Advertisement

ٱقْرَأْ بِٱسْمِ رَبِّكَ ތިބާގެ ވެރިރަސްކަލާނގެ އިސްމުފުޅުން ކިޔަވާށެވެ! (1)

22 Nov 2024 | 00:32
ކިޔުމަކީ (ކިޔެވުމަކީ) ދެނެގަތުމާއި އުނގެނުމުގެ ތަޅުދަނޑިއެވެ. އެއީ އިންސާނީ ޙަޟާރަތު ބިނާކުރުމުގެ އަދާތެކެވެ.

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

ކިޔުމަކީ (ކިޔެވުމަކީ) ދެނެގަތުމާއި އުނގެނުމުގެ ތަޅުދަނޑިއެވެ. އެއީ އިންސާނީ ޙަޟާރަތު  ބިނާކުރުމުގެ އަދާތެކެވެ. އެއީ ތަފާތު ސަޤާފަތްތަކާއި ތަފާތު ރަށްވެހީން އެއް ބަޔަކު އަނެއް ބަޔަކާ ގުޅުވައިދޭ ފާލަމެވެ. ކިޔައިގެން މެނުވީ އިންސާނަކަށް ގައުމެއްގެ ސަޤާފަތް ދެނެއެއް ނުގަނެވޭނެއެވެ. އެހެންކަމުން ކިޔުމަކީ ﷲ ތަޢާލާ އިންސާނާއަށް ދެއްވި އިލާހީ ހިބައެކެވެ. މިއީ އިންސާނާ އެހެން  މަޚްލޫޤާތުންނާ ތަފާތުކޮށްދޭ މުހިއްމު ސިފަތަކުގެ ތެރެއިން ސިފައެއް ވެސް މެއެވެ. މާތްﷲ އިންސާނާއަށް މި ދެއްވި ހިބަ އިހްމާލުކޮށްފި ނަމަ އޭނާއަށް އޭނާގެ ކުރިމަގު ނިމުތެއްނުކުރެވޭނެތެވެ. އަދި އޭނާއަށް އޭނާގެ މާޒީ ދެނެގަތުމަށް ހުރަސްއެޅޭނެތެވެ. ނަތީޖާއަކަށް ވާނީ އޭނާގެ މިއަދުގައި ދެވޭ ތަނެއް ނުދެވޭ ތަނެއް ނޭނގި އާވާރާވުމެވެ. މާޒީއާއި ކުރިމަގު ގުޅުވާން ނޭނގިއްޖެ ނަމަ އިންސާނާއަށް އޭނާގެ ތަރިކަ ގެއްލިދާނެތެވެ.

ކިޔުމަކީ އިންސާނާއާ ކުރިމަތިވާ ހުސްވަގުތުގެ ފޫހިކަން ފިލުވައިލުމަށް ބޭނުންކުރާ ހަލީސާއެއްނޫނެވެ. އެހެނަސް އެއީ އިންސާނާ ހޭލުންތެރިކަމާއި ފިކްރާއި ސަޤާފަތާއި ޙަޟާރަތުގެ މަތީގައި ބިނާކުރުމަށް ބޭނުންވާ ކުރުންތެރި މުހިއްމު މައި އަދާތެކެވެ. ފަރްދުންނާއި މުޖްތަމަޢުގެ އަޚްލާޤީ އަދި ސުލޫކީ ގިޔަމުތަކާއި އަގުތައް ބައްޓަންކުރެވިގެންދަނީ މި އަގު ބޮޑު ޖައުހަރުންނެވެ.  މިއީ ﷲ ޢައްޒަ ވަ ޖައްލަގެ ބަސްފުޅު ((ٱقْرَأْ)) އިން އިލްހާމުވެގެންދާ ބައެއް ކަންކަމެވެ.

މި ކަލިމައިން ނުކުންނަ މޭވާއިން ލިބޭ ޢިލްމަކީ ދުނިޔޭގައި ބާއްޖަވެރިކަން  ޙާޞިލްކުރުމަށާއި އާޚިރަތުގެ ނަޖާވުން ޙާޞިލްކުރުމަށް ލިބިގެންވާ ދޮރޯށްޓެކެވެ. މިހެންވެ،އިންސާނާގެ މަޢުރިފާއާއި ގިޔަމުތައް ފުރިހަމަކޮށްދިނުމަށް ޓަކައި  ކިޔުމަކީ މުހިއްމު އަދާތެކެވެ. މި ކަމަށް ޓަކައި ކިޔުމުގެ ދެ ބާވަތް ފުރިހަމަކޮށް ގުޅުވާން ޖެހޭނެއެވެ. އެއީ ލިޔެވި ފަތުރައިލެވިފައިވާ ފޮތާއި ލޮލަށް ފެންނަގޮތަށް ފަތުރައިލެވިފައިވާ ކައުނެވެ.ދިރާސާކުރައްވާ ބޭފުޅަކު ވިދާޅުވާ ގޮތުގައި ((ٱقْرَأْ))  އަކީ ވަޙީން ބާވައިލެއްވުނު ފުރަތަމަ ކަލިމައެއް ނޫނެވެ.އަދިކިއެއްތޯއެވެ؟ އެއީ ﷲ ތަޢާލާ އެކަލާނގެ ނަބިއްޔާ މުޙައްމަދު r އަށާއި އެކަލޭގެފާނުގެ އުންމަތުގެ މައްޗަށް ކުރެއްވި ފުރަތަމަ އަމުރުފުޅު ވެސް މެއެވެ. އިސްލާމްދީނުގައި  ފަރްޟުކުރައްވާފައިވާ  ފަރްޟުތައް އިސްލާމީ އުންމަތުގެ ތެރެއަށް  ވަދެފައިވަނީ މި ދޮރޯށިން ލައިފައެވެ. ހަމައެފަދައިން އެއީ ލޮލަށް ފެންނަން އޮތް ކައުނުގެ ޞަފްޙާތައް ކިޔުމަށް ވެސް އޮތް ދަޢުވަތެކެވެ. ((ٱقْرَأْ))އަކީ ވަޙީ ބާވައިލެއްވުމުގެ ތާރީޚީ ފެށުމެއް ނޫނެވެ. މީގެ އިތުރަށް އެއީ ފެށުމާއި ނިމުމާއި އެ ދެމެދުގައި ވާހައި ކަންތައްތަކެވެ. [1]

އިންސާނާ އޭނާގެ އުންމީދުތަކާ ހަމައަށް ވާޞިލްވުމަށްޓަކައި، އޭނާގެ ޙަޔާތުގެ މަޤްޞަދުތައް ޙާޞިލްވުމަށް ޓަކައި، އޭނާގެ މަޢުލޫމާތީ ޝައުޤުވެރިކަމާ ހަމައަށް ވާސިލުވުމަށް ޓަކައި އޭނާގެ އަޚްލާޤީ ގިޔަމުތަކާއި އިންސާނީ އުޞޫލުތައް އޭނާގެ ނަފްސުގައި އަށަގެންނެވުމަށް ޓަކައި، އޭނާގެ ޙަޔާތުގައި މި ދެ ކިޔުން ކޮނޑުގައިއަޅާން ޖެހޭނެތެވެ.

ފުރަތަމަ ކިޔުމަކީ: ލިޔެވި ފަތުރައިލެވިފައިވާ ﷲ ސުބްޙާނަހޫ ވަ ތަޢާލާގެ ފޮތް (ކީރިތި ޤުރްއާން)އެވެ. ﷲ ތަޢަލާ ވަޙީކުރެއްވިއެވެ. ((وَكِتَٰبٍ مَّسْطُور[2] - ލިޔެވިގެންވާ ފޮތް ގަންދެއްވައި ވަޙީކުރައްވަމެވެ.)) ކީރިތި ޤުރްއާނުގެ އެތައްއެތައް ނައްޞުތަކަކާއި ނަބަވީ ސުންނަތުގެ އެތައް ނައްޞުތަކެއްގައި އިންސާނާގެ ހިއްމަތް ޤުރްއާނާ ދިމާއަށް މިސްރާބުކުރުވާފައި ވެއެވެ. މި ޤުރްއާން ކިޔެވުމަށާއި އަޑުއެހުމަށާއި އެއާމެދު ވިސްނުމަށް އޭނާއަށް ގޮވައިލައްވާފައިވެއެވެ. ﷲ U ވަޙީކުރެއްވިއެވެ. (( وَإِذَا قُرِئَ ٱلْقُرْءَانُ فَٱسْتَمِعُوا۟ لَهُۥ وَأَنصِتُوا۟ لَعَلَّكُمْ تُرْحَمُونَ [3] - އަދި قرآن ކިޔަވާހިނދު ތިޔަބައިމީހުން ހަނުތިބެ، އެއަށް ކަނުލައި އަހާށެވެ! (އެއީ) ތިޔަބައިމީހުންނަށް رحمة ލެއްވުމަށްޓަކައެވެ. ))

ކައު ރަސޫލާ rގެ ބަސްފުޅުތަކުގައި ތަފާތު ލަފުޒުތަކުން މި ކަމަށް ގޮވައިލައްވައިފައިވެއެވެ. އެއްބަސްފުޅެއްގައި ޙަދީސްކުރެއްވިއެވެ. (( اقْرَؤُوا القُرْآنَ فإنَّه يَأْتي يَومَ القِيامَةِ شَفِيعًا لأَصْحابِهِ[4] -ތިޔަބައިމީހުން ޤުރްއާން ކިޔަވާށެވެ! ފަހެ، ހަމަކަށަވަރުން ޤިޔާމަތްދުވަހުން އޭގެ ވެރީންނަށް ޝަފާޢަތްތެރިވާ އެއްޗެއްގެ ގޮތުގައި ޤުރްއާން އަންނާނެތެވެ.)) އެހެން ބަސްފުޅެއްގައި ވެއެވެ. ((فَاتْلُوهُ فَإنَّ اللهَ يَأْجُرُكم عَلَى تِلَاوتِه بكلِّ حَرْفٍ عشرَ حسناتٍ[5] - ފަހެ ތިޔަބައިމީހުން ޤުރްއާން ކިޔަވާށެވެ!ފަހެ ހަމަކަށަވަރުން ﷲ ތިޔަބައިމީހުންނަށް ކޮންމެ އަކުރަކަށް ދިހަ ހެޔޮކަމުގެ މަގުން ދަރުމަ ދެއްވާނެތެވެ.)) ރަސޫލާ r ގެ އެހެން ބަސްފުޅެއްގައި އަންގަވަނީ އުނގެނޭށެވެ. (( تَعَلَّمُوا هَذَا الْقُرْآنَ فَإِنَّكُمْ تُؤْجَرُونَ بِتِلَاوَتِهِ بِكُلِّ حَرْفٍ عَشْرَ حَسَنَاتٍ [6]-ތިޔަބައިމީހުން މި ޤުރްއާން އުނގެނޭށެވެ! ފަހެ ހަމަކަށަވަރުން އެ ކިޔެވުމަށް ތިޔަބައިމީހުންނަށް ކޮންމެ އަކުރަކަށް ދިހަ ހެޔޮކަމުގެ މަގުން ދަރުމަލިބޭނެތެވެ.))

އެއްވެސް ޝައްކެއްނެތް ގޮތުގައި ކީރިތި ޤުރްއާނަކީ މުއުމިނުންނަށް ލިބިގެންވާ ހިދާޔަތުގެ ފޮތެކެވެ. އެއީ އެމީހުންނަށް އުފާވެރި ޚަބަރުދޭ އެ މީހުންގެ ހިތްތަކަށް ހިތްހަމަޖެހުން ގެނެސްދޭ ފޮތެކެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. (( إِنَّ هَٰذَا ٱلْقُرْءَانَ يَهْدِى لِلَّتِى هِىَ أَقْوَمُ وَيُبَشِّرُ ٱلْمُؤْمِنِينَ ٱلَّذِينَ يَعْمَلُونَ ٱلصَّٰلِحَٰتِ أَنَّ لَهُمْ أَجْرًا كَبِيرًا [7]- ހަމަކަށަވަރުން، މި قرآن، އެންމެ ސީދާ މަގަށް މަގުދައްކައެވެ. އަދި ހަމަކަށަވަރުން، صالح عملތައްކުރާ مؤمنންނަށް ބޮޑުވެގެންވާ ދަރުމައެއް ހުރިކަމުގެ އުފާވެރި خبر ދެއެވެ.)) ކީރިތި ޤުރްއާނަކީ ހުރިހާ މާނައެއްގައި ވެސް މުއުމިނުންނަށް ލިބިގެންވާ ރަޙްމަތެކެވެ. ހަމަ އެފަދައިން އެއީ މުއުމިނުންގެ ހަށިތަކަށާއި ނަފްސުތަކަށް ލިބިގެންވާ ޝިފާއެއް ވެސްމެއެވެ. އަށަހުރި ﷲ ވަޙީކުރެއްވިއެވެ. (( وَنُنَزِّلُ مِنَ ٱلْقُرْءَانِ مَا هُوَ شِفَآءٌ وَرَحْمَةٌ لِّلْمُؤْمِنِينَ [8]- ތިމަންރަސްކަލާނގެ قرآن ން مؤمن ންނަށް رحمة އާއި، شفاءކަމުގައިވާ ތަކެތި ބާވައިލައްވަމެވެ.))

ކީރިތި ޤުރްއާނުގައި އައިސްފައިވާ ޢަޤާއިދީ، ތަޝްރީޢީ  އަޚްލާޤީ އުޞޫލުތަކަކީ އިންސާނީ ސާފު ފިޠުރަތާއި ޠަބީޢަތާ އެކު، ފައިހަމަކޮށްފައިވާ ކަންތައްތަކެކެވެ. އަދިކިއެއްތޯއެވެ؟ މި އުޞޫލުތައް އައިސްފައިވަނީ އިންސާނާގެ ސާފު ފިޠުރަތުގެ ނިދާތަކަށް އިޖާބަދިނުމަށެވެ. އުސްތާޒު މުޙައްމަދު އަބޫ މޫސާ ކީރިތި ޤުރްއާނުގެ މުޢުޖިޒާތްތަކާ ބެހޭ ގޮތުން ވާހަކަފުޅުދައްކަވަމުން ވިދާޅުވިއެވެ. ((ﷲގެ ކީރިތި ފޮތުގައި އައިސްފައިވާ ކޮންމެ ކަމަކީ  ފިޠުރަތާ ގުޅިފައިވާ ފިޠުރަތާ އެކު، ލައިމެހިފައިވާ ފިޠުރަތާ އެކު އަތްޖޯޑުކޮށްފައިވާ ކަމެކެވެ. އިންސާނާގެ ފިޠުރަތު ދެމި އޮތްހާ ދުވަހަކު މި އުޞޫލުތަކަށް ބަދަލުނައިސް އޮންނާނެތެވެ. ޢަދްލުވެރިވުމާއި ހެޔޮކަންތައްތައް ކުރުމާއި ރަޙިމުގެ ގުޅުން ވާޞިލްކުރުން ފަދަ ކޮންމެ އަމުރުފުޅެއްގައި އިންސާނީ ފިޠުރަތީ މަޠުލަބުތައް ހިމެނެއެވެ. އަނިޔާވެރިނުވުމާއި ދޮގުނުހެދުމާއި މުނާފިޤުކަން ފަދަ ކޮންމެ ނަހީއަކީ އިންސާނީ ސާފު ފިޠުރަތު އެކަމާ ދެކޮޅުހަދާ ކަންތައްތަކެކެވެ. މިއިން އެއްވެސް ކަމަކީ ޒަމާނާއި ތަނާއި ގިންތިއާއި އިޖްތިމާޢީ މަޤާމާ ގުޅިފައިވާ ކަމެއްނޫނެވެ. [9] ކީރިތި ޤުރްއާން ފިޠުރަތުގެ ލަގަނުގައި ހިފައިފައި ވަނީ މި ގޮތަށެވެ. ރާޙަތާއި ފާގަތިކަމުގެ މަގުތައް ކޮށައިފައި ވަނީ މި މޭރުމުންނެވެ.

ފެންނާން އޮތް ﷲގެ ފޮތް (ކައުނު)

މިތާނގައި ކިޔުމުގެ މާނައަކީ މި ކައުނުގައި ﷲ ތަޢާލާ ލައްވައިފައިވާ ތަފާތު ކަންތައްތަކާ މެދު ބަލައި ވިސްނުމެވެ. ﷲ ސުބްޙާނަހޫ ވަ ތަޢާލާ، ކައުނުގައި އެކަލާނގެ އަޅުންގެ  ޚިދްމަތުގައި ކިޔަމަންކުރައްވައިފައިވާ ކަންތައްތަކުން ފެންނަ އެކަލާނގެ ކުޅަދުންވާންތަކަމާއި މަތިވެރިކަން އެނގެނީ މި ކަންކަމާ މެދު، ބަލައި ވިސްނުމުންނެވެ. ކީރިތި ޤުރްއާނުގެ ވަރަށް ގިނަ އާޔަތްތަކެއްގައި އިންސާނާއަށް އޭނާގެ ވަށައިގެންވާ ކައުނަށް ބެލުމަށް ހިތްވަރުދެއްވައިފައިވެއެވެ. މާތްﷲ ވަޙީކުރެއްވިއެވެ. ((أَفَلَمْ يَنظُرُوٓا۟ إِلَى ٱلسَّمَآءِ فَوْقَهُمْ كَيْفَ بَنَيْنَٰهَا وَزَيَّنَّٰهَا وَمَا لَهَا مِن فُرُوجٍ ‎﴿٦﴾‏ وَٱلْأَرْضَ مَدَدْنَٰهَا وَأَلْقَيْنَا فِيهَا رَوَٰسِىَ وَأَنۢبَتْنَا فِيهَا مِن كُلِّ زَوْجِۭ بَهِيجٍ ‎﴿٧﴾‏ تَبْصِرَةً وَذِكْرَىٰ لِكُلِّ عَبْدٍ مُّنِيبٍ ‎[10]- ފަހެ، އެއުރެންނާ ދިމާ މަތީގައިވާ އުޑު، ތިމަންރަސްކަލާނގެ ހައްދަވައި، އެ އުޑު ޒީނަތްތެރި ކުރައްވާފައިވަނީ ކޮންފަދައަކުން ކަން އެއުރެން ނުބަލަނީހެއްޔެވެ؟ އަދި އެ އުޑު ފަޅަފަޅައިގެން ގޮސްފައެއްވެސްނުވެއެވެ. އަދި ތިމަންރަސްކަލާނގެ ބިން ފަތުރުއްވައި، އެ ބިމުގައި ސާބިތުވެގެންވާ ފަރުބަދަތައް ލެއްވީމެވެ. އަދި އެ ބިމުގައި ހިތްއުފާކުރުވަނިވި ހުރިހާ ބާވަތެއްގެ ގަސް ފެޅުއްވީމެވެ. (އެއީ ތިމަންރަސްކަލާނގެއަށް) توبةވާ ކޮންމެ އަޅަކަށް عبرةއެއް ކަމުގައްޔާއި، ހަނދާންކޮށްދިނުމެއް ކަމުގައެވެ.)) މި އާޔަތުގައި މާތް ﷲ މި ވަނީ ކައުނުގެ ކަންތައްތަކާ މެދު ބަލައި ފިކްރުކުރާންވީ ސަބަބު އަންގަވައިފައެވެ.

(ނުނިމޭ)

ބައެއް ލަފުޒުގެ މާނަ:


ހަލީސާ    ނ.   (1) މުނިފޫހިފިލުވުމުގެ ހަރަކާތް. (2) މަޖާ

ޙަޟާރަތު   ނ.  ރަނގަޅު ފެންވަރެއްގެ ދިރިއުޅުމަކަށް ވާޞިލުވުމަށް ޓަކައި އިންސާނާ އުފައްދާ އުފެއްދުންތަކާއި ހޯދާ ހޯދުންތަކާއި ވިސްނާ ވިސްނުންތަކާއި ޤުދުރަތީ މުއްސަނދިކަން ބޭނުންކުރުމަށް ޓަކައި ކުރާ މަސައްކަތްތައް.

ހިބަ      ނ.   (1) ހަމަ ހިލޭ ދިން އެއްޗެއް. (2) ހިލޭ ދޭ ދިނުން.

ނިމުތު     ނ.   ކުރާ ލަފާ ނުވަތަ އަންދާޒާ.

ކުރުންތެރި   ނ.   އިންތިޒާމާއެކު ހަލުވިކޮށް މަސައްކަތްކުރާ.

އަދާތު    ނ.   (1) މަސައްކަތެއްކުރާން ބޭނުންކުރާ ސާމާނު ނުވަތަ އާލަތް. (2) އާލަތް.

އިހުމާލު    ނ.   (1) ފަރުވާކުޑަކަން. (2) ޒިންމާދާރުނުވުން.

ފާގަތިކަން    ނ.   (1) އުފާވެރިކަން. (2) ތަނަވަސްކަން. (3) ކުޅަދާނަކަން. (4) މޮޅުކަން.

ފިޠުރަތު     ނ.    (1) އުފައްދަވައިފައިވާ ގޮތް.(2) ޠަބީޢަތް

ތަރިކަ     ނ.    (1) ކާބަފައިންގެ ފުށުން ޖީލުތަކަށް ވާރުތަވާ އަދި ރައްކާތެރިކަމާއެކު ދަމަހައްޓާންޖެހޭ ސަގާފަތާ އާދަކާދައާއި ގިޔަމުތަކާ ހުނަރުތަކާއި ބަހާއި އަދަބިއްޔާތު ފަދަ މާނަވީ އަދި މާއްދީ އެންމެހާ އެއްޗެހި، ނުވަތަ ތުރާސް. (2) މީހަކު މަރުވާ އިރު، އޭނާ ދޫކޮށްފައިދާ އެންމެހައި މުދަލާއި ފައިސާއާއި ހައްގުތައް. (3) ވާރުތަ.

ލަގަން      ނ.    (1) އަހާއި ޖަމަލުފަދަ ސަވާރީގެ ކައިދާގެ ދެކޮޅުގައި ގުޅާފައި ހުންނަ ވާފަށް. މިއީ ސަވާރީ ކޮންޓްރޯލުކޮށްހަދާން ޖަހައިފައި ހުންނަ ވާފަށެކެވެ. (2) ބާރު (3) އިޚުތިޔާރު. (4) ހިފެހެއްޓުން

ގިޔަމު      ނ.    ސަގާފަތާއި އާދަކާދައާއި އިޖުތިމާއީ ގުޅުންތަކުގެ ތެރެއިން މުޖުތަމަޢެއްގައި ބަލައިގެންފައިވާ އަޚުލާޤީ މީޔާރުތައް ނުވަތަ އާންމު މިންގަނޑުތައް.

ސަގާފަތް    ނ.   އިންސާނުން އެކި ބައިބަޔަށް އުޅެމުން އަންނައިރު އެ ބައެއްގެ ތެރޭގައި ވިސްނުމާއި ޚިޔާލާއި ވާހަކަ ދެއްކުމާއި، މަސައްކަތްތެރިކަމާއި ކުޅިވަރާއި މިޔުޒިކާއި ނެށުމާއި މި ހުރިހައި ކަމަކާ ގުޅިފައިވާ އާދަކާދަ.

މަރުޖާ

[1]  - الكتاب المسطور والكون المنظور ، د. أحمد محمد زين المناوى ، موقع طريق القرآن  ، ط الأولى  سنة 1438 هـ  ص 9

[2]  - الطور : 2

[3] -  الأعراف : 204

[4]  - صحيح مسلم الرقم804

[5]  - أخرجه  الحاكم (٢٠٤٠)، والبيهقي في ((شعب الإيمان)) (١٩٣٣)

[6]  -  أخرجه الدارمى  (3358 )

[7]  -  الإسراء : 9

[8]  -  الإسراء : 92

[9]  - الإعجاز البلاغى عند الرافعى  ، أ.د. محمد أبو موسى ، مقال في مجلة الأزهر الشريف عدد ذي الحجة 1445 هـ

[10] - ق : 6-8

އެޑިޓަރުގެ ނޯޓް
މިޞްރުގެ އަލްއަޒުހަރުގެ ދަސްވެންޏެއްކަމަށްވާ އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާއަކީ ނޫސްވެރިކަމާއި ލިޔުންތެރިކަމާއި ޢިލްމީ ތަފާތު މައިދާންތަކުގައި އެ ފަދަ ދެވަނައެއް ނެތުމުގެ ސަބަބުން ކިޔުންތެރީންނަށް އިތުރު ތަޢާރަފަކަށް ބޭނުންވާނެ ބޭފުޅެއް ނޫނެވެ. އެއީ ޢިލްމީ އަދި އަދަބީ ދާއިރާގައި "ފަސް މީރު ކުރިރުކެކެވެ."

Advertisement

ކޮމެންޓް
ޔޫސުފް ރަފީއް (ޔޫސޭ)
ތިޔަކުރައްވާ އަގުހުރި މަސްއްކަތް ޕުޅަށް ހިތުގެ ފުންމިނުން ސުކުރު ދަންނަވަން. ހެޔޮދުވާ ސަލާމް
22 Nov 2024