Advertisement

ކޮލަމް ހަމަ (10): "......އޮފީހެއް އުފެއްދީ 2016 ވަނަ އަހަރެވެ."

24 Nov 2024 | 06:50
މުޙަނަމަދު އަމީންދީދީ ލިޔުއްވި "ދިވެހިބަސް - ދަރިވަރުންގެ އެހީތެރިޔާ" މި ބޮތުގެ ބަނޑޭރިގަނޑު

ޢަޒީޒު ޖަމާލު

މި ލިޔުމުގެ ސުރުޚީގައި އެ ވަނީ މަޝްހޫރު ޓީވީ ޗެނަލެއްގެ އޮންލައިން އިސްދާރުގައި އިއްޔެ އޮތް ޚަބަރެއްގެ ނިމޭ ޖުމުލައިގެ ފަހު ބައެވެ. އެ ޢިބާރާތުން ދޭހަވަނީ ކޮން މާނައެއްތޯއެވެ؟ އަޅުގަނޑަށް ދެހަވާ މާނަ ދަންނަވައިލާނަމެވެ. އެ ޢިބާރާތުގައި އެ އޮފީސް އުފެއްދީ "2016ވަނަ އަހަރު"ކަމަށެވެ. ނަމަވެސް އެއީ މުސްތަޙީލު ކަމެއްކަން އަޅުގަނޑުމެން އެންމެންނަށް ވެސް އެނގެއެވެ. އަހަރަކީ މާއްދީ އެއްޗެއް ނޫނެވެ. އެއީ މާނަވީ ނަމެކެވެ. ވަކި މުއްދަތަކަށް ކިޔާ ނަމެކެވެ. އެހެންވީ އިރު، އެ ފަދަ އެއްޗެއް، ތަނެއް ނުވަތަ އެއްޗެއް ވިޔަސް އުފައްދާނީ ކިހިނެއްތޯއެވެ؟

އަދި އެހެން މާނައެއް ވެސް ދޭހަވެއެވެ. އެ އޮފީސް ހަމަ އެކަނި އުފެއްދި އެއްޗަކީ "2016ވަނަ އަހަރު"ކަމުގެ މާނައެވެ. މި ގޮތަށް މާނަކުރިޔަސް ކުރީން ދެންނެވި މުސްތަޙީލުކަމަކަށް ބަދަލެއް ނާދެއެވެ. އަހަރަކަށް އޮފީހެއް ނޫފެއްދޭނެ ފަދައިން އޮފީހަކަށް އަހަރެއް ވެސް ނޫފެއްދޭނެއެވެ.

އެ ޖުމުލައިގެ މަގުސަދު އަޅުގަނޑަށް ވެސް އެނގެއެވެ. އެ ޖުމުލައިގެ މަގުސަދު އަޅުގަނޑަށް ވެސް ދޭހަވެއެވެ. އެ ޖުމުލައިގެ މަގުސަދަކީ އެ އޮފީސް އުފެއްދި ވަގުތު (ޒަމާން ނުވަތަ ދުވަސްވަރު) ބަޔާންކުރުމެވެ. އެއީ 2016ވަނަ އަހަރުގެ ތެރޭގައި އުފެދުނު ތަނެއްކަމަށް ބަޔާންކުރުމެވެ. އެހެންކަމަށް ވާނަމަ، އެ މަގުސަދު ހާސިލުވާ ގޮތަށް ޖުމުލައިގައި ލަފުޒުތައް ވެސް އަތުރައިލާން ޖެހެއެވެ. ކިޔާ މީހެއްގެ ސިކުނޑީގައި ހުރި މަޢުލޫމާތެއްގެ މައްޗަށް ބިނާކޮށް ޖުމުލައިގެ ފުރިހަމަ މާނަ ދޭހަވާނެކަމަށް ބަލައިގެނެއް ނުވާނެއެވެ.

ތަނާއި ޒަމާން ދޭހަކޮށްދިނުމަށް ޓަކައި ޚާއްޞަ އަކުރެއް ދިވެހިބަހުގެ ގަވާއިދުގައި އޮވެއެވެ. އެ އަކުރުގެ ޚާއްޞަ މަސްއޫލިއްޔަތަކީ ތަން ނުވަތަ ވަގުތު (ޒަމާން) ބަޔާންކުރުމެވެ.

ދިވެހިބަހުގެ ހަމަތަކާއި ގަވާއިދު ބުނާ ގޮތުން ވަގުތު ނުވަތަ ޒަމާން އަންގައިދިނުމަށް ޓަކައްޔާއި ތަން ނުވަނަ މަކާން އަންގައިދިނުމަށް ޓަކައި ބޭނުންކުރާ އަކުރަކީ "ގައި" މި އަކުރެވެ. އެހެންވީމާ އިސްވެ ދެންނެވި ޖުމުލައިން ލިޔުންތެރިޔާ ގަސްތުކުރެއްވީ އެ އޮފީސް އުފެއްދެވި ޒަމާން (ދުވަސްވަރު، ނުވަތަ ވަގުތު ނުވަތަ އަހަރު) ބަޔާންކުރުންކަމަށް ވާނަމަ، އަހަރުގެ ފަހަރަށް ޖުމުލަ ނިންމާ އަކުރު "އެވެ" ގެނސް ބަހައިލާކަށް ނުޖެހޭނެއެވެ.

އެ ޖުމުލަ ކުރީން މިދެންނެވި މާނަ ދޭހަވާ ގޮތަށް ރަނގަޅަށް ލިޔާ ނަމަ، ލިޔާން ޖެހޭނީ "......އޮފީހެއް އުފެއްދީ 2016 ވަނަ އަހަރުގައެވެ." މިފަދަ ގޮތަކަށެވެ. ނުވަތަ "......އޮފީހެއް އުފެއްދީ 2016 ވަނަ އަހަރުގެ ތެރޭގައެވެ." މިހެން ވެސް ލިޔެވިދާނެއެވެ. އަދި އެ ޖުމުލައިގައި ޒަމާން ދޭހަކޮށްދިނުމަށް ޓަކައި "ގައި" މިއަކުރު ބޭނުންކުރާން ޖެހުނަސް އެ އަކުރު އެ ތާނގައި އޮތްކަމަށް ބަލައި ވަންހަނާކޮށްގެން ވެސް ލިޔެ އުޅެއެވެ. ހަމައެކަނި ލިޔެ އުޅެނިކީ ނޫނެވެ. އެއީ ލިޔުންތެރީންނާއި ބަހަވީ ޢިލްމުވެރީން ބަލައިގެންފައިވާ ގޮތެކެވެ. ނުރަނގަޅު މާނައެއް ނުނިކުންނާނެތީއެވެ.  މި ގޮތަށް ލިޔާ ނަމަ، ލިޔެވޭނީ "......އޮފީހެއް އުފެއްދީ 2016 ވަނަ އަހަރުއެވެ."

ވީމާ ސުރުޚީގައި އެ އޮތް ޖުމުލަ ރަނގަޅުކޮށްލަމާ ހިންގަވާށެވެ! އަދި ކުރިމަގިގައި މި ފަދަ ކަންކަމަށް ސަމާލުކަން ދެމާ ހިންގަވާށެވެ! ސުރުޚީގައި އެ އޮތް ޖުމުލަ އަންނަނިވި ފަދަ ގޮތަކުން ކުރެ ގޮތަކަށް ބަދަލުކޮށްލައިގެން އެ ޖުމުލައިގެ މާނަ ފުރިހަމަކޮށްލަމާތޯއެވެ!

"......އޮފީހެއް އުފެއްދީ 2016 ވަނަ އަހަރުގެ ތެރޭގައެވެ."

"......އޮފީހެއް އުފެއްދީ 2016 ވަނަ އަހަރުގައެވެ."

"......އޮފީހެއް އުފެއްދީ 2016 ވަނަ އަހަރުއެވެ."

ކޮންމެއަކަސް ތަނާއި ޒަމާން ދޭހަކޮށްދިނުމަށް ޓަކައި ލިޔޭ ޖުމުލައެއްގައި އެ ކަމެއް ހިނގި އަހަރު ބަޔާންކުރާކަށް، އެ ކަންކުރީ "އަހަރެވެ."އެކޭ ނުލިޔެވޭނެއެވެ. އެ "......އޮފީހެއް އުފެއްދީ 2016 ވަނަ އަހަރެއް"ނޫނެވެ. އެ ކަމަކު އެ އޮފީސް [ނުވަތަ މުއައްސަސާ ނުވަތަ ވިދާރާ] އުފެއްދެވީ 2016ވަނަ އަހަރުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއެވެ. ވީމާ، މި ފަދަ ކުދިކުދި ކަންކަން ރަނގަޅުކޮށްލައިގެން އަޅުގަނޑުމެންގެ ޢިބާރާތް ބަދަހިކޮށް ޢިބާރާތުގެ ފެންވަރު މީޔާރުކުރަމާތޯއެވެ!

_______________________________

ބައެއް ލަފުޒުގެ މާނަ:

މީޔާރު   ނއ./ނ.    (1) އާންމުކޮށް ބަލައިގަނެވޭ ވަރަށް ފޭރާން ހެޔޮ ނުވަތަ ފެންވަރު ރަނގަޅު. (2) އިޚުތިޔާރު ލިބިގެންވާ ފަރާތަކުން އެއްޗަކާމެދު ނުވަތަ ކަމަކާމެދު ކަނޑައަޅައިފައިވާ ފެންވަރު ވަޒަންކުރުމުގެ މިންގަނޑު. (3) އާންމު ހަމަ.

އެޑިޓަރުގެ ނޯޓް
އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރަކީ މަޝްހޫރު ލިޔުންތެރިއެކެވެ. ބަސްވާރެކެވެ. އޭނާ ވަނީ ބަހުގެ ދާއިރާއިންނާއި ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން މަތީތަޢުލީމު ޙާޞިލުކުރައްވައިފައެވެ. ގިނަ ނޫސްމަޖައްލާތަކަކަށް ލިޔުއްވައިފައެވެ. މީގެ އިތުރަށް އޭނާ ވަނީ ކިޔަވައިދެއްވުމާއި އިސްކޫލުތައް ހިންގުމުގެ ދާއިރާގައި ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވައި ތަޖުރިބާ ޙާޞިލުކުރައްވައިފައެވެ. އޭނާއަށް ވަނީ ދިވެހިބަހަށް ޚިދުމަތްކުރުމާއި ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ހިތްވަރުދިނުމުގެ ޤައުމީ އިނާމާއި ޝަރަފުވެރިކަމުގެ އިނާމު ވެސް ލިބިވަޑައިގެންފައެވެ.

Advertisement

ކޮމެންޓް