Advertisement

ކީރިތި ޤުރުއާނުގެ އާޔަތަކާއެކު ހިނދުކޮޅެއް: ޖާހިލުކަމުގެ ހަގީގީ މާނަ

01 Nov 2023 | 10:04
.

ޑރ. ޢަބަދުލްޣަފޫރު ޢަބްދުއްރަޙީމް

މި މައުޟޫޢުގައި މިއަދު އަޅުގަނޑު ބަލައިލާން މި ގަސްތުކުރީ ކީރިތި ޤުރުއާނުގެ މުހިންމު އެންމެ އާޔަތެއްގެ މައްޗަށެވެ! އެއީ "وعباد الرحمن الذين يمشون على الأرض هونا وإذا خاطبهم الجاهلون قالوا سلاما" ("އަދި، ރަހުމާނުވަންތަ ރަސްކަލާނގެ (ތެދުވެރި) އަޅުންނަކީ ބިމުގައި، (އެބަހީ، ދުނިޔޭގައި،) މައިތިރިވެ (މާނައަކީ ކިބުރުވެރިކަމެއް ނެތި) ހިނގައި އުޅޭ (އެބަހީ، ދިރިއުޅޭ) މީހުންނެވެ. ގޮތެއް ފޮތެއް ނެތް މީހުން އެމީހުންނާ މުޚާތަބުކޮށް (ހުތުރު ބަހެއް ބުނެ) ހަދައިފި ހިނދެއްގައި (އެފަދަ ތެދުވެރި) ރަހުމާނުވަންތަ ރަސްކަލާނގެ އަޅުތަކުން ރައްކައުތެރިކަން ހޯދައި (ރައްދު ޖަވާބެއް ނުދީ، ތިމަންމެން އެދެނީ) ސުލްޙަވެރި ކަމޭ ބުނާނެއެވެ.") (ސޫރަތުލްފުރުޤާން: 63) މި އާޔެތެވެ.

މި އާޔަތުގެ ފުރަތަމަ މިފްތާހީ، ނުވަތަ އާޔަތުގެ މާނަ ހުޅުވައިލަދޭ، ލަފުޒަކީ 'އައްރަޙުމާން' (ރަޙުމާނުވަންތަ ރަސްކަލާނގެ)އެވެ. "ރަޙުމާނުވަންތަ" މި ލަފުޒު އުފެދިފައިވަނީ "ރަޙުމަތް" މި ލަފުޒުންނެވެ. މާނައަކީ ހެޔޮކަމާއި އޯގާވެރިކަމެވެ. މި ސިފަފުޅަކީ މާތްކަލާނގެ ޒާތުފުޅާ ގުޅޭ އެންމެ މުހިންމު އެއް ސިފަފުޅެވެ. އެކަލާނގެއީ، ހުރިހާ އަޅުތަކުންނަށް، އަދި ވަކީން ޚާއްސަކޮށް، ތެދުވެރި ހަގީގީ މުއުމިނުންނަށް، ރަޙުމަތްލައްވަވާ އޯގާވަންތަ ރަސްކަލާނގެއެވެ. މި އާޔަތް ފެށިފައި ވަނީ "عباد الرحمن"އޭ ވަޙީކުރައްވައި، ރަޙުމާނުވަންތަ ރަސްކަލާނގެއާއި އެކަލާނގެ ތެދުވެރި އަޅުތަކުންނާ ގުޅުވައިލައްވައިގެންނެވެ. މި ގުޅުވައިލެއްވުމުގެ މާނައަކީ، ޖާހިލުން، ނުރަނގަޅު، ހަޑި ހުތުރު ބަސްތައް ބުނެ، އެފަދަ އަޅުތަކުންނާ މުޚާތަބުކުރުމުން، ހިތްތިރިކޮށް އެ މީހުންނަށް ރައްދުނުދިނުމުން، އެ މީހުންނަށް މާތްކަލާނގެ ރަޙުމަތްލައްވާނޭކަމުގެ އިޝާރާތްވެވޭކަމެވެ. އަދި، އެފަދަ އަޅުތަކުންނާ ދޭތެރޭ ޖާހިލުން ކުރާ ކަމެއްގެ ހައްގު ޖަޒާ އެ މީހުންނާ ދެއްވާނޭކަމެވެ. އެހެންވެ، އެ ފަދަ އަޅުންނަކީ ރަޙުމާނުވަންތަ މާތްކަލާނގެ އަޅުތަކުންނޭ އަންގަވައި މާތްކަލާނގެއާ ކުއްތަންކުރެވިފައިވަނީ ހިތް ނުރުހޭ ކަމެއް ޖާހިލެއްގެ ފަރާތުން ދިމާވާ ހިނދު، ނަފުސު ހިލުނަ ނުދީ ހުންނާން ބާރުއެޅުމުގެ ގޮތުން ވެސްމެއެވެ.

މިއާޔަތުގެ ދެވަނަ މިފްތާހީ ލަފުޒަކީ 'އަލްޖާހިލޫން' މި ލަފްޒޭ ދެންނެވިދާނެއެވެ. އަރަބި ބަހުގައި ޖާހިލުގެ ދެ މާނައެއް އޮވެއެވެ. އެއް މާނައަކީ އާލިމު މި މާނައިގެ އިދިކޮޅެވެ. "ނުދަންނަ މީހާ" މިއެވެ. މި މާނައިގައި ޖާހިލުކަމަކީ ނުދަންނަކަމެވެ. ޖާހިލުގެ ދެވަނަ މާނައަކީ "ޙިލްމުވެރި" މި މާނައިގެ އިދިކޮޅެވެ. ޙިލްމުގެ އެންމެ އަސާސީ މާނައަކީ ރުޅިމަޑުކަމެވެ. ރުޅި އަންނަ ފަދަ ތިމާގެ ނަފުސު ހިލުވައިލާ ކަހަލަ ކަމެއްގެ މައްޗަށް ނަފުސު ހުށަހެޅުމުން، ގޯހެއް ހެދިޔަ ނުދީ ނަފުސު ކޮންޓުރޯލުކޮށް ހިފެހެއްޓުމެވެ.

ޙިލްމުވެރިކަމުގެ އަސާސީ މި މާނައިން، ޚުލްޤު ހެޔޮ، ނުވަތަ ރިވެރި އަޚުލާޤެއްގެ ވެރި، މި މާނައިގައި ޙިލްމުވެރިކަން ބޭނުން ކުރެވެއެވެ. ނަފުސު ހިލުވައިލާ ސަބަބުތައް މެދުވެރިވުމުން ނަފުސު ކޮންޓުރޯލުކުރެވޭނީ ރިވެތި އަޚުލާޤެއްގެ ވެރި މީހަކަށްވާނަމައެވެ.

މުޙައްމަދިއްޔަ އިސްލާމީ ދަޢުވަތު ފެށުމުގެ ސީދާ ކުރީގެ ދުވަސްތަކަށް ޖާހިލިއްޔަތުގެ ދުވަސްވަރޭ (ޖާހިލިއްޔަ ޒަމާނޭ) ކިޔެނީ ވެސް އެ ދުވަސްވަރަކީ ޙިލްމުވެރިކަމެއްނެތް، (އަޚުލާގީ ހަމަތަކެއް ނެތް)، އާންމު ގޮތެއްގައި، ހިތުހުރި ގޮތަކަށް މީސްތަކުން އުޅުނު ދުވަސްވަރެއްކަމަށް ވާތީއެވެ. އާދޭހެވެ! ޖާހިލީ ޝާއިރު ޠަރަފާ ބުނެފައިވާ ގޮތުގައި އެ ދުވަސް ވަރުގެ ދިރިއުޅުމުގެ މަގުސަދަކަށްވެފައި އޮންނަނީ ތިން ކަމެކެވެ. ރާބުއިމާއި ޖިންސީ އުފާ ހާސިލުކުރުމާއި ހަނގުރާމަކުރުމެވެ. ޖާހިލީ ޒަމާނުގެ ހަޔާތުގެ ފަލްސަފާ ތަރަފާގެ މި އިބާރާތުން ސާފުވެއެވެ. އެ ފަލްސަފާ ބިނާވެފައި އޮތީ އަޚުލާގީ ހަމަތަކުން އެއްކިބާވެ، ހިއްސީ އަރާމާއި އުފާ ލިބިގަތުމުގެ މައްޗަށެވެ.

ދިވެހި ބަހުގައި ވެސް ހިލްމުވެރިކަން އަޚުލާގީ މާނައިގައި ބޭނުން ކުރެވެއެވެ. 'އިލްމާއި ހިލްމު' ލިބުމޭ ބުނެ އުޅޭ އިބާރާތުގައެވެ. އާދޭހެވެ! ޢިލްމުވެރިކަމާއި ރީތި އަޚުލާޤީ ސިފަތައް ވެސް ލިބިގެންވުމުގެ ވާހަކަ ބުނުމުގެ މާނައިގައެވެ. ލިބިގަނެވޭ ޢިލްމަކުން އެންމެ ފުރިހަމަ ގޮތުގައި ފައިދާކުރަނީ ޙިލްމެއް ވެސް ހުރެގެންނެވެ. ރީތި އަޚުލާގީ ސިފަތަކެއް ވެސް ލިބިގެންނެވެ.

ޖާހިލުގެ ދެންމެ ނަންގަތް، 'އަޚުލާޤީ ހަމަ ނެތް'، މި މާނައަށް ރިއާޔަތްކުރުމުން މަތީގައިވާ އާޔަތުގެ މާނަ ވިސްނައިގަތުމަށް ފަސޭހަވެއެވެ. އާދޭހެވެ! އެއްވެސް އަޚުލާގީ ރީތި ސިފައެއް ނެތް، ގޮތެއްފޮތެއް ނެތް މީހަކު އެއްޗެހި ކިޔައި، މީހަކާ ދިމާކޮށްފި ނަމަ، މާތްކަލާނގެއަށް އީމާންވާ ހެޔޮލަފާ މީހުންގެ ގޮތަކީ އެ ފަދަ މީސްމީހުންގެ ވާހަކަތަކަށް ރައްދުނުދިނުމެވެ. މިސާލަކަށް އަންހެން ކުއްޖަކު މަގުމަތީން ހިނގައިފައި ދަނިކޮށް، އޭނާއާ ފޮށި، އެއްޗެއް ބުނެފި ނަމަ، އެ ބުނާބުނުން އަންގައިދެނީ އެ ފަދައިން އަމަލުކުރި މީހަކީ ޖާހިލެއްކަމެވެ. އަޚުލާޤީ ރީތި ސިފަ ލިބިގެންވާ މީހެއް ނޫންކަމެވެ. އެ ފަދަ ޙާލަތެއްގައި އެންމެ ބުއްދިވެރި ގޮތަކީ އެއްވެސް ޖަވާބެއް ނުދީ، އެ ފަދަ މީހެއްގެ ކިބައިން ސަލާމަތްވެ، އަވަހަށް ރައްކާތެރިކަން ހޯދުމެވެ.

މި އާޔަތުން ލިބިގަނެވޭ ފައިދާގެ ތެރޭގައި އެކަކު އަނެކަކާ މުޚާޠަބުކުރުމުގައި ރިވެތި ގޮތްތައް ގެންގުޅުން ހިމެނެއެވެ. އެކަކު އަނެކަކަށް އިހުތިރާމުކުރުމާއެކު މުޚާޠަބުކުރުމެވެ. މުތަހައްޟިރު (ސިވިލައިޒްޑް) ސިފައެއްގައެވެ. ބަހުސެއް ކުރެވުނަސް، މުނާޒަރާއެއް ކުރެވުނަސް، މި ކަންކަން ކުރެވޭން ޖެހެނީ ހަމަ މި ސިފައިގައެވެ. މި ކަންކަން ކުރާ އިރު، އެ ކަންކަމުގެ އަދަބުތައް ހިފަހައްޓާން ޖެހެއެވެ. އެކަކު އަނެކަކަށް އިހުތިރާމުކޮށް، ޒާތީ ގޮތުން އެއްކިބާވެ ހުރެ، ބަހުސްކުރެވޭ ނުވަތަ މުނާޒަރާ ކުރެވޭ ނުކުތާތަކަށް އަމާޒުކޮށް ބުނާން ބޭނުންވާ އެއްޗެއް ބުނުމެވެ. އަދި، ފާޅުކުރެވޭ ޚިޔާލަކީ، ވީ ވަރަކުން، ބިނާކުރުވަނިވި ހިޔާލަކަށް ހެދުމާއި، ސިކުނޑި ހުޅުވައިލައިގެން ހުރެ ބަހުސްކޮށް، މުނާޒަރާކުރާން ޖެހެއެވެ. ޝައްކެއް ނެތެވެ! އެކިއެކި މައްސަލަތަކާ ބެހޭ ގޮތުން ބަހުސްކޮށް، ފާޑުކިޔަމުންދާ އިރު، ބަހުސްކުރުމުގެ އާންމު އަދަބުތައް ނުހިފެހެއްޓިއްޖެ ނަމަ، ފާޑުކިޔުމުގެ ބޭނުމަކަށް، މަގުސަދަކަށްވެފައި އޮންނާނީ، ހަމައެކަނި ކުށް ފާހަގަކުރުމާއި އަމިއްލަ ކޮޅަށް ޕޮއިންޓު ހޯދުމެވެ. ބަހުސްކުރުމުގައި އިދިކޮޅު ރައުޔުތަކަށް އިހުތިރާމުނުކުރެވި ހުރި، އަދި ބަހުސްކުރުމުގެ އަދަބީ ހަމަތަކުން އެއްކިބާވެ ހުރެ، ޒާތީ ގޮތް ބޭނުންކުރެވޭ ނަމަ، މައްސަލައިގައި ޒުވާބުދިނުން (އާގިޔުމެންޓް) ފުރޮޅިގެންދާނީ ޒުވާބުކުރުމަކަށެވެ. (ކުވަރަލް ކުރުމަކަށެވެ.) އެއްވެސް ޢިލްމީ ފައިދާއެއް ނެތް، ބޭއަދަބީ، ބޮޑު އަރައިރުންގަނޑަކަށެވެ. މި ކަން މިހެން ވިޔަނުދީ، ބަހުސްކުރުމުގައި ޖާހިލުކަމުގެ ސިފަ ނުޖައްސައި ރިވެތި ގޮތުގައި އެ ކަންކަން ކުރުން، އެއީ މި އާޔަތުން ލިބިގަނެވޭ މުހިންމު ފިލާވަޅެކެވެ.

އެޑިޓަރުގެ ނޯޓް
ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ ކުޅަދާނަ ޢިލްމީ ލިޔުންތެރިއެކެވެ. މީގެ ކުރީން ނޫސް-މަޖައްލާތަކަށް ވަރަށް ގިނައިން ލިޔުއްވައިފައިވެއެވެ. މިހާރު ވެސް އޭނާގެ ބައެއް ލިޔުންތައް ނޫސްތަކުން އެބަ ފެނެއެވެ. މިހާރު އޭނާގެ ލިޔުންތެރިކަން ބޮޑަށް އަމާޒުކުރައްވައިފައިވަނީ މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޓަކައި ތަފާތު މަޢުޟޫޢުތަކަށް މީސްމީޑީއާގައި ލިޔުއްވާ ލިޔުންތަކުގެ މައްޗަށެވެ. ޑރ. ޢަބްދުލްޣަފޫރު މާލޭގައި ތަޢުލީމު ހާސިލުކުރެއްވުމަށް ފަހު، އޭނާ ފުރަތަމަ ޑިގްރީ ޙާޞިލުކުރެއްވީ މަދީނާގެ އިސްލާމިކް ޔުނިވަސިޓީއިންނެވެ. އޮސްޓްރޭލިޔާގެ ލެޓްރޯބް ޔުނިވަރސިޓީއިން މާސްޓަރސް ޑިގްރީ ހާސިލުކުރެއްވުމަށް ފަހު، ޕީއެޗްޑީ ނެންގެވީ މެލްބަން ޔުނވަސިޓީއިންނެވެ. އޭނާ މިހާރު ދިރިއުޅުއްވަނީ އޮސްޓްރޭލިއާގައެވެ. މިހާރު މަސައްކަތްޕުޅުކުރައްވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައެވެ. އެ ތާނގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚު ކިޔަވައިދެއްވާށެވެ. އޭނާއަކީ ވަރަށް މަތީ ފެންވަރުގެ ޢިލްމުވެރިއެކެވެ. ފަލްސަފާވެރިއެއް ވެސް މެއެވެ. ޑރ. ޢަބްދުލްޣަފޫރަކީ ރާއްޖޭގެ މަޝްހޫރު ލިޔުންތެރިއެއް އަދި ކެލިގްރާފަރެއް ކަމުގައިވާ ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު (ރަޙިމަހުﷲ)ގެ ޢިލްމުވެރި ދަރިކަލެކެވެ.

Advertisement

ކޮމެންޓް