Advertisement

ނަތަންޔާހޫއާއި ގަލާންޓު ހައްޔަރުކުރާން ދުނިޔޭގެ ޖިނާއީކޯޓުން ނެރުނު އަމުރާ ގުޅިގެން ދުނިޔޭގެ ކޮމެންޓު.

23 Nov 2024 | 00:26
ނަތަންޔާހޫ (ވ) އާއި ގަލާންޓު (ކ)

އަބާ މުޙަންމަދު

އިސްރާއީލުގެ ބޮޑުވަޒީރު ބުންޔާމީން ނަތަންޔާހޫއާއި އެ ގައުމުގެ ކުރީގެ ދިފާޢީ ވަޒީރު ޔުއާބު ގަލާންޓު ހައްޔަރުކުރުމުގެ އަމުރެއް ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ނެރުނީ އެއީ ހަނގުރާމައިގެ ކުށްވެރީންކަމަށް ތުހުމަތުކޮށްފައެވެ. ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (ބޖކ)އިން ބުނީ ޣައްޒާގައި ތަދުމަޑުކަން އާންމުކޮށް ރައްޔިތުން ބަނޑަށް ޖެއްސުމުގައި އިސްރާއީލުގެ އޮފިޝަލުން ޒިންމާވާންޖެހޭނެކަމުގެ ސާބިތު ހެކި އެ މީހުންނަށް ލިބިފައިވާކަމަށެވެ.

މި ދިޔަ ބުރާސްފަތި ދުވަހު އެ ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ ނަތަންޔާހޫއާއި ގަލާންޓު ހަމަ ގަސްތުގައި، އަދި އެނގިތިބެ ޣައްޒާގެ މަދަނީން ބަނޑަށް ޖައްސައި އެ މީހުން ދިރިތިބުމަށް ބޭނުންވާ އެހީތެރިކަމަށް ހުރަސް އަޅައިފައިވާކަމަށެވެ.

އެ ކޯޓުން ޙަމާސްގެ އަސްކަރީ ވެރިޔާ މުޙަންމަދު ޟައިފުގެ މައްޗަށް ވެސް "އިންސާނިއްޔަތާ ޚިލާފު އަދި ހަނގުރާމައިގެ ކުށްތައް"ކޮށްފައިވާކަމަށް ތުހުމަތުކޮށް އޭނާ ހައްޔަރުކުރުމުގެ އަމުރެއް ވެސް ނެރެފައިވެއެވެ.

މި ފަދަ އަމުރެއް ނެރޭން ބޖކ.ގެ ޕްރޮސެކިޔުޓަރ ކާރީމް ޚާން ފުރަތަމަ އެދިވަޑައިގަތީ މީގެ ހަ މަސް ކުރީންނެވެ. މި ދިޔަ އޮގަސްޓު މަހު ބޖކ.އަށް ޚާން ގޮވައިލައްވައިފައިވަނީ އޭނާގެ ހުށަހެޅުމާ މެދު އަވަހަށް ގޮތެއް ނިންމައިދިނުމަށެވެ. އެހެނީ އޭނާ ވިދާޅުވާ ގޮތުގައި "އެއްވެސް މަގުބޫނު ސަބަބެއް ނެތި އިންސާފު ލިބުން ލަސްވާ ލަސްވުމަކީ މަޒުލޫމުންގެ ހައްގުތަކަށް ނޭދެވޭ އަސަރު ފޯރާނެކަމެކެވެ."

ބޖކ.ގެ އަމުރު ނެރުމާ އެކު އިސްރާއީލުގެ އޮފިޝަލުން ވަނީ ވަގުތުން އެ އަމުރާ ދެކޮޅު ހަދައި ފާޑުކިޔައިފައެވެ. އިސްރާއީލުގެ ދަތުރުފަތުރާ ބެހޭ ވަޒީރު ބުނެފައިވަނީ މިއީ ޔަހޫދިއްޔަތާ ދެކޮޅަށް ކޯޓުގެ ތެރެއިން އެޅި ޒަމާނީ ފިޔަވަޅެއްކަމަށެވެ. ބައިނަލްއަގުވާމީ ޖިނާއީ ކޯޓުގެ މި ނިންމުމާ ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކަކުންނާއި ބައެއް ޖަމުޢިއްޔާތަކުން ވަނީ އެ ނިންމުމަށް ކޮމެންޓުކޮށްފައެވެ. ދެން މި ގެނެސްދެނީ އެ ފަދަ ބައެއް ކޮމެންޓުތަކެވެ.

އިސްރާއީލު

ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (ބޖކ)ގެ އަމުރާ އިސްރާއީލުން ކަނޑައެޅިގެން ދެކޮޅުކަމަށާއި އެއީ ޔަހޫދިއްޔަތާ ދެކޮޅަށް އެޅި ފިޔަވަޅެއްކަމަށެވެ.

"ބޖކ.އިން އިސްރާއީލާ ދެކޮޅަށް އެޅި އަސްލެއް ނެތް މަންޠިޤެއް ނެތް ލަދުވެތި ފިޔަވަޅަށް އިސްލާއީލުން އިންކާރުކުރަމެވެ." އެ ބަޔާނުގައި ބުނެފައިވެއެވެ. މީގެ އިތުރަށް އެ ގައުމުގެ ރައްޔިތުން ދިފާޢުކުރުމުގައި ރައްޔިތުންގެ އިޙުސާތަކަކާ އެ ގައުމުން ދެކޮޅެއް ނަހަދާނެކަމަށް ވެސް ބުނެފައިވެއެވެ.

މި ބަޔާނުގެ ބޭރުން ވެސް ނަތަންޔާހޫގެ އޮފީހުން އަދި އިސްރާއީލުގެ އެކި އޮފިޝަލުން ބޖކ.ގެ އަމުރާ ދެކޮޅަށް ފާޑުފާޑުގެ ކޮމެންޓުކޮށްފައިވެއެވެ.

މިގެ އިތުރަށް ޔުއާބު ގަލާންޓު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހަނގުރާމައިގެ ދުވަސްވަރު އިސްރާއީލުގެ ސަލާމަތީ އަދި ދިފާޢީ ނިޒާމުގެ އިސް މީހެއްގެ ގޮތުން މަސައްކަތްކުރެވުނުކަމީ އޭނާއަށް ލިބުނު ޝަރަފެއްކަމަށާއި، އިސްރާއީލުގެ މަގުސަދު ހާސިލުވަންދެން މި "ހަނގުރާމަ" އިސްރާއީލުން ދަމަހައްޓާނެކަމަށެވެ.

ޙަމާސް

ނަތަންޔާހޫއާއި ގަލާންޓު ހައްޔަރުކުރާން ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ނެރުނު އަމުރަކީ "ޢަދުލުއިންސާފާ ދިމާއަށް އެޅުނު މުހިންމު ފިޔަވަޅެއް"ކަމަށް ބުނެ ޙަމާސުން ވަނީ ބޖކގެ ނިންމުމަށް މަރުޙަބާ ކިޔައިފައެވެ.

"މި ފިޔަވަޅަކީ އަދުލުއިންސާފާ ދިމާއަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މީގެ ސަބަބުން އާންމުކޮށް ހުރިހައި މަޒުލޫމުންނަށް ވެސް ތަސައްލީއެއް ލިބޭނެއެވެ. ނަމަވެސް ދުނިޔޭގެ ގައުމުތަކުން މި ނިންމުމަށް ހުރިހައި މާނައެއްގައި އެއްބާރުލުން ނުދީފި ނަމަ، މި ނިންމުންވާނީ ޙުދޫދުކުރެވިފައިވާ އަދި ރަމްޒީ ނިންމުމަކަށެވެ." ޙަމާސްގެ ސިޔާސީ އޮފީހުގެ މެންބަރު ބާސިމް ނަޢީމް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވެއެވެ.

އިސްރާއީލުގެ އެހެން އޮފިޝަލުންގެ މައްޗަށް ވެސް މި އަމުރު ފުޅާކުރާއް ޙަމާސުން ގޮވައިލައިފައިވެއެވެ. ނަމަވެސް ހައްޔަރުކުރާން ކޯޓުން އަމުރު ނެރުނު ޟައިފާ ބެހޭ ގޮތުން އެ ބަޔާނުގައި އެއްވެސް އިޝާރާތެއް ކޮށްފައެއް ނެތެވެ.

ޣައްޒާގެ ރައްޔިތުން

މެދުތެރޭ ޣައްޒާގެ ދާރުލްބަލާހުން އަލްޖަޒީރާގެ ރިޕޯޓަރ ހާނީ މުޙަންމަދުބުނި ގޮތުގައި ބޖކ.ގެ އަމުރުގެ ސަބަބުން ޣައްޒާގެ ރައްޔިތުންނަށް މާ ބޮޑު ބަދަލެއް ނާދެއެވެ.

"އެއީ ސުލޫކީ ކުޑަކުޑަކަމެއް....އަނެއްކާ ވެސް އަހަރެމެންނަށް އެނގޭ އެމެރިކާގެ އެއްވެސް ހައްދެއް ނެތް އެހީތެރިކަން [އިސްރާއީލަށް] އެމެރިކާއިން އޮއްސާނެކަން." އޭނާ ބުނެފައިވެއެވެ.

"އެހެންވީމާ ހައްޔަރުކުރުމުގެ މިއަމުރަށް އަހަރެމެން ވަރަށް ބޮޑަށް ޝައްކުކުރަން. އެއީ ފަހަރެއްގައި އެމެރިކާގެ އިދާރިއްޔަތަށް ގޮންޖެހުމަކަށް ވެދާނެ. އެއީ އެމެރިކާގެ [މިހާރުގެ] އިދާރިއްޔަތުކަމަށް ވިޔަސް ނުވަތަ [އަންނަ ސަރުކާރަށްކަމަށް ވިޔަސް، އިސްރާއީލަށް އެ މީހުން ކުރާ ތާއީދަކަށް ބަދަލެއް ނާންނާނެ."

ފަލަސްތީނުގެ އިދާރިއްޔަތު

އިސްތިޢުމާރުކޮށްފައިވާ ހުޅަނގުއައްސޭރީގެ އިދާރިއްޔަތު ބަލަހައްޓާ ފަލަސްތީނުގެ ސަރުކާރުން ބުނެފައިވަނީ "ބައިނަލްއަގުވާމީ ކޯޓުގެ ނިންމުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި މުއައްސަސާތައް ތަމްސީލުކޮށްދޭކަމުގެ އުންމީދަކާއި ކަށަވަރުކަން ތަމްސީލުކޮށްދެވި ނިންމުމެއް"ކަމަށެވެ. އަނި ނިންމުން ތަންފީޒުކޮށްދޭން ވެސް ފަލަސްތީނު ސަރުކާރުން އެދިފައިވެއެވެ.

އާޖެންޓީނާ

ރައީސްޖޭވިއަރ މިލެއި އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ "[ބައިނަލްއަގުވާމީ ޖިނާއީ ކޯޓުގެ] އެ ނިންމުމާ ކަނޑައެޅިގެން އޭނާގެ ގައުމު ދެކޮޅުކަން އިއުލާމުކުރާކަމަށެވެ.

އޭނާ އިތުރަށް ލިޔެފައިވަނީ ޙަމާސާއި ޙިޒުބުﷲ ފަދަ ނިރުބަވެރި ޖަމާޢަތްތަކުގެ ޙަމަލާތަކުން ދިފާޢުވުމުގެ ސިޔާދަތީ ހައްގު އިސްރާއީލަށް ލިބިގެންވާކަން ކޯޓުގެ އެ އަމުރުން ހަނދާންނައްތައިލައިފައިވާކަމަށެވެ.

އޮސްޓްރިއާ

ޚާރިޖީ ވަޒީރު އެލެގްޒެންޑަރ ޝެލެންބާރގް ބުނީ ކޯޓުގެ އަމުރު ސާފު ނޫންކަމަށައި އެއީ މޮޔަ އަދި އަސާސެއް ނެތް އެއްޗެއްކަމަށެވެ. ނަމަވެސް އޭނާގެ އޮފީހުން ބުނެފައިވާ ގޮތުގައި ރޯމްގެ މުޢަހަދާގެ ބައިވެރިއެއްގެ ގޮތުން ބޖކގެ އަމުރު ތަންފީޒުކުރާން އޮސްޓރިއާގެ މައްޗަށް ލާޒިމުކަމަށެވެ.

ބައިނަލްއަގުވާމީ ޖިނާއީ ކޯޓުގެ ފަނޑިޔާރުން މައްސަލަ ނިންމަނީ (ބޖކ)<br>

ބެލްޖިއަމް

ބެލްޖިއަމްގެ ޚާރިޖިއްޔާގެ ރަސްމީ އެކްސް އެކައުންޓުގައި ބުނެފައިވަނީ "ދުނިޔޭގެ ކޮންމެ ތަނެއްގައި ހިނގިކަމަށް ވިޔަސް އަނިޔާވެރިކަމާއި ޖަރީމާތަކާ ދެކޮޅަށް މަސައްކަތްކުރުމަކީ ބެލްޖިއަމުން އެންމެ އިސްކަން ދެ އެއް ކަންތައް"ކަމަށާއި އެހެންކަމުން ބައިނަލްއަގުވާމީ ޖިނާއީ ކޮޓޫގެ މަސައްކަތަށް ފުރިހަމައަށް ތާއީދުކުރާކަމަށެވެ.

"ޣައްޒާއާއި އިސްރާއީލުގައި ޖަރީމާތައް ހިންގާ މީހުންނަށް އެ ޢަމަލު ހިނގީ ކާކުކަން ބެލުމެއް ނެތި، [އަދި ކޮންމެ މީހަކު ކުށްކުރި ނަމަ ވެސް] އެންމެ ހަރިކަށި އަދަބު ޖޭންޖެހޭނެއެވެ."

ކެނެޑާ

ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ބުނެފައިވަނީ "އެންމެން ވެސް ބައިނަލްއަގުވާމީ ގާނޫނތަކަށް ބޯލަނބާން ޖެހޭނެ"ކަމަށެވެ. އަދި ބައނަލްއަގުވާމީ ކޯޓުތަކުގެ އަމުރަށް ކެނެޑާ ބޯލަމާނެކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

ވިލާތުގެ އިއްތިހާދު

ޚާރިޖީ ސިޔާސަތާ ބެހޭ ވެރިޔާ ޖޯސެފް ބޮރޭލް ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ނެރުނު އަމުރަކީ [އެއްވެސް ހާލެއްގައި] ސިޔާސީ އަމުރެއް ނޫންކަމަށާއި އެ އަމުރަށް އިޙުތިރާމްކޮށް ތަންފީޒުކުރާން ޖެހޭނެކަމަށެވެ.

އޭނާ ބުނެފައިވަނީ "މި ނިންމުމަކީ ހުރިހައި ދައުލަތަކުން ބޮލަރުވާންޖެހޭ ނިންމުމެއް"ކަމަށާއި "ވިލާތުގެ ހުރިހައި މެންބަރު ގައުމުތައް ހިމެނެހެން ކޯޓުގައި ބައިވެރިވާ ހުރިހައި ދައުލަތަކުން ކޯޓުގެ އަމުރު ބޮލަރުވާންޖެހޭނެ"ކަމަށެވެ.

ފަރަންސޭސިވިލާތް

ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ކްރިސްޓޯފް ލެމޮއީން ބުނެފައިވަނީ ބައިނަލްއަގުވާމީ ޖިނާއީކޯޓުގެ ޤަރާރާ އެއް ގޮތަށް ފަރަސްސޭސިވިލާތުން ޢަމަލުކުރާނެކަމަށެވެ.

އެހެންނަމަވެސް ފަރަންސޭސީން ނަތަންޔާހޫ ހައްޔަރުކުރާންޖެހެނީ ގައުމަށް އޭނާ އައިމާތޯ ސުވާލު އުފައްދައި އޭނާ ވަނީ އެ ނިންމުމުގައި ގާނޫނީ ގޮތުން މުއައްގަދުކަމެއް އެބަ އޮތްކަމަށް ބުނެފައެވެ.

ޖަރުމަނުވިލާތް

ސަރުކާރުގެ ތަރުޖަމާނަކު ބުނެފައިވަނީ ބޖކއިން ނެރެފައިވާ ނަތަންޔާހޫއާއި ގަލާންޓު ހައްޔަރުކުރުމުގެ އަމުރު ޖަރުމަނު ވިލާތުން "ފަރުވާތެރިކަމާއެކު ތަޙުލީލުކުރާނެ"ކަމަށެވެ. ނަމަވެސް އެ ގައުމަށް ޒިޔާރަތްކުރުމުގެ ކުރީން އިތުރު ފިޔަވަޅެއް ނާޅާނެކަމަށެވެ.  

"ބައިނަލްއަގުވާމީ ޖިނާއީކޯޓުގެ މަޢާހަދާ ޑުރާފުޓުކުރުމުގައި ޖަރުމަނު ސަރުކާރު ބައިވެރިވިއެވެ. އަދި [ޖަރުމަނަކީ] ބޖކ.ގެ އެންމެ ބޮޑު މަދަދުގާރެވެ. މި މަގާމަކީ ޖަރުމަނުވިލާތުގެ ތާރީޚުގެ ނަތީޖާއެވެ." ތަރުޖަމާނު ބުނެފައިވެއެވެ.

"އަދި ހަމަ މިއާ އެކުއެކީގައި ޖަރުމަނުވިލާތުގެ ތާރީޚަކީ އިސްރާއީލާ ވަރަށް ލާމަސީލު ގުޅުމެއް އޮތް ތާރީޚެކެވެ. އަދި އިސްރާއީލުގެ މައްޗަށް ޖަރުމަނުވިލާތުގެ ވަރަށް ބޮޑު މަސްއޫލިއްޔަތެއް އެބަ އޮތެވެ."

ހަންގޭރީ

ރިޔާސީ ތަރުޖަމާނު ޒޮލްޓާން ކޮވެކްސް، އެކްސްގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ޚާރިޖީ ވަޒީރު ސްޒީޖަރްތޯ،  ބޖކގެ ނިންމުމަކީ "ލަދުވެތި އަދި އެއްވެސް އަސާސެއް ނެތް" ނިންމުމެއްކަމަށް ބުނެ އެ ނިންމުން ހަރުކަށި އިބާރާތުން ކުށްވެރިކުރެއެވެ.

"މި ނިންމުމުގެ ސަބަބުން ބައިނަލްއަގުވާމީ އަދާލަތުގެ އިޙުތިރާމް ގެއްލެއެވެ. އަދި ގައުމުތަކުގެ ވރީން، ނިރުބަވެރި ޖަމްއިއްޔާތަކާ ދެކޮޅަށް އަޅާ ފިޔަވަޅުތަކަށް ހުރަސްއަޅައެވެ." ސްޒީޖަރްތޯ ބުނެފައިވެއެވެ. "މިފަދަ ނިންމުންތައް ބަލައެއް ނުގަނެވޭނެއެވެ."

ހަނގޭރީގެ ބޮޑުވަޒީރު ވިކްޓޯރ އޮރްބާން ބުނެފައިވަނީ ކޯޓުގެ ނިންމުމާ ކަނޑައެޅިގެން ދެކޮޅުކަން ދެއްކުމަށް ޓަކައި ނަތަންޔާހޫ ހަންގޭރިއަށް އަންނާން ދައުވަތު ވެސް ދޭނެކަމަށެވެ.

އަދި އޭނާ ކޯޓާށް ގޮައިލީ އެ ނިންމުމަކީ ސިޔާސީ ނިންމުމެއްކަމަށައި ގާނޫނީ ނިންމުންތައް ނިންމާށެވެ.

އީރާން

އީރާނުގެ އިސްލާމީ އިންގިލާބީ ގާޑުގެ ވެރިޔާ، ސިފަކޮށްފައިވަނީ "ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ނަތަންޔާހޫއާއި ގަލާންޓު ހައްޔަރުކުރާން ނެރުނު އަމުރަކީ "އިސްރާއީލުގެ ނިމުންކަމަށައި ގާނޫނީ ގޮތުން މަރުވުން"ކަމަށެވެ. އަދި އިސްރާއީލުގެ ވެރީން އެ ވަނީ ދުނިޔޭގައި ސިޔާސީ އެކަހެރިކަމެއްގައިކަމަށާއި އެ މީހުންގެ އޮފިޝަލުންނަށް ދެން ދުނިޔޭގެ ގައުމުތަކަށް ދަތުރެއް ނުކުެވޭނެކަމަށެވެ.

އައިސްލޭންޑް

ބޮޑުވަޒީރު ސިމޯން ހެރިސް ބުނެފައިވަނީ "އަމުރަކީ އާދަޔާ ޚިލާފު ފާހަގަކޮށްލެވޭ ފިޔަވަޅެއް"ކަމަށެވެ.

އަދި އިތުރަށް ބުނެފައިވަނީ އައިސްލޭންޑުން ކޯޓުގެ ދައުރަށް އިޙުތިރާމްކުރާކަމަށާއި  އެންމެންވެސް އަވަސްކަމާއެކު މި ފަދަ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހޭނެކަމަށެވެ.

އިޓަލީވިލާތް

ބޮޑުވަޒީރު އެންޓޯނިއޯ ތަޖާނީ ބުނީ ކޮޓޫގެ ނިންމުން ތަރުޖަމާކުރާނީ ކިހިނެއްތޯ، އިޓަލީގެ އެކުވެރީންނާއެކު ބަލައި އެކުގައި ފިޔަވަޅުއަޅާން ވިސްނާނެކަމަށެވެ.

"އަހަރެމެން ބޖކއަށް ތާއީދުކުރަން. ކޯޓުން އަދާކުރާންޖެހޭނީ ގާނޫނީ ދައުރެއް، ސިޔާސީ ދައުރެއް ނޫން." އޭނާގެ ވާހަކައަށް އިތުރުކޮށްލިއެވެ.

އުރުދުން

ބޮޑުވަޒީރު އައިމަން ސަފާދީ ވިދާޅުވެފައިވަނީ ކޯޓުގެ ނިންމުމަށް އިޙުތިރާމްކޮށް އެ ނިންމުން ތަންފީޒުކުރާންޖެހޭނެކަމަށެވެ. "ޢަދުލުއިންސާފަކީ ފަލަސްތީނު ރައްޔިތުންގެ [ވެސް] ހައްގެކެވެ."

ދަ ނެދަރލޭންޑްސް

ބޮޑުވަޒީރު ކޭސްޕަރ ވެލްޑްކެމްޕް ވިދާލުވެފައިވަނީ އޭނާގެ ގައުމުން "ކޯޓުގެ މިނިވަންކަމަށް އިޙުތިރާމްކުރާކަމަށެވެ.

"އަސާސެއް ނެތް މުޢާމަލާތެއްގައި އަހަރެމެން ބައިވެރިއެއް ނުވާނަން. އަދި [ނަތަންޔާހޫއާއި ގަލާންޓު] ހައްޔަރުކުރުމުގެ އަމުރަށް އަހަރެމެން ފުރިހަމައަށް ޢަމަލުކުރާނަން. އަހަރެމެން މި ތިބީ ބައިނަލްއަގުވާމީ ޖިނާއީ ކޯޓުގެ ރޯމުގެ ގަރާރަށް ފުރިހަމައަށް އެއްބަސްވެގެން." އޭނާގެ ވާހަކައަށް އިތުރުކޮށްލިއެވެ.

ނޯވޭ

ބޮޑުވަޒީރު އެސްޕަން ބާރތު ޢީދު ބުނެފައިވެއެވެ. "ބައިނަލްއަގުވާމީ ކޯޓުން އެ މީހުންގެ ހަވާލަތު އަދުލުއިންސާފުގެ އުސޫލުން އަދާކުރުމަކީ މުހިންމު ކަމެކެވެ. ކޯޓުން ހުރިހާ ވޭދަނައެއް ކުރިއަށް ގެންދާނީ އެންމެ މަތީ ދަރަޖައިގެ މިނިވަންކަމާއި އިންސާފާވެރި މީޔާރެއްގެ އަސާސްގެ މަތީގައިކަމަށް އަހަރެމެންނަށް ޔަގީންކަން އެބަ އޮތެވެ."

ދެކުނު އެފުރިކާ

ސަރުކާރުން ނެރުނު ބަޔާނެއްގައި ބޖކ.ގެ އަމުރަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔައިފައިވެއެވެ. އެ ބަޔާނުގައި ބުނެފައިވާ ގޮތުން "ފަލަސްތީނުގައި އިންސާނިއްޔަތާ ޚިލާފަށް ހިންގާ ޖަރީމާތަކާ ގުޅިގެން، ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން މިއީ އަދުލުއިންސާފާ ދިމާއަށް އެޅި ފާހަގަކޮށްލެވޭ ފަދަ [މުހިންމު] ފިޔަވަޅެކެވެ.

"ދެކުނު އެފުރިކާއިން ބައިނަލްއަގުވާމީ ގާނޫނުތަކަށް ގެންގުޅޭ ކަށަވެތިކަން އަލުން ކަށަވަރުކޮށްދެމެވެ. އަދި ރޯމުގެ މުޢާހަދާއަށް ދުނިޔޭގެ ހުރިހައި ދައުލަތްތަކަކުން އެ މެްބަރުންގެ ޒިންމާ އަދާކުރުމަށް އިލްތިމާސްކުރަމެވެ." އެ ބަޔާނުގައި ވެއެވެ.

އަހަރެމެން ދުނިޔޭގެ މުޖުތަމަޢަށް މި ގޮވައިލަނީ ގާނޫނު ނަގަހައްޓައި ދެމެހެއްޓުމަށާއި އިންސާނީ ހައްގުތަކާ ދެކޮޅަށް ހިންގާ ކަންތައްތަކަށް ޒިންމާވުން ކަށަވަރުކުރުމަށެވެ."

ސުވިޑުން:

ބޮޑުވަޒީރު މާރިއާ މަލމަރ ސްޓެނާގާޑު ބުނެފައިވަނީ "ސުވިޑުނާއި ވިލާތު އިއްތިޙާދުން ކޯޓުގެ މުހިންމު މަސައްކަތަށް ތާއީދުކުރާކަމަށާއި ކޯޓުގެ މިނިވަންކަމާއި ނަޒާހަތްތެރިކަން ޙިމާޔަތްކުރާނެ"ކަމަށެވެ. ސުވިޑުންގެ ގާނުނުތައް ތަންފީޒުކުރާ ބާރުތަކުން ސުވިށުންގެ އިޚުތިޞާޞް ހިނގާ ސަރަޙައްދުތަކުގައި ކޯޓުގެ އަމުރު ތަންފީޒުކުރާނެކަމަށެވެ. [މާނައަކީ ސުވިޑުން ސަރަހައްދަށް ނަތަންޔާހޫއާއި ގަލާންޓު އަތުވެއްޖެ ނަމަ، ކޯޓު އަމުރާ އެއް ގޮތަށް އެ މީހުން ހައްޔަރުކުރާނެއެވެ.]

ސުވިޓްޒަރލޭންޑް

ސުވިޑުންގެ އަދުލުއިންސާފާ ބެހޭ މަރުކަޒީ އޮފީހުން ބުނީ ބޖކއާ އެއްބާރުލުން ދިނުމަކީ ރޯމް މުޢާހަދާގެ ދަށުން އެ ގައުމަށް ލާޒިމު ކަމެއްކަމަށެވެ. އެހެންކަމުން ސުވިޒަރލޭންޑް ސަރަހައްދަށް ނަތަންޔާހޫއާއި ގަލާންޓު އަތުވެއްޖެނަމަ، އެމީހުން ހިފައި ހައްޔަރުކުރާން ޖެހޭނެކަމަށެވެ. ނުވަތަ ކޯޓުގެ ނިންމުމަށް އެއްބާރުލުން ދޭނެކަމަށެވެ.

ތުރުކީވިލާތް

ޚާރިޖީ ވަޒީރު ޙަކަމް ފިދާން ވިދާޅުވީ ބޖކއިން ނެރުނު، ހައްޔަރުކުރުމުގެ އަމުރަކީ "އުންމީދެއް"ކަމަށާއި އެއީ ފަލަސްތީނު ރައްޔިތުންނަށް ނަސްލުހޭދު ހިންގާ އިސްރާއީލުގެ ބާރުތައް ޢަދުލުއިންސާފުގެ ކުރިމައްޗަށް ގެނައުމަށް އެޅުނު ވަރަށް ޚުޠޫރަތްތެރި ފިޔަވަޅެއްކަމަށެވެ.

"ނަސްލުހޭދު ހިންގާ މީހުންނަށް ހައްގު އަދަބުދިނުން ކަށަވަރުކުރުމަށް ތަކައި އަހަރެމެންކުރާ މަސައްކަތް [ހުއްޓުމެއް ނެތި] ކުރިއަށް ގެންދާނަމެވެ." އޭނާގެ ވާހަކައަށް އިތުރުކޮށްލެއްވިއެވެ.

އިނގިރޭސިވިލާތް

ކޯޓުގެ އަމުރު ތަންފީޒު ކުރާނެކަން ނުވަތަ ނޫންކަން ސާފުކޮށް ބަޔާންނުކޮށް، ބޮޑުވަޒީރު ކެއަރ ސްޓަރމަރގެ ތަރުޖަމާނު ބުނެފައިވަނީ ކޯޓުގެ މިނިވަންކަމަށް އިނގިރޭސިވިލާތުން އިޙުތިރާމްކުރާކަމަށެވެ.

އެކުވެރި ދައުލަތްތައް (އދ)

ނަތަންޔާހޫއާއި ގަލާންޓު ހިފައި ހައްޔަރުކުރުމުގެ އަމުރާ ގުޅިގެން ސުވާލުކުރުމުން އދ.ގެ އަމީންޢާންމު ސްޓީފޭން ދުޖާރިކް ބުނެފައިވަނީ ބައިނަލްއަގުވާމީ ޖިނާއީ ކޯޓުގެ މަސައްކަތާއި މިނިވަންކަމަށް އަމީންޢާންމު އެންތޯނިއޯ ގުތަރޭސް އިޙުތިރާމްކުރައްވާކަމަށެވެ.

އދ.އިން ފަލަސްތީނަށް ކަނޑައަޅައިފައި ހުންނަ ޚާއްޞަ މަންދޫބު ފްރާންސިސްކާ އަލްބަނީސް ބުނެފައިވަނީ އެއީ "ހިތްހަމަޖެހުމާއި އުފާވެރިކަމުގެ ލާމަސީލު ޙަރަކާތެއް"ކަމަށެވެ.

އެމެރިކާ

"އިސްރާއީލުގެ ވެރީން ހައްޔަރުކުރާން ނެރުނު އަމުރަކީ އާންމު އުސާލާ ޚިލާފު އަދި ހައިރާންކުރުވަނިވި ޢަމަލެކެވެ." ރައީސް ޖޯ ބައިޑްން ބުނެފައިވެއެވެ.

"އަދި އެއްފަހަރު އަހަރެން ސާފުކޮށްދޭނަން. ކޮންމެ އެއްޗެއް ކޯޓުން ނިންމިޔަސް އޭގައި ހަމަހަމަކަމެއް ނެތް – ހަމަ އެކައްޗެއް ވެސް ނެތް – އިސްރާއީލާއި ހަމާސާ ދޭތެރެއަކު. އަހަރެމްން އަބަދު ވެސް ދެމިތިބޭނީ އިސްރޢިޅުގެ ސަލާމަތަށް ކުރިމަތިވާ ހުރިހައި ހިރާހަކާ އެކު، އިސްލާއީލަށް ވާގިވެރިވުމުގައި އެ މީހުންނާ އެކު" ބައިޑުންގެ ވާހަކަ އިތުރުކޮށްލިއެވެ.

އަދި [އެ މީހުން] ހައްޔަރުކުރުމުގެ އަމުރަކަށް އެދުމުގައި ކޯޓުގެ ޕްރޮސެކިޔުޓަރ، އަވަސްވެގަތްކަމަށްބުނެ ވައިޓުހައުސް އިން ކަންބޮޑުވުން ވެސް ފާޅުކުރިއެވެ. އެހެންކަމުން އަމުރު ނެރުމުގައި [ކޯޓަށް] ވަނީ ގޯސްތަކެއް ހެދިފައެވެ.

"މިފަދަ އަމުރެއް ނެތުމުގެ އަހުލިއްޔަތެއް ބައިނަލްއަގުވާމީ ޖިނާއީ ކޯޓަށް ނެތްކަމަށް އެމެރިކާއަށް ވަރަށް ސާފެވެ." އޭނާ ބުނެފައިވެއެވެ.

އެމެރިކާގެ ސެނެޓަރެއްކަމަށްވާ ބާރނީ ސެންޑަރސް ކޯޓުގެ އަމުރަށް ތާއިދުކުރަމުން ބުނެފައިވަނީ "އެއްވެސް ތަފާތުކުރުމެއް ނެތި މަދަނީންނާ ދެކޮޅަށް ދެވޭ ޙަމަލާތަކުން ތަޞައްވުރު ވެސް ނުކުރެވޭ ވަރުގެ ގެއްލުންތައް މަދަނީންނަށް ލިބެމުންދާ"ކަމަށެވެ.

އެމްނެސްޓީ އިންޓަރނޭޝަނަލް

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާކަމަށް ބުނާ މި ޖަމާޢަތުން އެކްސްގައި ކުރި ކުރުޕޯސްޓެއްގައި ބުނެފައިވަނީ "ދުނިޔޭގެ އަދުރުއިންސާފުގެ ބުރު  ފަލަސްތީނާއި އިސްރާއީލުގައި އިންސާނިއްޔަތާއި ޚިލާފު ޢަމަލުތަކާއި ހަނގުރާމައިގެ ޖަރީމާތައް ހިންގާ މީހުންނާ ދިމާއަށް އެންމެ ފަހުން ހުއްޓި އެ މީހުން އަތުލައިގެންފި"ކަމަށެވެ.

އިންސާނިއްޔަތާ ޚިލާފު ކުށްތަކާއި ހަނގުރާމައިގެ ޖަރީމާތައް ހިންގާ މީހުންނަށް "އަމާން ސުވަރުގެއެއް" ނޯންނާނެއެވެ." އިތުރަށް ބުނެފައިވެއެވެ.

ހިޔުމަންރައިޓްސް ވޮޗް

މި ޖަމުއިއްޔާއިން ކުރި ކުރު ޕޯސްތެއްގައި ބުނެފައިވަނީ "ބައެއް މީހުންނަކީ ގާނޫނުގެ މާ މަތީގައިވާ ބަޔެއްކަމަށް ހިވެފައި އޮތް ހީވުން، އިސްރާއީލުގެ އިސް އޮފިޝަލުންތަކެއް ހައްޔަރުކުރާން ބައިނައިއަގުވާމީ ޖިނާއީ ކޯޓުން ނެރުނުގެ އަމުރުގެ ސަބަބުން މިހާރު ފުނޑުފުނޑުވެފައިވާ"ކަމަށެވެ.

އިސްވެ މި ބަޔާންކުރެވުނު ކޮމެންޓުތަކަށް ވިސްނައިލުމުން އެނގި ހާމަވަނީ އެމެރިކާއާއި އިސްރާއީލާއި އެ މީހުންގެ ވާގިވެރީންގެ ދެފުށް ދެ ގޮތްކަމާއި އެ މީހުންގެ ކިބައިގައި ހަމައެއް އިންސާފެއް ޢަދުލެއް ނެތްކަމެވެ. ވީއިރު، އިންސާނީ ޙައްގުތަކޭ ކިޔައިގެން އެމެރިކާއިން ދައްކާ ވާހަކަތައް އަޑުއެހުން ހުއްޓައިލާކަށް ނުވޭހެއްޔެވެ؟

(މަޢުލޫމާތު: އަލްޖަޒީރާއާއި ނޫސް އެޖެންސީތައް)

_______________________________________

ބައެއް ލަފުޒުގެ މާނަ:

ޖަރީމާ     ނ.  ބޮޑެތި ކުށް

ކޮމެންޓު    ނ  ޚިޔާލެއް ނުވަތަ އިޖާބައެއް ދިނުމަށް ޓަކައި އަނގަބަހުން ނުވަތަ ލިޔުމުން ހާމަކުރާ ހާމަކުރުން..  

އިއުލާމުކުރުން ނ.  ކަމެއް ނުވަތަ ނިންމުމެއް ކަނޑައަޅައި ސަރީހަކޮށް ބަޔާންކުރުމާ އެކު ރަސްމީކޮށް އިއުލާނުކުރުން.

ލާމަސީލު   ނއ.  އެވަރެއް ނެތް.

މަޒުލޫމު    ނ.  އަނިޔާއެއް ނުވަތަ ކުށެއްގެ ސަބަބުން ނިކަމެތިކަމެއް ނުވަތަ ގެއްލުމެއް ލިބުނު މީހާ. މި ގޮތުން ލިބޭ ގެއްލުމަކީ އެ މީހެއްގެ ހައްގުތަކެއް ގެއްލިދިޔުން ނުވަތަ އެ މީހެއްގެ ހަށިގަނޑާއި މުދަލަށް ގެއްލުންތަކެއް ލިބުން، ނުވަތަ މަރުވުން ކަމަށް ވެސް ވެދާނެއެވެ.

ތަސައްލީ   ނ.   ކަމަކާ މެދު މޮޅީން ނުވަތަ ހިތާމައިގައި ހުރި މީހަކަށް ލިބޭ ހިތްހަމަޖެހުން.

އިދާރިއްޔަތު  ނ.  (1) ސަރުކާރުގެ ނުވަތަ އަމިއްލަ އޮފީހެއް ފަދަ އިދާރާއެއް ހިންގުމަށް ޓަކައި އެ ތަނެއްގައި ދުވަހުންދުވަހަށް ކުރާ އިދާރީ މަސައްކަތްތައް ރާވައި، އިންތިޒާމު ކޮށް، ހިންގުމުގެ އެކިއެކި ޙަރަކާތްތައް. (2) ދައުލަތުގެ ތަންފީޒީ ބާރުން ކުރާންޖެހޭ މަސައްކަތްތައް ކުރުމަށް ޓަކައި އުފައްދާ އިދާރާތައް. (3) އިދާރީ ކަންކަން ހިންގާ ގޮތް.

އެޑިޓަރުގެ ނޯޓް
އަބާ މުޙަންމަދަކީ މީގެ ކުރީން ވެސް ވަރަށް ގިނަ ނޫސްތަކަށް ލިޔެފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

Advertisement

ކޮމެންޓް
ރިޟުވާނު
އެމެރިކާގެ އިޤްތިޞާދިއްޔަތަށް "ލޮޅުމެއް" އަރުވާލެވޭފަދަ ކަމެއް ދުނިޔެއަށް ޚާއްޞަކޮށް ޢަރަބިންނަށް ކުރެވިގެންނޫނީ، "ކަހާތަން ހިރުވާވެސް ނުލާނެ."
24 Nov 2024