Advertisement

މިނިވަންކަމާއި ހައްގުގެ ނަމުގައި ހުޅަނގުން ޖަހާ މަކަރުވެރި މަޅި – މުސްލިމުން ސަމާލުވާންޖެހޭ ކަމެއް.

.

މިއަދު ބައިނަލްއަޤުވާމީ އިންސާފަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ، އަދި އިންސާނީ ޙައްގަކީ ވެސް ހުޅަނގުގެ ނަޒަރުގައި މުސްލިމުންނަށް އޮތް ޙައްގެއް ނޫނެވެ. މުސްލިމުންގެ ނަން ލިބިފައިވާ މީހަކު ނޭދެވޭ ޙަރަކާތެއް ހިންގައިފި ނަމަ އެއީ "ނިރުބަވެރި ޙަމަލާ"އެއްގެ ގޮތުގައި ވަގުތުން ލޭބަލުކޮށްލެވެއެވެ. ނަމަވެސް ޣައިރުމުސްލިމަކު ބަޑި ހިފައިގެން އިސްކޫލަކަށް ޙަމަލާދީ އެތައް ސަތޭކަ ބަޔަކު މަރައިލިޔަސް އެއީ "ހަމަނުޖެހުމެވެ." މިއީ މިއަދުގެ ޙާލަތެވެ.

އދ.ގެ ޤަރާރުތަކަށް އިސްރާއީލުން ޢަމަލު ނުކުރިޔަސް އެ ކަމާ އެޅޭނެ ފިޔަވަޅެއް ނެތެވެ. އެއީ އެ މީހުން އެ ޤަރާރުތަކާ ޚިލާފުވަނީ މުސްލިމު ފަލަޞްތީނާ އިދިކޮޅަށްކަމަށް ވާތީއެވެ. ފަލަސްތީނުގެ ބިމުގައި އެތައް ހާސް އަހަރެއް ވަންދެން ދިރިއުޅެމުން އައި ފަލަސްތީނީން އެ މީހުންގެ ވަޒަނުން ބޭރުކޮށް އެ މުގައްދަސް ބިމުގައި ބޭރުން އައި ޔަހޫދީންތަކަކަށް ދައުލަތެއް ބިނާކޮށްދިނީއެވެ. ފަލަސްތީނު ރައްޔިތުންގެ ހައްގެއް ނެތެވެ. މި ތަނުގައި މި ޔަހޫދީ ބައިގަނޑު ތިބެގެން 70 އެތައް އަހަރެއް ވަންދެން ފަލަސްތީނުގެ އިތުރު ބިންތައް ފޭރިގަނެ ފަލަސްތީނީން މަރައި ހުސްކުރަމުން ގެންދާ އިރު ފަލަސްތީނު ރައްޔިތުންގެ ހައްގެއް ނެތެވެ. ނަމަވެސް ފަލަސްތީނީން އެ މީހުންގެ އަމިއްލަ ދިފާޢުގައި ނުވަތަ އިސްރާއީލުގެ އަނިޔާވެރި ޢަމަލުތަކާ ހުރެ ރުޅި ގަދަވެގެން ގާބުރިއެއް އެއްލިޔަސް އެއީ ނިރުބަވެރިއެކެވެ. އެމެރިކާއިން ދޭ ޒަމާނީ ހަތިޔާރުތައް ބޭނުންކޮށްގެން ފަލަސްޠީނު ރައްޔިތުންނަށް ޙަމަލާދިނުމަކީ އިސްރާއީލުގެ ދިފައަށް ޓަކައި އެ މީހުންނަށް އޮންނާނެ ހައްގެކެވެ.

75 އަހަރުވަންދެން މެދު ކެނޑުމެއް ނެތި ކޮންމެ ދުވަހަކު ފަލަސްޠީނުން ރަހީނުކޮށް، ގެންޑާ (ބުލްޑޯޒަރު) ބޭނުންކޮށްގެން ގެދޮރު ސުންނާފަތިކޮށް، ބޮމާއި މިސައިލާއި ބޮޑުބަޑީގެ ޙަމަލާތަކުން ފަލަސްޠީނުގެ އާންމުން ޝަހީދުކޮށް ދަނޑުފަނގު ހަލާކުރަމުން ގެންދާ ގެންދިޔުމަކީ ޔަހޫދީންގެ ދިފާޢުގައި އެ މީހުންނަށް އޮންނަ ހައްގެއްކަމަށް ހުޅަނގުން ގަބޫލުކުރެއެވެ. ނަމަވެސް މި އަނިޔާވެރިކަމަށް ކެތް ނުކުރެވިގެން މި ދިޔަ އޮކްޓޯބަރު މަހު ހަތްވަނަ ދުވަހު ފަލަސްޔީނުގެ ސަރުކާރާ ގުޅުމެއް ނެތް ހަނގުރާމަވެރި ޖަމާޢަތެއްކަމަށް ވާ ޙަމާސް ޖަމާޢަތުން އިސްރާއީލަށް ޙަމަލާދިނުމަކީ ނިރުބަވެރިކަމުގެ ޢަމަލެކެވެ. މި ޙަމަލާގެ ބަދަލޭ ކިޔައިގެން މުޅި ޣައްޒާ ތަޅައި ސުންނާފަތިކޮށް ރައްޔިތުން މަރައި ހުސްކޮށްލުމަކީ، އަދި އެންމެ ފަހުން މުޅި އެ ބިން އިސްރާއީލުގެ ބިމަކަށް ހަދައިލުމަކީ އިސްރާއީލަށް އެ މީހުންގެ ދިފާޢުގައި އޮތް ހައްގެކެވެ.

އެމެރިކާ އަޑީގައި އޮވެގެން ނޭޓޯ މެދުވެރިކޮށް ޔުކްރެއިން ބައިވެރިކޮށްގެން ރޫސީވިލާތަށް ޖެއްސުންކުރާން ފެށުމުން އެ ކަންކަން ހުއްޓައިލާން ރޫސީން އިންޒާރު ދިނުމުން އެ ކަން ނުހުއްޓީމާ ރޫސީން ޔޫކުރޭނަށް އަރައިގަތެވެ. ޔޫކްރޭނަކީ މުސްލިމު ގައުމަކަށް ނުވާތީ މި ފަހަރު ރޫސީން އެ ކުރީ ނިރުބަވެރި ޢަމަލެކެވެ. ވިލާތާއި އެމެރިކާއިން ސުމާރެއް ނެތި ޔޫކްރޭނަށް އެހީވަމުން ރޫސީންނާ ދެކޮޅަށް ފިޔަވަޅުއަޅަމުން ގެންދަނީއެވެ. ނަމަވެސް އިސްރާއީލުން ފަލަސްޔީނު ސުންނާފަތިކުރަމުން ދާއިރު، އެއްކަލަ އެމެރިކާއާއި ވިލާތުން ސުމާރެއް ނެތި އެހީތެރިކަން ދެނީ ޔޫކްރޭނަށެވެ. މިއީ މިއަދު ދުނިޔޭގެ އިންސާފެވެ. އިންސާނީ ކަރާމާތާއި ޙައްޤުތައް އޮތް މިންވަރެވެ.

ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ދީނީ މިނިވަންކަމަކީ ހުޅަނގުން އެންމެ ބޮޑަށް ވާހަކަދައްކާ އެއް ހައްގެވެ. ނަމަވެސް މި މިނިވަންކަމާއި ހައްގު ވެސް އޮންނަނީ މުސްލިމުންނާ އިދިކޮޅަށް ބޭނުންކުރާ ނަމައެވެ.

ކުޅިވަރުގެ ދަނޑުތަކުގައި ވެސް ފަލަސްތީނަށް ތާއީދުކޮށް ނިޝާނެއް ދެއްކުމަކީ ޚިޔާލުފާލުކުރުމުގެ މިނިވަންކަމެއް ނޫނެވެ. ނަމަވެސް އެއްޖިންސުން ގުޅުން ހިނގުން ފަދަ އިސްލާމް ދީނާ ޚިލާފު އަދި އިންސާނީ ޠަބީޢަތާ ޚިލާފު ކަންކަން ފަތުރާން ކުލަތަކާއި ނިޝާންތައް ބޭނުންކުރުމަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމެވެ. ކީރިތީ ރަސޫލާއަށް ފުރައްސާރަކޮށް ކީރިތި ޤުރުއާން އަންދައި ހެދުމަކީ އެ ވެރީންގެ ނަޒަރުގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމެވެ. އެއްވެ އުޅުމުގެ މިނިވަންކަން ވެސް އޮންނަނީ މުސްލިމު ގައުމަކަށް ތާއީދުކުރުމަށްކަމަށް ނުވާނަމައެވެ. މިސާލަކަށް ފަލަސްޠީނަށް ތާއީދުކޮށް ޚިޔާޅުފާޅުކުރުމަކީ ސުލޫކާ ޚިލާފުކަމެކެވެ. އިސްރާއީލަށް ތާއީދުކުރުމަކީ އިންސާނީ ސުލޫކީ ތަހުޒީބު ޢަމަލެކެވެ.

ގްރީން ބްރިގޭޑް މީހުން މިހާރު މިވަނީ ފުޓްބޯޅަ ބަލާން ދަނޑަށް ވަނުން މާނަކޮށްފައެވެ. "ސިޔާސީ މެސެޖާއި ބެނާރތަކަށް މަރުހަބާއެއް ނުކިޔަން"ކަމަށް ބުނެއެވެ. ސިޔާސީ މެސެޖުތަކަށް މާނަކުރަނީ "ފަލަސްތީނު މިނިވަންކުރޭ!" "ހަނގުރަމަކުރެވޭ މީހުންނަށް ނަޞްރު" ފަދަ މާނަ ދޭހަވާ ގޮތަށް ފަލަސްތީނަށް ފަހިކޮށް މެސެޖު ލިޔެފައި ހުރުމުންނެވެ. މި މީހުން މޫސުމީ ޓިކެޓް ކުރީން ގަނެފައި ވިޔަސް، އެ ޓިކެޓުތައް ވެސް ވަނީ "ސަސްޕެންޑަކޮށްފައެވެ. މި މީހުން ދަނޑަށް ވަނުން މަނާކޮށް އެނގި އެނގުމުގައި ފަލަސްތީނުގެ ނަން ހިމަނައިފައެއް ނެތެވެ. އޮތީ "ގަބޫލުނުކުރެވޭ ފަދަ ސުލޫކީ އަމަލުތަކެއް ތަކުރާރުކޮށްފައިވާތީ" އެ މީހުން ދަނޑަށް ވަނުން މަނާކުރީކަމަށެވެ.

މަޝްހޫރު ފުޓްބޯޅަ ތަރި، ކަރީމް މުޞްޠަފާ ބެންޒީމާ ފަލަސްޠީނުގެ މަޢުޞޫމު ރައްޔިތުންނަށް ހަމްދަރުދީ ފާޅުކޮށް މެސެޖެއްކޮށްލުމުން އެއީ ގައުމަށް ޚިޔާނާތްތެރިވުންކަމަށް ކަނޑައަޅައި އޭނާއަށް ލިބިފައިވާހައި އިނާމަކާއި ރައްޔިތުކަން ވެސް ނިގުޅައިގަންނާން ގޮވައިލަނީއެވެ. މިއީ މިއަދު މި ދުނިޔޭގައި އިންސާފު އޮތް މިންވަރެވެ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އޮންނަނީ ހަމައެކަނި އިސްލާމް ދީނާ އިދިކޮޅަށް ޚިޔާލު ފާޅުކުރުމުގައެވެ. މުސްލިމުންނާ ދެކޮޅަށް އަޑު އުފުލުމުގައެވެ.

މި ކަންކަން މިހެން ހުރުމާއެކު، މިއަދު ބައިނަލްއަގުވާމީ އަދުލުއިންސާފައި މިނިވަންކަމާއި އިންސާނީ ހައްގަކީ އެމެރިކާއާއި ވިލާތުން ބޭނުންވާ ގޮތަކަށް ބޭނުންވާ ދާއިރާއެއްގައި ބޭނުންވާ މިންވަރަކަށް އޮންނަ އެއްޗެކެވެ. އެ މީހުން ގަބޫލުކުރާ ގޮތުގައި މި އިން އެއްވެސް ކަމަކީ މުސްލިމުންނަށް އޮވެގެންވާނެ ހައްގެއް ނޫން ކަހަލައެވެ.

މިއީ މިއަދު ބައިނަލްއަގުވަމީ ދުނިޔޭގެ ހަގީގަތެވެ. ނަމަވެސް މިއަދު ވެސް، އެމެރިކާއިން ނުވަތަ ވިލާތުގެ ގައުމަކުން އަދި/ނުވަތަ ބައިނަލްއަގުވާމީ ޖަމާޢަތަކުން އިންސާނީ ހައްގުތައް ދަސްކޮށްދޭން ދިވެހިރާއްޖެ ފަދަ މުސްލިމު ގައުމުތަކަށް ދިޔުމުން މަރުޙަބާ ކިޔާންވީތޯއެވެ. މުސްލިމުން ޤުރުއާނަށް އެނބުރި ރުޖޫޢަވާން އެބަޖެހެއެވެ. ޢަދުލާއި އިންސާފާއި މިނިވަންކަން ލިބިދީފައިވަނީ އިސްލާމްދީނުގައެވެ. ވީމާ ހުޅަނގަށް އަޅުގަނޑުމެން ބަރޯސާވެގެން އުޅުން ހުއްޓައިލައި ކީރިތި ޤުރާނަށް ރުޖޫޢަވާން އެބަޖެހެއެވެ.

ގަބޫލުކުރާންޖެހޭ ހަގީގަތަކީ ޣައިރުމުސްލިމުންގެ އުޞޫލު މުސްލިމުން ގަބޫލުނުކުރާހާ ހިނދަކު މުސްލިމުންނަކަށް އެ މީހުން ހެވެއް ނޭދޭނޭކަމެވެ. ކީރިތި ރަސޫލާއާ މުޚާޠަބުކުރައްވައި މާތްﷲ ވަޙީކުރައްވައިފައިވަނީ ކީކޭކަމަށްތޯއެވެ؟ "وَلَن تَرْضَى عَنكَ الْيَهُودُ وَلاَ النَّصَارَى حَتَّى تَتَّبِعَ مِلَّتَهُمْ قُلْ إِنَّ هُدَى اللّهِ هُوَ الْهُدَى وَلَئِنِ اتَّبَعْتَ أَهْوَاءهُم بَعْدَ الَّذِي جَاءكَ مِنَ الْعِلْمِ مَا لَكَ مِنَ اللّهِ مِن وَلِيٍّ وَلاَ نَصِيرٍ" ("އަދި ޔަހޫދީންވެސް ނަޞާރާއިންވެސް އެއުރެންގެ ދީނަށް ކަލޭގެފާނު ތަބަޢަވެވަޑައިގެންފުމަށް ދާނދެން ކަލޭގެފާނަކާ ނުރުހޭނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން اللَّهގެ މަގު އެއީ ހަމަ ތެދުމަގެވެ. އަދި ކަށަވަރުންވެސް، ކަލޭގެފާނުގެ އަރިހަށް ޢިލްމުގެ ތެރެއިން އައި ކަންތަކަށް ފަހު، އެއުރެންގެ އެދުންތަކަށް ކަލޭގެފާނު ތަބަޢަވެވަޑައިގެންފިނަމަ، اللَّهގެ ޙަޟުރަތުން ކަލޭގެފާނަށް އެއްވެސް އެހީތެރިޔަކު އަދި ނަޞްރުދޭނޭ މީހަކުވެސް ނުވާނެތެވެ.") (سورة البقرة:120)

މިއީ ﷲގެ ވަޙީ ބަސްފުޅެވެ. މި ބަސްފުޅުތައް އަހައި އެކަން ގަބޫލުކޮށް އެއާ އެއް ގޮތަށް ޢަމަލުކޮށްގެން ނޫނީ އަޅުގަނޑުމެންނަކަށް ކާމިޔާބީއެއް ނެތެވެ.

_____________________________

ލަފުޒެއްގެ މާނަ

ނިރުބަވެރިކަން: (1) އާދަޔާ ޚިލާފަށް އުފައްދާ ނުވަތަ ފަތުރާ ބިރުވެރިކަން (2) ފައިދާއެއް ހޯދާން ނުވަތަ މަގުސަދެއް ހާސިލުކުރާން ދައްކާ ގަދަބަދަވިކަމާއި އާދަޔާ ޚިލާފަށް ގަންނަވާ ބިރު

Advertisement

ކޮމެންޓް