ބަހުސްކުރުމާއި ޖަދަލުކުރުމުގެ ފަރަގު
އެއްވެސް ޝައްކެއް ނެތެވެ! އަޅުގަނޑުމެން ދިވެހިބަހުން ލިޔާ ލިޔުންތަކުގައި ބޭނުންކުރާ ލަފުޒުތަކުގެ މާނައަކީ ދިވެހިބަހުން އެ ލަފުޒުގެ މާނައެވެ. ދިވެހިބަހުގެ ލަފުޒެއް ކިޔާ ގޮތަށް އެހެން ބަހަކުން ލަފުޒެއް ކިޔަސް އަދި އެ ލަފުޒެއްގެ މާނަ އެހެން ބަހަކުން އެހެން ގޮތަކަށް އޮތަސް އެއީ އަޅުގަނޑުމެން ވިސްނާން ޖެހޭ ކަމެއް ނޫނެވެ. މިސާލަކަށް "މަކާން" މި ލަފުޒަކީ މެލޭ ބަހުގައި ކެއުމަށް ބޭނުންކުރާ ލަފުޒެއް ކަމަށް ވިޔަސް ޢަރަބި ބަހުގައި مَكَانގެ މާނައަކީ ތަންތަނެވެ. ނުވަތަ ދިރިއުޅޭ ގެޔެވެ. ނުވަތަ މި ފަދަ އެހެން މާނައެކެވެ. ކޮންމެއަކަސް ކެއުމުގެ މާނައިގައި مَكَان މި ލަފުޒު ޢަރަބިބަހުގައި ބޭނުންކުރާކަމަކަށް އެ ބަސް ދެނެވަޑައިގަންނަވާ އެއްވެސް ބޭފުޅަކު ވިދާޅެއް ނުވެއެވެ. އެހެން މިސާލަކަށް ބަލާ އިރު، ދިވެހިބަހުން "މަނާ"ގެ މާނައަކީ "ހުއްދަނެތުން"ކަމަށް ވިޔަސް މެލޭ ބަހުގައި އެއީ ސުވާލުގެ ލަފުޒެއް (ކޮންތާކަށް) ކަމަށް މެލޭބަސް ދެނެވަޑައިގަންނަވާ ބޭފުޅުން ވިދާޅުވެއެވެ.
މި ގޮތުގެ މަތީން ވިސްނާ އިރު، ދިވެހިބަހުގައި އޮންނަ "ޖަދަލު"ގެ ހަމައެކަނި މާނައަކީ "ދެކޮޅުވެރިކަމުގެ ޒުވާބު"ކަމަށް ބަސް ފޮތުގައިވެއެވެ. "ޒުވާބު"ގެ އެންމެ ޢާންމު ތިން މާނައަކީ "ޖަދަލު" ނުވަތަ "ދެކޮޅުވެރިކަމުގެ ގޮތުން ދެފަރާތުން ރައްދުކުރާ ބަސް"ކަމަށާއި ނޫންނަމަ "ދެ މީހަކު ނުވަތަ ގިނަ ބަޔަކު ވާ އަރައިރުން" ކަމަށް ދިވެހި ބަސްފޮތުގައި ވެއެވެ. (ދިވެހިބަސްފޮތް 2006). މި މާނަތަކަށް ބަލާ އިރު، މިއިން އެއްވެސް ކަމަކީ ބުއްދީގެ ހަމައިން ބަލާއިރު ޢިލްމީ ބަޔަކު ކުރާނެ ކަމެއްކަމަށް ޤަބޫލެއް ނުކުރެވެއެވެ. އެހެނީ ދެކޮޅުވެރިވުމާއި އަރައިރުންވުމަކީ ތަހުޛީބު ބަޔެއްގެ ތެރޭގައި އޮވެގެން ވާނެ ކަންކަމެއް ނޫނެވެ.
ދިވެހިބަހުގައި އޮންނަ "ޖަދަލު" މި ލަފުޒަކީ އޭގެ އަޞްލުގައި ޢަރަބި ބަހުން އައި ލަފުޒަކަށް ("جدل") ވިޔަސް މިހާރު އެއީ ދިވެހިބަހުގެ ރަދީފުން ޖާގަ ހޯދައިފައިވާ ދިވެހި ލަފުޒެކެވެ. އެހެންވީމާ، އެ ލަފުޒުގެ މާނަ ޢަރަބިބަހުން ކުރާ ގޮތް ބެލުމަކީ ދިވެހިބަހުގެ އަހުލުވެރީންނަށް ދިވެހިބަހުން (އަދި ތާނަ އަކުރުން) ލިޔާ ލިޔުމެއްގައި ވިސްނާންޖެހޭނޭ ކަމެއްކަމަކަށް އަޅުގަނޑެއް ގަބޫލެއް ނުކުރަމެވެ. ޢަރަބި ބަހުގެ ރަދީފުތަކުގައި ބަޔާންކޮށްފައި ހުންނަ ގޮތުން، "جَدَل" މި ލަފުޒާ ހަމަ އެއް ކަހަލަ މާނައެއްގައި، اِسْتِدْلال, مُنَاظَرَة, مُنَاقَشَة, مُذَاكَرَة, تَفَاوُض ފަދަ ކިތަންމެ ކިތަންމެ ލަފުޒެއް ހުންނަ ކަމަށް ވިޔަސް އެ ކަމަކާ އަޅުގަނޑުމެން (ދިވެހިބަހުގެ އަހުލުވެރީން) ވިސްނާކަށް ނުޖެހެއެވެ. އަދި ޢަރަބި ބަހުގެ މި ފަދަ ލަފުޒުތަކަކީ އިނގިރޭސި ބަހުގައި ބޭނުންކުރާ argumentation ގެ މާނައިގައި ބޭނުންކުރާ ލަފުޒުތަކެއް ކަމަށް ވެފައި argument ގެ މާނައިގައި ޢަރަބި ބަހުން جِدَال, خِصَام, حِجاج، نِقَاش, مُشَاجَرَة, مُنَاقَشَة ފަދަ ކިތަންމެ ލަފުޒެއް ބޭނުންކުރިޔަސް އެ ކަމާ އަޅުގަނޑުމެން ކަންބޮޑުވާކަށް ނުޖެހެއެވެ. އަދި ކޮންމެވެސް ކަމަކަށް ތާއީދުކޮށް ސަބަބު ދެއްކުމަށްޓަކައި بُرْهان, حُجَّة ފަދަ ލަފުޒުތަކަކީ ހަމަ argument ގެ މާނައިގައި ބޭނުންކުރާ ލަފުޒުތަކެއް ކަމަށް ވިޔަސް އަޅުގަނޑުމެން (ޢަރަބިބަހާއި އިނގިރޭސިބަސް ނުދަންނަ މައް ދިވެހީން) މި ކަންކަމަކަށް ނުވިސްނާނެއެވެ. ވިސްނާކަށް ނުވެސްޖެހެއެވެ.
ކަން އޮތީ މިހެން ކަމަށް ވިޔަސް ޖަދަލުކުރުމަށް އިސްލާމްދީން ގޮވައިލާކަމަށް ބައެއް ޢިލްމުވެރީން ވިދާޅުވެފައިވާ ނަމަ، އެއީ ހިތާމަހުރި ކަމެކެވެ. އެއީ ބަހުގެ އޮޅުމެކެވެ. ކީރިތި ޤުރުއާނުގައި ޖަދަލުކުރުމަށް އަމުރު އައިސްފައިވާ ވާކަމަށް މީހަކު ބުނާ ނަމަ، އެހެން ބުނާނީ ދިވެހިބަހުގައި "ޖަދަލު"ގެ މާނަ އެނގިވަޑައިނުގަންނަވާތީއެވެ. ނުވަތަ އެކަމާ ފިކުރު ނުހިންގަވައި އެއްޗެކޭ ވިދާޅުވެވޭތީއެވެ. ޢިލްމު ފެތުރުމުގެ ވާސިޠާއަކީ ބަހެވެ. އިސްލާމްދީނުގެ މަޢުލޫމާތު ކިތަންމެ މޮޅަށް އެނގިފައި ވިޔަސް ދިވެހިބަހުން އެ މަޢުލޫމާތު މީސްތަކުންނާ ހަމަޔަށް ބަލާޣާތްތެރިކަމާއެކު ފޯރުކޮށްދެވޭނީ ބަސް އެނގިގެންނެވެ. ދިވެހި ބަހުގައި "ޖަދަލު"ގެ މާނައާއި ޢަރަބި ބަހުގައި "جدل" ގެ މާނަ އަކީ ކޮބައިކަން އިސްވެ ދެންނެވިފައި އެވަނީއެވެ.
ކީރިތި ޤުރުއާންގައި ޖަދަލުކުރުމަށް އަމުރުކުރައްވައިފައިވާކަމަށް ބަޔަކު ފަތުވާދޭ ނަމަ އެ ބަޔަކު ނުވަތަ މީހަކު އެ ފަދަ ފަތުވާއެއް އެ ދެނީ، ކީރިތި ޤުރުއާނުގެ سورة النحل ގެ 125 ވަނަ އާޔަތުގައި އޮންނަ جَادِلْهُم މި ކަލިމަ އަށް އިޝާރާތްކޮށްގެންކަމަށް ބެލެވެއެވެ. އެ އާޔަތުގައި މާތް ﷲ ވަޙީކުރައްވައިފައިވަނީ ﴿ادْعُ إِلِى سَبِيلِ رَبِّكَ بِالْحِكْمَةِ وَالْمَوْعِظَةِ الْحَسَنَةِ وَجَادِلْهُم بِالَّتِي هِيَ أَحْسَنُ﴾ (سورة النحل: 125)މި ފަދައިންނެވެ. އެކަމަކު މި އާޔަތުގައި މި އޮންނަ جَادِلْهُم ގެ މާނައަކީ އަރައިރުންވެ ގެރިޒުވާބުކޮށް ހަމަނުޖެހުން އުފައްދާ ވާހަކައެއް ނޫނެވެ. މި ފަދަ ކަމަކަށް އިސްލާމް ދީން އަމުރުކުރާކަމަށް މުސްތަޝްރިޤުން ވެސް ބުނާނެހެނެއް ހީޔެއް ނުވެއެވެ. އެއީ ޞުލްޙައާއި އަމާންކަމުގެ ދީނުގައި އޮންނާނެ ކަމެއްކަމަކަށް ހެޔޮ ވިސްނޭ މީހަކު ޤަބޫލެއް ނުކުރާނެއެވެ. މި ތާނގައި جَادِلْهُمގެ މާނައަކީ "ރީތި މަގުން ވާހަކަދައްކައި ހެކިދައްކައި" ޙުއްޖަތް ގާއިމުކުރުމެވެ. މި އާޔަތުގެ މުޅި މާނައަށް ބަލައިލަމާތޯއެވެ؟ މި އާޔަތުގެ މާނައަކީ "ޙިކުމަތްތެރިކަމާއި އަދި ރީތި ވަޢުޡުން ކަލޭގެފާނު ހައްދަވައި ބޮޑުކުރެއްވި ކަލާނގެ މަގަށް (ދީނަށް) ކަލޭގެފާނު ގޮވައިލައްވާށެވެ! އަދި ރީތި މަގުން އެބައިމީހުންނާ ކަލޭގެފާނު ވާހަކަދައްކަވައި ހެކިދައްކަވައި އުޅުއްވާށެވެ!" އެހެންވީމާ جَادِلْهُمގެ މާނައަކީ "ރީތި މަގުން ވާހަކަދައްކައި ހެކިދެއްކުން"ކަން ކިތަންމެ ރީތިކޮށް ވެސް އެބަ އެނގެއެވެ. (ނޯޓް: މި އާޔަތުގެ މާނަ އަޅުގަނޑު ނަކަލުކޮށްފައި މި ވަނީ ހިޖުރައިން 1395 ވަނަ އަހަރު މުޙައްރަމް މަހު ފުރަތަމަދުވަހު (14 ޖެނުއަރީ 1975ގައި) ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޝާއިޢުކުރައްވައިފައިވާ "ކީރިތި ޤުރްއާނު ގެ ދިވެހި ތަރުޖަމާ"ގައި ވާ ގޮތަށެވެ.)
"ޖަދަލުކުރުމަކީ ޢިލްމުވެރިންގެ ކަމެއްނޫން" ކަމަށް އަޅުގަނޑު މި ދަންނަވަނީ ޖަދަލުކުރުމުގެ ދިވެހި މާނައިގައެވެ. އެއީ އޮޅިގެން ދަންނަވާ ވާހަކައެއް ނޫނެވެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޢިލްމީ ގޮތުން ކަންކަމާ ބަހުސްކުރުމާއި މީހުން ދައްކާ ވާހަކަތަކާއި ލިޔާ ލިޔުންތަކަށް ޢިލްމީ ގޮތުން "ރީތި މަގުން ވާހަކަދައްކައި ހެކިދެއްކުމަކީ" ކުރާން ޖެހޭނެ ކަމެކެވެ. އެކަމަކު ޖަދަލުކޮށް އަރައިރުންވެ، ގެރިޒުވާބުކުރުމަކީ ޢިލްމީ ބަޔަކު ކުރާނެ ކަމެއް ނޫނެވެ. އަދި މުސްލިމަކު ކޮށްގެންވާނެ ކަމެއް ވެސް ނޫނެވެ. އެއީ ތަހުޒީބު މުޖުތަމަޢަކުން ބަލައިގަންނާނެ ކަމެއް ވެސް ނޫނެވެ. ޖާހިލުންގެ ޖަދަލުކުރުންތަކަށް ރައްދުނުދިނުމަށް ވެސް އިސްލާމް ދީނުގައި ވަނީ އަންގަވައިފައެވެ. سورة الفرقان ގެ 63 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވަނީ ﴿وَعِبَادُ ٱلرَّحۡمَٰنِ ٱلَّذِينَ يَمۡشُونَ عَلَى ٱلۡأَرۡضِ هَوۡنٗا وَإِذَا خَاطَبَهُمُ ٱلۡجَٰهِلُونَ قَالُواْ سَلَامًا﴾ މި ފަދައިންނެވެ. މި އާޔަތުގެ މާނަ ޢިލްމުވެރީން ކުރައްވައިފައިވަނީ އަންނަނިވި ގޮތަށެވެ. "ރަޙުމާނުވަންތަ ރަސްކަލާނގެ އަޅުންނީ، މަޑުމައިތިރިކަމާއެކު ބިމުގައި ހިނގައި އުޅޭ މީހުންނެވެ. އަދި އެއުރެންނާ ޖާހިލުން މުޚާޠަބުކޮށް ވާހަކަދައްކައިފި ހިނދަކު އެއުރެން ސަލާމޭ ބުނެތެވެ.") (އެބަހީ، ޖާހިލުން އެބައިމީހުންނާ މެދު ހުތުރު ބަސްތައް ބުނެ، ނުރަނގަޅު ކަންތައް ކުރުމުން އޭގެ ބަދަލުގައި، ރުޅި ނައިސް، އޯގާވެރި ބަސްތައް ބުނެތެވެ.)
މި ހިސާބުން ޖާހިލުންނަކީ ކޮބައިކަން ބަޔާންކޮށްލުން ލާޒިމުވެއްޖެއެވެ. ޖާހިލުކަމޭ ބުނެވޭ ބަހުގެ އެންމެ ޢާންމު މާނައަކީ ތަންދޮރު ނުދަތުމެވެ. ޢިލްމު ނެތުމެވެ. ނުކިޔަވައި ހުރުމެވެ. ނޭނގުމެވެ. ޖާހިލުކަމުގެ އެންމެ މަތީ ބާވަތަކީ ނޭނގޭކަން ވެސް ނޭނގުމެވެ. ތަންދޮރު ނުދަންނަ މީހުންނަކީ ޖާހިލުންކަމަށް ވާ އިރު ވެސް އެ މީހުންނަކަށް އެ ކަމެއް ނޭނގޭނެއެވެ. މި ފަދަ ޖާހިލުންނަށް ޢިލްމު ދޮރުތައް ހުންނާނީ ބަންދުވެފައެވެ. އެހެނީ ތަޢުލީމު ޙާޞިލުކުރާނީ ނުވަތަ ޢިލްމު އުނގެނޭނީ އޭނާއަށް ނޭނގޭކަން އޭނާއަށް ގަބޫލުކުރެވިގެންނެވެ.
ޖާހިލުންގެ އަނެއް މާނައަކީ ގޮތެއް ފޮތެއް ނެތް، ވިޔަޔާނުދާ ގޮތްކުޑަ މީހުންނެވެ. ބައެއް ޢިލްމުވެރީން ވިދާޅުވާ ގޮތުގައި ދެވަނަ މާނަ ވެސް މި އަންނަނީ ހަމަ ނޭނގުމުގެ ތެރެއިންނެވެ. އެހެނީ އެ ބޭފުޅުން ވިދާޅުވާ ގޮތުގައި އެ ގޮތަށް ވިޔާނުދާކޮށް އުޅޭނީ ޢިލްމު ނެތީމައެވެ. ނަމަވެސް ނޭނގޭ މީހުންގެ ތެރޭގައި ވެސް ވަރަށް ސުލޫކު ރަނގަޅު މީހުން އުޅޭކަން ފާހަގަކުރެވެއެވެ. އަޅުގަނޑުމެން "ވަރަށް ނުބައި ޖާހިލެކޭ" ބުނަކީ ހަމައެކަނި ނުކިޔަވައި ތިބޭ މީހުންނަށް ނިސްބަސްކޮށެއް ނޫނެވެ. ނަމަވެސް އެއީ، ގޮތެއްފޮތެއް ނެތް، އަދަބެއްސަދަބެއް ނެތް، ވިޔާނުދާ ގޮތްކުޑަ ނުބައި ނުލަފާ މީހުންނެވެ. މި ފަދަ މީހުންގެ ވާހަކަތަކަށް ރައްދުދީގެން ނުކުންނާނެ ހެވެއް ނޯންނާނެތީ މާތް ﷲ އަންގަވައިފައި އެ ވަނީ އެ ފަދަ މީހުންނަށް ރައްދު ނުދިނުމަށެވެ. ޖަދަލު ނުކުރުމަށެވެ.
ކީރިތި ޤުރުއާން ޢިލްމުވެރިން ޝަރަޙަކުރައްވައިފައިވާ ގޮތަށް ބަލާއިރު، ދީނަށް ގޮވައިލާން ޖެހެނީ ވެސް ޙިކުމަތްތެރިކަމާއި ރީތި ވަޢުޡުންނެވެ. އަދި ރަނގަޅަށް މީހުންނަށް ވިސްނައިދިނުމަށް ޓަކައި ކުރާންޖެހޭ ކަމަކީ ރީތި މަގުން އެ ފަދަ މީހުންނާ ވާހަކަދައްކަވައި (ނުވަތަ ލިޔުމުން ނަމަވެސް) ހެކިދެއްކުމެވެ. ޖަދަލުކުރުމެއް ނޫނެވެ. މި ގޮތުން ދައްކާ ވާހަކަ ނާހައި، ޖަދަލުކޮށް، ހުތުރު ބަސްތައް ރައްދުކުރާ ޖާހިލުންނަށް ރައްދު ނުދީ "ގުޑްބައި" ކިޔައިފައި (سَلَامއޭ ބުނެފައި) ހިނިތުންވުމާއި އޯގާވެރިކަމާއެކު ދުރަށް ދިޔުމަށް ވުރެ މޮޅު ގޮތެއް ނެތްކަމެވެ. އެހެނީ ޖަދަލުކުރާ މީހަކަށް ޒުވާބު ދީގެން ކުރާނެ ފައިދާއެއް ނޯންނާނެއެވެ.
އާދޭހެވެ! އެއްވެސް ޙާލެއްގައި ޖަދަލުކުރުމަކީ ޢިލްމީ އުޞޫލެއްނޫނެވެ. ތަކުރާރުކޮށް ވެސް ދަންނަވަން އޮތީ ޢިލްމީ އުޞޫލަކީ "ރީތި މަގުން ވާހަކަދައްކައި ހެކިދައްކައި" ޙުއްޖަތް ޤާއިމުކުރުންކަމަށެވެ. ރީތި މަގުން ވާހަކަދައްކައި، އެ ބަޔަކު ބުނާ ގޮތަކީ ރަނގަޅު ގޮތްކަމަށް ހެކިދައްކައި ޙުއްޖަތް ޤާއިމުކުރުމަކީ ބަހުސްކުރުމެވެ. އެއީ ޖަދަލުކުރުމެކޭ ނުކިޔޭނެއެވެ. އެހެނީ "ބަހުސްކުރުން"ކަމަށް ދިވެހިބަހުގެ ރަދީފުގައި ބަޔާންކޮށްފައި ވަނީ އެއީ "ދެބަޔަކު ދެ ގޮތަށް ބުނެގެން އެ ބުނި ގޮތެއް ރަނގަޅުކަމަށް ވާހަކަދެއްކުން" ކަމަށެވެ. އެހެންވީމާ ޖަދަލުކުރުމާއި ބަހުސްކުރުމަކީ ތަފާތު ދެ ކަމެއްކަން އެއްވެސް އޮޅުމެއްނެތި އެބަ ހާމަވެއެވެ. އަދި ޖަދަލުކުރުމަކީ ޖާހިލުންގެ ކަމަކަށް ވާ ފަދައިން ބަހުސްކުރުމަކީ ޢިލްމީ ކަމެއްކަން ވެސް އެބަ ދޭހަވެއެވެ. އަދި ޖަދަލުކުރުމަކީ ތަޢުލީމީ ބަޔަކު ކުރާނެ ކަމަކަށް ނުވާއިރު ޢިލްމީ ބަހުސްކުރުމަކީ ކުރުން ރަނގަޅު ތަހުޒީބު ކަމެއްކަން ވެސް އެބަ ސާބިތުވެއެވެ. ޖަދަލުކުރުމާއި ބަހުސްކުރުމުގެ ފަރަގަކީ މިއީއެވެ.
_____________________________
ޙަވާލާ:
ކީރިތި ޤުރުއާން
ކީރިތި ޤުރްއާނުގެ ދިވެހި ތަރުޖަމާ
ވާރބްއޭސް2008 (ޢަރަބް= އިންގްލިޝް ޑިކްޝަނަރީ)
އަލްމުޞްޙަފު ފޮރ ޑެސްކްޓޮޕް، ވަރޝަން 1.0، ހަރުފް އިންފޮރމޭޝަން ޓެކްނޮލޮޖީ
ދިވެހިބަސްފޮތް 2006، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީމަރުކަޒު