މުޞީބާތެއް ކުރިމަތިވުމުން ޤުނޫތު ކިޔޭނީ ކިހައި ދުވަހަކު؟
އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
މުސްލިމުންނާ މުޞީބާތެއް ކުރިމަތިވުމުން، މި މުޞީބާތުން ސަލާމަތްކޮށްދެއްވުން އެދި ދުޢާކުރުމަށް ވަކި ވަގުތުތަކެއް ވަކި މުއްދަތެއް ދީނުގައި ޝަރުޢުކުރައްވައިފައިވޭހެއްޔެވެ؟ އިސްރާއީލުން ޣައްޒާގެ ނިކަމެތި މުސްލިމު އަޚުންނާއި އުޚްތުންނާ ދެކޮޅަށް ލާއިންސާނީ ނިރުބަވެރި ޤަތުލުޢާންމުތައް ހިންގާން ފެށުމުން ރާއްޖޭގައި ވެސް ފަލަސްޠީނު މީހުންނަށް ނަޞްރުދެއްވުން އެދި، އަދި އެ މީހުން އިސްރާއީލުގެ އަނިޔާވެރިކަމުން ސަލާމަތްކޮށްދެއްވުން އެދި ފަރްޟު ނަމާދުތަކުގައި ޤުނޫތުކިޔާން ފެށުނެވެ. ދުވަސްތަކެއް ފަހުން ޖަހުރިއްޔަ ނަމާދުތަކުގައި އެކަނި ޤުނޫތުކިޔުމަށް ބަދަލުވިއެވެ. މިހާރު ބައެއް މިސްކިތްތަކުގައި ޤުނޫތު ކިޔުން ހުއްޓައިލައިފައިވާ ތަން ފެނެއެވެ.
މި ކަމާ މެދު ބައެއް މީހުން ސުވާލުކުރެތެވެ. މިހެންވެ މި ކަމާ ބެހޭ ގޮތުން ޢިލްމުވެރީންގެ ބަސްފުޅުތައް ދަންނަވައިލާނަމެވެ.
ޢިއްޒަތްތެރި ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި އެއް މަސް ދުވަހަށް ވުރެ ދިގު މުއްދަތަކަށް ނަވާޒިލު ޤުނޫތު ކިޔުމަކީ ނަބަވީ ސުންނަތާ ޚިލާފު ކަމެކެވެ. ނަބިއްޔާ صلى الله عليه وسلم، އެއް މަސްދުވަހަށް ވުރެ ދިގު މުއްދަތަކަށް ޤުނޫތު ވިދާޅުވެފައެއް ނުވެއެވެ. ފަރްޟު ނަމާދުތަކުގައި ޤުނޫތު ވިދާޅުވަމުންގެންދަވާ އިމާމުން އެ ކުރައްވަނީ ޝަރުޢާ ޚިލާފު އަދި ނަބަވީ ސުންނަތާ އަރައިރުންވާ ކަމެކެވެ. މި އިމާމުން މި ކަން ކުރައްވަނީ ޖަޒްބާތުގައި ޖެހިވަޑައިގެންނެވެ. ދީނަކީ ހަވާނަފުސާ އެއް ގޮތަށް އޮތް އެއްޗެއްނޫނެވެ. އެހެނަސް ދީނީ ކަންކަން އޮންނާނީ ނައްޞާއި އަޘަރާ އެއް ގޮތަށެވެ. ދީނުގައި އަލަށް ކަންކަން އީޖާދެއް ނުކުރެވޭނެއެވެ. އެ ކަންކަން ވާނީ ބިދްޢައަކަށެވެ.
އައްޠަބަރާނީ އެކަލޭގެފާނުގެ "އަލްމުޢުޖަމު"ގައި، އައްޠަބަރީ އެ ކަލޭގެފާނުގެ މަޝްހޫރު ތާރީޚު ފޮތުގައި، އިބްނު ކަޘީރު އެކަލޭގެފާނުގެ މަޝްހޫރު ތާރީޚު ފޮތް "އަލްބިދާޔަތު ވައްނިހާޔަތު"ގައި، އިބްނު ހިޝާމު އެކަލޭގެފާނުގެ މަޝްހޫރު ފޮތް "އައްސީރަތުލްނަބިވްޔަތު"ގައި ބަޔާންކުރައްވައިފައިވެއެވެ. "އަބޫ ބަރާއު ޢާމިރު ބުނު މާލިކު މަދީނާއަށް އައިސް ރަސޫލާ صلى الله عليه وسلمއާ ބައްދަލުކުރުމުން އެކަލޭގެފާނު މީނާއަށް އިސްލާންދީން ހުށައެޅުއްވިއެވެ. މީނާ އިސްލާމެއް ނުވިއެވެ. އެހެނަސް އޭނާ ދެންނެވިއެވެ. އޭ މުޙައްމަދުގެފާނޭވެ! ކަލޭގެފާނުގެ ޞަޙާބީންގެ ތެރެއިން ބޭކަލުންތަކެއް ނަޖިދުކަރައިގެ މީހުންގެ ގާތަށް ފޮނުއްވައި އިސްލާންދީނަށް ގޮވައިލައްވައިފި ނަމަ ނަޖިދުކަރައިގެ ބަޔަކު އިސްލާންވެދާނެކަމަށް އަޅުގަނޑަށް އުންމީދުކުރެވެއެވެ. ފަހެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ." ނަޖިދުކަރައިގެ މީހުންގެ ފުށުން އެބޭކަލުންނަށް ގެއްލުމެއް ލިބިވަޑައިގެންފާނެތީ ތިމަންކަލޭގެފާނު އެފަދަ ކަމެއް ކުރައްވަން ބިރުފުޅުގަނެއެވެ. އެހިނދު އަބޫބަރާއު ދެންނެވިއެވެ. އަޅުގަނޑު އެ ބޭކަލުންނަށް ޙިމާޔަތްދޭނަމެވެ. އެބޭކަލުން ފޮނުއްވާށެވެ! އަދި ކަލޭގެފާނުގެ ދީނަށް އެ ބޭކަލުން ލައްވައި ގޮވައިލައްވާށެވެ. މީނާގެ ބަހަށް އިތުބާރުކުރައްވައި ރަސޫލާ صلى الله عليه وسلم އަލްމުންޛިރު ބުނު ޢަމްރު. ހަތްދިހަ ޤާރީވެރީންނާ އެކު ފޮނުއްވިއެވެ. މި ބޭކަލުންގެ ތެރޭގައި އަނަސު ބުނު މާލިކުގެފާނުގެ މައިފުށުގެ ބޮޑުބޭބޭފުޅު ޙަރާމު ބުނު މިލްޙާނާއި، ނާފިޢު ބުނު ބަދީލު ބުނު ވަރްޤާއު އާއި، އަބޫބަކްރުގެފާނު މިނިވަންކުރެއްވި ޢާމިރު ބުނު ފުހައިރަތާއި [މި ބޭބޭކަލުން] ހިމެނިވަޑައިގަތެވެ. މި ބޭކަލުން ވަޑައިގެން މަޑުކުރެއްވީ ބިއުރު މަޢޫނާ ނަމަކަށް ކިޔާ ހިސާބެއްގައެވެ. އަދި ރަސޫލާ rގެ ފަތްކޮޅު ހިއްޕަވައިގެން ޙަރާމު ބުނު މިލްޙާން އެ ހިސާބުގެ ވެރިޔާ ޢާމިރު ބުނުއް ޠުފައިލުގެ ގާތަށް ވަޑައިގަތެވެ. މީނާ ރަސޫލާގެ ފަތްކޮޅު ކިޔައިވެސް ނުލައި ޙަރާމުގެފާނަށް ޙަމަލާދީ އެކަލޭގެފާނު ޝަހީދުކޮށްލިއެވެ. މީނާ ގޮސް ބަނީ ޢާމިރު ވަންހައިގެ މީހުންނަށް ރަސޫލާ ފޮނުއްވި ޞަޙާބީންނާ ދެކޮޅަށް ތެދުވުމަށް ގޮވައިލިއެވެ. އަބޫ ބަރާއު ޙިމާޔަތް ދީފައިވާ ބަޔަކަށް ވާތީ ބަނޫ ޢާމިރު ވަންހައިގެ ގިނަ ބަޔަކު މި ކަމަށް އިޖާބައެއް ނުދިނެވެ. އޭނާގެ ގޮވައިލުމަށް އިޖާބަދިނީ ޢުޞައްޔާއާއި ރިޢަލާއި ޛަކްވާނާއި ބަނޫ ލަޙުޔާން ވަންހައިގެ މީހުންނެވެ. މި ބައިމީހުން ރަސޫލާގެ ޞަޙާބީންތައް ޤަތުލުކޮށް ޝަހީދުކޮށްލިއެވެ. މި ޚަބަރު ޖިބްރީލުގެފާނު ވަޑައިގެން ރަސޫލާއަށް ދެއްވިއެވެ. އެ ބޭކަލުން މި ދުނިޔެ ދޫކުރެއްވީ ﷲއާއި ރަސޫލާ صلى الله عليه وسلم ދެކެ ރުހިވަޑައިގަންވާ ޙާލުކޮޅުގައިކަމަށާއި މާތް ﷲ އެބޭކަލުންނަށް ރުއްސުންލައްވައިފައިވާކަމަށް ޖިބްރީލުގެފާނު ރަސޫލާއަށް ދެންނެވިއެވެ.
އިމާމު މުސްލިމު އެކަލޭގެފާނުގެ ޞަޙީޙުގައި މި ޙާދިސާ މާތްﷲ ރުއްސުޔންލެއްވި އަނަސް ބުނު މާލިކުގެފާނު އަރިހުން ރިވާކުރައްވައިފައި ވެއެވެ. މުސްލިމުގެ ރިވާޔަތް ބުނާ ގޮތުގައި ކީރިތި ރަސޫލާ صلى الله عليه وسلم މި ބޭކަލުން ފޮނުއްވީ ދީން އުނގަންނައިދެއްވާށެވެ. މި ބޭކަލުންނަކީ އަންޞާރީންނެވެ. މި ބޭކަލުންނަށް "ޤާރީން"ގެ ލަޤަބު ދެވިފައިވެއެވެ.
ރަސޫލާ صلى الله عليه وسلمގެ ހަދްޔަށާއި ސުންނަތަށް ބަލާ އިރު ބޮޑެތި މުޞީބާތްތަކާއި ތަދުމަޑުކަން މުސްލިމުންނާ ކުރިމަތިވުމުން އެ ކަންކަމުން އަވަހަށް ސަލާމަތްކޮށްދެއްވުން އެދިވަޑައިގެން ރަސޫލާ صلّى اللهُ عليه وسلَّمَ ޤުނޫތު ވިދާޅުވެ ދުޢާކުރައްވައިފައި ވެއެވެ. މާތްﷲ، އެ ދެބަފައިކަލުންނަށް ރުއްސުންލެއްވި އިބްނު ޢައްބާސުގެފާނު އަރިހުން ރިވާވެގެންވެއެވެ. ((ރަސޫލާ صلى الله عليه وسلم، އެއް މަސް ދުވަސް ވަންދެން މެދުކަނޑުއްވައިނުލައްވައި ފަރްޟު ފަސްނަމާދުގައި ޤުނޫތު ވިދާޅުވިއެވެ. އެންމެ ފަހު ރަކްޢަތުގައި އިޢުތިދާލުގައި ހުންނަވައެވެ. ބަނޫ ސުލައިމުގެ އަވަށްތަކެއްކަމުގައިވާ ރިޢަލްއާއި ޛަކްވާނާއި ޢަޞިއްޔަތުގެ މައްޗަށެވެ. އެކަލޭގެފާނުގެ ފަހަތްޕުޅުގައި ނަމާދުކުރި މީހުން އާމީން ކިއެވެ.))[1]
ނަބިއްޔާ صلى الله عليه وسلمގެ އަރިހުން ސާބިތުވެފައިވާ ގޮތުގައި އަޙުޒާބުގެ އަހުލުވެރީންގެ މައްޗަށް އަލިފާނާއި ބިންހެލުމުން ނަޞްރުދެއްވުމަށް އެކަލޭގެފާނު ދުޢާކުރެއްވިއެވެ. މާތް ﷲ ރުއްސުންލެއްވި ޢަލީ ބުނު އަބީ ޠާލިބުގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. ((رسولَ اللهِ صلّى اللهُ عليه وسلَّمَ ޙަދީސްކުރެއްވި އަޑުފުޅު އެއްސެވީމެވެ. އެބައިމީހުން އަހުރެމެން މެދުނަމާދުކުރުމުން އަވަދިނެތިކުރޫއެވެ. މާތް ﷲ އެ މީހުންގެ ކަށްވަޅުތަކާއި ގެދޮރުތަކާއި އެތެރެހަށިތައް އަލިފާނުން ފުރައިލައްވާހުށްޓެވެ!))[2]
މުޝްރިކުންގެ ތެރެއިން މުސްލިމުންނާ ހަނގުރާމަކުރާ މީހުން ބަލިކުރެއްވުމަށް ރަސޫލާ صلى الله عليه وسلم ދުޢާކުރެއްވި ފަދައިން ހަނގުރާމަނުކުރާ މީހުންނަށް ހިދާޔަތުދެއްވުމަށް އެކަލޭގެފާނު ދުޢާކުރައްވައިފައިވެއެވެ. ކައު ރަސޫލާ صلى الله عليه وسلم ދުޢާފުޅުކުރައްވައި ޙަދީޘްކުރެއްވިއެވެ. ((اللَّهُمَّ اهْدِ دَوْسًا[3] - ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އައުސް ވަންހައިގެ މީހުންނަށް ހިދާޔަތްދެއްވާނދޭވެ!))
ޝައިޚުލްއިސްލާމި އިބްނު ތައިމިއްޔާ ވިދާޅުވިއެވެ. "ނަވާޒިލުގެ ވަގުތުގައި ޤުނޫތު ކިޔުމަކީ ސުންނަތެކެވެ. ރާޝިދު ޚަލީފާއިން ހިންގަވައިފައި ވަނީ މި މަގުންނެވެ. ދީނީ ޢިލްމުވެރީން ވިދާޅުވަނީ މި ފަދައިންނެވެ. އިބްނު ތައިމިއްޔާ އިތުރަށް ވިދާޅުވިއެވެ. ނާޒިލާއެއް ކުރިމަތިވުމުން އެ ނާޒިލާއަކާ އެކަށީގެންވާ ގޮތުގެ މަތިން ޤުނޫތު ކިޔައި ދުޢާކުރާން ވާނެއެވެ." އިބްނުލް ޤައްޔިމު ވިދާޅުވިއެވެ. "ނަބިއްޔާ صلى الله عليه وسلمގެ ހަދްޔަކީ ނާޒިލާއެއް ކުރިމަތިވުމުން ޤުނޫތު ކިޔައި ދުޢާކުރުމެވެ. އެ ނާޒިލާއެއް ނިމުމުން ނުވަތަ ފިއްލެވުމުން ޤުނޫތު ކިޔުން ހުއްޓައިލުމެވެ. އެކަލޭގެފާނު ފަތިސް ނަމާދުގައި ގިނަގިނައިން ޤުނޫތު ވިދާޅުވިޔަސް، އެއީ ފަތިސް ނަމާދަށް ޚާއްޞަކުރައްވައިގެން ކުރައްވައިފައިވާ ކަމެއްނޫނެވެ. ފަތިސް ނަމާދުގައި އާދަކޮށް ޤުނޫތު ވިދާޅުވެފައެއް ނުވެއެވެ.
އަބޫ ދާވޫދާއި އައްނަސާއީގެ ރިވާޔަތް ބުނާ ގޮތުގައި އަނަސުގެފާނަށް ދެންނެވުނެވެ. ((ރަސޫލާﷲ ﷺ ފަތިސްނަމާދުގައި ޤުނޫތު ވިދާޅުވިތޯއެވެ؟ އަނަސުގެ ވިދާޅުވިއެވެ. އާނއެކެވެ. ދެންނެވުނެވެ. ޤުނޫތު ވިދާޅުވީ ރުކޫޢުކުރެއްވުމުގެ ކުރީންތޯއެވެ؟ ނުވަތަ ފަހުންތޯއެވެ. ވިދާޅުވިއެވެ. ރުކޫއުން ތެދުވެވަޑައިގަތުމަށް ފަހުގައެވެ.)) އެހެން ރިވާޔަތެއް ބުނާ ގޮތުގައި ރަސޫލުﷲގެފާނު އެއް މަސް ދުވަހު ޤުނޫތު ވިދާޅުވެފައި ޤުނޫތު ވިދާޅުވުން ހުއްޓަވައިލެއްވިއެވެ. އައްނަސާއީގެ ރިވާޔަތް ބުނާ ގޮތުގައި ރަސޫލުﷲގެފާނު ރިޢުލަށާއި ޛަކްވާނަށާއި ލިޙުޔާނަށް ލަޢުނަތްލެއްވުން އެދި އެއް މަސް ދުވަސް ވަންދެން ދުޢާކުރެއްވިއެވެ."
އިސްވެދިޔަ ވާހަކަތަކާ އެކު އުފެދޭ ސުވާލަކީ ނާޒިލާއެއް ކުރިމަތިވުމުން އެއް މަސްދުވަހު ޤުނޫތު ކިޔުމަކީ ތައުޤީފީ އަޅުކަމެއް ހެއްޔެވެ؟ އެބަހީ އެއީ ޤުރްއާނާއި ސުންނަތުގެ ނައްޞުން ވާރިދުވެފައިވާ ކަމެއްހެއްޔެވެ؟ ޤުނޫތު ކިޔާން ފަށައިފި ނަމަ އެއް މަސް ދުވަސް ވަންދެން އެ ކަން ކުރާން ޖެހޭނެހެއްޔެވެ؟ އެ މުއްދަތަށް އުނިއިތުރު ގެނެވިދާނެ ހެއްޔެވެ؟ އެއް މަސް ދުވަސް އެއީ އެންމެ މަދު މިންވަރުހެއްޔެވެ؟
މުއްދަތަކީ އޭގެ ޒާތުގައި މަޤްޞަދެއްހެއްޔެވެ؟ އެއީ ނާޒިލާއާ ގުޅިފައިވާ ކަމެއް ނޫންހެއްޔެވެ؟ ނާޒިލާ ދެމިއޮތްހާ ދުވަހަކު ޤުނޫތު ކިޔޭނެހެއްޔެވެ؟ ނާޒިލާ ނިމުމުން ޤުނޫތުކިޔުން ހުއްޓައެއް ނުލެވޭނެހެއްޔެވެ؟
އަޞްލަށް ބަލާ އިރު، ޤުނޫތު ގުޅިފައި މި ވަނީ ނާޒިލާއާއެވެ. މި ނާޒިލާ ދެމި އޮތް ނަމަ، ޤުނޫތު ކިޔަމުން ދެވޭނެއެވެ. ނާޒިލާއަށް ނިމުމެއް އަތުވެއްޖެ ނަމަ، ޤުނޫތު ކިޔުން ހުއްޓައިލެވޭނެއެވެ. މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރަތުގެފާނުގެ އަރިހުން މުސްލިމު ރިވާކުރެއްވި ބަސްފުޅުގައި ވެއެވެ. ((ނަބިއްޔާ r، އެއް މަސްދުވަސް ވަންދެން ނަމާދުގައި ފަހު ރަކްޢަތުގައި سمع الله لمن حمده އަށް ފަހު، ޤުނޫތު ވިދާޅުވިއެވެ. އެކަލޭގެފާނު ޤުނޫތުގައި ވިދާޅުވިއެވެ. اللَّهُمَّ أَنْجِ الوَلِيدَ بنَ الوَلِيدَ، اللَّهُمَّ نَجِّ سَلَمَةَ بنَ هِشامٍ، اللَّهُمَّ نَجِّ عَيّاشَ بنَ أَبِي رَبِيعَةَ اللَّهُمَّ نَجِّ المُسْتَضْعَفِينَ مِنَ المُؤْمِنِينَ، اللَّهُمَّ اشْدُدْ وَطْأَتَكَ على مُضَرَ، اللَّهُمَّ اجْعَلْها عليهم سِنِينَ كَسِنِي يُوسُفَ [4] - ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! އަލްވަލީދު ބުނުލްވަލީދު ނަޖާކުރައްވާނދޭވެ! ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! ސަލަމަތު ބުނު ހިޝާމު ނަޖާކުރައްވާނދޭވެ! ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ޢައްޔާޝް ބުނު އަބީ ރަބީޢަތު ނަޖާކުރައްވާނދޭވެ! ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! މުއުމިނުތަކުންގެ ނިކަމެތީން ނަޖާކުރައްވާނދޭވެ! ހައްދަވާބޮޑުކުރެއްވިރަސްކަލާކޮ! މުޟަރު ވަންހައިގެ މައްޗަށް އިބަރަސްކާލަނގެ ތަދުމަނޑުކަން ބޮޑުކުރައްވާނދޭވެ! ޔޫސޫފުގެފާނުގެ އަހަރުތައް ފަދަ ދަތި އަހަރުތަކެއް އެބައިމީހުންގެ މައްޗަށް ލައްވާނދޭވެ!)) އަބޫހުރައިރަތުގެފާނު ވިދާޅުވިއެވެ. އެއަށްފަހު ރަސޫލުﷲ ﷺ އެބައިމީހުންނަށް ޓަކައި ދުޢާކުރެއްވުން ހުއްޓައިލެއްވިއެވެ. އެ ކަމާ ބެހޭ ގޮތުން ރަސޫލާއަށް ސުވާލުކުރެވުމުން ޙަދީސްކުރެއްވިއެވެ. އެބައިމީހުން ސަލާމަތުން އެނބުރި އައި ތަން ތިބާއަކަށް ނުފެނޭހެއްޔެވެ؟))
ކީރިތި ރަސޫލާ r ޞަޙާބީންނަށް ޓަކައި ދުޢާފުޅުކުރެއްވީ މުޝްރިކުންގެ ކިބައިން އެ ބޭކަލުން ސަލާމަތްކުރެއްވުމަށް ޓަކައެވެ. އެބޭކަލުން ސަލާމަތުން އެނބުރިވަޑައިގަތުމުން އެބޭކަލުންނަށް ޓަކައި ދުޢާކުރުމުގެ ބޭނުމެއް ނެތެވެ. ރަސޫލާ ކާފިރުންގެ މައްޗަށް ކުރެއްވި ދުޢާ ވެސް ހުއްޓައިލެއްވީ އެބައިމީހުންގެ ތެރެއިން ބައެއް މީހުން އިސްލާންވުމުންނެވެ. އަދި ބައެއް މީހުން މަރުވެ ނެތިދިޔުމުންނެވެ. އެހެންކަމުން އެމީހުންގެ މައްޗަށް ދުޢާކުރުމުގެ ބޭނުމެއް ނެތެވެ.
މި ޙަދީސް ބަޔާންކުރެއްވުމަށް ފަހު އިބްނު ޙިއްބާން ވިދާޅުވިއެވެ. "މި ޚަބަރުން ސާފުކޮށް އެނގޭގޮތުގައި ނަމާދުގައި ޤުނޫތު ވިދާޅުވެފައި މި ވަނީ ކަމެއް ހިނގުމުންނެވެ. މި ޙާލަތު ނެތި ދިޔުމުން ދެން ޤުނޫތުކިޔުމުގެ ބޭނުމެއް ނެތެވެ."
އިސްވެ ދިޔަ ބަސްފުޅުތަކުންނާއި ނައްޞުތަކުން އެނގޭ ގޮތުގައި ނާޒިލާއެއް ކުރިމަތިވުމުން ޤުނޫތު ކިޔުމާއި ޤުނޫތުކިޔުން ހުއްޓައިލުން ގުޅިފައި ވަނީ އެ ނާޒިލާގެ ދެމިއޮތުމާއި ނެތުމަށެވެ. އަލްއިމާމު އިބްނު ތައިމިއްޔާ ވިދާޅުވިއެވެ. "ޢިލްމުވެރީންގެ ވާހަކަފުޅުތަކުން ބަޔާންވެ އެނގެނީ ނަވާޒިލެއް ކުރިމަތިވުމުން ޤުނޫތުކިޔާ އިރު، ހިތަށް އަރާ ބަސްތަކަކުން ދުޢާކޮށްފައެއް ނުވާނެއެވެ. އެހެނަސް ދުޢާކުރާންވާނީ ޝަރްޢުގައި ވާރިދުވެފައިވާ މުނާސަބު ދުޢާތަކުންނެވެ.[5]
މިއަދުގެ ޢިލްމުވެރީންނާއި ފަތުވާ ވިދާރާތަކުގެ ރައުޔު ބުނާގޮތުގައި ނާޒިލާ ދެމިއޮތް ނަމަ ޤުނޫތުކިޔުން ކުރިއަށް ގެންދިޔުން ހުއްދަވާނެއެވެ. އައްޝައިޚު އަލްމަރްޙޫމު ބިން ބާޒުގެ ރިޔާސަތުގައި ސުޢޫދީ ފަތުވާ ވިދާރާއިން ނެރެފައިވާ ފަތުވާ ނަންބަރު: 7268 ބުނާ ގޮތުގައި ނާޒިލާގެ ޙާލަތަށް ބަލައި، އެއް މަސްދުވަހަށް ވުރެ ދިގު މުއްދަތަކަށް ޤުނޫތު ކިޔުން ހުއްދަވާނެއެވެ.
އިސްލާމީ އުންމަތުގެ މިއަދުގެ ޙާލަތަށް ބަލާއިރު މުސްލިމުން މި ތިބީ ޖިހާދު ވާޖިބުވެފައިވާ ޙާލަތެއްގައެވެ. ކޮންމެ މީހަކު ވެސް އެ މީހަކަށް ކުޅަދާނަވެގެންވީ މިންވަރަކުންނެވެ. ކުޅަދާނަވެގެންވާ މައިދާނެއްގައެވެ. ޖިހާދުގެ ތެރޭގައި ނަފުސުގެ ޖިހާދާއި މުދަލުގެ ޖިހާދާއި ދުޢާގެ ޖިހާދާއި ކަލިމައިގެ ޖިހާދު ހިމެނެއެވެ. ޤުނޫތު ހުއްޓައިނުލައި ކުރިއަށް ގެންދިޔުމަކީ ދުޢާގެ ޖިހާދެވެ. އެއީ ޖިހާދުގެ އެންމެ ކުޑަ މިންވަރެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. (( وَجَٰهِدْهُم بِهِۦ جِهَادًا كَبِيرًا [6]- އަދި އެ قرآنން ބޮޑުވެގެންވާ ޖިހާދަކުން ކަލޭގެފާނު އެއުރެންނާ ޖިހާދުކުރައްވާށެވެ!))
ޞިހުޔޫނީން ފޭރިގެންފައިވާ ފަލަސްޠީނުގެ ބިންތައް މިނިވަންކުރުމަށާއި ފަލަސްޠީނު މީހުންގެ ނަސްލު ނައްތައިލުމަށް ޓަކައި ހިންގަމުންދާ ލާއިންސާނީ ނިރުބަވެރި ޤަތުލުޢާންމުތަކާއި ނަސްލުހޭދުން ސަލާމަތްވުމަށް ޓަކައި ފަލަސްޠީނީން ޖާނުން ޤުރްބާންވަމުންދާ އިރު، އެ މީހުންނަށް ނަޞްރުދިނުމަށް ޓަކައި، މުސްލިމުންނަށް މި އޮތީ މުދަލުންނާއި ދުޢާއިންނާއި ކަލިމައިން ޖިހާދުގައި ބައިވެރިވުން ލާޒިމުވެފައެވެ. رسول الله ﷺ ޙަދީސްކުރެއްވިއެވެ. ((جاهِدوا المُشركينَ بأَموالِكُم وأَنفُسِكُم وأَلسِنَتِكُم [7]–- ތިޔަބައިމީހުން މުޝްރިކުންނާ ދެކޮޅަށް މުދަލުންނާއި ނަފުސުންނާއި ދުލުން ޖިހާދުކުރާށެވެ!))
___________________________________________
ނަސްލުހޭދު ނ. އިންސާނީ ނަސްލެއް ނައްތައިލުމަށް ޓަކައި ގަސްތުގައި މަރައި ހުސްކުރުމުގެ ޢަމަލު.
ނިރުބަވެރި ނއ. (1) އާދަޔާ ޚިލާފަށް ބިރުވެރިކަން އުފައްދާ ނުވަތަ ބިރުވެރިކަން ފަތުރާ. (2) އާދަޔާ ޚިލާފަށް ބިރުވެރިކަން އުފައްދާ ނުވަތަ ބިރުވެރިކަން ފަތުރާ .
ޤަތުލުޢާންމު ނ. ރަހުމުކުޑަ ގޮތެއްގައި ނުވަތަ އަނިޔާވެރިކޮށް އެތައް ބައިވަރު ބަޔަކު މަރައިލުމުގެ ޢަމަލު.
[1] - رواه أبو داود وحسنه الألباني.
[2] - أخرجه البخاري (٢٩٣١)، ومسلم (٦٢٧)، والترمذي (٢٩٨٤)، والنسائي (٤٧٣)، وابن ماجه (٦٨٤)، وأحمد (١٠٣٦)
[3] - أخرجه البخاري (٤٣٩٢)، ومسلم (٢٥٢٤)
[4] - أخرجه البخاري (٦٢٠٠)، ومسلم (٦٧٥)، والنسائي (١٠٧٣)، وابن ماجه (١٢٤٤)، وأحمد (١٠٧٥٤)
[5] - مجموع الفتاوى : (23/ 115)
[6] - الفرقان : 52
[7] - أخرجه أبو داود (٢٥٠٤)، وأحمد (١٢٢٦٨) والنسائي (٣٠٩٦)