އެތައް ހާސް ބަޔަކު އަދި ވެސް ގަދަވެ ސަލާމަތުން ދުނިޔޭގައި އެބަ ތިއްބެވެ. ހިތާމައަކީ މިއަދުވެސް ދިވެހީންގެ ތެރޭގައި ޤައުމުގެ މިނިވަންކަމާއި، ދީނަށް ޢަދާވަތްތެރިވާ މަދުބަޔަކު ނަމަވެސް އުޅެމުންދާކަމެވެ. މިހާރުވެސް އިސްލާމްދީން ނޫން ދީންތަކަށް މި ޤައުމުން ފުރުޞަތު ހޯދައިދިނުމަށް ޓަކައި ގަދައަޅައި މަސައްކަތްކުރާ ދިވެހީން މަދުންނަމަވެސް އެބަ މަސައްކަތްކުރާކަމެވެ. މިއީ މިއަދު އަޅުގަނޑުމެން މިއަދު ހަނދާންކޮށް ސަމާލުވާން ޖެހޭ މުހިންމު ކަންކަމެވެ.

Advertisement

ކޮމެންޓް