ކޮލަމް ހަމަ (9): އިދާރާތަކުގެ ނަންތައް ބޭކާރު ގޮތުގައި ދިގުކުރަނީ ކީއްކުރާންހެއްޔެވެ؟
ޢަޒީޒު ޖަމާލު
ކުޑަމަނިކަކީ ރަށުގެ އަދި ރާއްޖޭގެ ހުރިހައި ކަމަކާ މެދު ޚިޔާލުކޮށް އެ ކަންކަމާ ފާޑުކިޔައި ހަދާ މީހެކެވެ. ނަމަވެސް އޭނާގެ އެކުވެރި ތައްޚާނުބެއަކީ ރަށުގެ ތަންކޮޅެއް ހަރު މީހެއްކަމަށް ވިޔަސް އަދި ޢިލްމީ ގޮތުން ވެސް ފުންނާބު އުސް މީހަކަށް ވިޔަސް އެކި ކަންކަމަށް ފާޑުކިޔައި ހެދުމަކީ އޭނާ އެހައި ކުރާ ހިތްވާ ކަމެއް ނޫނެވެ. ތައްޚާނުބޭ ބުނަނީ އެ ގޮތަށް ފާޑުކިޔަސް އެ ކަމުން ކުރާނެ ފައިދާއެއް ނޯންނަ ކަމަށެވެ. ގިނަ ފަހަރަށް މީހަކު ހެޔޮ ނިޔަތުގައި އިސްލާޙަށް އެދިގެން ފާޑެއް ކިޔަސް ރަށުގެ ބޮޑުން ދެކޭނީ ފިތުނަ އުފައްދަނީކަމަށެވެ. އެހެންވެ، ތައްޚާނުބޭ ކުރާ ކަމަކީ އަމިއްލަ މަޢުލޫމާތު މުއްސަނދިކުރާން ފޮތްކިޔުމެވެ. ކަންކަމަށް ފާޑެއް ނުކިޔައެވެ. މީހަކު ލަފައަކަށް އެދިއްޖެ ނަމަ، ފެންނަ ޚިޔާލެއް ދީ ހަދައި ވެސް މެއެވެ.
ނަމަވެސް ކުޑަމަނިކަކީ ހިތަށް އަރާ އެއްޗެއް ފާޅުނުކޮށް ހުންނާން އުނދަގޫ މީހެކެވެ. އެންމެ ގިނައިން ކަންކަމާ މަޝްވަރާކުރާން އަންނަނީ ވެސް ތައްޚާނުބޭ ގާތަށެވެ. މިއަދު ހެނދުނު ފާއްޖަށް ދިއްގައިގަސްދޮށު ޖޯލިފައްޗަށް ދިޔައިރު އެ ތަނުން ތައްޚާނުބެޔާ ދިމާނުވީމާ މަޑުކުރާކަށް ވެސް ނެހެދިއެވެ. ތައްޚާނުބެއާ ބައްދަލުކުރާން ދިޔައީ ސީދާ އެ ގެއަށެވެ.
އާންމުކޮށް މި ދެ މީހުން ދިމާވަނީ ހޮޅުއަށީންކަމަށް ވިޔަސް މިއަދު ސީދާ ގެއަށް ގޮސް ސަލާން ގޮވައިލިއެވެ.
ކުޑަމަނިކު: އައްސަލާމު ޢަލައިކުމް.
ތައްޚާނުބޭ: ވަޢަލައިކުމް ސަލާމް ވަރަޙުމަތުﷲ ވަބަރަކާތޫހ. އަނހާ ކުޑާނިކާ! ކޮން ވަޑާމެއް؟ މިއަދު ގެޔަށް ތިޔަ އައީ.
ކުޑަމަނިކު: އަންނާނެތާ. ތައްޚާނުބޭ މިއަދު ހޮޅުއައްޓަށް ނުދިޔައިމާ ބަލިކަމަށް ހީކޮށް މިއައީ ޚަބަރު ބަލައިލާން. ކިހިނެއްވީ އަނެއްކާ؟
ތައްޚާނުބޭ: މާ ބޮޑު ކަމެއް ވީކީ ނޫން. މިއަދު ހަމަ ގޭގައި ފޮތެއް ކިޔައިލާން މަޑުކޮށްލީ. ކިހިނެއްވީ އަނެއްކާ؟
ކުޑަމަނިކު: ތައްޚާނުބޭ، ރާއްޖޭގައި ވެސް ބައެއް އިދާރާތަކުގެ ނަންތައް ވަރަށް ރަނގަޅޭ ދޯ؟ އޭގެ ތެރެއިން އެންމެ ރަނގަޅު މިސާލަކީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ. ބައެއް ގައުމުތަކުގައި މި ނަން، އިސްލާމީ ކަންތައްތަކާއި ވަޤުފާއި ޙައްޖާއި ދައުވަތާ ބެހޭ ވުޒާރާއޭ ވެސް ކިޔައިފައި ހުރެއެވެ. ބޭކާރު ދިގުކުރުމެއް ދޯ؟ އިސްލާމީ ދަޢުވަތާއި ޙައްޖާއި ވަގުފުގެ ކަންތައް، އިސްލާމީ ކަންތައްތަކުގެ ތެރޭގައި ނުހިމެނެނީތަ؟
ތައްޚާނުބޭ: ކުޑާނިކާ، އަހަރެމެންނާ ކޮން ބެހޭ
ކަމެއް؟ ދެން ކުޑާނިކު ހަމަ ނުބެހޭ ކަމެއް ވެސް ނޯންނަނީތަ؟ ނަމަވެސް ތިޔަ ބުނީ
ދޮގު ވާހަކައެއް ވެސް ނޫން. އަސްލު ކީކޭ ކިޔާންތަ ތިޔަ އުޅެނީ؟
ކުޑަ މަނިކު: ރަނގަޅު ވާހަކައެއް. އަހަރެމެން ދެ މީހުންނާ ބެހޭ ކަމެއް ނޫން. އެކަމަކު އިހައް ދުވަހަކު ނޫހުން ފެނުނު ނަމަކުން ހަމަ ބޮލަށް އުނދަގޫވެގެން ކުޑަކޮށް އަނގަތަޅައިލާން މިއައީ.
ތައްޚާނުބޭ: ކޮން ނަމެއް އަނެއްކާ؟
ކުޑަމަނިކު: އިހައް ދުވަހަކު އަޑު އިވުނީ މީޑިއާ އެންޑް ބްރޯޑްކާސްޓް ކޮމިޝަން އުފެއްދުމުގެ ބިލަށް ރައީސުލްޖުމްހޫރިއްޔާ ތާއީދުނުކުރައްވާނެ ވާހަކަ އޮތް ޚަބަރެއް.
ތައްޚާނުބެ: އަޅޭ އެއީ ވެސް މައްސަލައެއްތަ؟
ރައީސްގެ ޚިޔާލުފުޅެއްނު އެ ފާޅުކުރެއްވީ. ކުޑާނިކަށް އެ ބިލު ރަނގަޅީތަ؟ އެނގޭތަ
އޭގައި އޮތް އެއްޗެއް؟
ކުޑަމަނިކު: ރައީސްގެ ނިންމެވުމާ މަވެސް ދެކޮޅީކީ ނޫނޭ. ނުއެއް ދެކެން އެ ބިލެއް. އަހަރެމެން ރަށްފުށުގައި އުޅޭ ބަޔަކަށް މާލޭގައި ގެންގުޅޭ އެއްޗެއް ނުފެންނާނެއެއްނު. އަދި މަށަކީ އެ ބުނާ ނެޓަކަށް ވެސް ވަންނަ މީހެއް ނޫން. މަށަށް މައްސަލައަކީ ރައީސްގެ ނިންމެވުމެއް ނޫން. ރައީސްގެ ނިންމެވުމަށް ހަމަ ތާއީދު. ކުޑާނިކުގެ މައްސަލައަކީ އެ ކީ ނަން.
ތައްޚާނުބޭ: ކޮބައިތަ ނަމުގެ މައްސަލައަކީ؟
ކުޑަމަނިކު: ބޭކާރު ގޮތުގައި ނަން ދިގުކުރުން މައްސަލައަކީ. މިސާލަކަށް މީޑިއާ ކޮމިޝަނޭ ކީމާ ކިހާ ފަސޭހަ؟ އެންޑް ބްރޯޑްކާސްޓް ގެންނާން ޖެހޭތަ؟ ދެން ހިތަށް އެރީ ޓެލެކާސްޓު މި ލަފުޒު ނުލީ ކީއްވެހޭ؟ އަދިލެވިދާނެނު، ޕްރިންޓް މީޑިއާ، އޮންލައިނު މީޑިއާ ވެސް އޭރުންތާ ފުރިހަމަވާނީ.
ތައްޚާނުބޭ: ކުޑާނިކު ދެން ކޮން ކަމެއް ނުބެހޭ ކަންކަމާ ބެހެން. އަހަރެމެންނަށް ކީއް، ކޮންމެ ނަމެއް ކިޔަސް. އަހަރެމެން މީ ރަށުގައި އުޅޭ ދެ މުސްކުޅިން.
ކުޑަމަނިކު: މިހާރު ދެން ތައްޚާނުބެއަށް ވެސް ތިޔަ ބޮޑު ވަރިހަމަ ވަނީ. މަ މި ކިޔާ އެއްޗެއް އަޅެ ނުބައިއްޔާ ބުނެބަލަ. "މީޑިއާ" މި ލަފުޒުގެ ތެރޭގައި، ބްރޯޑްކާސްޓިންގ، ޓެލެކާސްޓިންގ، ޕޮޑްކާސްޓިންގ، އޮންލައިން މީޑިއާ، ޕްރިންޓް މީޑިއާ ނުހިމެނޭނެތަ؟ ޖަވާބު ދީބަލަ!
ތައްޚާނުބޭ: ތިޔަ ދައްކާ ވާހަކަ ހަމަ ރަނގަޅު. މިސާލަކަށް އޮސްޓްރޭލިއާގައި ހުންނަނީ ކޮމިޔުނިކޭޝަން އެންޑް މީޑިއާ އޮތޯރިޓީ ކިޔާ ތަނެއް. ބައެއް ގައުމުތަކުގައި ހުންނަނީ "ނިއުސް އެންޑް ކޮމިޔުނިކޭޝަން އޮތޯރިޓީ"އެއް. އެހެންވީމާ ކުޑާނިކު ތިޔަ ދައްކާ ވާހަކައިގައި ވެސް އޮއްޓަރެއް އެބަ އޮތް. "މީޑިއާ ކޮމިޝަން" ކީމާ ފުދޭ. ބްރޯޑްކާސްޓް މީޑިއާއާއި ޓެލެކާސްޓް މީޑިއާއާއި އޮންލައިން މީޑިއާއާއި ޕްރިންޓް މީޑިއާ ވެސް ހިމެނޭނީ މީޑިއާގެ ތެރޭގައިތާ.
ކުޑަމަނިކު: ތިޔަ ވާހަކައޭ އަހަރެން މި ދައްކަނީ.
ތައްޚާނުބޭ: އަޅެ ކުޑާނިކާ. އަހރެމެންނާ ކޮން ބެހޭ ކަމެއް. އަހަރެމެން މި އުޅެނީ ރަށްފުށުގައި. އަހަރެމެން ތިޔަ ކަހަލަ ކަންކަމާ ވިސްނައި ބޯގޮއްވާންވީ ކީއްކުރަން؟ އެ ތަންތަނަށް ކިޔާ ނަމަކުން އަހަރެމެންނަށް ވާނެ ގެއްލުމެއް ފައިދާއެއް ނެތް. ހިނގާބަލަ ސައިބޯން، މިގެއިން ސައި ނުބޯތާ ލައްކަ ދުވަސް ވެއްޖެއްނު.
___________________________