Advertisement

ޣައްޒާއަކީ މިހާރު ކުޑަކުދީންގެ ގަބުރުސްތާނެކެވެ.

21 Nov 2024 | 00:08
ޣައްޒާގެ ކުޑަކުދީންގެ ޙާލާތު . . .

ޒައުޖަތު އަޙުމަދު

ދުނިޔޭގެ ޖަމްޢިއްޔާ އދ.ން ކަނޑައަޅައިފައިވާ ދުނިޔޭގެ ކުޑަކުދީންގެ ދުވަސް ނޮވެމްބަރު މަހު 20ގައި މުޅި ދުނިޔޭގައި ފާހަގަ ކުރާ އިރު، ފަލަސްޠީނުގެ ޣައްޒާއަކީ މިހާރު ކުޑަކުދީންގެ ގަބުރުސްތާނެކެވެ. ކުޑަކުދީންގެ ދުވަސް ފާހަގަކުރަނީ ކުޑަކުދީންނާއި ގުޅުން ހުރި ކަންކަން ރަނގަޅުކުރުމާއި، ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުދީން ރައްކާތެރިކުރުމާއި، އަދި ކުޑަކުދީންގެ ޙައްޤުތަކަށް ހޭލުންތެރިކުރުމުގެ މަގުސަދުގައެވެ.

ނަމަވެސް ފަލަސްޠީނުގެ ބިން އިސްތިޢުމާރުކޮށްގެން ތިބި ޔަހޫދީ އިސްތިޢުމާރީ ސިފައިން، އަހަރަކަށް ވުރެ ގިނަ ދުވަސްވަންދެން ކެނޑިނޭޅި ބޮންއަޅަމުން ދިއުމުގެ ސަބަބުން، ޣައްޒާއަކީ ތުއްތުކުދީންނަށް އޮތް ގަބުރުސްތާނަކަށް ވެފައިވާކަމަށް ދަނީ ސިފަ ކުރަމުންނެވެ. ފަލަސްޠީނުގެ ނަޞްލު ނައްތައިލުމަށް ޓަކައި ދެމުން ގެންދާ ޔަހޫދީންގެ އަނިޔާވެރި ޙަމަލާތަކުގައި މިހާތަނަށް 17،500 ކުޑަކުދީން ޣައްޒާއިން ވަނީ ޝަހީދުވެފައެވެ. އެތައް ހާސް ކުދީންނެއް ވަނީ އިމާރާތްތަކުގެ ދަށުގައި ތާށިވެ ގެއްލިފައެވެ. އެތައް ހާސް ކުދީންވަނީ ޒަޚަމްވެފައެވެ. މީގެއިތުރަށް ބޮޑެތި ޒަޙަމްތަކުގެ ސަބަބުން އެތައް ހާސް ކުދީންގެ އަތް ނުވަތަ ފައި ވަނީ ބުރިކޮށްލައިފައެވެ. ހޮސްޕިޓަލްތައް ބޮންއަޅައި ހަލާކުކޮށްފައި ވާތީ ވަޞީލަތްތައް ނެތުމުގެ ސަބަބުން ގުނަވަން ބުރިކުރުމުގެ ގިނަ އޮޕަރޭޝަން ކޮށްފައިވަނީ އެކުދީން ހޭ ވެސް ނުނައްތައެވެ. މީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އެކުދީންނާ ކުރިމަތިވެފައިވާ ކޮންފަދަ އަނިޔާވެރި ނިކަމެތި ޙާލަތެއްތޯއެވެ.

ފަލަސްޠީނުގެ ޞިއްޙަތާބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި ޣައްޒާގައި ކޮންމެ 30 މިނެއްޓަކުން ކުޑަކުއްޖަކު ޝަހީދުވެއެވެ. 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހު ހަތްވަނަ ދުވަހުން ފެށިގެން ހަމާސް ނައްތައިލުމަށް ޓަކައިކަމަށް ބުނެ، ޣައްޒާގައި ޔަހޫދީން ހިންގަމުން ގެންދާ ޤަތުލުއާންމަށް މިއަދު 411 ދުވަސްވެފައިވާ އިރު، ޣައްޒާއިން މަދުވެގެން 42،985 މީހުން ވަނީ ޝަހީދުވެފައެވެ. އަދި އެތައް ހާސް މީހުންވަނީ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެ، ޝަހީދުވެފައެވެ.

އެމެރިކާގެ އެހީތެރިކަމާ އެކު، މެދުނުކެނޑި އިސްތިޢުމާރީ ސިފައިން ދެމުން އަންނަ ޙަމަލާތަކުގައި، ޣައްޒާގެ 17،400 ކުޑަކުދީން ވަނީ އެ ކުދީންގެ މަންމަ ނުވަތަ ބައްޕަ ނުވަތަ މަންމައާއި ބައްޕައާއި ދެމީހުން ވެސް ޝަހީދުވެފައެވެ. ޣައްޒާގެ ކަމާ ބެހޭ އިދާރާއިން ތަފާސްހިސާބު އާންމުކޮށްފައިވާއިރު، ޝަހީދުވެފައިވާ ތުއްތުކުދީންގެ ތެރޭގައި އެއް އަހަރުން ދަށުގެ 710 ކުދީން، ތިން އަހަރުންދަށުގެ 1793 ކުދީން ހިމެނެއެވެ. އަދި 4 އަހަރާއި 5 އަހަރުގެ 1205 ކުދީން، 6 އަހަރާއި 12 އަހަރާއި ދެމެދުގެ 4205 ކުދީން، 13 އަހަރާއި 17 އަހަރާއި ދެމެދުގެ 3442 ކުދީން ޝަހީދުވެފައިވެއެވެ. މީގެ އިތުރަށް މި މުއްދަތުގައި އުފަންވި ކުދީންގެތެރެއިން 209 ކުއްޖަކު ވަނީ ޝަހީދުވެފައެވެ.

އޮކްޓޫބަރު 2023ން ފެށިގެން ނަޞަލު ނައްތާލުމަށް އިސްތިޢުމާރީ ސިފައިން ޣައްޒާގައި ހިންގާ ނަސްލުހޭދުގައި އެވްރެޖްކޮށް ދުވާލަކު 46 ކުދީން ޣައްޒާއިން ޝަހީދުވާއިރު، 25،000 ކުދީން ވަނީ ޔަތީމުވެފައެވެ.

ދެ މިލިއަނަށްވުރެ ގިނަ މީހުން ދިރިއުޅެމުން އައި ޣައްޒާގެ ކުޑަކުދީންނަށް ދިމާވެފައިވާ އުނދަގޫ ދަތި ޙާލުގެ ސަބަބުން ނަފުސާނީ އެހީތެރިކަން ދޭންޖެހޭ ކުޑަކުދީންގެ އަދަދު ވެސް ލައްކައިން ގުނައިލެވެއެވެ. 816،000 ކުޑަކުދީންނަށް ނަފްސާނީ ފަރުވާ ދޭންޖެހޭ ކަމަށް ޣައްޒާގެ ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފައެވެ.

ޣައްޒާގެ ކުޑަކުދީން އަބަދުވެސް ތަޙައްމަލްކުރަމުން ދަނީ ހަނގުރާމައިގެ ބިރުވެރިކަމާއި ނެތިދިއުމެވެ. އޭގެ ތެރެއިން 17 އަހަރުގެ ކުއްޖެއް ނަމަ ފަސް ހަނގުރާމަ ތަޖުރިބާ ކޮށްފައިވެއެވެ. 10 އަހަރުގެ ކުއްޖެއްނަމަ 3 ހަނގުރާމަ އަދި 3 އަހަރުގެ ކުއްޖެއްނަމަ 2 ހަނގުރާމަ ތަޖުރިބާކޮށްފައިވެއެވެ. މި ކުދީންގެ ދިރިއުޅުން ބައްޓަންކުރަން މަޖުބޫރުވެފައި ވަނީ އެ ކުދީންގެ ޤައުމު އިސްތިޢުމާރުކޮށްގެން ނުޙައްޤު ދައުލަތެއް އުފައްދައިގެން ތިބި ޔަހޫދީ އަނިޔާވެރި ސިފައިންގެ ބަންދުގައެވެ. ބިންފޭރި، ނަޞްލުނައްތައިލުމަށް ޓަކައި ކުރަމުން ގެންދާ ޒަމާންވީ މި ހަނގުރާމަ، އޮކްޓޫބަރު 2023ން ފެށިގެން މި ވަނީ އިތުރު ހަރުފަތަކަށް ކުރިއަށް ގެންގޮސް އަނިޔާވެރިކަން ހައްދުފަހަނައަޅައި ގޮސްފައެވެ.

އިސްތިޢުމާރީންގެ މި އަނިޔާވެރިކަން އޮތީ ހަމައެކަނި ޣައްޒާގައެއް ނޫނެވެ. ހިފައިފައިވާ ހުޅަނގު އައްސޭރީން ވެސް، މި ދިޔަ ދެ އަހަރު ތެރޭގައި ވަނީ އިސްތިޢުމާރީ ސިފައިން ނުވަތަ ޔަހޫދީ ވަޒަންވެރީން ވަނީ 185 ކުޑަކުދީން ޝަހީދުކޮށްލައިފައެވެ. މީގެތެރެއިން 73 ޙާދިސާ ރެކޯޑް ކުރެވިފައި ވަނީ ކުޑަކުދީންނަށް އަމާޒުކޮށް ދީފައިވާ ޙަމަލާތައް ގޮތުގައިކަމަށް ފަލަސްޠީނުގެ ރިޕޯޓްތައް ބުނެއެވެ.

ޔަހޫދީންގެ މިޙަމަލާތައް މިހާރު ވަނީ ލުބުނާނަށް ވެސް އަމާޒުކޮށްފައެވެ. ލުބުނާނަށް އަމާޒުކޮށް މި ފަހުން ޔަހޫދީން ދެމުން އަންނަ އަނިޔާވެރި ޙަމަލާތަކުގައި މިހާތަނަށް 200އަށް ވުރެ ގިނަ ކުޑަކުދީން ވަނީ ޝަހީދުވެފައި ކަމަށް ޔުނިސެފުން ވަނީ ބުނެފައެވެ. ފާއިތުވި ދެ މަސްދުވަހު ދުވާލަކު އެވެރެޖްކޮށް ތިން ކުޑަކުދީން ލުބުނާނުން ޝަހީދުވެފައިވާކަމަށް އެ އިދާރާއިން އިއްޔެ ވަނީ ބުނެފައެވެ. އަދި މި ޤަތުލުއާންމަށް ބާރު ދެނީ މި ކަން ހުއްޓުވޭން އޮތް ފަރާތްތަކުންކަމަށް ވެސް ޔުނިސެފްގެ ތަރުޖަމާނު ވަނީ ބުނެފައެވެ. އޭނާގެ މި ބުނުން ދޭހަކޮށްދެނީ އިސްރާއީލަށް ވާގިވެރިވާ އެމެރިކާގެ އިތުރަށް ޔޫރަޕްގެ ބައެއް ޤައުމުތައްކަން ފާހަގަކުރެވެއެވެ.

ޣައްޒާއިން ފެންނަ ހިތްދަތި މަންޒަރުތައް ޢަރަބި އިސްލާމީ ޤައުމެއް ކަމުގައިވާ ލުބުނާނުން ވެސް މި ދަނީ ފެންނަމުންނެވެ. ލުބުނާނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި 3452 މީހުން އެ ޤައުމުން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި 231 ކުޑަކުދީން ހިމެނެއެވެ. އަދި ބޮޑެތި ޒަޚަމްތައް ލިބިފައިވާ 14،664 މީހުން ތިބި އިރު، އޭގެ ތެރޭގައި ވެސް 1330 ކުޑަކުދީން ހިމެނެއެވެ.

ޣައްޒާގައި ޔަހޫދީން ހިންގަމުން އަންނަ ޤަތުލުއާންމު، އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ދުނިޔޭގެ އެކިއެކި ފަރާތްތަކުގެ އިތުރަށް އދ.ގެ އޮފިޝަލުންގެ ސަމާލުކަމަށް ވެސް ވަނީ އައިސްފައެވެ. ޣައްޒާގައި ދިރިއުޅޭ މިލިއަނަކަށް ވުރެ ގިނަ ކުޑަކުދީންނަށް ސާފު ބޯފެނާ ކާނާއާއި ބޭސްފަރުވާއެއް ނުލިބެއެވެ. މި ކަމުގެ ސަބަބުން ރަނގަޅު ކާނާއާއި ފެން މަދުވެގެން ވެސް ބައެއް ކުޑަކުދީން ވަނީ ދުނިޔެ ދޫކޮށްފައެވެ. މި ކަމާ ގުޅިގެން ޣައްޒާގައި ކުރިއަށްދަނީ ކުޑަކުދީންނާ ކުރާ ހަނގުރާމައެއްކަމަށް އދ.ގެ ބައެއް އޮފިޝަލުން ވަނީ ސިފަކޮށްފައެވެ. އަދި ދުނިޔޭގައި ހިނގައިފައިވާ ބޮޑެތި ހަނގުރާމަތަކުގައި ހަތަރު އަހަރުން ކުޑަކުދީން މަރުނުވާ ވަރަށް ޣައްޒާއިން ހަތަރު މަސް ދުވަހުގެ ތެރޭގައި ކުޑަކުދީން މަރުވެފައިވާ ކަމަށް، ފަލަސްޠީނުގެ ރެފިއުޖީންނާ ބެހޭ އދ. ގެ އޭޖެންސީ "އަންރުވާ"ގެ ކޮމިޝަނަރ ޖެނެރަލް ފިލިއްޕޭ ލަޒަރިނީ ވަނީ މި ދިޔަ މާރިޗު މަހު ބުނެފައެވެ. އެހްނަކަމުން މިއަދު ޣައްޒާ ވެފައި މިވަނީ ކުޑަކުދީންގެ ގަބުރުސްތާނަކަށެވެ.

އެޑިޓަރުގެ ނޯޓް
ޒައުޖަތު އަޙުމަދަކީ "މަލަރެސް" ނޫސް ނެރޭން އެންމެ ފުރަތަމަ ފެށުނު ހިސާބުން ފެށިގެން އެ ނޫސް ނެރުން ހުއްޓައިލަންދެން އެ ނޫހުގެ އެންމެ ޙަރަކާތްތެރި އެންމެ ޚިދުމަތްތެރި އެއް ނޫސްވެރިޔާއެވެ. އިޖުތިމާޢީ ހުރިހައި މައުޟޫޢަކަށް ވެސް އޭނާ ލިޔުއްވައެވެ.

Advertisement

ކޮމެންޓް