Advertisement

އިސްވާރީ ޢަމަލުތަކަށް ހިތްވަރުދޭ ޢުލަމާއީ ނަމޫނާތަކުގެ ތެރެއިން . . . އުސާމަތު ބިން ޒައިދު

18 Nov 2024 | 06:02
އުސާމަތުގެފާނުގެ އިސްވާރުކަމުގެ ދަށުގައި ބަލްޤާއަށް ފޮނުއްވި ލަސްކަރު އެނބުރިއައީ ރަސޫލާއާއި ޚަލީފާ އަބޫބަކުރުގެފާނު އެންގެވި ރަށްތަކަށް ޙަމަލަދީ ކާމިޔާބާއެކު، އިސްލާމީ ލަޝްކަރުން އެއް ބޭކަލަކު ވެސް ޝަހީދު ނުވެއެވެ.

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

މަތިވެރި ޞަޙާބީއެއްކަމުގައިވާ އުސާމަތު ބިން ޒައިދުގެފާނަކީ އިސްލާންދީނަށް އެންމެ ފުރަތަމަ ވަދެވަޑައިގަތް ޞާހާބީއަކާއި ޞަޙާބިއްޔާއެއްގެ ދަރިކަލުންނެވެ. އެކަލޭގެފާނުގެ ބަފާކަލުންނަކީ ޒައިދު  ބިން ޙާރިޘަތުގެފާނެވެ. މައިކަމަނާއަކީ رسول الله ﷺގެ އާޔާކަމަނާ އުއްމު އަޔިމަނެވެ.

އުސާމަތުގެފާނަކީ ވަރަށް ކަޅު ވަރަށް ހިތްތިރި ވަރަށް ހިތްވަރުފުޅު ގަދަ ސަކަ މިޒާޖުގެ ބޭކަލެކެވެ. އެކަލޭގެފާނު ބޮޑުފުޅުވީ ކީރިތި ރަސޫލާގެ އަރިހުގައެވެ. އެކަލޭގެފާނުގެ ބަފާކަލުން ދެކެ ލޯބިފުޅުވެ ވަޑައިގަތް މިންވަރަށް ރަސޫލާ rއެކަލޭގެފާނު ދެކެ ވެސް ލޯބިފުޅުވެވަޑައިގަތެވެ. މިހެންވެ އެކަލޭގެފާނަށް ޙިއްބުގެ ދަރި ޙިއްބުގެ ލަޤަބު ލިބިވަޑައިގެންފައިވެއެވެ. ނަބިއްޔާ  ﷺ  އެކަލޭގެފާނުގެ ކާފަދަރިކަލުން ޙަސަނުގެފާނާއި އުސާމަތުގެފާނުގެ އަތްޕުޅުގައި ހިއްޕަވައިގެން ހުންނަވައި،   ދުޢާފުޅުކުރައްވައި މާތް ﷲއަށް ދެންނެވިއެވެ. ((اللَّهُمَّ أحِبَّهُما، فإنِّي أُحِبُّهُما[1]- ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! އެ ދެކުދީން ދެކެ ލޯބިފުޅުވެވޮޑިގަންނަވާނދޭވެ! ފަހެ ހަމަކަށަވަރުން ތިމަންކަލޭގެފާނު އެ ދެ ކުދީން ދެކެ ލޯބިފުޅުވަމެވެ.))

އުސާމަތުގެފާނަކީ ވަރަށް މަޑުމައިތިރި ވަރަށް  ވިސްނުންފުޅުތޫނު ދީނަށާއި ޢަޤީދާއަށް ޓަކައި ހުރިހާ އެއްޗެއް ޤުރްބާންކުރެއްވުމަށް ތައްޔާރުގައި ހުންނެވި ބޭކަލެކެވެ.

މައްކާ ފަތަޙަކުރެއްވި ދަތުރުފުޅުގައި އުސާމަތުގެފާނު ދަތުރުފުޅުކުރެއްވީ ކައު ރަސޫލާ ﷺގެ އަރިހުގައި އެކަލޭގެފާނުގެ ބަޣަލުކޮޅު މަތީގައެވެ. ނަބިއްޔާ ދެ ރަކުޢަތްކުރެއްވުމަށް ޓަކައި ގެފުޅު ތެރެއަށް ވަދެވަޑައިގަތީ ބިލާލުގެފާނާއި އުސާމަތުގެފާނާ އެކުގައެވެ. އުސާމަތުގެފާނު ބިންމައްޗަށް ވެއްޓިވަޑައިގެން ނިތްކުރިފުޅު ފަޅައިގެންދިޔައެވެ. އެހިނދު ރަސޫލާ ﷺ އަވަހަށް ތެދުވެވަޑައިގެން އުސާމަތުގެފާނުގެ ނިތްކުރިފުޅުން އޮހޮރެމުންދިޔަ ލޭފޮދުތައް ފޭބުން ހުއްޓެންދެން ފުއްސަވައިދެއްވިއެވެ.

އެއް ފަހަރަކު ރަސޫލާ ﷺ އުސާމަތުގެފާނު ޖުހައިނާ ޤަބީލާ މީހުން އުޅޭ ޙުރަޤާއަށް ފޮނުއްވިއެވެ. އެކަލޭގެފާނު އެބައިމީހުންނަށް ހެނދުނު ޙަމަލާދެއްވައި އެމީހުން ބަލިކުރެއްވިއެވެ. އެމީހުންގެ ތެރެއިން މީހަކު ފިލުމުން އުސާމަތުގެފާނާއި އަންޞާރީ ބޭކަލަކު އޭނާގެ ފަހަތުން ވަޑައިގެން އޭނާ ހައްޔަރުކުރެއްވިއެވެ. އެހިނދު  އެ މީހާ ޝަހާދަތްކިޔެއެވެ. އަންޞާރީކަލޭގެފާނު އޭނާ ދޫކޮށްލެއްވިއެވެ. އެހެނަސް އުސާމަތުގެފާނު އޭނާ ޤަތުލުކުރެއްވިއެވެ. މިބޭކަލުން ރަސޫލާގެ އަރިހަށް އެނބުރިވަޑައިގަތުމުން ރަސޫލުﷲގެފާނު ޙަދީސްކުރެއްވިއެވެ. ((އޭ އުސާމަތާއޭވެ! އޭނާ لا إله إلا الله ކިޔުމުން ވެސް ތިބާ އޭނާ ޤަތުލުކުރީހެއްޔެވެ؟ އުސާމަތުގެފާނު ދެންނެވިއެވެ. އޭނާ ޝަހާދަތް ކިއީ  މަރުން ސަލާމަތްވާންވެގެންނެވެ. ރަސޫލުﷲގެފާނު މި ބަސްފުޅު ތަކްރާރުކުރެއްވިލެއް ގިނަކަމުން އޭގެ ކުރިން އިސްލާންވެގެންވާ މީހެއްކަމުގައި ނުވި ނަމަ ހާދަ ރަނގަޅޭ މަގޭ ހިތަށް އެރިއެވެ. އެއަށް ފަހު ޝަހާދަތް ކީ މީހަކު ދުވަހަކު ވެސް ޤަތުލުނުކުރައްވާނެ ކަމަށް އުސާމަތުގެފާނު  ﷲއަށް ޢަހްދުވެވަޑައިގަތެވެ. އެހިނދު ރަސޫލާ ﷺ ޙަދީސްކުރެއްވިއެވެ. ތިމަންކަލޭގެފާނަށް ފަހުގައި ވެސްމެއެވެ. އުސާމަތުގެފާނު ދެންނެވިއެވެ. ކަލޭގެފާނަށް ފަހުގައި ވެސްމެއެވެ.))[2] މިއީ ރަސޫލާ ﷺ އުސާމަތުގެފާނަށް ދެއްވި ވަރުގަދަ ދަރުސެކެވެ.

ހިތްވަރުގަދަ ކޮމާންޑަރެއްގެ ގައިގައި ހުންނާންޖެހޭ އިސްވާރުކަމުގެ ސިފަތައް އުސާމަތުގެފާނުގެ ޝަޚުޞިއްޔަތުގައި ހުރި ތަން ކީރިތި ރަސޫލާއަށް ފެނިވަޑައިގަތުމުން ރޯމަނުންނާ ދެކޮޅަށް ރަސޫލާ ތައްޔާރުކުރެއްވި ލަޝްކަރުގެ ކޮމާންޑަރަކަށް އުސާމަތުގެފާނު އިސްކުރެއްވިއެވެ. އަބޫބަކްރުގެފާނާއި ޢުމަރުގެފާނު ފަދަ ބޮޑެތި ޞަޙާބީން ހިމެނިވަޑައިގަންނަވާ ލަޝްކަރެއްގެ އަމީރުކަން ޒުވާން އުސާމަތުގެފާނަށް ދެއްވުމުން ބައެއް މުސްލިމުން އެ ކަން މާ ބޮޑުކޮށްލައިގެން ވާހަކަދައްކަމުން ދިޔަ އަޑު ރަސޫލާއަށް އިވިވަޑައިގަތުމުން މިންބަރަށް އަރައިވަޑައިގެން މާތްﷲއަށް ޙަމްދާއި ތާރީފުދެންނެވުމަށް ފަހު ޙަދީސްކުރެއްވިއެވެ. ((ތިޔަބައިމީހުން އެކަލޭގެފާނުގެ - އެބަހީ އުސާމަތު ބިން ޒައިދުގެ- އަމީރުކަމާ މެދު ދެކޮޅުހަދާ ނަމަ ދަންނައެވެ. އޭގެ ކުރީން އެކަލޭގެފާނުގެ ބަފައިކަލުންގެ އަމީރުކަމާ މެދު ތިޔަބައިމީހުން ވަނީ ދެކޮޅުހަދައިފައެވެ. މާތް ﷲ ގަންދެއްވައި ޙަދީޘްކުރައްވަމެވެ. ލަޝްކަރުގެ އަމީރުކަމަށް އެންމެ އެކަށީގެންވާ މީހާކަމުގައި އެކަލޭގެފާނު ވިއެވެ. ތިމަންކަލޭގެފާނު އެންމެ ލޯބިފުޅުވާ މީހާކަމުގައި ވިއެވެ. އެކަލޭގެފާނަށް ފަހު ތިމަންކަލޭގެފާނު އެންމެ ލޯބިފުޅުވާ މީހަކީ މި ކަލޭގެފާނެވެ.[3]))

އުސާމާ رضي الله عنهގެ ލަޝްކަރަށް ރަސޫލާ ﷺ ކަނޑައަޅުއްވައިދެއްވި ލަނޑުދަނޑިއާ ދިމާއަށް ޙަރަކާތްތެރިވާން ފެށުމުގެ ކުރީން ރަސޫލާ ﷺ ސުވަރުގެވަޑައިގެންފިއެވެ. އިބްނު ޙަޖަރު، އަލްފަތުޙުލްޤަދީރު ފޮތުގައި ވިދާޅުވެފައިވާ ގޮތުގައި ރަސޫލާ ސުވަރުގެވަޑައިގަތުމުގެ ކުރީން އުސާމާގެ ލަޝްކަރު އަވަހަށް ފުރުމަށް ވަނީ ވަޞިއްޔަތްކުރައްވައިފައެވެ.

އަބޫބަކްރުގެފާނު ޚަލީފާކަމަށް އިސްކުރުމުން ކައު ރަސޫލާގެ މި ވަޞިއްޔަތް ތަންފީޒުކުރައްވާން އިސްކަންދެއްވިއެވެ. ޢުމަރުގެފާނު ދެންނެވިއެވެ. ((އުސާމަތުގެފާނަށް ވުރެ ޢުމުރުން ދޮށީ ބޭކަލަކު ލަޝްކަރުގެ ކޮމާންޑަރުކަމަށް އިސްކުރެއްވުމަށް އަންޞާރުން އެދިވަޑައިގަންނަވައެވެ. އެހިނދު އަބޫބަކްރުގެފާނު ޢުމަރުގަފާނު ދެކެ ވަރަށް ބޮޑަށް ކޯފާއިސްކުރައްވައި ވިދާޅުވިއެވެ. ރަސޫލާ ﷺ އިސްކުރެއްވި ބޭކަލަކު ވަކިކުރާން ކަލޭގެފާނު އަމުރުކުރައްވަނީތޯއެވެ؟ އެ ފަރާތެއްގެ ބާރުގެ ދަށުގައި ތިމަންކަލޭގެފާނުގެ ނަފްސު ވާ ފަރާތް ގަންދެއްވައި ވިދާޅުވަމެވެ. ވަލުޖަނަވާރުތައް ނުކުމެ ތިމަންކަލޭގެފާނު ޖަހައިގަތަސް،  އުސާމަތުގެފާނު ހަނގުރާމައަށް ފޮނުއްވުމަށް ރަސޫލާ ނިންމެވި ނިންމެވުން ތަންފީޒުކުރައްވާހުށީމެވެ.)) 

އުސާމަތުގެފާނުގެ ލަޝްކަރު މަދީނާއިން ނުކުތުމުން މި ލަޝްކަރަށް އަލްވަދާޢު ވިދާޅުވުމަށް ޓަކައި އަބޫބަކުރުގެފާނު ނުކުމެވަޑައިގަތެވެ. އުސާމަތުގެފާނު އަސްމަތީގައި ސަވާރުވެވަޑައިގެން އިންނެވި އިރު އަބޫބަކްރުގެފާނު ވަޑައިގަތީ ހިންގަވައިފައެވެ. އުސާމަތުގެފާނު އެކަމާ ލަދުފުޅުން ދެންނެވިއެވެ. އޭ ﷲގެ ޚަލީފާއޭވެ! ކަލޭގެފާނު ސަވާރުވެވަޑައިގަންނަވާށެވެ! ނޫނީ އަޅުގަނޑު ސަވާރީ މަތިން ފައިބާހުށީމެވެ. އަބޫބަކްރުގެފާނު ވިދާޅުވިއެވެ. މާތްﷲ ގަންދީ ވިދާޅުވަމެވެ. ކަލޭގެފާނަށް ފައިބައިވަޑައެއްނުގެންނެވޭނެތެވެ. އަދި ތިމަންކަލޭގެފާނަށް ސަވާރުވެވަޑައެއްވެސްނުގެންނެވޭނެތެވެ. ﷲގެ މަގުގައި ވަގުތުތުކޮޅަކަށް ތިމަންކަލޭގެފާނުގެ ފައިންޕުޅު ހިރަފުސްކޮށްލުން ނޫން ކަމެއް ތިމަންކަލޭގެފާނުގެ މައްޗަކަށް ނެތެވެ. އެއަށް ފަހު އަބޫބަކްރުގެފާނު އުސާމަތުގެފާނުގެ އަރިހުން ޢުމަރުގެފާނު މަދީނާގައި ބަހައްޓަވައިދެއްވުމަށް އެދިވަޑައިގަތެވެ.))[4] ކިތަންމެ ޅަޔަސް ކޮމާންޑަރަށް ކިޔަމަންގަތުގެ ރިވެތި ނަމޫނާ އަބޫބަކްރުގެފާނު މި ވަނީ ދައްކަވައިދެއްވައިފައެވެ.

އުސާމަތުގެފާނުގެ ލަޝްކަރު ރަސޫލާ އެންގެވި ގޮތަށް ބަލްޤާއަށް ގޮސް ކީރިތި ރަސޫލާއާއި އެކަލޭގެފާނުގެ ޚަލީފާ އަބޫބަކްރުގެފާނު އެންގެވި ރަށްތަކަށް ޙަމަލާދީ ނަޞްރު ހޯދިއެވެ. އުސާމަތުގެފާނު މަދީނާއަށް އެނބުރި ވަޑައިގަތީ  ވަރަށް ގިނަ ބަޔަކު އަސީރުކުރައްވައިގެންނެވެ.  އަދި ވަރަށް ގިނަ ޣަނީމާތަކަކާ އެކުގައެވެ. އެކަލޭގެފާނުގެ ލަޝްކަރުން އެއްވެސް މީހަކު ޝަހީދުވެފައެއްނުވެއެވެ. އެ ދުވަހު މުސްލިމުން ބުންޏެވެ. ((އުސާމަތުގެފާނުންގެ ލަޝްކަރަށް ވުރެ އަމާންކަން ބޮޑު ލަޝްކަރެއް އަހުރެމެން ނެދެކެމެވެ.))  

ޢުމަރުގެފާނުގެ ޚަލީފާކަމުގައި މުސްލިމުންގެ މެދުގައި ބައިތުލްމާލުން މުދާ ބެއްސެވި އިރު އުސާމަތުގެފާނަށް ހަތަރު ހާސް ދެއްވިއެވެ. އެކަލޭގެފާނުގެ ދަރިކަލުން ޢަބްދުﷲ ބިން ޢުމަރަށް ދެއްވީ ތިން ހާހެވެ. އެހިނދު އިބްނު ޢުމަރު އެކަލޭގެފާނުގެ ބަފައިކަލުންނަށް ދެންނެވިއެވެ. "ކަލޭގެފާނު އަޅުގަނޑަށް ވުރެ އުސާމަތު އިސްކުރެއްވީތޯއެވެ؟" ޢުމަރުގެފާނު ރައްދުދެއްވައި ވިދާޅުވިއެވެ. "ރަސޫލާ ތިބާ ދެކެ ލޯބިފުޅުވި ވަރަށް ވުރެ އުސާމަތުގެފާނު ދެކެ ލޯބިފުޅުވި ވަރު ބޮޑެވެ. އެކަލޭގެފާނުގެ ބަފައިކަލުން ދެކެ ރަސޫލާ ލޯބިފުޅުވި ވަރު ތިބާގެ ބައްޕަ ދެކެ ލޯބިފުޅުވި ވަރަށް ވުރެ ބޮޑެވެ.[5]))

ޢަލީގެފާނާއި މުޢާވިޔަތުގެފާނާ ދެމެދުގައި ހިނގި ފިތުނަވެރިކަމުގައި އުސާމަތުގެފާނު ހުންނެވީ ވަކިފަރާތަކަށް ޖެހިވަޑައިނުގަންނަވައެވެ. ޢަލީގެފާނު ދެކެ ލޯބިފުޅުވާލެއް ބޮޑުކަން ބަޔާންކުރައްވައި ޢަލީގެފާނަށް ފޮނުއްވި ސިޓީފުޅެއްގައި ވިދާޅުވިއެވެ. ((އަބޫ ޙަސަނާއޭވެ! ﷲ ގަންދީ ދަންނަވަމެވެ. ހަމަކަށަވަރުން ކަލޭގެފާނު ސިންގާގެ އަނގައިގެ އެއް ފަޅީގައި ހިއްޕެވި ނަމަ އަޅުގަނޑު އަނެއް ފަޅީގައި ހިފާހުށީމެވެ. އެކުގައި މަރުވަންދެނެވެ. ނުވަތަ އެކުގައި ދިރިތިބުމަށެވެ. އެހެނަސް ކަލޭގެފާނުގެ މިއަދުގެ މަސްއަލައިގެ ތެރެއަށް އަޅުގަނޑު ދުވަހަކު ވެސް ނުވަންނަހުށީމެވެ."  އޭނާގެ އަތްޕުޅުން މުސްލިމަކު މަރުވެދާނެތީ އުސާމާ ހުންނެވި އެކަމާ ދުރުގައެވެ.

އުސާމަތުގެފާނަކީ ވަރަށް އަޅުވެރި ޞަޙާބީއެކެވެ. އާދަކޮށް ހޯމަ ދުވަހާއި ބުރާސްފަތި ދުވަހު ރޯދަފުޅުހިއްޕެވިއެވެ.

އުސާމަތުގެފާނު އަވަހާރަވީ މުޢާވިޔަތުގެފާނުގެ ޚާލިފާކަމުގެ ދުވަސްވަރު ހިޖްރައިން 54ވަނަ އަހަރުގައެވެ. ފަސްދާނުލެވުނީ ބަޤީޢު ޤަބުރުސްތާނުގައެވެ.

މަރުޖާ:

[1]  - صحيح البخاري ( ٣٧٣٥ (

[2]  - أخرجه البخاري (٤٢٦٩) و مسلم (٩٦)

[3]  - أخرجه البخاري (٣٧٣٠)، ومسلم (٢٤٢٦)

[4] - އިބްނުލް އަޘީރު، އަލްކާމިލު ފިއްތާރީޚު :  ޖިލްދު 2 ޞ : 195 ން ފެށިގެން  

[5]  - البيهقي، دلائل النبوة ٧/١٩٩

އެޑިޓަރުގެ ނޯޓް
މިޞްރުގެ އަލްއަޒުހަރުގެ ދަސްވެންޏެއްކަމަށްވާ އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާއަކީ ނޫސްވެރިކަމާއި ލިޔުންތެރިކަމާއި ޢިލްމީ ތަފާތު މައިދާންތަކުގައި އެ ފަދަ ދެވަނައެއް ނެތުމުގެ ސަބަބުން ކިޔުންތެރީންނަށް އިތުރު ތަޢާރަފަކަށް ބޭނުންވާނެ ބޭފުޅެއް ނޫނެވެ. އެއީ ޢިލްމީ އަދި އަދަބީ ދާއިރާގައި "ފަސް މީރު ކުރިރުކެކެވެ."

Advertisement

ކޮމެންޓް
ޔޫސުފް ރަފީއު
ސުކުރިއްޔާ
18 Nov 2024
ރިޟުވާނު
ނަންހުރި އިސްލާމީ ފަހުލަވާނެއް. އަގުހުރި ނަމޫނާ ޝަޚޮޞިއްޔްތެއް. މާތްވެގެންވާ ޞަޙާބީއަށް ރުއްސުން ލައްވާށި. އާމީން
18 Nov 2024