އެއް އަހަރު ދުވަހުގެ އެންމެ ބޮޑު ކާމިޔާބީއަކީ ބަނގުރޫޓޫނުވެ ރާއްޖޭގެ އިގްތިސާދު ކުރިއެރުވުންކަމާ މެދަކު ޝައްކެއްނެތެވެ.
އަބާ މުޙަންމަދު
މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒު ރާއްޖޭގެ ރިޔާސަތާ ޙަވާލުވެވަޑައިގަތް އިރު، ގައުމުގެ އިގުތިޞާދު އޮތީ ގަސްތުގައި ބޮޑު އަނދަވަޅަކަށް ވައްޓައިލައިފައެވެ. ދެން ވެރިކަމާ ޙަވާލުވެވޑައިގަންނަވާ ބޭފުޅަކަށް ވެރިކަން ނުކުރެއްވިގެން އިސްތިޢުފާ ދެއްވާނެކަމަށް ބަލައިގެންނެވެ. ދައުލަތް ބަނގުރޫޓުވާނެ ގޮތަށް މަގު ފަހިކޮށްފައެވެ. އޭރުން ދަރަނިތައް ނެގި ގައުމަށް ދަރަނި ނުދެއްކިގެން އެ ދައުލަތުގެ ސްޓޭޓަކަށް ރާއްޖެ ބަދަލުކޮށްލުމުގެ މަކަރުވެރި ވިސްނުމުގައެވެ.
ރައީސް ޑރ. މުޢިއްޒު ރިޔާސީ ހުވާކުރައްވާން ހައެއްކަ ދުވަހަށް ވެފައި ވަނިކޮށް ދުނިޔޭގެ މާލީ އިދާރާތަކުން ރާއްޖޭގެ އިގުތިޞާދީ ޙާލަތާ މެދު އާންމުކުރި ބަޔާނެއްގައިވާ ގޮތުން 2023ވަނަ އަހަރު އެޕްރީލް މަހުގެ ތެރޭގައި ދިވެހި ދައުލަތް ބަނގުރޫޓުވާނެއެވެ. އެ އިދާރާތަކުން އެ ގޮތަށް ލަފާކުރީ ފެންނާން ހުރި ތަފާސްހިސާބުތަކަށް ރިޢާޔަތްކޮށްފައެވެ. އޭރުގެ ސަރުކާރުން ވަނީ، އަށެއްކަ ބިލިޔަން ރުފިޔާ ޗާޕުކޮށް ރާއްޖޭގެ އިގުތިސާދަށް ނެރެފައެވެ. ބޮޑެތި އިންޓަރެސްޓު ރޭޓުގައި ކުރު މުއްދަތުގައި އަނބުރައި ދައްކާ ގޮތަށް އެއް ގައުމަކުން ވަނީ އެތައް ބިލިއަން ޑޮލަރެއްގެ ދަރަނި ނަގައިގަފައެވެ. އެހެންކަމުން ދައުލަތަށް ލިބޭ އާމްދަނީގެ ކޮންމެ 100ރުފިޔާއަކުން 24 ރުފިޔާ، ހޭދަކުރާން ޖެހިފައިވަނީ ނަގައިފައިވާ ދަރަނިތައް ދައްކާށެވެ. މި އަހަރުގެ އޭޕްރިލް މަހާ ހަމައަށް ރާއްޖެ ބަނގުރޫޓުވާނެ ކަމަށް ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ބުނަމުން އައީ އެހެންވެގެންނެވެ.
ރިޔާސީ ދައުރުގެ ފުރަތަމަ އަހަރުގެ ކާމިޔާބީ ފާހަގަކުރެއްވުމަށް ރޭ، އިޖުތިމާޢީ ތަޢުލީމުދޭ މަރުކަޒުގައި ބޭއްވި ޙަފުލާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މާލީ އިދާރާތަކުން އެ ގޮތަށް ލަފާކުރި ނަމަވެސް ސަރުކާރުން މިއަދު ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް ސިޔާސަތުތައް ބައްޓަންކޮށް މަސައްކަތް ކުރައްވަމުން ގެންދަވަނީ އިގްތިސާދު ބަނގުރޫޓުނުވެކަމަށާއި ވޭތުވެ ދިޔަ އެއް އަހަރު ލިބިވަޑައިގަތް އެންމެ ބޮޑު ކާމިޔާބީއަކީ އެއީކަމަށެވެ. "ރައީސް ވިދާޅުވީ ފައިސާ ޗާޕުނުކޮށް، ދައްކަންޖެހޭ ދަރަނި ދެއްކުމުގައި އަޅުގަނޑުމެންގެ ސިޔާސަތުތައް ބައްޓަންކުރަމުން މިއައީ ބަނގުރޫޓުނުވެ"ކަމަށާއި، އޭރުގައި އޮތް ސަރުކާރުން އަޅުގަނޑުމެންގެ ޤައުމުގެ އިގްތިސާދު ހަލާކުކޮށް އަނދަވަޅަކަށް ވައްޓައިލާން ނިންމާފައި އޮތް ނިންމުން ނުވަތަ ކޮށްފައި ހުރި ކަންތައްތަކުން އަރައިގަތުމަކީ އެންމެ ބޮޑު ކާމިޔާބީކަމަށެވެ. "އެހެންވީމާ މި ސަރުކާރުގެ މި 52 ހަފުތާގައި އަޅުގަނޑުމެން އެންމެން ގުޅިގެން ރައްޔިތުންނާ އެކު، ކުރެވުނު އެންމެ ބޮޑު އެއް ކަމަކީ މި ހާލަތުން އަރައިގަތުން،"ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި އަހަރު ނިންމައިލާންޖެހިފައި ވަނީ އިދިކޮޅު އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮތް މަޖިލީހަކުން ގަސްތުގައި ސަރުކާރު ހިންގުމަށް ހުރަސް އެޅުމަށް ފާސްކޮށްފައި އޮތް ބަޖެޓަކާ އެކުގައިކަމަށެވެ. އޭގެ ސަބަބުން މަޝްރޫއުތައް ހިންގާން ދަތިވި ނަމަވެސް މި އަހަރު ވެސް ގިނަ ކަންކަން ކުރައްވައިފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރަށް ކުރިއަށް އޮތް އަހަރަކީ މި ސަރުކާރުގެ ބަޖެޓަކާ އެކު، މަޝްރޫއުތައް ކުރިއަށްގެންދާނެ އަހަރެއްކަމަށާއި ރައްޔިތުންގެ ފުދުންތެރިކަން ވެސް އިތުރުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރޭގެ ޖަލްސާގެ ތެރެއިން ރައީސް
ބައެއް ތަފާސްހިސާބުތައް ޙިއްސާކުރައްވަމުން ރައީސް ވިދާޅުވީ ރާއްޖެއަށް މިދިޔަ އަހަރު އާމްދަނީ ގޮތުގައި 950 މިލިޔަން ޑޮލަރު ލިބިފައިވާ އިރު، އޭގެ ތެރެއިން 750 މިލިޔަން ޑޮލަރު ހަމައެކަނި ތެލަށް ހޭދަވާކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރަށް ކާބޯތަކެއްޗަށް 675 މިލިޔަން ޑޮލަރު ހޭދަވާކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ، ސަރުކާރުން ދަރަނި ދެއްކުމަށް އެކަނި ވެސް 507 މިލިޔަން ޑޮލަރު ހޭދަކުރާކަމަށެވެ. މީގެ އިތުރަށް ވެސް އާންމުންގެ ބޭންކު ކާޑުތަކަށް 200 މިލިޔަން ޑޮލަރު ބޭނުންވާ އިރު، ބޭރުގައި ކިޔަވާ ދަރިވަރުންނަށް 37 މިލިޔަން ޑޮލަރު ބޭނުންވާކަމަށް ރައީސް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރީއްޔާ ވަނީ، އެ ހުރިހާ ކަމަކަށް ބޭނުންވާ ޑޮލަރު ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވެސް ގަންނަން ޖެހެނީ ބޭރު ފައިސާގެ ކަޅު ބާޒާރުން އަގުބޮޑުކޮށްކަމަށެވެ. އެހެން ކަމުން ބޭރުފައިސާގެ އައު ގަވާއިދުގެ ސަބަބުން ގައުމަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ޖެނުއަރީ މަހުން ފެށިގެން ބޭރުފައިސާގެ ގަވާއިދު ތަންފީޒުވާން ފެށުމުން، ޤަވާއިދާއި އެއްގޮތަށް ކަން ހިނގާ ނަމަ، ބައެއް ލިބޭނެ ބައެއް ފައިދާ އެ މަނިކުފާނު ވަނީ ވިދާލުވެދެއްވައިފައެވެ.
އޭގެ ތެރޭގައި:
2025ގެ ޖުލައި މަހުން ފެށިދައުލަތުގެ ކަުންފުނިތަކަށް ބޭންކު ރޭޓުގައި ޑޮލަރު ގަންނާން ލިބުން
2026ގެ ފުރަތަމަ ކާލުގެ ތެރޭގައި ރާއްޖެއިން ބޭރަށް ފުރާ ކޮންމެ މީހަކަށްދޭ 500 ޑޮލަރު 1000 ޑޮލަރަށް ބަދަލުކުރުން.
ކްރެޑިޓް ކާޑް ލިމިޓް 1400 ޑޮލަރާ ހަމައަށް އިތުރުކުރުން.
ވިޔަފާރިވެރީންނަށް ޓީޓީކުރަން
ޑޮލަރު ލިބޭ ނިސްބަތް ޖުލައި 2025އިން ފެށިގެން އިތުރުކުރުން. ފަދަ މުހިންމު ކަންކަން ހިމެނެއެވެ.
މި ކަންކަން ތަންފީޒުކުރެއްވުމަށް ޓަކައި ސަރުކާރުން ވަނީ ރާއްޖޭގައި ބޭރު ފައިސާ ގެންގުޅެ ބޭނުންކުރުމުގެ ގަވާއިދަށް ބަދަލުގެންނަވައިފައެވެ. މި ބަދަލަށް ބައެއް ރިސޯޓުތަކުން ޢަމަލުނުކުރާނެކަމަށް ބުނަމުންދާ އިރު، ރައީސުލްޖުމްހޫރިއްޔާ ވަނީ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ރައްޔިތުންގެ ފަޅިއަށް އައުމަށް ދައުވަތު ދެއްވައިފައެވެ. މިއާ އެކު، ކިތަންމެ ބަޔަކު ނުރުހުނަސް ގައުމަށް ޓަކައި މި ގަވާއިދު ތަންފީޒުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަޑުފުޅަށް ބާރުލައްވައި ރޭ ވަނީ ވިދާޅުވެފައެވެ.
"އަޅުގަނޑުމެން ނެތީމު މި ޤަވާއިދު ބަދަލު ކުރާކަށް. ވަރަށް ސާފުކޮށް މި ދެންނެވީ [އެ] ގަވާއިދު ބަދަލެއް ނުކުރާނަމޭ. 500 ޑޮލަރު މާރުކުރައްވާން ޖެހިވަޑައިގަންނަވާނެއޭ. ޤަވާއިދަށް ތަބާވުމަކީ އެންމެންގެ މައްޗަށް ލާޒިމް ކަމެކޭ. މި ކަން ކުރައްވާން ޖެހިވަޑައިގަންނަވާނެއޭ. މިއީ ޤާނޫނު އަސާސީއާ އެއް ގޮތަށް ކުރާ ކަމެއް. ޤާނޫނުތަކާ އެއް ގޮތަށް ކުރާ ކަމެއް. މި ކަން އިތުރަށް ތަންފީޒުކުރުމުގެ މަގު ފަހިކޮށްދިނުމަށް ޓަކައި އެ ކަމަށް ޚާއްސަ ފޮރެކްސް ޤާނޫނެއް މަޖިލިސް ތެރެއިން ފާސްކޮށްދޭނަން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އެ ވިދާޅުވި ވިދާޅުވުމަށް ފަރަގު މީޑިއާ، ބަރާބަރަށް ތާއީދުކުރެއެވެ. ޑރ. މުޢިއްޒަށް ސަރުކާރުގެ އެއް އަހަރު ދުވަހުގެ އެންމެ ބޮޑު ކާމިޔާބީއަކީ ބަނގުރޫޓޫނުވެ ރާއްޖޭގެ އިގްތިސާދު ކުރިއެރުވުންކަމާ މެދަކު ޝައްކެއްނެތެވެ.
ކާލު ނ. ހަތަރުބައިކުޅައެއް ބައި