ރާއްޖޭގައި ވަޢުޒާއި އިރުޝާދާއި ފަތުވާދިނުން ދަރަޖަކުރުން – ވަޒީރުގެ ވިސްނުންފުޅެއް
ފަރަގު މީޑިއާ
ދިވެހިރާއްޖޭގައި ދީނީ ނަސޭހަތްދިނުމާއި، ވަޢުޡުބުނުމާއި ދަރުސްދިނުމާއި، ފަތުވާދިނުމާއި ދީނީ ތަޤުރީރުކުރުމާއި ދީނީ ފަތުވާދިނުމަކީ ޢަރަބިބަހުން ތަޢުލީމު ޙާޞިލުކުރައްވައިގެން ތިއްބަވާ ބޭފުޅުންނަށް އެކަނި ޚާއްޞަވެފައިވާ ކަމެކެވެ. އިސްލާމީ ތަޢުލީމުގެ ކޮންމެ ރޮނގަކުން ކިޔަވައިވިދާޅުވެގެން ތިއްބެވިޔަސް މައްސަލައެއް ނެތެވެ. އިސްލާމީ ތާރީޚުގެ ރޮނގުން، ޙަދީޘް ޢިލްމުގެ ރޮނގުން، އިސްލާމީ ސަގާފަތުގެ ރޮނގުން، ޢަރަބިބަހުގެ ދާއިރާއިން އަދި މިނޫން ދާއިރާތަކުން ކިޔަވައިވިދާޅުވިޔަސް ޢަރަބިބަހުގެ މުއައްސަސާއަކުން ތަޢުލީމު ޙާޞިލުކުރައްވައިގެން ހުންނަވައިފި ނަމަ، ދީނީ ތަޤުރީރުކުރެއްވުމުގެ ހުއްދަ ލިބިވަޑައިގަނެއެވެ. މި ހުއްދައަކީ ދީނީ ހުރިހައި ކަމަކަށް ދެވޭ ޖުމުލަ ހުއްދައެއްކަމަށް އޮންނަނީ ބެލެވިފައެވެ. މި ފަދަ ބޭބޭފުޅުން އެކި ކަންކަމުގެ ފަތުވާވެސްދެއްވަނީއެވެ. އިޚުތިލާފީމައްސަލަތަކުގައި ވެސް މިވެނިކަމެއް ޙަރާމް، މިވެނިކަމެއް ހުއްދަކަމަށް އެ ބޭފުޅުންގެ ރައުޔު ނެރުއްވައެވެ. އަދި އެ ބޭފުޅުންގެ ރައުޔަކީ އެންމެ ރަނގަޅު ރައުޔުކަމަށް ވެސް ވާކާލާތުކުރައްވައެވެ.
އެހެންނަމަވެސް ކޮންމެ ތާކުން ކިޔަވައިގެން ހުއްޓަސް މީގެ ތެރެއިން ބައެއް ބޭފުޅުންނަށް ވުރެ މާ މޮޅަށް ދީނީ ނަސޭހަތްދެއްވޭނެ، ދީނީ ތަޤުރީރުކުރެއްވޭނެ ބޭފުޅުން ރާއްޖޭގައި ރާއްޖޭގެ ތަޢުލީމީ މުއައްސަސާތަކުން ކިޔަވައިވިދާޅުވެގެން އެބަ ތިއްބެވިއެވެ. މި ފަދަ ބޭބޭފުޅުން ރާއްޖޭގެ މަތީ ސާނަވީއާއި މަތީތަޢުލީމުގެ ކްލާސްތަކުގައި އިސްލާމްދީން ކިޔަވައިވެސް ދެއްވައެވެ. ނަމަވެސް ދީނީ ނަސޭހަތްދެއްވާކަށް ވެސް މި ފަދަ ބޭފުޅުންނަކަށް ހުއްދައެއް ނޯވެއެވެ. ޢަރަބިބަހުން ތަޢުލީމު ޙާޞިލުކުރައްވައިފައި ނެތީތީއެވެ.
މި ކަމުގެ ޙައްލެއްކަމަށް ފެންނަނީ ދީނީ ދަރުސްދެއްވުމާއި ދީނީ ނަސޭޙާތްދެއްވުމާއި ދީނީ ތަޤުރީރުކުރެއްވުމާއި ވަޢުޡުބުނުމާއި ފަތުވާދެއްވުމަކީ ތަފާތު ގިންތިތަކެއްކަމަށް ހަމަޖައްސަވައި [މި ކަންކަން ދަރަޖަކުރައްވައި] އެކި ގިންތިތަކުން ވަކިވަކި ހުއްދަދެއްވުމެވެ.
މިކަމާ ބެހޭ ގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވެސް އިއްޔެވަނީ ވާހަކަފުޅުދައްކަވައިފައެވެ. މިއީ ޙައްލުކުރައްވާން އެދިވަޑައިގަންނަވާކަމެއްކަމަށާއި މި ކަމާ ބެހޭ އުޞޫލުތަކެއް އަދި ހަމަނުހޭކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ. މި މޭރުމުން އެ މަނިކުފާނު ވާހަކަފުޅުދައްކަވައިފައިވަނީ އިއްޔެ ބޭއްވި އިސްލާމީ ފަތުވާގެ މަހާސިންތާ ހުޅުއްވައިދެއްވުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އެ މަނިކުފާނުގެ ވާހަކަފުޅުގައި ރާއްޖޭގެ ފަތުވާގެ ނިޒާމު ހަރުދަނާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒުގެ ސަރުކާރުގެ މުހިންމު ސިޔާސަތެއްކަން ހާމަކުރައްވަމުން އެ މަނިކުފާނު ވިދާޅުވީ ފަރުދީގޮތުން ފަތުވާދީ ހެދުމަކީ އިސްލާމީ މުޖުތަމަޢު ބައިބައިވެގެން ހިގައިދާނެ ކަމެއްކަމަށެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ފިޤުހުގައި ފަތުވާގެ މަޤާމަކީ ވަރަށް މަތިވެރި މަޤާމެއްކަމަށާއި ވަކި ކަމެއްގެ ޝަރުޢީ ޙުކުމެއް ބަޔާންކުރުމުގެ ކުރީން އެ ކަމެއްގެ ޙަޤީޤަތް ތަޞައްވުރުކުރުމަކީ ޝަރުޢީ ޤާޢިދާއެއްކަމަށެވެ. އަދި މި ޒަމާނުގައި، ކުރިމަތިވެފައިވާ ޒަމާނީ ފިޤުހީ މައްސަލަތަކުގައި ޙުކުމްތައް ބަޔާންކުރުމުގައި ޖަމާޢީ ގޮތުން މަޝްވަރާކުރެވޭންޖެހޭކަމަށާއި އެ ފަދަ ކަންކަމުގައި ފަރުދީ ގޮތުން ފަތުވާދީހެދުމަކީ އިސްލާމީ މުޖުތަމަޢު ބައިބައިވެގެން ހިނގައިދާނެ ކަމެއްކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ޝަރުޢީ ޙުކުމްތައް ބަޔާންކުރުމުގައި، ފިޤުހީ ގޮތުން ޔަގީންކުރެވޭ [ޤަޠުޢީ] ކަންކަމާއި އިޚުތިލާފީ ކަންކަމުގައި ޚިލާފު ހުރިކަމުގެ ވާހަކަ ބަޔާންކުރުން މުހިންމުކަމަށާއި ތަބަޢަވާންޖެހޭނީ ޤުރުއާނާއި ސުންނަތާއި ދަންނަބޭކަލުންގެ އިޖުމާޢަށްކަމަށެވެ.
މީގެ އިތުރަށް ފިޤުހީ ކަންކަމުގައި އިސްލާމްދީނުގެ ދަންނަބޭކަލުންގެ މެދުގައި ޚިލާފު އުފެދޭން މެދުވެރިވި އިލްމީ، އިޖްތިމާޢީ، އަދި އާދަކާދައިގެ ސަބަބުތައް ދެނެގަތުމަކީ އެއްބައިވަންތަކަމަށް މަގުފަހިވާނެ ކަމެއްކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. ޚިޔާލު ތަފާތުވުން ހުންނަ ކަންކަމުގައި ވެސް އުންމަތުގެ ދަންނަ ބޭކަލުންނަށް އިޙުތިރާމްކުރުމަކީ އިލްމުވެރީންގެ އަޚުލާޤާއި ސުލޫކުކަން ޑރ. ޝަހީމް ފާހަގަކުރެއްވިއެވެ.
ދީނީ ކަންކަމުގައި ފަތުވާ ދޭ އިރު، މީސްތަކުންގެ ޙާލަތާއި އާދަކާދައާއި ސަޤާފަތާއި ޒަމާނާ މެދު، ރިޢާޔަތްކުރުމަކީ ފަތުވާދިނުމުގައި ބަލާންޖެހޭ ކަމެއްކަމަށާއި އިސްލާމީ ޝަރީޢަތުގެ މަޤުޞަދުތަކާއި މުޖުތަމަޢާއި ދައުލަތުގެ ޢާންމު މަޞްލަޙަތު އިސްކުރާންޖެހޭނެކަމަށް ވެސް ވިދާޅުވިއެވެ. މީގެ އިތުރަށް ދީނުގެ ޙުކުމްތައް ބަޔާންކުރުމުގައި އިސްލާމީ ޝަރީޢަތުގައި ކަނޑައެޅި ބަޔާންވެގެންވާ ލުއިފަސޭހަކަމުގެ އަސާސް ހިފެހެއްޓުމާއި މެދުމިނުގެ އުޞޫލުތައް ނެގެހެއްޓުމަށް ވަޒީރު ޑރ. ޝަހީމް ގޮވައިލެއްވިއެވެ.
ރާއްޖޭގައި ވަޢުޒާއި އިރުޝާދާއި ފަތުވާ ދިނުން ދަރަޖަކުރުމާ މެދު، އިލްމުވެރީންގެ މަޝްވަރާ ބޭނުންވާކަމަށާއި އިސްލާމީ ކަންކަން ހިންގުމުގައި އިލްމުވެރީން ދެއްވާ ލަފާފުޅުތަކަށް އަބަދު ވެސް އިޙުތިރާކުރައްވާނެކަމުގެ ޔަޤީންކަން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އިއްޔެ ދެއްވިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙަންމަދު ޝަހީމް ޢަލީ ސަޢީދު، ފަތުވާ މަހާސިންތާ ހުޅުވުމުގެ ޖަލްސާގައި ތަޤުރީރުކުރައްވަނީ. (ފޮޓޯ: އކބވ)<br>
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު އިއްޔެ ދެއްކެވި ވާހަކަފުޅުތަކަކީ ވަރަށް މުހިންމު ވާހަކަފުޅުތަކެކެވެ. އިސްލާމީ ފަތުވާދިނުމަކީ އާދައިގެ ކަމެއްނޫނެވެ. އެއީ އިސްލާމް ދީނުގައި ވަރަށް މުހިންމު ކަމެކެވެ. އިސްލާމީ ޝަރީޢަތުގައި ފަތުވާދޭ މީހުންނަށް ކިޔަނީ މުފްތީއެވެ. މުފްތީ އަކީ ވަރަށް މުހިންމު މަޤާމެކެވެ. [މުފްތީ] މި ލަފުޒު ނެގިފައިވަނީ [އިފްތާ] މި ލަފުޒުންނެވެ. މުފްތީއަކީ އިސްލާމީ ޝަރީޢަތާއި ފިޤުހީ މައްސަލަތަކުގައި ކަން އޮތް ގޮތް ހާމަކޮށް ފަތުވާ ދޭ މީހާއެވެ.
މުފްތީއަކީ ސައްޔިދުނާ ޢުޘްމާން (ރަޟިޔައްﷲ ޢަންހު)ގެ ޚިލާފަތުގައި އިސްތަންބޯލްގެ ޝަރުޢީ، ފިޤުހީ އަދި ޤާނޫނީ އެންމެ މަތީ ވެރިޔާއެވެ. އިސްލާމީ ޤައުމުތަކުގައި ޤާއިމުކުރެވުނު ޤާނޫނީ އިޖުރާތުގެ ދަށުން މުފުތީގެ އިޚުތިޔާރުތައް ވަނީ ދަށްކުރެވިފައެވެ. މިހާރު ޢާންމު ގޮތެއްގައި މުފުތީންގެ ޒިންމާއަކަށް ވަނީ ވާރުތަމުދަލާއި ކާވެންޏާއި ވަރިއާއި މި ނޫނަސް މިފަދަ ޒާތީ ނުވަތަ ޝަޚުޞީ މުޢާމަލާތްތަކުގައި އުފެދޭ ސުވާލުތަކަށް ފިޤުހީ ގޮތުން ޖަވާބުދިނުމެވެ.
އަދުގެ ދުނިޔެއަށް ބަލާ އިރު، އިސްލާމީ ޤައުމުތަކުގައި ދައުލަތުގެ ފަރާތުން ޢައްޔަންކުރައްވާ މުފުތީއަކީ އެކިކަންކަމުގައި އިސްލާމީ ޝަރީޢަތުގެ އަލީގައި ކަންކަމުގެ ފަތުވާ ދެއްވުމުގެ އެންމެ މަތީ ވެރިޔާއެވެ. އިސްލާމީ ގިނަ ޤައުމުތަކުގައި މި މަޤާމުގައި ޢިލްމުވެރީން ޢައްޔަންކޮށްފައި ތިއްބަސް ދިވެހިރާއްޖޭގައި އަދި މުފުތީއަކު ޢައްޔަންކޮށްފައެއް ނެތެވެ. އެހެންނަމަވެސް އިހު ޒަމާނުގައި މުފުތީއެއްގެ ދައުރު، އުއްތަމަފަނޑިޔާރު އަދާކުރައްވައިފައިވާކަން އިހުގެ ލިޔުންތަކުން ދޭހަވެއެވެ.
ދިވެހިރާއްޖޭގައި މިއަދު ފަތުވާދެއްވާނެ ކައުންސިލެއް އޮވެއެވެ. އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ނަމުގައި އޮންނަ މި މަޖުލިސް އެކުލެވިގެންވަނީ ފަސް މެންބަރުންގެ މައްޗަށެވެ. އެއީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު އައްޔަންކުރައްވާ މެންބަރަކާއި، ޝަރުޢީ ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އުއްތަމަފަނޑިޔާރުގެ ލަފާފުޅުގެ މަތީން ޢައްޔަންކުރައްވާ މެންބަރަކާއި، އިސްލާމީ ޔުނިވަރސިޓީގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޢައްޔަންކުރާ މެންބަރަކާއި ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ ދެ މެންބަރުނެންވެ.
ކުރީން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ދަށުން ހިންގަމުން އައި ފިގުހު އެކެޑަމީގެ ބަދަލުގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ނަމުގައި ވަކި މުއައްސަސާއެއް ސަރުކާރުން އުފެއްދީ 2016ވަނަ އަހަރުގައެވެ.
އާދޭހެވެ! ދިވެހިރާއްޖޭގައި ދީނީ ތަޤުރީރުކުރުމުގެ ހުއްދަ އޮންނަ ކޮންމެ ބޭފުޅަކަށް ފަތުވާދެއްވޭނެކަމަށް ގަބޫލުކުރެވޭ ގަބޫލުކުރުން ބަދަލުކުރެވޭން އެބަ ޖެހެއެވެ. ފަތުވާދިނުމަކީ އާދައިގެ ކަމެއްނޫނެވެ. ވަޒީރު ވިދާޅުވިހެން ޤައުމީ އެއްބައިވަންތަކަމާއި އިސްލާމީ ވަޙުދަތު ޙިމާޔަތްކުރުމަށް ޓަކައި ރާއްޖޭގައި ވަޢުޒާއި އިރުޝާދާއި ފަތުވާ ދިނުން ދަރަޖަކުރުމާމެދު ވަޒީރު ގެންގުޅުއްވާ ވިސްނުންފުޅަކީ ވަރަށް ރަނގަޅު ވިސްނުންފުޅެކެވެ. އަދި މިއީ ވަރަށް އަވަހަށް އުޞޫލުތަކެއް ކަނޑައެޅި ތަންފީޒުކުރެވޭން ޖެހޭނެ ކަމެއްކަމަށް ވެސް ފެނެއެވެ. އެހެނީ އިސްލާމީ ޝަރީޢަތުގައި ފަތުވާދޭ މީހުންގެ ކިބައިގައި އަންނަނިވި ޝަރުޠުތައް ފުރިހަމަވާން ވާނެކަމަށް މި ކަމާ ބެހޭ ޢިލްމުވެރީން ވިދާޅުވެއެވެ.
1. ޢަރަބި ބަސް ރަނގަޅަށް ދަންނަ މީހަކުކަމުގައި ވުން.
2. އުޞޫލުލްފިޤުހު ޢިލްމަށް އަރައި ހުރި [އެ ޢީލްމަށް މޮޅު] މީހަކުކަމުގައިވުން.
3. އިޖުތިމާޢީ ޙަޤީޤަތްތަކުގެ މަޢުލޫމާތު ލިބިހުރި މީހަކުކަމުގައިވުން.
4. ދީންތައް އަޅައިކިޔުމުގެ ޢިލްމު ލިބިހުރި މީހަކުކަމުގައިވުން.
5. އިޖުތިމާޢީ ޢިލްމުގެ އަސާސްތައް ދަންނަ މީހަކުކަމުގައިވުން.
6. މަޤާޞިދުއްޝަރީޢާ (ޢިލްމު) ލިބި ހުރި މީހަކުކަމުގައިވުން.
7. ޙަދީޘް ޢިލްމު ލިބި ހުރި މީހަކުކަމުގައިވުން.
8. ޤާނޫނީ ޙަޤީޤަތްތަކާއި އަސާސްތައް [ރަނގަޅަށް] އެނގި ހުރި މީހަކުކަމުގައިވުން.
މުފުތީއަކަށް އޭނާގެ ފަތުވާ އިއްވުމަކަށް މަޙުކަމާއެއް (ކޯޓެއް) ނުވަތަ އޮފީހެއް ބޭނުމެއް ނުވާނެއެވެ. މައްސަލައާ ގުޅޭ ޚަޞްމުން ހާޒިރުކުރާކަށް ވެސް ނުޖެހޭނެއެވެ. އޭނާގެ ފަތުވާ ބިނާކުރާނީ ހަމަ އެކަނި ދީނުގެ އަޞްލުތަކާއި ނައްޞުތަކަށެވެ. ޤުރުއާނާއި ޙަދީޘާއި އިޖުމާޢާއި ޤިޔާސަށެވެ. އިޖުތިމާޢީ މަޞްލަޙަތާއި ޢުރުފަށް ވެސް ރިޢާޔަތްކުރުމާ އެކީގައެވެ.
ފަތުވާއަކީ މިހައި މުހިންމުކަމަކަށްވާ އިރު، މިއީ ރާއްޖޭގައި ހަމައެކަނި ޤައުމީ ފެންވަރުގައި ބޭއްވި ފުރަތަމަ މަހާސިންތާއެވެ. މި މަހާސިންތާގެ ޝިޢާރަކީ "މުޖުތަމަޢު އިސްލާޙުކުރުމަށް ޓަކައި ފަތުވާގެ ދައުރު" މިއެވެ. މިއީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރުގެ މަގާމުގައި މިއަދު ހުންނެވި ޑރ. މުޙަންމަދު ޝަހީމް ޢަލީ ސަޢީދު، އިސްލާމީ ފަތުވާގެ މުހިންމުކަން ދެނެވަޑައިގަންނަވާ މިންވަރު ހާމަވިކަމެއްކަމަށް ދަންނަވާންޖެހެއެވެ. އަދި ވަޒީރު ގެންގުޅުއްވާ ވިސްނުންފުޅާ އެކު، ރާއްޖޭގައި ވަޢުޒާއި އިރުޝާދާއި ފަތުވާދިނުން ދަރަޖަކުރުމުގެ ކަންކަން ވަރަށް އަވަހަށް ތަންފީޒުކުރެވޭނެކަމަށް އުންމީދުކުރެވެއެވެ.
އެހެންނަމަވެސް މީގެ ކުރީން ބައިނަލްއަގުވާމީ ފެންވަރުގައި ފަތުވާ މަހާސިންތާއެއް 2018ވަނަ އަހަރު ޖުލައި މަހު 18ވަނަ ދުވަހު ބަނޑޮސް އައިލެންޑް ރިސޯޓުގައި ބާއްވައިފައިވާކަން ފާހަގަކޮށްލެވެއެވެ. އެ ފަހަރު ބޭނުންކުރެއްވި ޝިޢާރަކީ "އިސްލާމީ ފަތުވާ: ޞުލްޙަ ޤާއިމުކޮށް ދެމެހެއްޓުމަށް މަގެއް"މިއެވެ. އެ މަހާސިންތާގައި މިޞްރުގެ މުފްތީ ފަޟީލަތުލްއުސްތާޛުއްދުކްތޫރު ޝައުޤީ އިބްރާހީމް ޢައްލާމާއި އުރުދުންގެ އިސް މުފްތީ ފަޟީލަތުލްއުސްތާޛުއްދުކްތޫރު މުޙަންމަދު އަޙުމަދު އަލްޚަލާއިލާއާއި ސޫދާންގެ ފަތުވާ މަޖުލިސްގެ ރައީސް އައްދުކްތޫރު ޢަބްދުއްރަޙީމް ޢަލީ މުޙަންމަދު އިބްރާހީމާއި މި ނޫނަސް ޢަރަބި އިސްލާމީ ބައެއް ޤައުމުތަކުގެ ބޮޑެތިބޮޑެތި ޢާލިމުން ބައިވެރިވެވަޑައިގެން ކަރުދާސް ހުށައެޅުއްވިކަން ފާހަގަކޮށްލެވެއެވެ.
މި ފަދަ އިލްމީ އިސްލާމީ ޙަރަކާތްތައް ފަސް ވަރަކަށް އަހަރު މެދުކެނޑިފައި އޮތުމަށް ފަހު، އަލުން މި ފަދަ ޢިލްމީ އިސްލާމީ ޙަރަކާތްތައް ކުރިއަރުވައި ތަރައްގީކުރައްވާން އަދުގެ ވަޒީރު ޑރ. މުޙަންމަދު ޝަހީމް ޢަލީ ސަޢީދު މި މަސައްކަތްޕުޅު ފައްޓަވައިފައިވާކަމަށް ޓަކައި ތަހުނިޔާ ދަންނަވައި އެ މަނިކުފާނުގެ މި ފަދަ މަސައްކަތްޕުޅުގައި ބަރަކާތްލެއްވުން އެދި ދުޢާކުރަމެވެ.
______________________________
ބައެއް މަޢުލޫމާތު:
http://www.answers.com/topic/mufti#ixzz2N6pny2bG
އިން.