Advertisement

ޣައިރުމުސްލިމުންނަކީ އެކުވެރީންކަމުގައި ބަލައިގެން އުޅޭހައި ހިނދަކު މުސްލިމުންނަށް ކާމިޔާބީއެއް ނުލިބޭނެއެވެ.

.

ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ މަޢުޞޫމު ރައްޔިތުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި އުދުވާނުގެ ޙަރަކާތްތައް މެދުކެނޑުމެއް ނެތި 26ވަނަ ދުވަހަކަށް އަލިވިލުނީއެވެ. މިހާތަނަށް ހާމަވެފައިވާ ސިއްރު ލިޔުންތަކަށް ބަލާ އިރު، ޞަހުޔޫނީ ޔަހޫދީންގެ ރޭވުމަކީ މުޅި ޣައްޒާ ތަޅައި ސުންނާފަތިކޮށް ފަލަސްޠީނީން އެ ބިމުން ބޭރުކުރުމަށް ފަހު، ޣައްޒާގެ ބިމަކީ ވެސް އިސްރާއީލުގެ ބިންކަމުގައި ކަނޑައެޅުމެވެ. މި ކަން ކުރުމުގައި އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން މާއްދީ އަދި މާނަވީ އެހީތެރިކަން ފޯރުކޮށްދެމުން ގެންދަނީއެވެ. މުސްލިމުންގެ ނަން ހިނގާ ގައުމުތައް ތިބީ ފަހަތު ފަޔަށް ބުރަވެފައެވެ. ހަމައެކަނި ވެރިކަމުގެ ދިފާޢުގައި އެމެރިކާއަށް ވިކިފައެވެ.

އަދިވެސް މަސްރަޙު ފިންޏެއް ނުވެއެވެ. މިއަދު އެކަނި ވެސް ޖަބަލިޔާ ރެފިޔުޖީ ކޭންޕަށް އިސްރާއީލުން ދިން ޢުދުވާނީ ޙަމަލާގައި 200 ވަރަކަށް ފަލަސްތީނީން ވަނީ ޝަހީދުވެފައެވެ. މި ޢުދުވާނު ފެށުނު ފަހުން ފަލަސްތީނުގެ އަށް ހާހަށް ވުރެ ގިނަ ރައްޔިތުން ޝަހީދުކޮށްލައިފިއެވެ. 240 އަސީރުން ވަނީ ޣައްޒާގައި ހިފެހެއްޓިފައެވެ. އޮކްޓޫބަރު ހަތެއްގައި މި ހަމަނުޖެހުން ފެށުނު ފަހުން އިސްރާއީލުގެ ސިފައިންގެ ތެރެއިން މަރުވެފައިވަނީ 16 މީހުންނެވެ.

އިސްރާއީލުން ހަނގުރާމައެކޭ ކިޔާ މި ޢުދުވާން ނިމުމަކަށް އައުމުގެ ކޮޅުމައްޗެއް އަދިވެސް ނުފެނެއެވެ. ޔަމަންގައި މިހާރު ވެރިކަންކުރާ ހޫތީ ސަރުކާރުން ރަސްމީ ގޮތުން އިސްރާއީލާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކޮށް އިއްޔެ ވަނީ ޑުރޯނާއި ރޮކެޓު ޙަމަލާތަކެއް ވެސް އިސްރާއީލަށް ފޮނުވައިލައިފައެވެ. ނަމަވެސް މި މިސައިލްތައް އޭގެ އަމާޒަށް ވާޞިލުވުމުގެ ކުރީން އެމެރިކާ ހަނގުރާމަމަތީ މަނަވަރުތަކުން އެ މިސައިލުތައް ކަނޑަށް ވައްޓައިލައިފައިވާކަމަށް އެ މީހުން ބުނެއެވެ.

ޔަހޫދީން ހިންގާ މި ލާއިންސާނީ ޢުދުވާނަށް އެމެރިކާގެ ޖޯބައިޑަންގެ ސަރުކާރުން ފުރިހަމައަށް އެހީތެރިކަންދެމުން ގެންދާތީ އަންނަ އަހަރު ބާއްވަ ރިޔާސީ އިންތިޚާބުގައި ވެސް ބައިޑަނަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ. ހަނގުރާމައިގެ ނަމުގައި ފަލަސްތީނާ ދެކޮޅަށް ޔަހޫދީން ހިންގަމުން ގެންދާ ޢުދުވާނާއި ލާއިންސާނީ އަނިޔާތައް ނިމުމަކަށް ގެނެސް، މިހާރުން މިހާރަށް ހަނގުރާމަ ނުހުއްޓުވައިފި ނަމަ، އަންނަ އަހަރު ބާއްވާ އިންތިޚާބުތައި އެމެރިކާގެ ރައީސް ޖޯ ބައިޑަނަށް ވޯޓު މަދުކުރާން ކުރެވޭން ހުރި ހުރިހާ މަސައްކަތެއް ކުރާނެކަމަށް އެމެރިކާގެ މުސްލިމުންނާއި ޑިމޮކްރެޓިކް ޕާޓީގެ ބައެއް އެކްޓިވިސްޓުން ހާމަކޮށްފިއެވެ. މިއީ ބައިޑަނަށް ކުރިމަތިވާނޭ ވަރަށް ބޮޑު ގޮންޖެހުމެކެވެ. އެހެނީ މުސްލިމުންގެ ވޯޓަކީ އިންތިޚާބު ކާމިޔާބުކުރާން ޖޯބައިޑަނަށް ވަރަށް މުހިންމު އެއްޗެކެވެ.

ފަލަސްޠީނާ ދެކޮޅަށް ޔަހޫދީން ހިންގާ ޢުދުވާނުގައި ވިލާތާއި އެމެރިކާއިން ޢަމަލުކުރަނީ މުސްލިމުންނާ މެދު ވަރަށް ބޮޑަށް ޒާތީވެގެންކަން އެ މީހުންގެ ޢަމަލުތަކުން ފެނެއެވެ. އެހެނީ ފަލަސްތީނުގެ ހައްގުތަކަށް ތާއީދުކޮށް ވިލާތުގެ ގައުމުތަކުގައި ބާއްވާ މުޒާހަރާތަކާއި އެއްވުންތަކަށް އެ ގައުމުތަކުން މަނާކޮށް ހުރަސްއަޅައެވެ. ނަމަވެސް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި ކީރިތި ގުރުއާން އެންދުމާއި ކީރިތީ ރަސޫލާ މުޙައްމަދު (ﷺ)އަށް ފުރައްސާރަކުރުން ވިލާތުގެ ގައުމުތަކުން ހުއްދަކުރެއެވެ.

ފަލަސްތީނަށް ތާއީދުކޮށް މުޒާހަރާ ކުރުން މަނާކުރާނެކަން އިނގިރޭސި ސަރުކާރާއި ފަރަންސޭސި ސަރުކާރާއި ޖަރުމަނު ސަރުކާރު ފަދަ ވިލާތުގެ އެތައް ސަރުކާރަކުން ވަނީ އިޢުލާނުކޮށްފައެވެ. ނަމަވެސް ފަރަންސޭސި ވިލާތުން ވަނީ އެ ގައުމުގެ ބައެއް ނޫސްތަކުން ކީރިތި ރަސޫލާ މުހައްމަދު (ﷺ)އަށް ފުރައްސާރަކުރުމުގެ ގޮތުން ކާޓޫނު ކުރެހުމަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަމަށް ސިފަކޮށް އެ ކަމަށް ހިތްވަރުދީފައެވެ.

ފަލަސްތީނުގެ ހައްގުތަކަށް ތާއީދުކޮށް އިނގިރޭސިވިލާތުގައްޔާއި ފަރަންސޭސިވިލާތުގައްޔާއި ޖަރުމަނުވިލާތުގައި ސުލްހަވެރިކޮށް މުޒާހަރާކުރުމުން އެ ގައުމުތަކުގެ ފުލުހުން ވަނީ އެ ކަމަށް ހުރަސްއެޅުމުގެ އިތުރަށް އެ މުޒާހަރާތަކުގައި ބައިވެރިވި އެތައް ބަޔަކު ހައްޔަރުކޮށް ލަޓިބުރިންނާއި ކަރުނަގޭސް ފަދަ ތަކެތި ބޭނުންކޮށްގެން އެ މީހުންނަށް ހަމަލާދީ އަނިޔާކޮށްފައެވެ. މި ފަދަ އަނިޔާތަކާއެކު ވެސް ފަލަސްތީނުގެ ހައްގުތަކަށް ތާއީދުކޮށް، އިސްރާއީލުގެ ގަތުލުއާންމުތައް ކުށްވެރިކުރުމަށް ޓަކައި، ނުކުތް މީހުންގެ އަދަދު ލައްކައިން ގުނައިލެވޭތީ އެ މުޒާހަރާތައް ހުއްޓުވުމުގައި އެ ސަރުކާރުތަކަށް ވަނީ ނާކާމިޔާބުވެފައެވެ.

ވިލާތުގެ ގައުމުތަކުން ޚިޔާލުފާޅުކުރުމުގެ މިނިވަންކަމޭ، އެއްވެ އުޅުމުގެ މިނިވަންކަމޭ ކިޔައިގެން އަޑު އުފުއްލަނީ ހަމައެކަނި މުސްލިމުންނާ ދެކޮޅަށެވެ. މިއީ މިއަދުގެ ހަގީގަތެވެ. މުސްލިމުންނަށް ދުވަހަކު ވެސް ނަޞާރައިންނެއް އަދި ޔަހޫދީންނެއް ވެސް ހެވެއް ނޭދޭނެއެވެ. އެ މީހުންގެ ހިތްތަކުގައި މުސްލިމުންނާ މެދު އޮންނަނީ ޙަސަދަވެރިކަމެވެ. އަޅުގަނޑުމެންނާ ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ މިއީއެވެ. މާތް ﷲގެ އަމުރުފުޅާ ޚިލާފަށް ނަޞާރާއިންނާއި ޔަހޫދީންނަކީ އެކުވެރީންކަމުގައި ބަލައި އެ މީހުންގެ ފަރާތުން ހެވަތަށް އެދެވެނީއެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. "يَا أَيُّهَا الَّذِينَ آمَنُواْ لاَ تَتَّخِذُواْ الْيَهُودَ وَالنَّصَارَى أَوْلِيَاء بَعْضُهُمْ أَوْلِيَاء بَعْضٍ وَمَن يَتَوَلَّهُم مِّنكُمْ فَإِنَّهُ مِنْهُمْ إِنَّ اللّهَ لاَ يَهْدِي الْقَوْمَ الظَّالِمِينَ" ("އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ޔަހޫދީންނާއި، ނަޞާރާއިން (އެއީ) އެކުވެރިން ކަމުގައި ނުބަލާށެވެ! އެއުރެންގެ ތެރެއިން އެއްބަޔަކީ އަނެއްބަޔެއްގެ އެކުވެރިންނެވެ. ތިޔަބައިމީހުންގެ ތެރެއިން އެއުރެން އެކުވެރިން ކަމުގައި ބަލައިފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެއީ، އެއުރެންގެ ތެރެއިންވާ މީހެކެވެ. ހަމަކަށަވަރުން، އަނިޔާވެރި ބަޔަކަށް اللَّه ތެދުމަގެއް ނުދައްކަވާނެތެވެ.") (سورة المائدة:51)

މުސްލިމުން ގަބޫލުކުރާންޖެހޭ ހަގީގަތަކީ ޔަހޫދީންނާއި ނަޞާރާއިންނަކީ އެއްބަޔަކު އަނެއް ބަޔެއްގެ އެހީތެރީން ކަމުގައި ވާހިނދު، އެ މީހުންގެ އުޞޫލުތައް މުސްލިމުން ގަބޫލުނުކުރާހާ ހިނދަކު މުސްލިމުންނަކަށް އެއިން އެއްވެސް ބަޔަކު ހެވެއް ނޭދޭނޭކަމެވެ. ކީރިތި ރަސޫލާއާ މުޚާޠަބުކުރައްވައި މާތްﷲ ވަޙީކުރައްވައިފައިވަނީ ކީކޭކަމަށްތޯއެވެ؟ މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. "وَلَن تَرْضَى عَنكَ الْيَهُودُ وَلاَ النَّصَارَى حَتَّى تَتَّبِعَ مِلَّتَهُمْ قُلْ إِنَّ هُدَى اللّهِ هُوَ الْهُدَى وَلَئِنِ اتَّبَعْتَ أَهْوَاءهُم بَعْدَ الَّذِي جَاءكَ مِنَ الْعِلْمِ مَا لَكَ مِنَ اللّهِ مِن وَلِيٍّ وَلاَ نَصِيرٍ" ("އަދި ޔަހޫދީން ވެސް ނަޞާރާއިން ވެސް އެއުރެންގެ ދީނަށް ކަލޭގެފާނު ތަބަޢަވެވަޑައިގެންފުމަށް ދާނދެން ކަލޭގެފާނަކާ ނުރުހޭނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން اللَّهގެ މަގު އެއީ ހަމަ ތެދުމަގެވެ. އަދި ކަށަވަރުން ވެސް، ކަލޭގެފާނުގެ އަރިހަށް ޢިލްމުގެ ތެރެއިން އައި ކަންތަކަށް ފަހު، އެއުރެންގެ އެދުންތަކަށް ކަލޭގެފާނު ތަބަޢަވެވަޑައިގެންފި ނަމަ، اللَّهގެ ޙަޟުރަތުން ކަލޭގެފާނަށް އެއްވެސް އެހީތެރިޔަކު އަދި ނަޞްރުދޭނޭ މީހަކުވެސް ނުވާނެތެވެ.") (سورة البقرة:120)

އެހެންވީމާ، މުސްލިމުންނަށް ކާމިޔާބު އޮތީ މާތް ﷲއަށް ނަޞްރުދީގެންނެވެ. އެ ކަލާނގެއަށް ކިޔަމަންތެރިކަން އަދާކޮށްގެންނެވެ. މާތް ﷲ ވަޢުދުވެވޮޑިގެންފައިވަނީ އެފަދައިންނެވެ. އެ ކަލާނގެ ވަޙީކުރެއްވިއެވެ. "يَا أَيُّهَا الَّذِينَ آمَنُوا إِن تَنصُرُوا اللَّهَ يَنصُرْكُمْ وَيُثَبِّتْ أَقْدَامَكُمْ" ("އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން اللَّهއަށް (އެބަހީ: اللَّهގެ ދީނަށް) ނަޞްރުދޭ ނަމަ، އެކަލާނގެ ތިޔަބައިމީހުންނަށް ނަޞްރުދެއްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ ފައިތިލަތައް ސާބިތުކުރައްވާނެތެވެ.") (سورة محمد:7)

ވީމާ، ސުލްޙަ ހޯދާން ޖޯބައިޑަންއަށް ނުވަތަ ނަތަންޔާހޫއަށް އާދޭސްކުރާކަށް ނުޖެއެވެ. މުސްލިމުން ﷲއަށް ޓަކައި ނުކުމެ ކުރިމަތިލައިފި ނަމަ، މާތް ﷲ ކާމިޔާބުދެއްވާނެއެވެ. އެ ނޫން ގޮތަކުން މުސްލިމުންނަށް ކާމިޔާބީއެއް ނެތެވެ. މުޝްރިކުން ނުވަތަ ޣައިރުމުސްލިމުންނަކީ އެކުވެރީންކަމުގައި އަޅުގަނޑުމެން ބަލާހައި ހިނދަކު އަޅުގަނޑުމެންނާ ކުރިމަތިވާނީ ޞަރީޙަ ނާކާމިޔާބީއެވެ. މިއީ އަޅުގަނޑު ދައްކާ ވާހަކައެއް ނޫނެވެ. އަޅުގަނޑުމެންގެ ވެރި ﷲ ސުބުޙާނަހޫ ވަތަޢާލާގެ ވަޙީ ބަސްފުޅުގައި ވަނީ އެ ކަން ބަޔާންކުރައްވައިފައެވެ.

________________________________

Advertisement

ކޮމެންޓް
ޚާލިދު އަޙްމަދު
ޙަޤީޤަތަމީ އެއީކަން އެނގޭޙާލުގައިވެސް މުސްލިމުން މިތިބީ ނިދާފައި. ހިތާމައިގެ ކޮޅެއްނެތް. ޝުކްރަން އަޚް މާޒީ
02 Nov 2023