ދަރުމަވަންތަ ހޮސްޕިޓަލް ތަރައްގީކޮށް ހުޅުވުމަކީ ޞިއްޙީ ދާއިރާގެ އިތުރަށް އިގުތިސާދީ ގޮތުން ވެސް ފައިދާހުރި ކަމެކެވެ.
އަބާ މުޙަންމަދު
ދަރުމަވަންތަ ހޮސްޕިޓަލަކީ ރާއްޖޭގައި ޢުމްރާނީ ގޮތުން ބިނާކޮށްފައިވާ އެންމެ އުސް ބިނާއެވެ. 25 ބުރިއަށް ބިނާކޮށްފައިވާ މި ޢިމާރާތުގެ މަސައްކަތް ނިމި، ރަސްމީ ގޮތުން ހޮސްޕިޓަލް ނުހުޅުވެނީސް ރިޔާސީ ދައުރެއް ނިމި އާ ރައީސަކު އެހެން ޕާޓީއަކުން ވެރިކަމާ ޙަވާލުވީއެވެ. ކުރީގެ ސަރުކާރަކުން ކޮށްފައިވާ މަސައްކަތަކަށް ވާތީ ލާގައުމީ ވިސްނުމެއްގައި އެ ސަރުކާރުން އެ ހޮސްޕިޓަލު ހުޅުވައި ބޭނުންކުރާކަށް ބޭނުމެއް ނުވިއެވެ. ނަމަވެސް އެ ޢިމާރާތް ބޭނުންކުރީ، އައިޖީއެމް ހޮސްޕިޓަލުގެ އިތުރުވެންޏެއްގެ ގޮތުގައެވެ. ނަމަވެސް މި ދިޔަ އަހަރު ނޮވެންބަރު 17ގެ ކުރީން ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި އެންމެ ރަނގަޅަށް އެ ޢިމާރާތް ބޭނުންކޮށްފައެއް ވެސް ނުވެއެވެ. އެހެންކަމުން އެތަނުގައި ޤާއިމުކޮށްފައިވާ ޒަމާނީ ގިނަ ވަސީލަތްތަކާއި އެހެނިހެން އާލަތްތައް ބޭނުން ނުކޮށް ހުރުމުގެ ސަބަބުން ހުރީ ހަލާކުވެފައެވެ. ބައެއް ތަކެތި ބޭނުން ނުކުރެވޭ ޙާލަތުގައެވެ.
ނަމަވެސް އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ ގައުމީ ކަންކަމަށް އިސްކަންދެއްވާ، އަދި ޒާތީކަންކަން އިސްނުކުރައްވާ ބޭފުޅަކަށް ވާތީ، އެ މަނިކުފާނު ނިންމެވީ އެ ހޮސްޕިޓަލު، އޭގެ ގޮތުގައި ފުރިހަމައަށް ބޭނުންކުރައްވާށެވެ. އެހެންކަމުން އެ މަނިކުފާނުގެ ޚާއްޞަ އިރުޝާދާއި ލަފާފުޅުގެ މަތީން އެންމެ ޒަމާނީ ފެންވަރުގެ ވަސީލަތްތައް އެ ހޮސްޕިޓަލުގައި އަލުން ޤާއިމުކުރެއްވީއެވެ. އެ މަނިކުފާނުގެ ސިއްޙީ ދާއިރާގެ ވަޢުދުތައް ތަންފީޒުކުރެއްވުމުގެ ޚާއްޞަ މަސައްކަތްޕުޅުގެ ދަށުންނެވެ.
ދަރުމަވަންތަ ހިސްޕިޓަލުގެ މޫނުމަތި<br>
މި ގޮތުގެ މަތީން އައު ޚިދުމަތްތަކާއެކު ތިނެވި ފެންވަރަށް ތަރައްޤީކޮށްފައިވާ އެ ހޮސްޕިޓަލު ރަސްމީކޮށް ރޭ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުއްވައިދެއްވައި ސަރުކާރުގެ މައި ހޮސްޕިޓަލުގެ ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލު ހަމަޖައްސަވައިފައެވެ. އަދި ދަރިމައިވުމުގެ ސިއްޙަތުގެ ފަރުވާގެ ޤައުމީ މަރުކަޒެއް މުޅީން އަލަށް މި ހޮސްޕިޓަލުގައި މިހާރު ޤާއިމްކޮށް ޚިދުމަތްދޭން ވަނީ ފަށައިފައެވެ. މި މަރުކަޒު ޤާއިމްކޮށްފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 22 ވަނަ ތައްޓުގައެވެ. މިހާރު މި ހޮސްޕިޓަލުގައި ދަރިމައިވުމުގެ ސިއްޙަތުގެ ފަރުވާއާއި، ހިތާއި ނާރުގެ އޮޕަރޭޝަންތަކަށް ޚާއްޞަ ކެތުލެބާއި، ކުޑަކުދިންނަށް ޚާއްޞަ އެމަޖެންސީ ފަރުވާ ލިބޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.
އައިޖީއެމް ހޮސްޕިޓަލުގެ ގެ ތަފާސްހިސާބު ދައްކާ ގޮތުން އެ ހޮސްޕިޓަލުން ކުއްލި ފަރުވާ ހޯދާ މީހުންގެ %20އަކީ ކުޑަކުދިންނެވެ. އެހެންވީމާ، 11 އެނދާ އެކު ޤާއިމްކުރި ކުޑަކުދީންގެ ކުއްލި ފަރުވާއާ އެކު ކުޑަކުދީން ކިއުގައި މަޑުކުރާންޖެހޭ ޖެހުން ނިމުމަކަށް އަންނާނެއެވެ.
ދަރުމަވަންތަ ހޮސްޕިޓަލް ބިނާކޮށްފައިވަނީ 25 ތައްޓަށެވެ.<br>
ދަރުމަވަންތަ ހޮސްޕިޓަލުގައި ޤާއިމްކުރި އައު ޚިދުމަތްތަކާއެކު ސިއްޙީ ދާއިރާއަށް އިންގިލާބީ ބަދަލެއް އަންނާނެކަމަށް ގަބޫލުކުރެވެއެވެ. އަދި ޒަމާނުއްސުރެ ރާއްޖެއިން ބޭރު ކަރަކަރައިން ހޯދާ ސިއްޙީ ފަރުވާހޯދުމަށް ކުރާ ހޭދަ އެތައް ގުނައެއް ކުޑަވެ އާއިލާ ކައިރީގައިތިބެ ޚިދުމަތް ހޯދުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ. ނަތީޖާއެއްގެ ގޮތުން ޞިއްޙީ ޚިދުމަތް ހޯދާން ރާއްޖެއިން ބޭރަށް ގޮސް ކުރާ ހޭދަތައް ކުޑަކުރެވޭނެއެވެ. މިއީ އިގުތިސާދީ ގޮތުން ގައުމަށް ވަރަށް ފައިދާހުރި ކަމެކެވެ.
ރައީސް ޔާމީންގެ ޒަޢާމަތުގައި އޭރުގެ ހައުސިން މިނިސްޓަރ (މިހާރުގެ ރައީސުލްޖުމްހޫރިއްޔާ) ޑރ. މުޙަންމަދު މުޢިއްޒުގެ ޚާސްޞަ ބެއްލެވުމުގެ ދަށުން ބިނާކުރި މި ފުރިހަމަ ޢިމާރާތް ވީރާނާވާން ދޫކޮށްލުމަކީ ރައީސް ޑރ. މުޙަންމަދު މުޢިއްޒުގެ ހިތްފުޅަށް ކުޅަދާނަފުޅުކަމަށް ނުވާނެކަން ކަށަވަރެވެ. އަދި މި ތާންގެ ވަސީލަތްތައް ގާއިމުކުރުމުގައި އޭރުގެ ހެލްތު މިނިސްޓަރ އަދި މިހާރުގެ ވެސް ހެލްތު މިނިސްޓަރގެ ޙިއްސާ ވެސް އެބަ އޮތެވެ. އެހެންކަމުން ދަރުމަވަންތަ ހޮސްޕިޓަލު އަލުން ތަރައްގީކޮށް ޒަމާނީ ގިނަ ޚިދުމަތްތަކާ އެކު ރާއްޖޭގެ މައި ހޮސްޕިޓަލުގެ ގޮތުގައި، އެ ހޮސްޕިޓަލު ރަސްމީކޮށް ހުޅުއްވައިދެއްވުމަކީ ރާއްޖޭގެ ޞިއްޙި ދާއިރާއަށާއި ގައުމުގެ އިގުތިޞަދަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒު އެޅުއްވި ވަރަށް ހަރުދަނާ ރަނގަޅު ފިޔަވަޅެއްކަން ކަށަވަރެވެ. މި ކަމަށް ޓަކައި ރައީސް ޑރ. މުޙަންމަދު މުޢިޒަށާއި ހެލްތު މިނިސްޓަރ، ޢަބްދުﷲ ނާޒިމަށް ވަރަށް އިޚުލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވަމެވެ.
_______________________________________
އިތުރުވެނި ނ. (1) ބިނާއަކަށް އަލަށް އިތުރުކޮށްފައިވާ ބައި. (1) Annex
ތައްޓު ނ. (1) ފުރާދުއްވާ އުޅަނދުފަހަރުގެ ވަތްތަކުގެ މަތީގައި އަޅައިފައި އޮންނަ ޑެގު. (2) ބުރިބުރިއަށް އިމާރާތްކޮށްފައިވާ ޢިމާތާރުގައި އެކި ބުރިބުރީގައި އަޅައިފައިވާ ތަޅުން. (3) floor
ތަފާސްހިސާބު ނ. (1) ހޯދައިބަލައިފައިވާ ޢަދަދުތަކަކުން ދޭ މަޢުލޫމާތު. (2) Statistics
ތިނެވި ނއ. (1) މަސައްކަތެއް ނުވަތަ ޚިދުމަތެއްގެ ދާއިރާގައި ތިންވަނަ މަރުހަލާއަށް ނުވަތަ ފިޔަވައްސަށް ނިސްބަތްވާ. (2) ދަރަޖައިގެ ގޮތުން ތިންވަނަ. (3) tertiary