މަތީންދާބޯޓަށް ތެޔޮ އަޅައިދިނުމުގެ ޚިދުމަތް ދެ ގުނައަށް ވުރެ އަވަސްކުރުން - ކާމިޔާބީއެއް
ފަރަގު މީޑިއާ
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި އަލަށް ހެދި ތެޔޮ ރައްކާކުރާ ތާނގީތަކާއި ހައިޑްރަންޓް ނިޒާމުގެ ޚިދުމަތަކީ، ވެލާނާ އިންޠަރނޭޝަނަލް އެއަރަޕޯޓުގެ އާ ގިމަތައާ އެކު ފަށައިގަނެވިފައިވާ މަސައްކަތެކެވެ. މިއީ މީގެ ހައެއްކަ އަހަރު ކުރީއްސުރެ ފަށައިގެން ކުރިއަށް ނުގެންގޮސް މަޑުޖައްސައިފައި އޮތް ނުވަތަ މަޑުޖެހިފައި އޮތް މަޝްރޫޢެކެވެ. މި ދިޔަ ނޮވެންބަރު މަހު 17އާ ހަމައަށް މަޑު ޖެހިފައި ނުވަތަ ހުއްޓިފައި އޮތް މި މަޝްރޫޢުގެ މަސައްކަތް އާ ސަރުކާރު ރާއްޖޭގެ ރިޔާސަތާ ޙަވާލުވެވަޑައިގަތުމާ އެކު، މެކުހަށް ޖެއްސެވިއެވެ.
މި ކަމުގެ ނަތީޖާއެއްގެ ގޮތުން އެ ތަން ނިމި މިހާރު ވަނީ ތެލުގެ ޚިދުމަތް ދޭން ފަށައިފައެވެ. ރަސްމީ ގޮތުން މި ޚިދުމަތް އިފުތިތާޙުކޮށްދެއްވީ މިކަމަށްޓަކައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފާއި، ސަރުކާރުގެ އިސް ބެފުޅުންނާއި އެމްއޭސީއެލްގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ. އަދި އެއަރލައިންތަކުގެ އިސް ވެރީން ވެސް ބައިވެރިވެވަޑައިގަތެއެވެ. މިއި މީގެ ކުރިން ހަމައެކަނި 13 މިލިއަން ލީޓަރުގެ ތެޔޮ އަޅައިފައި ބެހެއްޓޭ ތަނެއް ނަމަވެސް އަލަށް ތަރައްޤީކޮށް ބޭނުންކުރަން ފެށި މި ސީލަތުގައި 45 މިލިއަން ލީޓަރުގެ ތެޔޮ ރައްކާކުރެވޭނެކަމަށެވެ. އަދި މީގެ އިތުރަށް އެއް މިލިއަން ލީޓަރުގެ ޑީސަލާއި، 100،000 ލީޓަރުގެ ޕެޓްރޯލް ވެސް މި ތަނުގައި ރައްކާކުރެވޭނެއެވެ. މި ގާއިމުކޮށް އިފުތިތާޙުކުރެވުނު ވަސީލަތުގެ ސަބަބުން މަތީންދާބޯޓަށް ތެޔޮއަޅާން ހޭދަވާ ވަގުތު ވަރަށް ބޮޑަށް މަދުކުރެވޭނެއެވެ. މި ޚިދުމަތް ދިނުމަށް 8.4 ކިލޯމީޓަރުގެ ވިއުގައެއް ވަނީ އަޅައިފައެވެ. މި ނިޒާމް ބޭނުންކޮށްގެން އެއް ފަހަރާ ހަތް ބޯޓަށް ތެޔޮއެޅުމުގެ ޚިދުމަތް ދެވޭނެއެވެ. މި ނިޒާމާ ގުޅިގެން ކުރީން ތެޔޮއަޅާން އެއް ގަޑި 30 މިނިޓް ހޭދަކުރާ ބޯޓުފަހަރު ދެން ހޭދަކުރާޏް ޖެހޭނީ ޖުމުލަ 45 ވަރަކަށް މިނިިޓެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޯލްޑިވްސް އެއަރޕޯޓުސް ކޮމްޕެނީ ލިމިޓެޑްގެ މެންޖިންގް ޑިރެކްޓަރ އަދި ޗީފު އެގްޒެކަޓިވް އޮފިސަރ މުޙަންމަދު ޝަރީފް ވިދާޅުވި ގޮތުގައި ކުރީން ރާވައިފައިވާ ތަދުބީރުތަކަށް ބަލާއިރު މި ޚިދުމަތްތައް ދޭން ފެށޭނެކަމަށް އޮތީ އަދިވެސް އަހަރެއްހާ ދުވަސް ފަހުންނެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ މަސައްކަތްޕުޅާއި ހިތްވަރުފުޅާ އެކު އެއަރޕޯޓްގެ ތަރައްޤީގެ މަސައްކަތްތައް ވަރަށް ބޮޑަށް އަވަސްވެފައިވާކަމަށް ވެސް ޝަރީފު ވިދާޅުވިއެވެ.