ޓްރަންޕުގެ ކާމިޔާބީއާ ގުޅިގެން އީރާނުގެ ބަސް
އަބާ މުޙަންމަދު
ޓޮރަމްޕް އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން އީރާނުން ވެސް ވަނީ އިންތިޚާބާ މެދު ދެކޭ ގޮތް ހާމަކޮށްފައެވެ. އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ފާޠިމަތު މަހާޖަރާނީ ވިދާޅުވެފައި ވަނީ އެމެރިކާގެ އިންތިޚާބުގެ ނަތީޖާއާ މެދު އީރާނުން ކަންބޮޑެއްނުވާކަމުގައެވެ. ސަބަބަކީ [އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ސަބަބުން] އީރާނުގެ ރައްޔިތުންގެ ހާލަތަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ނުބެލެވޭތީއެވެ. "އެމެރިކާގެ އިންތިޚާބަކީ އަޅުގަނޑުމެންނާ ބެހޭ ކަމެއް ނޫން. އެމެރިކާގެ ވެރިކަމާ ހަވާލުވާ މީހަކާ ގުޅުވައި އަޅުގަނޑުމެންގެ ސިޔާސަތުތަކަށް ބަދަލެއް ނުގެންނާނަން. އަޅުގަނޑުމެން ވާނީ މި ކަން ނިމޭނެ ގޮތް ބަލައިފައި. އަދި އަޅުގަނޑުމެންގެ ރައްޔިތުންގެ ދިރިއުޅުމަށް [އެ އިންތިޚާބުގެ ސަބަބުން] އެއްވެސް ބަދަލެއް ނާންނާނެ،" މަހާޖަރާނީ ވިދާޅުވިއެވެ.
އީރާނުގެ މި ބަޔާން އައިސްފައިވަނީ މި މަހު ފަސްވަނަ ދުވަހު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބުވީ ޓްރަމްޕަށްކަމަށް އޭނާ އިޢުލާނުކުރުމާއެކު ދުނިޔޭގެ ގިނަ ގައުމުތަކުން ޚާއްޞަކޮށް ވިލާތުގެ ގައުތަކުން އޭނާއަށް މަރުޙަބާ ކިޔަމުން ދިޔަ ވަގުތާ ދިމާކޮށެވެ.
މިހާރުވަނީ އިންތިޚާބުގެ ނަތީޖާ ސާފުވެ، ޓްރަންޕަށް ކާމިޔާބު ލިބިއްޖެކަން ހާމަވެފައެވެ. ރިޔާސީ އިންތިޚާބުގައި ޓްރަމްޕް ކާމިޔާބީ ހޯދައިފައި ވަނީ ނައިބު ރައީސާ ކަމަލާ ހެރިސްގެ މައްޗަށް ކުރި ހޯއްދަވައިގެންނެވެ. ކަމަލާއަކީ މިހާރު ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓެވެ. އަދި މިހާރުގެ ރައީސް ޖޯބައިޑްންގެ ނާއިބެވެ. ޓރަމްޕް އިންތިޚާބު ކާމިޔާބު ކޮށްފައި ވަނީ, އެ ކަމަށް ބޭނުންވާ އިލެކްޓޯރަލް ކޮލެޖުގެ ވޯޓުގެ އެންމެ މަދު އަދަދު ކަމުގައިވާ 270 ވޯޓަށްވުރެ މަތިން, 277 ވޯޓު ހޯއްދަވައިގެންނެވެ. އެމެރިކާގެ 45ވަނަ ރައީސް ކަމުގެ މަޤާމުގައި 2017ން 2021ށް ހުރި އިރު، ޓްރަމްޕް ވަނީ އީރާނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް ވަނީ އަޅައިފައިވެއެވެ. އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމާ ގުޅިގެން އެ ޤައުމާއި ހުޅަނގުގެ ބާރުތަކާ ދެމެދު ހަދައިފައިވާ އެއްބަސްވުން އުވައިލައި, އީރާނަށް ދަތިކުރުމުގެ މަސައްކަތް 2018ވަނަ އަހަރު ފަށްޓަވާފައި ވަނީ ޓްރަމްޕްގެ ވެރިކަމުގައެވެ. އޭނާ އިސްވެ އަޅުއްވާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން އީރާނުގެ އިޤުތިޞާދަަށް ބޮޑު ހީނަރުކަމަކާ ކުރިމަތިލާން ޖެހުނެވެ. އެމެރިކާއާއި އީރާނާ ދެމެދު މި ވަގުތު އުފެދިފައި އޮތް ހަތުރުވެރި ކަމުގެ އަސްލަކީ ޓްރަމްޕް ކަމަށް މަސްރަޙު ދިރާސާ ކުރައްވާ ބައެއް ބޭފުޅުން ދެކެވަޑައިގަންނަވައެވެ.
އެހެންކަމުން އެމެރިކާގެ 47ވަނަ ރައީސްކަމަށް ޓްރަންޕް އަޔަސް އެ ކަމުން އީރާނަށް އަންނާނެ އެއްވެސް ބަދަލެއް ނޯންނާނެއެވެ. އީރާނުން އެ ބުނަނީއެ ވާހަކައެވެ. ޓްރަމްޕްގެ ޚާރިޖީ ސިޔާސަތަށް ބަލައިލުމުން ކުރީގެ ދައުރުގައި ފެނުނީ މުސްލިމުންނާ ދެކޮޅު ސިޔާސަތުތަކެކެވެ. އިސްރާއީލުގެ ވެރިރަށް ތެލް އަވީވުގައި ހުރި އެމެރިކާގެ އެމްބަސީ، ޔަހޫދީން ގަދަކަމުން ވެރިވެގަނެފައިވާ ފަލަސްޠީނުގެ ބިމެއް ކަމުގައިވާ ޤުދުސަށް ބަދަލު ކުރާން ނިންމި ނިންމުމަކީ, އޭނާއާ މެދު މުސްލިމުންގެ ހިތްތަކުގައި ނަފުރަތު އުފެދުނު މައިގަނޑު ސަބަބެވެ. މީގެ އިތުރަށް ޔަހޫދީންގެ ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭން ވެސް އޭނާ ގިނަ ފިޔަވަޅުތަކެއް އަޅައިފައިވެއެވެ. އަދި, އިސްރާއީލާއި ބޭރު ޤައުމުތަކާ އޮތް ގުޅުންތައް ހަރުދަނާ ކޮށްދިނުމަށް ވެސް އޭނާ މަސައްކަތްކުރިއެވެ.
މި ފަހަރު އޭނާއަށް ރިޔާސީ އިންތިޚާބުގައި ތާއީދު ބޮޑުވި އެއް ސަބަބަކީ އޭނާއަށްވެރިކަން ލިބިއްޖެ ނަމަ، ޣައްޒާއާއި ލުބުނާނުގައި އެމެރިކާއިން ހިންގާ ޢުދުވާނު ހުއްޓުވާނެކަމަށް މުސްލިމުންނަށް އޭނާ ވަޢުދުވުމުންނެވެ. ކަމަލާ ބުނެފައިވަނ އިސްރާއީލަށް ކުރާ ތާއީދު އެ ގޮތުގައި ދަމަހައްޓާނޭކަމަށެވެ. ކޮންމެ މީހަކު އެމެރިކާގެ ވެރިކަމަށް އަޔަސް މުސްލިމުންނަށް ހެޔޮ އެދުމަކީ އެމެރިކާގެ ސިޔާސަތުގައި އޮންނާނެ ކަމެއްނޫނެވެ. އީރާނުން އެ ބުނަނީ އެ ވާހަކައެވެ.