Advertisement

އިސްލާމީ ބޭންކްތައް: އުފެދުމާއި ތަރައްޤީވުން

08 Nov 2024 | 00:01
އިސްލަމީ ބޭނqކު

އަލްއުސްތާޒު އިބްރާހީމް ރަޝިދު މޫސާ

އިސްލާމީ ބޭންކުތަކަކީ ބޭންކުގެ ވަޒީފާ އަދާކުރާ އިސްލާމީ މާލީ މުއައްސަސާތަކެވެ. އިސްލާމީ ބޭންކުތަކާއި ޢާންމު ވިޔަފާރި ބޭންކުތަކާ ދެމެދުގައިވާ އަސާސީ ތަފާތަކީ އިސްލާމީ ބޭންކުތަކުގައި ރިބާއޭ މި ކިޔާ މުޢާމަލާތު ނުހިންގާކަމެވެ.

އިސްލާމީ ބޭންކުތައް އޭގެ މަތީގައި މަސައްކަތްކުރާ އަސާސަކީ ފައިދާއާއި ގެއްލުމުގައި ބައިވެރިވާ އުޞޫލެވެ.އެއީ  " الغُنْم بالغُرْم –ފައިދާއާއި ގެއްލުން ޙިއްޞާކުރުން"[1]  އޭ ބުނާ ޝަރުޢީ ޤަވާޢިދުން އައިސްފައިވާ އުޞޫލެވެ. މި އުޞޫލަށް  ބޭންކުގެ މުޢާމަލާތުތަކުގައި ކަނޑައެޅިފައިވާ ވަކި ނައްޞެއް ނެތެވެ. ހުރިހާ މުޢާމަލާތުތަކެއް ވެސް ޤާއިމުވެފައިވަނީ މި އުޞޫލުގެ މަތީގައެވެ.

މި ގަވާއިދަށް ބަލާއިރު ވުނޭރަކީ ފައިދާއަށާއި ގެއްލުމަށް ހާސާވެފައިވާ މީހެކެވެ.އޭނާގެ އަމިއްލަ ނަފްސަށް ހުރިހާ ފައިދާތަކެއް ޖާމިނުކޮށްފައި އެހެން މީހެއްގެ ބޮލުގައި ގެއްލުންތައް އެޅުވުމަކީ ބުއްދި ޤަބޫލުކުރާނެ ކަމެއްނޫނެވެ. ރިބަވީ ބޭންކުތަކާ ޚިލާފަށް، އިސްލާމީ ބޭންކުތައް އޮންނަނީ ގެއްލުން ލިބުމުގެ ހިރާސާއި ފައިދާލިބުމުގެ އުންމީދުގައި  އެއް ދަރަޖައެއް ގައެވެ.  އިސްލާމީ ބޭންކު ދެކޭގޮތުގައި މުޖްތަމަޢުގައި މުދަލަކީ އިޤްތިޞާދު ދިރުވުމަށް ލިބިގެންވާ ވަސީލަތެކެވެ.އެއީ ދުނިޔެ އާރާސްތުކުރުމަށް ޓަކައި ﷲގެ އަޅުންގެ އަތުގައި އެކލާނގެ ލައްވަައިފައިވާ އަދާތެކެވެ.

އިސްލާމީ ބޭންކުތައް އުފެދި ތަރައްޤީވުން

އިސްލާމީ ބޭންކެއް އުފެއްދުމުގެ ފުރަތަމަ ތަޖްރިބާ ކުރެވިފައިވަނީ މިޞްރުގައެވެ. މިޞްރުގައި 1963ވަނަ އަހަރު މި މަސްކަތް ފެށިފައިވަނީ ފަހަށް ރައްކައުކުރާ ބޭންކެއްގެ (ސޭވިންގ ބޭންކެއްގެ) ސިފައިގައެވެ. ރަސްމީ ސިފައެއްގައި އިސްލާމީ ބޭންކެއް  ޤާއިމުކުރެވުނީ 1971 ވަނަ އަހަރުގައެވެ. މި ބޭންކުގެ ނަމަކަށް ކިޔައިފައިވަނީ بنك ناصر الاجتماعي (އިޖްތިމާޢީ ނާޞިރު ބޭންކު)އެވެ. އެއަށް ފަހު 1975 ގައި ގައުމީ ފެންވަރުގައި ދުބައި އިސްލާމީ ބޭންކާއި އިސްލާމީ ގައުމުތަކުގެ ސަރުކާރު ފެންވަރުގައި البنك الإسلامي للتنمية (އިސްލާމިކް ޑިވެލަޕްމެންޓް ބެންކު) ޤާއިމުކުރެވުނެވެ. އެއާ ވިދިގެން އައި އަހަރުތަކުގައި ދުނިޔޭގެ އެތަން މިތާނގައި އިސްލާމީ ބޭންކުތައް ޤާއިމުކުރެވި ފެތުރިގެން ދިޔައެވެ. އިސްލާމީނޫން ގައުމުތަކުގައި ވެސް އިސްލާމީ ބޭންކުތައް ޤާއިމުކުރެވުނެވެ. ލަކްސެންބަރގާއި ލަންޑަނާއި އެމެރިކާއާއި ޑެންމަރކާއި ސްވިޒަރލެންޑައި ދެކުނު އެފްރިކާއާއި އޭޝިޔާގެ އެތައް ގައުމުތަކެއްގައި އިސްލާމީ ބޭންކުތައް ޤާއިމުކުރެވުނެވެ. މި ކަމާ ވިދިގެން އޭޝިޔާއާއި ހުޅަނގުގެ ވިޔަފާރި ބޭންކުތަކުގައި ވެސް އިސްލާމީ ބޭންކުގެ ގޮފިތައް ހުޅުވުނެވެ. އެއީ އިސްލާމީ ދުނިޔޭގައި ރިބަވީ ބޭންކުތަކަށް ލިބެމުންދިޔަ ތަރުޙީބު ކުޑަވުމުންނެވެ. ދުނިޔޭގެ މަޝްހޫރު ރިބަވީ ބޭންކެއް ކަމުގައިވާ އެމެރިކާގެ ސިޓީ ބޭންކުން ބަޙްރައިނުގައި ފުރިހަމަ  އިސްލާމީ ބޭންކެއް ޤާއިމުކުރިއެވެ.

 އިސްލާމީ ބޭންކުތަކުގެ  ފުދުންތެރިކަން

އިސްލާމީ ބޭންކުތަކާއި މާލީ މުއައްސަސާތަކުގެ ތިޖޫރީތަކުގައި 700 ބިލިއަން ޑޮލަރުގެ ތަނަވަސްކަމެއް ދައުރުވަމުންދާ ކަމަށް ބުނެވެއެވެ.

އިސްލާމީ ބޭންކުތައް އެންމެ ގިނައިން ޤާއިމުކުރެވިފައި ހުރީ ދެކުނު އޭޝިޔާގައެވެ. އެއީ ގާތްގަނޑަކަށް 34 %އެވެ. އެއަށްފަހު ދެވަނައަށް އަންނަނީ އެފްރިކާއާއި ދެކުނު އިރުމަތީ އޭޝިޔާއެވެ. އެއީ 19 % އެވެ. ގަލްފުގެ އެއްބާރުލުމުގެ ގައުމުތަކުގައި 13 % އެވެ. އަދި މެދުއިރުމަތީގައި 12% އެވެ.

މި މާލީ މުއައްސަސާތަކުގެ މިލްކިއްޔާތަށް ބަލާއިރު އެތަންތާނގެ  މިލްކިއްޔާތުގައި ހިމެނެނީ 50 % ހިއްސާދާރު ކުންފުނިތަކާއި  30 % އަމިއްލަ ފަރާތްތަކާއި  ބާކީ އޮތް 20 % ސަރުކާރުތަކުގެ މިލްކިއްޔާތުތަކެވެ.

އިސްލާމީ ބޭންކުތައް އުފެދި ޤާއިމުވެފައިވަނީ މަރުކަޒީ ބޭންކުތަކުން ދީފައިވާ ޚާއްޞަ އިސްތިސްނާތަކަކާ އެކުގައެވެ. ބައެއް ބޭންކުތައް އުފައްދާފައި ވަނީ ޚާއްޞަ ޤާނޫނެއްގެ ދަށުންނެވެ. މި ކަމުގެ އަސަރު މި ބޭންކުތަކުގެ މުޢާމަލާތުތަކުންނާއި އިދާރީ ހިންގުމުން ފެންނަމުންދާ ކަމަށް ތަޖްރިބާކާރުން ވިދާޅުވެއެވެ.

ޙަވާލާ

[1]  - އެބަހީ މީހަކަށް އެ ކަމަކުން ފައިދާ ލިބޭ ކަމެއް ކުރާ އިރު އެ ކަމަކުން ލިބޭ ގެއްލުން ވެސް ތަޙައްމުލުކުރާން ޖެހޭނީ އޭނާއަށެވެ.

އެޑިޓަރުގެ ނޯޓް
މިޞްރުގެ އަލްއަޒުހަރުގެ ދަސްވެންޏެއްކަމަށްވާ އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާއަކީ ނޫސްވެރިކަމާއި ލިޔުންތެރިކަމާއި ޢިލްމީ ތަފާތު މައިދާންތަކުގައި އެ ފަދަ ދެވަނައެއް ނެތުމުގެ ސަބަބުން ކިޔުންތެރީންނަށް އިތުރު ތަޢާރަފަކަށް ބޭނުންވާނެ ބޭފުޅެއް ނޫނެވެ. އެއީ ޢިލްމީ އަދި އަދަބީ ދާއިރާގައި "ފަސް މީރު ކުރިރުކެކެވެ."

Advertisement

ކޮމެންޓް