އިސްވާރީ ޢަމަލުތަކަށް ހިތްވަރުދޭ ޢުލަމާއީ ނަމޫނާތަކުގެ ތެރެއިން އަބޫބަކްރުއްޞިއްދީޤު (3)
އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
(2024 ނޮވެންބަރު 04ގައި ޝާއިޢުކުރި ބަޔާ ގުޅޭ)
އައްޞިއްދީޤު ﷺއަކީ ބޮޑެތި ފިރިހެނުންގެ ތެރެއިން އިސްލާންދީން ޤަބޫލުކުރެއްވި އެންމެ ފުރަތަމަ މީހާއެވެ.އެކަލޭގެފާނު ލޮބުވެތި ރަސޫލާ ﷺގެ އަރިހުން ދީން އުނގެނިވަޑައިގެން ދީނަށް ގޮވައިލެއްވުމުގެ މަސައްކަތް ސިއްރިއްޔާތުގައި ކުރިއަށް ގެންދެވިއެވެ. އެކަލޭގެފާނު މި ދުނިޔެ ދޫކުރައްވައިފުމަށް ދާންދެން އިސްލާންދީން ފެތުރުއްވުމަށް ޓަކައި ތަފާތު ސިފަސިފައިގައި މަސައްކަތްޕުޅު ކުރައްވައިފައިވެއެވެ.
އަބޫބަކްރުގެފާނު ﷺ ދީނަށް ގޮވައިލެއްވުމުގެ ސަބަބުން ނުކުތް މޭވާތައް ވަރަށް ފޮންޏެވެ. ކީރިތި ރަސޫލާގެ އެންމެ އަރިސް ޞަޙާބީންގެ ތެރޭގައި އަބޫބަކްރުގެފާނުގެ ދަޢުވަތު ޤަބޫލުކުރައްވައި އިސްލާންވެވަޑައިގެންނެވި ބޭކަލުން ވެއެވެ. އެއިގެ ތެރޭގައި އެބޭކަލުންނަށް ރުއްސުންލެއްވި : އައްޒުބައިރު ބުނުލްޢައްވާމާއި، ޢުޘްމާނު ބުނު ޢައްފާނާއި ، ޠަލްޙަތު ބުނު ޢުބައުދުﷲއާއި ، ސަޢުދު ބުނު އަބީ ވައްޤާޞާއި، ޢަބްދުއްރަޙްމާނު ބުނު ޢައުފާއި، އަބޫ ސަލަމަތު ބުނު ޢަބްދުލްއަސަދާއި ، އަލްއަރްޤަމު ބުނުލް އަރްޤަމު ފަދަ ނަމޫނާ ބޭކަލުންތަކެއް ވެއެވެ. މީގެ ތެރެއިން ބައެއް ބޭކަލުންނަކީ ސުވަރުގެވަންތަވެރިކަމުގެ ހެޔޮ ޚަބަރު ރަސޫލުﷲގެފާނު ދެއްވައިފައިވާ ދީނުގެ މަގުގައި ޖިހާދުކުރެއްވި ބޮޑެތި އިސްވާރުންނެވެ.
އަބޫބަކްރުގެފާނު އިސްލާންވެވަޑައިގެންނެވި އިރު އެކަލޭގެފާނަކީ ޤުރައިޝުންގެ ތެރޭގައި ތިބި މުއްސަނދީންގެ ސަފުގައި ހިމެނިވަޑައިގެންނެވި ބޭކަލެކެވެ. އެކަލޭގެފާނުގެ އަތްޕުޅުގައި ސާޅީހަކަށް ހާސް ދީނާރު އޮތެވެ. އެއީ 24 ކެރެޓުގެ 170 ކީލޯ ރަނެވެ. މި ހުރިހާ މުދަލެއް އެކަލޭގެފާނު ހޭދަކުރައްވައިފައިވަނީ ﷲގެ މަގުގައެވެ. އަޅުން މިނިވަންކުރެއްވުމަށާއި އިސްލާމީ ޖިހާދަށާއި ދީނަށް ގޮވައިލެއްވުމަށާއި މުސްލިމުންނަށް އެހީވުމަށެވެ. އަބޫބަކްރުގެފާނު މިނިވަންކުރެއްވި ބޭފުޅުންގެ ތެރޭގައި ނަން އެނގޭ ހަތް ބޭފުޅަކުވެއެވެ. އެއީ : މާތްﷲ އެބޭކަލުންނަށާއި ކަނބަލުންނަށް ރުއްސުންލެއްވި ބިލާލުގެފާނާއި ، ޢާމިރު ބުނު ފުހައިރަތާއި، ޒިންނީރާއާއި އަލްހިންދިއްޔާއާއި އެކަމަނާގެ ދަރިކަނބަލުންނާއި، ބަނީ މުއައްމިލުގެ ޖާރިޔާއާއި ، އުއްމު ޢުބައިސެވެ. މިއީ އިސްލާންވެވަޑައިގަތުމުގެ ސަބަބުން ޢަޒާބާއި ވޭންތައް ތަޙައްމުލުކުރެއްވި ޞަޙާބީންތަކެކެވެ. މި ބޭކަލުން އަޅުވެތިކަމުން މިނިވަންވެވަޑައިގަތީ އަބޫބަކްރުގެފާނުގެ ސަބަބުންނެވެ.
މާތް ﷲ ރުއްސުންލެއްވި އަނަސު ބުނު މާލިކުގެފާނު އަރިހުން ރިވާވެގެންވާ ގޮތުގައި މަދީނާއަށް ހިޖްރަކުރެއްވުމަށް މައްކާއިން ނުކުމެވަޑައިގެން ރޭ ޘައުރު ފަރުބަދައިގެ ހޮހަޅައިގެ ތެރެއަށް ރަސޫލާ ވަދެވަޑައިގަތުމުގެ ކުރިން އަބޫބަކްރުގެފާނު ވަދެވަޑައިގެންނެވިއެވެ. އެކަލޭގެފާނު ރަސޫލާއަށް ދެންނެވިއެވެ. ކަލޭގެފާނަށް ވުރެ ކުރިން އަޅުގަނޑު ވަންނަން ހުއްދަދެއްވާށެވެ. ހަރުފައެއް ފަދަ އެއްޗެއް އުޅެފާނެތީއެވެ. އޭރުން އޭއްޗެއް ވިހަލާނީ އަޅުގަނޑުގެ ގައިގައި ނޫންތޯއެވެ؟ އޭރުން އަޅުގަނޑު މަރުވިޔަސް ކަލޭގެފާނު ސަލާމަތްވެވަޑައިގަންނަވާނެއެވެ.
އެތާނގެ އެތެރޭގައި ހުރި ހިލަތަކާއި ލޯވަޅުތަކުގެ ތެރޭގައި އެއްވެސް ދިރޭ އެއްޗެއް އުޅޭތޯ ބެއްލެވިއެވެ. އެކަލޭގެފާނުގެ އަތްޕުޅުގައި ހިލަގަނޑެއް ޖެހިއްޖެނަމަ އެކަލޭގެފާނުގެ ފޮށާކޮޅުން ތަންކޮޅެއް އިރާލައްވައި އެ ހިލަގަނޑުގައި އޮޅައިލައްވައި އެއިގެ ތެރެއިން އެއްޗެއް ނުނުކުމެވޭގޮތް ހެއްދެވިއެވެ. މުޅި ފޮށާކޮޅު ހުސްވެގެން ގޮސް އެންމެ ފަހު ހިލަގަނޑު ބޭއްވެވީ އެކަލޭގެފާނުގެ ފުންނާބުފުޅުމަތީގައެވެ. ހެނދުނު ރަސޫލާ ހޭފުޅުލައްވައި ބައްލަވާލައްވާފައި ވިދާޅުވިއެވެ. ކަލޭގެފާނުގެ ފޮށާކޮޅު ކޮބައިތޯއެވެ؟ އެކަން ހިނގި ގޮތް ރަސޫލާއަށް ދެންނެވުމުން ރަސޫލާ ދެއަތްޕުޅު މައްޗަށް ނަންގަވާ ދުޢާފުޅުކުރެއްވިއެވެ.((ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! ޤިޔާމަތްދުވަހުން މި އަޅާއާއެކު އެއް ދަރަޖައިގައި އަބޫބަކްރުގެފާނު ލައްވާނދޭވެ! އެހިނދު ﷲ ޢައްޒަ ވަ ޖައްލަ މި ދުޢާ ޤަބޫލުފުޅުކުރައްވައިފި ކަން ރަސޫލާއަށް ވަޙީކުރެއްވިއެވެ.))
މާތް ﷲ އެކަލޭގެފާނަށް ރުއްސުންލެއްވި ޢުމަރު ބުނުލް ޚައްޠާބު ވިދާޅުވިއެވެ. (( އެއްދަވަހަކު ރަސޫލުﷲގެފާނު އަހުރެމެންނަށް ޞަދަޤާތް ކުރުމަށް އަމުރުކުރެއްވިއެވެ. އެއީ އަހުރެންގެ އަތުގައި މުދާކޮޅެއް ހުރި ވަގުތެކެވެ. މިއަދު އަހުރެންނަށް އަބޫބަކްރުގެފާނު ޖަހައިލައިފާ ކުރިއެރޭނެޔޭ ހިތަށްއެރިއެވެ. އަހުރެން އަހުރެންގެ އަތުގައި ހުރި މުދަލުގެ ދެ ބައިކުޅަ އެއްބައި ހިފައިގެން ރަސުލާގެ އަރިހަށް ދިޔައިމެވެ. އެހިނދު ރަސޫލުﷲގެފާނު ވިދާޅުވިއެވެ. ތިބާގެ އަހްލުންނަށް ބެހެއްޓީ ކޮން އެއްޗެއް ހެއްޔެވެ؟ އަހުރެން ދެންނެވީމެވެ. އެފަދަ މިންވަރެއް ބެހެއްޓީމެވެ. އެ ވަގުތު އަބޫބަކްރުގެފަނު އެކަލޭގެފާނުގެ އަތްޕުޅުގައި ހުރި މުދާތައް ހިއްޕަވައިގެން ވަޑައިގަތެވެ. ރަސޫލާ ﷺ އެކަލޭގެފާނަށް ވިދާޅުވިއެވެ. ކަލޭގެފާނުގެ އަހްލުންނަށް ބެހެއްޓެވީ ކޮން އެއްޗެއްތޯއެވެ؟ އަބޫބަކްރުގެފާނު ދެންނެވިއެވެ. ﷲއާއި އެކަލާނގެ ރަސޫލާއެވެ. ފަހެ އަހުރެން ބުނީމެވެ. އެއްވެސް ކަމެއްގައި ދުވަހަކު ވެސް އަހުރެން އެކަލޭގެފާނާ ދެން ވާދައެއް ނުކުރާނަމެވެ.))[1]
އިސްލާންދީނާ ހެދި އަބޫބަކްރުގެފާނަށް އެތައް އެތައް ގިލަންތަކަކާއި ބުރަތަކަކާއި ވޭންތަކެއް ތަޙައްމުލުކުރައްވަން ޖެހިވަޑައިގަތެވެ. ޙަރަންފުޅު ތެރޭގައި އެކަލޭގެފާނުގެ އިސްތަށިފުޅަށް ވެލި އުކައި އެކަލޭގެފާނުގެ މޫނުފުޅު މަތީގައި މުޝްރިކުން ފައިވާންތަކުން ތަޅައި މޫނުފުޅު ދުޅަކޮށްލިއެވެ. މޫނުފުޅު ދުޅަވެގެންދިޔަ މިންވަރުން މޫނުފުޅާއި ނޭފަތްޕުޅު ވަކިނުވާ ދަރަޖައަށް ދުޅަވެގެންދިޔައެވެ. އެކަލޭގެފާނު ގެކޮޅަށް ގެންދެވުނީ ފޮތިގަނޑެއް މައްޗަށް ލައިގެން ދެބަދޭތެރޭގައި މަރުވުމާއި ދިރިހުރުމާ ދެމެދުގެ ނާޒުކު ޙާލުކޮޅުގައެވެ.
ޢާއިޝަތުގެފާނު ރިވާކުރެއްވިއެވެ. "އެއްދުވަހަކު ކީރިތި ރަސޫލާ ﷺގެ އަރިހަށް ހުރިހާ ޞަޙާބީން ވަޑައިގަތެވެ. އޭރު އެ ބޭކަލުންގެ އަދަދަކީ 38އެވެ. މުސްލިމުން ފާޅުގައި ގެފުޅުގައި އަޅުކަންކުރުމަށް ނުކުތުމުގެ ހުއްދަދެއްވުމަށް އަބޫބަކްރުގެފާނު ދެންނެވިއެވެ. ނަބިއްޔާ ﷺ ވިދާޅުވިއެވެ. އޭ އަބޫބަކްރުގެފާނޭވެ! އަހުރެމްނެގެ ޢަދަދު ވަރަށް މަދެވެ. އަބޫބަކްރުގެފާނު އާދޭސްކުރެއްވުމުން ރަސޫލުﷲގެފާނު ޙަރަންފުޅަށް ވަޑައިގަތެވެ. އަދި ކޮންމެ ޞަޙާބީއަކު އެ ބޭކަލެއްގެ ވަންހައިގެ މީހުން ގާތަށް ވަޑައިގެންނެވިއެވެ. އެހިނދު އަބޫބަކްރުގެފާނު ތެދުވެވަޑައިގެން ޚުޠުބާއެއް ދެއްވާން ފެށްޓެވިއެވެ. މިއީ ﷲއަށާއި އެކަލާނގެ ރަސޫލާއަށް އިޖާބަދިނުމަށް ގޮވައިލި ފުރަތަމަ ޚުޠުބާއެވެ. އެހިނދު މުޝްރިކުން އަބޫބަކްރުފާނު ދެކެ ރުޅިއައިސްގެން ތެދުވެ އެކަލޭގެފާނުގެ ގައިކޮޅުގައި ޖަހައި ބިންމައްޗަށް ވައްޓައިލިއެވެ. އެ ވަގުތު ނުލަފާ ޢުތުބަތު ބުނު ރަބީޢަތު އޭނާގެ އުން ހުރި ފައިވާންކިބައިން އަބޫބަކްރުގެފާނުގެ މޫނުފުޅުމަތީގައި ތަޅާންފެށިއެވެ. އޭނާ އަބޫބަކްރުގެފާނުގެ ބަނޑުފުޅުމައްޗަށް ވެސް ފައިން އެރިއެވެ. އެވަގުތު ތައިމު ވަންހައިގެ މީހުން އައިސް އަބޫބަކްރުގެފާނަށް އަނިޔާކުރަމުން ދިޔަ މީހުން ފައްސައިލިއެވެ. ތައިމު ވަންހައިގެ މީހުން ފޮށައެއް މައްޗަށް ލައިގެން އަބޫބަކްރުގެފާނު ގެކޮޅަށް ގެންދިޔައެވެ.އަބޫބަކްރުގެފާނުގެ ހޭފުޅެއް ނެތެވެ. ތައިމު ވަންހައިގެ މީހުން ރުޅިއައިސްގެން ޙަރަންފުޅަށް ގޮސް ބުންޏެވެ. މާތްﷲ ގަންދީ ބުނަމެވެ. އަބޫބަކްރުގެފާނު އަވަހާރަވެއްޖެނަމަ އަހުރެމެން ޢުތުބަތު ބުނު ރަބީޢަތު ޤަތުލުކުރާނަމެވެ. މި އިންޒާރު ދިނުމަށް ފަހު އަބޫބަކްރުގެފާނުގެ ބަފާކަލުންނާއި ތައިމު ވަންހައިގެ މީހުން އަބޫބަކްރުގެފާނުގެ އަރިހަށް އައިސް އެކަލޭގެފާނު ބަސްފުޅެއް ވިދާޅުވޭތޯ ދަންނަވަން ފެށިއެވެ. އަބޫބަކްރުގެފާނު ހޭފުޅުއަރައި ބަސްފުޅު ވިދާޅުވާން ފެށީ އެދުވަހު އިރުއޮއްސެެން އުޅެނިކޮށްނެވެ. އެކަލޭގެފާނު އެންމެ ފުރަތަމަ ވެސް އެއްސެވީ ރަސޫލުﷲގެފާނު ކޮބައިހެއްޔެވެ؟
މުޝްރިކުން އެކަލޭގެފާނަށް ގޯނާކުރީ ހަމައެކަނި ދުލުން ކަމަށް ދެންނެވުމުން އަބޫބަކްރުގެފާނު އެކަލޭގެފާނުގެ މައިކަމަނާ އުއްމުލް ޚައިރަށް ވިދާޅުވިއެވެ. ރަސޫލާއަށް ކަމެއް ކުރިހެއްޔެވެ؟ މަންމަ ވިދާޅުވިއެވެ. ތިބާގެ އެކުވެރިޔާއާ ބެހޭ ގޮތުން މަށަށް އެއްވެސް އެއްޗެއް ނޭނގެއެވެ. އެހިނދު ވިދާޅުވިއެވެ. މަންމަ އުއްމު ޖަމީލު ބިންތުލް ޚައްޠާބުގެ ގެއަށް ވަޑައިގެން އެކަލޭގެފާނާ ބެހޭގޮތުން އެކަމަނާއާ ސުވާލުކުރައްވައި އެކަލޭގެފާނުގެ ޚަބަރެއް ގެނެސްދެއްވާނުތޯއެވެ. އަބޫބަކްރުގެފާނުގެ މަންމާފުޅު އުއްމު ޖަމީ ލުގެ ގެއަށް ވަޑައިގެން ވިދާޅުވިއެވެ. އަބޫބަކްރުގެފާނު މުޙައްމަދު ބުނު ޢަބްދުﷲގެ ޙާލުކޮޅާ ބެހޭގޮތުން އެބަ ސުވާލު ކުރެއެވެ. އުއްމު ޖަމީލު ވިދާޅުވިއެވެ. މަށަކަށް އަބޫބަކްރެެއް ވެސް އަދި މުޙައްމަދު ބުނު ޢަބްދުﷲއެއް ވެސް ނޭނގެއެވެ. ބޭނުންފުޅުނަމަ ކަމަނާގެ ދަރިކަލުންގެ އަރިހަށް ހިނގައިދާނަމެވެ. އެކަމަނާ އަބޫބަކްރުގެފާނު އަރިހަށް ވަޑައިގެންނެވި އިރު އެކަލޭގެފާނު އޮންނެވީ މަރުގެ ތުންފަތް މަތީގައެވެ. އެކަމަނާ އަބޫބަކްރުގެފާނުގެ އަރިހާ ވަރަށް ގާތަށް ޖެހިވަޑައިގެން ހަރުއަޑުފުޅުން ވިދާޅުވިއެވެ. މާތްﷲ ގަންދެއްވާ ވިދާޅުވަމެވެ. އެބައިމީހުން ކަލޭގެފާނަށް ގޯނާ ކޮށްފިއެވެ.މާތްﷲ އެމީހުންގެ ކިބައިން ބަދަލުހިއްޕެވުމަށް އެދެމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އެމީހުން ރަސޫލާއަށް ހެދީ ކިހިނެއްތޯއެވެ؟ އުއްމު ޖަމީލު ވިދާޅުވިއެވެ. އެކަލޭގެފާނު ރަނގަޅެވެ. ވިދާޅުވިއެވެ. އެކަލޭގެފާނު ކޮބައިހެއްޔެވެ؟ ވިދާޅުވިއެވެ. ދާރުލްއަރްޤމުގައެވެ. އެހިނދު އަބޫބަކްރުގެފާނު ވިދާޅުވިއެވެ. ރަސޫލުﷲގެފާނު އަރިހަށް ގޮސް އެކަލޭގެފާނާ ބައްދަލުވުމުގެ ކުރިން ކާއެއްޗެއްނުކާނަމެވެ. ބޯއެއްޗެއް ވެސް ނުބޯނަމެވެ. ދެން މީސްތަކުން ނިދާ ހަމަހިމޭންވުމުން އެ ދެބޭކަނބަލުން އަބޫބަކްރުގެފާނު އަތުލަފިކުރައްވައިގެން ރަސޫލާގެ އަރިހަށް ވަޑައިގެންނެވިއެވެ. އެކަލޭގެފާނު ރަސޫލާގެ އަރިހަށް ވަޑައިގަތުމުން ރަސޫލާ ތެދުވެވަޑައިގެން ބައްދައިލައްވާ ބޮސްދެއްވިއެވެ. އެތާނގައި ތިބި މުސްލިމުން ވެސް ތެދުވެ އަބޫބަކްރުގެފާނުގެ ގައިކޮޅުގައި ބައްދައިލައި ސަލާންކުރިއެވެ. އަބޫބަކްރުގެފާނު ދެންނެވިއެވެ. އަޅުގަނޑުގެ ޙާލު ރަނގަޅެވެ. އެ ނުބައި ފާސިޤު އަޅުގަނޑުގެ މޫނަށް ދިން އަނިޔާއެއް މެނުވީއެވެ. މި ހުންނެވީ އަޅުގަނޑުގެ މަންމައެވެ. އެއީ އޭނާގެ ދަރިއަށް ވަރަށް އަޅައިލާ މަންމައެކެވެ. ކަލޭގެފާނަކީ ބަރަކާތްތެރި ބޭކަލެކެވެ. މަންމަ ނަރަކައިން ސަލާމަތްކޮށްދެއްވާތޯ ދުޢާކޮށްދެއްވާށެވެ! ރަސޫލުﷲގެފާނު އެކަމަނާއަށް ދުޢަކޮށްދެއްވުމުން އެކަމަނާ އިސްލާންވެވަޑައިގަތެވެ.
އަބޫބަކްރުގެފާނު އަވަހާރަވީ ޢުމުރުފުޅުން 63 އަހަރުފުޅުގައެވެ. ޖުމާދަލްއާޚިރަތު މަހުގެ 8ވަނަ ދުވަހުގެ ރޭ މަޣްރިބާ ޢިޝާއާ ދެމެދުގެ ވަގުތެއްގައެވެ. އެކަލޭގެފާނު އަވަހާރަވީ ޔަހޫދީއަކު ވެދުމަށް އެރުވި ވިހަލައިފާ ހުރި ބަތެއް ފަރިއްކުޅުއްވުމުގެ ސަބަބުން ލޭފޮދު ވިހަވެގެންނެވެ. އެކަލޭގެފާނު އަވަހާރަވީ މި ވިހައިގެ އާލާސްކަންފުޅުގައި އަހަރެއްހާ ދުވަހު އުޅުއްވުމަށް ފަހުގައެވެ. ފަނަރަ ދުވަހު ހުންފުޅު އައިސްފައެވެ. އެކަލޭގެފާނު މިސްކިތަށް ވަޑައިނުގެންނެވިގެން އިމާމުވެ ނަމާދުކުރެއްވީ ޢުމަރުގެފާނެވެ. އެކަލޭގެފާނު ޚަލީފާކަމުގައި 2 އަހަރާއި 3 މަހާއި 10 ދުވަސް ހޭދަކުރެއްވިއެވެ. އެކަލޭގެފާނުގެ އާލާސްކަންފުޅު ބޮޑުވުމުން ޑަކްޓަރެއް ގެންނަންތޯ ދެންނެވުމުން އަބޫބަކްރުގެފާނު ވިދާޅުވިއެވެ. އެކަލޭގެފާނު ވަޑައިގެންނެވިއެވެ. އަހުރެން ޢަމަލުކުރާނީ އަހުރެން ބޭނުން ގޮތަކަށެވެ.މީސްތަކުންނަށް އަބޫބަކްރުގެފާނުގެ މުރާދު އެނގި ފަރުވާކުރުމުގެ ކަންތައް ހުއްޓައިލިއެވެ. އެކަލޭގެފާނު އަވަހާރަވުމުން ނާނޭފުޅުފިއްލެވީ އަނބިކަނބަލުން އަސްމާއު ބިންތު ޢުމައިސާއި ދަރިކަލުން ޢަބްދުއްރަޙްމާނުގެފާނެވެ. އެކަލޭގެފާނު ކަފުންކުރެވުނީ ދެ ފޮށާކޮޅުގައެވެ. އަބޫބަކްރުގެފާނު ފަސްދާނުލެވުނީ ރޭގަނޑުގެ ވަގުތެއްގައެވެ. ޤަބުރުފުޅާއި މިންބަރުކޮޅާ ދެމެދުގައި ހުންނަވާ އިސްވެ ކަށުނަމާދު ކުރެއްވީ ޢުމަރުގެފާނެވެ.އެކަލޭގެފާނު ފަސްދާނުލެވުނީ ޢާއިޝަތުގެފާނުގެ ގެކޮޅުގައި ރަސޫލާގެ ލަޙްދުވަޅުކޮޅާ އެކަލޭގެފާނުގެ ލަޙްދުވަޅުކޮޅު ޖައްސައިގެންނެވެ. އެކަލޭގެފާނުގެ އިސްތަށިފުޅު ބޭއްވުނީ ރަސޫލާގެ ދެ ކޮނޑުފުޅު ދެމެދަށް ވާ ގޮތަށެވެ. އަބޫބަކްރުގެފާނު ފަސްދާނުލެވެމުން ދިޔައިރު ޢާއިޝަތުގެފާނަށް ބާރަށް ކީރިތިކުރެއްވުނެވެ. އެހިނދު ޢުމަރުގެފާނު އެކަން މަނާކުރެއްވިއެވެ. އަބޫބަކްރުގެފާނު އެންމެ ފަހުން ވިދާޅުވި ބަސްފުޅަކީ ((تَوَفَّنِى مُسْلِمًا وَأَلْحِقْنِى بِٱلصَّٰلِحِينَ [2] - مسلم އެއްގެ ގޮތުގައި މި އަޅާ މަރުގަންނަވާނދޭވެ! އަދި صالح ންގެ ތެރެއިން މިއަޅާ ލައްވާނދޭވެ!))
(ނިމުނީ)
[1] - أخرجه أبو داود (١٦٧٨) ، والترمذي (٣٦٧٥) والدارمي (١/ ٤٨٠)
[2] - يوسف : 101