Advertisement

އުމުރުން ދުވަސްވީ މާވަޑި ބޭބެއާއި ޖިންނި

01 Nov 2023 | 09:52
.

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަހީމް

އެއްދުވަހަކު، އުމުރުން ދުވަސްވީ މާވަޑި ބޭބެއަކު ކޯރެއްގެ ކައިރީގައި ހުރި ގަހަކުން ލަކުޑި ކަނޑާން އެ ގަހަށް އެރިއެވެ. ދެން، އެ ގަހުން އޮފިގަނޑެއް ކަނޑާން އުޅުމުގެ ތެރޭގައި އެ އޮފިގަނޑު ކީހާން ގެންގުޅުނު ކީސް ކޯރަށް ވެއްޓި ގެއްލުނެވެ.

ދެން، މުސްކުޅި މާވަޑި ބޭބެ ގަހުން ފައިބައިގެން ކޯރުގެ ކައިރީގައި ދަތްދޮޅީގައި އަތް ވިއްދައިލައިގެން، ކޯރުގެ ފެންގަޑާ ދިމާއަށް ބަލަހައްޓައިގެން ދެރަވެފައި އިންދައި، އެ ތަނަށް ޖިންނިއަކު އައެވެ.

ޖިންނި: ބޭބެ މާ މޮޅިވެފައި ތިޔަ އިނީ ކީއްވެ ހެއްޔެވެ؟

ބޭބެ: ރިޒުގު ހޯދުމަށް ޓަކައި އަހަންނަށް ލިބިފައި އޮތް ހަމައެކަނި ވަސީލަތްކަމުގައިވާ އަހަރެންގެ ކީސް މި ކޯރަށް ވެއްޓި ގެއްލުނީއެވެ. ދެން، އެ ކީސް ނެގޭނޭ ގޮތެއް ނެތިފައި ދެރަވެފައި މިތާ މި އިނީއެވެ.

ދެން، ޖިންނި ކޯރަށް ފުންމައިލައިފައި ފީނައިގެންފައި ރަން ކީހެއް ހިފައިގެން އެރިއެވެ. އަދި ބޭބެ ގާތު އެއީ ބޭބެ ކީސްތޯ އެހުމުން ބޭބެ ނޫނޭ ބުންޏެވެ. ދެން، އަނެއްކާ ވެސް ޖިންނި ކޯރުގެ އަޑިއަށް ގޮސް ރިހި ކީހެއް ހިފައިގެން އަރައި ބޭބެ ގާތު އެއީ ބޭބެ ކީސްތޯ އެއްސެވެ. ދެން، ބޭބެ އަނެއްކާ ވެސް ނޫނެކޭ ބުނުމުން، ތިން ވަނަ ފަހަރު ޖިންނި ކޯރުގެ އަޑިއަށް ފީނައިގެންފައި އަލިމަހާއި މުތް ފަދަ އަގުބޮޑު ޖަވާހިރުތަކުން ޒީނަތްތެރިކުރެވިފައިވާ ކީހެއް ހިފައިގެން އަރައި އެއީ ބޭބެގެ ކީސްތޯ ބުނުމުން މި ފަހަރު ވެސް ބޭބެ ބުނީ އެއީ ބޭބެގެ ކީސް ނޫންކަމަށެވެ. ދެން، ހަތަރު ވަނަ ފަހަރު ޖިންނި ކޯރުގެ އަޑިއަށް ފީނައިފައި ދަނގަޑު ކީހެއް ހިފައިގެން އަރައިފައި އެއީ ބޭބެގެ ކީސްތޯ އެހިއެވެ. ދެން، އެއީ ބޭބެގެ ކީސްކަމަށް ބުނުމުން، ބޭބެގެ ކީހާއި އަދި ކުރިން ނެގި ރަނާއި ރިއްސާއި ޖަވާހިރުން ޒީނަތްތެރިކުރެވިފައި އޮތް ކީސް ވެސް ބޭބެއަށް ޖިންނި ދިނެވެ. ބޭބެގެ ތެދުވެރިކަމަށް ޓަކައެވެ.

ދެން، އެހެން ދުވަހެކެވެ. ދުވަސްވީ ބޭބެއާއި ބޭބެގެ ހަމަ އެހާ ދުވަސްވީ އަންހެނުންނާ ދެމީހުން ކޯރު ކައިރީން ހިނގައިލާން ދިޔައެވެ. އެހެން ދަނިކޮށް، ބޭބެގެ އަންހެނުން ފައިކައްސައިލައިގެން ކޯރަށް ވެއްޓި ގެއްލުނެވެ.

ދެން، ބޭބެ ދެރަވަގެން ރޯން ފެށިއެވެ. ހަމަ އެ ވަގުތު އެއްކަލަ ޖިންނި އަނެއްކާ ވެސް ފާޅުވިއެވެ. ބޭބެ ރޮނީ ކީއްވެތޯ އެހުމުން، ބޭބެގެ އަންހެނުން ކޯރަށް ވެއްޓުނު ވާހަކަ ބުންޏެވެ. ދެން، ހަމަ ވަގުތުން ކޯރަށް ޖިންނި ފުންމައިލިއެވެ. އަދި ވަރަށް ރީތި ޒުވާން ފިލްމީ ތަރިއެއް ކަމަށްވާ ޝިރާނީ ފަދަ ކުއްޖަކު ޖިންނި ކޯރުގެ ތެރެއިން ނެގިއެވެ. އަދި، އެއީ ބޭބެގެ އަންހެނުންތޯ އެހުމުން ހަމަ ވަގުތުން، ބޭބެ އާއެނކޭ ބުންޏެވެ.

ދެން، ޖިންނި ރުޅިއައިސްގެން ބުންޏެވެ. "ބޭބޭއެވެ! މިއީ ބޭބެގެ އަންހެނުންނެއް ނޫނެއް ނޫންހެއްޔެވެ؟ ބޭބެ މި ފަހަރު ތިޔަ ދޮގު ހެދީ ކީއްވެހެއްޔެވެ؟"

ދެން، ބޭބެ ބުންޏެވެ. "އަހަރެން ދޮގު ހެދީކީ ނޫނެވެ! އަހަރެން ބިރުގަތީއެވެ. ތިޔައީ އަހަރެންގެ އަންހެނުންނެއް ނޫނޭ ބުނި ނަމަ، ދެން، އިނބަ ކޯރުގެ ތެރެއިން ނިއުމާއާއި ޖަމްޝީދާއާއި ދެންވެސް ރީތި އެހެން ފިލްމީ ތަރީން ފަދަ އަންހެނުން ކޯރުގެ ފެންގަނޑުން ނަގައި އެއީ އަހަރެންގެ އަންހެނުންނެއް ނޫނޭ ބުނުމުން، އެންމެފަހުން އަހަރެންގެ އަންހެނުން ނަގައި، އެއީ އަހަރެންގެ އަންހެނުންނޭ ބުނުމުން، އަހަރެންގެ އަންހެނުންނާއި ދެން އަހަންނަށް ދެއްކި ހުރިހާ އަންހެނުން އިނބަ އަހަންނަށް ދީފާނެތީ ގަތް ބިރެކެވެ. އެ ހުރިހާ އެންމެން ގެންގުޅުޅުމަށް ވުރެ ބޭބެ މިހާރު މާ މުސްކުޅިއެވެ. އެހެންވެ، އެކަމާ ބިރުގަނެ، އެކަކުން ފުއްދައިލާން ވެގެން އެހެން ބުނެވުނީއެވެ!

އެޑިޓަރުގެ ނޯޓް
ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ ކުޅަދާނަ ޢިލްމީ ލިޔުންތެރިއެކެވެ. މީގެ ކުރީން ނޫސް-މަޖައްލާތަކަށް ވަރަށް ގިނައިން ލިޔުއްވައިފައިވެއެވެ. މިހާރު ވެސް އޭނާގެ ބައެއް ލިޔުންތައް ނޫސްތަކުން އެބަ ފެނެއެވެ. މިހާރު އޭނާގެ ލިޔުންތެރިކަން ބޮޑަށް އަމާޒުކުރައްވައިފައިވަނީ މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޓަކައި ތަފާތު މަޢުޟޫޢުތަކަށް މީސްމީޑީއާގައި ލިޔުއްވާ ލިޔުންތަކުގެ މައްޗަށެވެ. ޑރ. ޢަބްދުލްޣަފޫރު މާލޭގައި ތަޢުލީމު ހާސިލުކުރެއްވުމަށް ފަހު، އޭނާ ފުރަތަމަ ޑިގްރީ ޙާޞިލުކުރެއްވީ މަދީނާގެ އިސްލާމިކް ޔުނިވަސިޓީއިންނެވެ. އޮސްޓްރޭލިޔާގެ ލެޓްރޯބް ޔުނިވަރސިޓީއިން މާސްޓަރސް ޑިގްރީ ހާސިލުކުރެއްވުމަށް ފަހު، ޕީއެޗްޑީ ނެންގެވީ މެލްބަން ޔުނވަސިޓީއިންނެވެ. އޭނާ މިހާރު ދިރިއުޅުއްވަނީ އޮސްޓްރޭލިއާގައެވެ. މިހާރު މަސައްކަތްޕުޅުކުރައްވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައެވެ. އެ ތާނގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚު ކިޔަވައިދެއްވާށެވެ. އޭނާއަކީ ވަރަށް މަތީ ފެންވަރުގެ ޢިލްމުވެރިއެކެވެ. ފަލްސަފާވެރިއެއް ވެސް މެއެވެ. ޑރ. ޢަބްދުލްޣަފޫރަކީ ރާއްޖޭގެ މަޝްހޫރު ލިޔުންތެރިއެއް އަދި ކެލިގްރާފަރެއް ކަމުގައިވާ ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު (ރަޙިމަހުﷲ)ގެ ޢިލްމުވެރި ދަރިކަލެކެވެ.

Advertisement

ކޮމެންޓް