ގާނޫނުއަސާސީއަށް ގެންނެވި ބަދަލުތަކަކީ ރަނގަޅު ބަދަލުތަކެކެވެ. ކަންބޮޑުވާކަށް ނުޖެހެއެވެ.
ފަރަގު މީޑިއާ
ރައްޔިތުންގެ
މަޖިލީހުގެ މެންބަރަކު ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ, ނުވަތަ އެ މެންބަރަކު ޕާޓީން
ވަކިކޮށްފި ނަމަ، ނުވަތަ ޕާޓީއަކަށް ނިސްބަތްނުވާ މިނިވަން މެންބަރަކު ޕާޓީއަކާ ގުޅިއްޖެ ނަމަ،
މަޖިލީހުގެ މެންބަރުކަން ގެއްލޭ ގޮތަށް ޤާނޫނުއަސާސީއަށް ގެންނެވި އިސްލާޙަކީ
ސިޔާސީ ހަމަޖެހުން ގާއިމުކުރުމަށް ޓަކައި މުހިންމު އިސްލާޙެކެވެ. ނަމަވެސް
މެންބަރަކު ސިޔާސީ ޕާޓީއަކުން ކަނޑައިލުމުން ގޮނޑި ގެއްލޭ ގޮތަށް އޮންނާތީ ބައެއް
މީހުން ކަންބޮޑުވުން އެބަ ފާޅުކުރެއެވެ. ކަންބޮޑުވުން ފާޅުކުރާ މީހުން ކަންބޮޑުވުން އެ ފާޅުކުރަނީ ކަން އޮތް ގޮތް ބަލައި ވިސްނައި ދިރާސާކުރުމެއް ނެތި، ކަންކަމާ ނައްސި ފާޑުކިޔުމަކީ ބައެއް މީހުން ވަރަށް ކުރާ ހިތްވާކަމަކަށް ވާތީކަމަށް ފެނެއެވެ.
މި އިސްލާހުތަކާ މެދު ކަންބޮޑުވުން ފާޅުކުރާ މީހުން
ހީކުރަނީ ޕާޓީއިން ހަމަ ބޭނުންވާ އިރަށް ނުވަތަ މީހަކު މެންބަރުކަމުގެ ވަކިކޮށްލާން
ބޭނުންވެއްޖެ ނަމަ، ޕާޓީއިން ވަކިކޮށްލެވޭނެކަމަށެވެ. އޭރުން މެންބަރުކަން
ގެއްލޭނެތީއެވެ. ނަމަވެސް ކުރީގެ ގާނޫނުތަކުން ވަނީ ޕާޓީތަކުގެ މެންބަރުންނަށް
ވެސް ޙިމާޔަތްތަކެއް ދީފައެވެ. ހަމަ ބޭނުން ހައި ގޮތަކަށް މެންބަރުން ވަކިކުރާކަށް ޤާނޫނު ތަނެއް ނުދެއެވެ.
ގާނޫނު ނަންބަރު: 4/2013 (ސިޔާސީ ޕާޓީގެ ގާނޫނު)ގެ 16ވަނަ މާއްދާގެ ރ. ގައި ވަނީ "މެންބަރަކު ޕާޓީއިން ވަކިކުރާންވާނީ ހަމައެކަނި އެ މެންބަރަކު ގަސްތުގައި އެ ޕާޓީގެ އަސާސީ ގަވާއިދާ ނުވަތަ ސުލޫކީ މިންގަނޑުތަކާ ޚިލާފުވެ، އެ ކަމުގެ ސަބަބުން ޕާޓީގެ މަޞްލަޙަތަށް ގެއްލުމެއް ލިބިފައިވާނަމައެވެ."
އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ، ނުވަތަ އެ މެންބަރަކު ޕާޓީން ވަކިކޮށްފި ނަމަ، ނުވަތަ އަމިއްލަ މެންބަރަކު ޕާޓީއަކާއި ގުޅިއްޖެ ނަމަ މަޖިލީހުގެ މެންބަރުކަން ގެއްލޭ ގޮތަށް ޤާނޫނުއަސާސީއަށް ގެނައި އިސްލާހާ މެދު ކަންބޮޑުވާންޖެހޭ ކަމެއް ނެތެވެ. އެހެނީ، އެ ޕާޓިއެއްގެ އަސާސީގަވާއިދާއި ނުވަތަ ސުލޫކީ މިންގަނޑާ ޚިލާފު ނުވާހާ ހިނދަކު، އަދި އޭނާ ޢަމަލުކުރާ ގޮތަކުން ޕާޓީގެ މަސްލަހަތަށް ގެއްލުމެއް ނުވާ ނަމަ، ޕާޓީއަކުން ވަތްކެއްނުކުރެވޭނެއެވެ. ގާނޫނާ ޚިލާފަށް ވަކިކޮށްފި ނަމަ، އޭނާއަށް އެ މައްސަލަ ޝަރުޢީ މަރުޙަލާއިން ޙައްލުކުރެވޭނެއެވެ.
ޤާނޫނު އަސާސީއަށް އިސްލާޙު ގެނައުމުގެ ބިލުން ޤާނޫނުއަސާސީއަށް މި ގެންނެވި ބަދަލުތައް އިއްޔެ ރައީސުލްޖުމްހޫރިއްޔާ ވަނީ ތަސްދީޤުކުރައްވައިފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ތަސްދީޤުކުރެއްވި ބިލުގައި މެންބަރުންގެ ގޮނޑި ގެއްލޭ އުސޫލުގެ އިތުރަށް، މަޖިލީހުގެ ރުހުން ނުހޯދައި ކަނޑުގެ ސަރަހައްދަށް އުނިކަން ލިބޭނެ އެއްވެސް ކަމެއް ނުކުރެވޭ ގޮތަށް އޮތް އިސްލާހާއި މަޖިލީހުގެ ރުހުންނެތި އަސްކަރީ ބޭނުންތަކަށް ރާއްޖޭގެ އެއްވެސް ސަރަހައްދެއް ނުދެވޭ ގޮތަށް އޮތް އިސްލާޙު ވެސް ހިމެނެކަން ފާހަގަކުރެވެއެވެ. މިއީ ވަރަށް މުހިންމު ބަދަލުތަކެކެވެ.
ގާނޫނުއަސާސީއަށް އިސްލާޙުގެނައުމުގެ މި ބިލު ފާސްވީ އެ ކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގަތް 91 މެންބަރުންގެ ތެރެއިން 78 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ބިލު ފާސްކުރާން ފެނިވަޑައިނުގަންނަވާކަމަށް ވޯޓުދެއްވީ 13 މެންބަރުންނެވެ. ޤާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލުގައި ތިން ކަމެއް ހިމެނެއެވެ. އޭގެތެރޭގައި، ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވުމަށްފަހު އެ މެންބަރަކު ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވި ރައްޔިތުންގެ މަޖިލީހުގެ ޢުމުރުގެ ތެރޭގައި އެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީން އަމިއްލައަށް ވަކިވެއްޖެ ނަމަ، މަޖިލީހުގެ މެންބަރުކަމުން ވަކިވާނެކަމަށް ބަޔާންކޮށްފައި އޮތުމާއި، އަމިއްލަ ގޮތުން ވާދަކޮށްގެން މަޖިލީހަށް އިންތިޚާބުވާ މެންބަރަކު، މަޖިލީހުގެ ޢުމުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވެއްޖެ ނަމަ، މެންބަރުކަމުން ވަކިވާނެކަމަށް އޮންނަ އިސްލާޙު ވެސް ހިމެނެއެވެ.
މި ބިލުގައި، ރައްޔިތުންގެ މަޖިލީހުގެ ރުހުން ނުހޯދައި ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އުނިކަން ލިބޭނެ އެއްވެސް ކަމެއް ނުކުރެވޭނެކަމަށް ވެސް ބަޔާންކޮށްފައި އެބަ އޮތެވެ. މީގެ ކުރީން ޤާނޫނުގައި ކަނޑައަޅައިފައިވާ ދިވެހިރާއްޖޭގެ އެތޭރޭ ކަނޑާއި ދިވެހިރާއްޖޭގެ އާކިޕެލިޖިކް ކަނޑާއި ދިވެހިރާއްޖޭގެ ސަރަހައްދީ ކަނޑާއި އެ ކަނޑާ ގުޅިފައިވާ ކަނޑާއި ދިވެހިރާއްޖޭގެ ޚާއްސަ އިގުތިސާދީ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ނުވަތަ އެއިން ސަރަހައްދަކަށް އުނިކަމެއް އަންނަ ފަދަ އެއްވެސް ކަމެއް ކުރެވޭނީ މަޖިލީހުގެ މެންބަރުންގެ ރުހުން ހޯދުމަށް ފަހުގައިކަމަށް ޤާނޫނުއަސާސީގައި ބަޔާންކޮށްފައެއް ނުވެއެވެ. މީގެ ސަބަބުން ކަނޑުގެ ސަރަހައްދަށް އުނިކަން އަންނަ ފަދަ ކަންކަންކުރުމުގެ ފުރުޞަތު ސަރުކާރުތަކަށް އޮތީ ފަހިވެފައެވެ. ނަމަވެސް މިހާރު ޤާނޫނުއަސާސީއަށް މި ގެންނެވި އިސްލާޙުގައިވާ ގޮތުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ނުވަތަ އެއިން ސަރަހައްދަކަށް އުނިކަމެއް އަންނަ ފަދަ އެއްވެސް ކަމެއް ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ ހަތަރުބައިކުޅަ ތިންބައިގެ އަޣުލަބިއްޔަތުން ފާސްވާ ޤާނޫނަކުންނެވެ. މީގެ ސަބަބުން ކަނޑުގެ ސަރަހައްދަށް އުނިކަން އަންނަފަދަ ކަންކަންކުރުމުގެ ފުރުޞަތު ސަރުކާރުތަކަށް ހަނިވާނެއެވެ.
މީގެ އިތުރަށް އަސްކަރީ ތަމްރީނުތަކުގައި ބައިވެރިވުން ފިޔަވައި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ އެއްވެސް ސަރަޙައްދެއް ޢަސްކަރީ ބޭނުމަށް ބޭނުންކުރުމުގެ ހުއްދަ ދެވޭނީ ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްކޮށްގެންކަމަށް ވެސް މި ބިލުގައި ވަނީ ބަޔާންކޮށްފައެވެ. އެ އިޞްލާހުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވެގެން މެނުވީ، އެއްބަސްވުމެއްގެ ދަށުން ނުވަތަ އެނޫން ވެސް ގޮތަކަށް، ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ދިވެހިރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް ޢަސްކަރީ ބޭނުނަމަކަށް ބޭނުންކުރުމުގެ ހުއްދަ ދީގެން ނުވާނެކަމަށެވެ. އަދި އެއްބަސްވުމެއްގެ ދަށުން ބާއްވާ ޢަސްކަރީ ތަންރީނުތަކުގައި ބައިވެރިވުން ފިޔަވައި، ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވެގެން މެނުވީ، ޢަސްކަރީ ބޭނުމަކަށް ދިވެހިރާއްޖޭގެ ސަރަޙައްދުގައި ބޭރުގެ ސިފައިން އެއްވެސް ސިފައެއްގައި ޢަމަލީގޮތުން ޙަރަކާތްތެރިވުމަށް ހުއްދަދީގެން ނުވާނެކަމަށް ވެސް ޤާނޫނުއަސާސީއަށް ގެންނެވި އިޞްލާހުގައިވެއެވެ. ޤާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ މި ބިލު މިހާރު ވަނީ ތަޞްދީޤުކުރައްވައި އެ އިސްލާހުތައް ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވައިފައެވެ.
ގާނޫނުއަސާސީއަށް މި ގެންނެވި އިސްލާޙުތަކަކީ ރަނގަޅު އިސްލާޙުތަކެއްކަމަށް ވިޔަސް، ޤާނޫނުއަސާސީއަށް މުހިންމު އެހެން އިސްލާޙުތަކެއް ވެސް އެބަ ގެންނާން ޖެހެއެވެ. އެއީ މަޖުލިސް ކުޑަކުރުމާއި، ގާނޫނުއަސާސީ އެހައި ފަސޭހައިން އިސްލާޙު ނުކުރެވޭ ގޮތަށް ބަދަލު ގެނައުމެވެ. އެހެނީ ގާނޫނުއަސާސީއަކީ ދިވަހިރާއްޖޭގެ ގާނޫނުތައް އޭގެ މައްޗަށް ބިނާކުރާންޖެހޭ އަސާސެވެ. ގާނޫނީ ޢިލްމުވެރީން ވިދާޅުވާ ގޮތުގައި ޤާނޫނުއަސާސީއަކީ އެހައި ފަސޭހައިން އިސްލާޙުކުރެވޭ އާދައިގެ އެއްޗަކަށް ވެގެން ނުވާނެއެވެ. އަދި އިސްލާޙުކުރާން ކޮންމެހެން ލާޒިމުވެއްޖެ ނަމަ، އިސްލާޙު ނުކުރެވޭ ގޮތަށް ހަރުކަށިކޮށް އޮންނަ އެއްޗަކަށް ވެސް ވެގެން ނުވާނެއެވެ. މިހާރު ގާނޫނުއަސާސީގައި އޮންނަ ގޮތުން މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ ޕާޓީއަކުން ބޭނުން ކޮންމެ ހިނދަކު ބޭނުން ކޮންމެ ބަދަލެއް ގެނެވިދާނެއެވެ. ގާނޫނަކާއި ގާނޫނުއަސާސީއަކާ މި ގޮތުން ތަފާތެއް ނެތެވެ.
ގާނޫނުތަކާއި ގާނޫނުއަސާސީގެ ހައިބަތު ތަފާތުވާން ޖެހެއެވެ. ވީމާ، ގާނޫނުއަސާސީ އިސްލާޙުކުރާން މީގެ ކުރީގެ ގާނޫނުއަސާސީތަކުގައި އޮންނަ އުޞޫލު މާ ބޮޑަށް ވެސް ރަނގަޅުކަމަށް ފެނެއެވެ. އެ ކަމަށް ޓަކައި ގާނޫނު ހަދާ މަޖިލިސް ހިމެނޭ ގޮތަށް އެއްކުރާ ޚާއްޞަ މަޖިލީހަކުން އެ ކަން ކުރާ ގޮތަށް ބަދަލުކުރާން އެބަ ޖެހެއެވެ. އެހައި ފަސޭހައިން ޤާނޫނުއަސާސީއަށް ބަދަލުގެނެވޭ ގޮތަށް އޮތުމަކީ، އަދި އެއް ގޮތަކަށް ވެސް ބަދަލުނުކުރެވޭ ގޮތަށް އޮތުމަކީ ނުރައްކާތެރި ކަމެއްކަމަށް ވެދާނެތީއެވެ.