ނަތަންޔާހޫގެ ސަރުކާރުން ޔުއާބު ގަލަންޓް ބޭރުކޮށްފި
ޢަޒީޒު ޖަމާލު
ޣައްޒާގައި އިސްރާއީލުން ހިންގާ ޢުދުވާނުގައި އެންމެ ހަރުކަށިކޮށް ޢަމަލުކުރަމުން އައި އެ ގައުމުގެ ދިފާޢި ވަޒީރު ޔުއާބު ގަލާންޓު ބިންޔާމީން ނަތަންޔާހޫގެ ސަރުކާރުން ބޭރުކޮށްލައިފިއެވެ. މިހާތަނަށް ޔުއާބަކީ ނަތަންޔާހުއަށް އެންމެ އެހީތެރިވެދިން އަދި ނަތަންޔާހޫ އެންމެ އިތުބާރު ކުރި ވަޒީރެވެ. އަދި ހަރުކަށިކަން ހައްދުފަހަނައަޅައިފައިވާ މީހެއްގެ ގޮތުގައި ޔުއާބު ވަނީ ފާހަގަކުރެވިފައެވެ. ނަމަވެސް ނަތަންޔާހޫގެ ސަރުކާރުގެ ދިފާޢީ ވަޒީރުކަމުން ޔުއާބު ވަކކުރިކަން އިޢުލާންކުރަމުން ނަތަންޔާހޫ ބުނެފައިވަނީ އިސްރާއީލުން ޣައްޒާގައި ހިންގާ "ކެންޕޭނުގައި" އޭނާއާއި ގަލަންޓާ ދެމެދު ފާހަގަކޮށްލެވޭ ފަދަ ދުރުކަމެއް އެބަހުރިކަމަށެވެ. މި ކަމުގެ އަލީގައި މިއަދު ޔުއާބު ވަކިކުރާން ނިންމީކަމަށް އޭނާ އިޢުލާނުކުރިއެވެ.
ޔުއާބު ވަކިކުރުމަށް ފަހު ވަގުތީ ގޮތުން އެ މަގާމާ ޙަވާލުވާން ނަތަންޔާހޫ އެންގީ އޭނާގެ ސަރުކާރުގް ޚާރިޖީ ކަންތައްތަކާ ބެހޭ ވަޒީރު އިސްރާއިލް ކަޓްޒަށެވެ. އަދި ޚާރިޖީ ވަޒީރުކަން ޙަވާލުކުރީ ކުރީން ވަކި މަސްއޫލިއްޔަތެއް އަދާކުރާން ޙަވާލުވެފައިނުވާ ވަޒީރެއްކަމަށްވާ ގިދިއޯން ސާރަށެވެ.
ދިފާޢި ވުޒާރާގެ ހުރިހައި މުވައްޒަފުން ވެސް ޣައްޒާއާއި ލުބުނާނުގައި ހިންގާ ޢުދުވާނު ހުއްޓައިލާން ޖެހޭކަމަށް މިހާރު ގަބޫލުކރެއެވެ. ނަމަވެސް ނަތަންޔާހޫއާއި އޭނާގެ ކޯލިޝަންގެ ގިން މެންބަރުން މި ޚިޔާލާ ދެކޮޅެވެ.
ގަބޫލުކުރެވޭ ގޮތުގައި ޔުއާބު ގަލާންޓު ސަރުކާރުން ބޭރުކޮށްލީ ދާދި ފަހުން އޭނާ ފަޅުކުރި ޚިޔާލެއްގެ ސަބަބުންނެވެ. އޭނާ ބުނެފައިވަނީ ބާރުގެ ބޭނުންކޮށްގެން އަސީރުން މިނިވަން ނުކުރެވުނުކަން މިހާރު ގަބޫލުކުރާން ޖެހޭކަމަށެވެ. އަދި އަސީރުން މިނިވަންކުރާނަމަ އިސްރާއީލުން ހިތި ބޭސް ބޯން އެބަ ޖެހޭކަމަށެވެ. ހިތްހަމަ ނުޖެހޭ ދޫތަކެއް ދޭން އެބަ ޖެހޭކަމަށެވެ.
ހަގީގަތުގައި ޔުއާބުގެ އެ ވާހަކަތަކަކީ ފަލަސްތީނަށް ހެޔޮ އެދިގެން ދެއްކި ވާހަކައެއް ނޫނެވެ. އެއީ އިސްރާއީލަށް މިހާރު އެންމެ ފައިދާ ބޮޑު ގޮތަކީ ވެސް އެއީކަމަށް އޭނާއަށް ގަބޫލުކުރެވެނީއެވެ. ނަމަވެސް ޔުއާބުގެ މި އިޚުލާޞްތެރި ޚިޔާލުގެ ސަބަބުން އޭނާއަށް މި ޖެހުނީ ސަރުކާރުން ބޭރުވާށެވެ. ނަތަންޔާހޫއަކީ އަނިޔާވެރިކަމަށް ފެންބޮވައިގެންފައިވާ މީހަކަށްވާތީއެވެ.