އިސްވާރީ ޢަމަލުތަކަށް ހިތްވަރުދޭ ޢުލަމާއީ ނަމޫނާތަކުގެ ތެރެއިން އަބޫބަކްރުއްޞިއްދީޤު (2)
އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
2024 އޮކްޓޫބަރު 28ގައި ޝާއިޢުކުރު ބަޔާ ގުޅޭ)
އަބޫބަކްރުގެފާނު ތަރްބިޔަތުވެވަޑައިގަތީ ކައުރަސޫލާގެ އަތްޕުޅުމަތީގައެވެ. އެކަލޭގެފާނަކީ ޤުރްއާން ހިތުދަސް ބޭކަލެކެވެ. އެކަލޭގެފާނުގެ ޚުލުޤުފުޅަކީ ކީރިތި ރަސޫލާގެ މަކާރިމުލްއަޚްލާޤެވެ. އެކަލޭގެފާނު ކީރިތި ރަސޫލާއާ އެކު އުޅުއްވުމުގެ ސަބަބުން އެކަލޭގެފާނަކީ ޙަޤީޤީ ޢާލިމެކެވެ. ﷲއަށް ބިރުވެތި ބޭކަލެކެވެ. އަޞްޙާބުބޭކަލުން ޢިޖްމާޢުވެވަޑައިގެންފައިވާ ގޮތުގައި އަބޫބަކްރުގެފާނަކީ މި އުންމަތުގެ އެންމެ ބޮޑު ޢާލިމެވެ.[1] އެ ކަމުގެ ސަބަބަކީ ރެއާއިދުވާލު ރަސޫލާއާ އެކު އުޅުއްވުމެވެ. ރަށުގައި ހުންނަވާ އިރުގައްޔާއި ދަތުރުފުޅުތަކުގައެވެ. ރޭގަނޑު ޢިޝާނަމާދަށް ފަހު, ރަސޫލާގެ އަރިހުގައި މުސްލިމުންގެ ކަންކަމާ މެދު، ވާހަކަފުޅުދައްކަވާން އިންނަވައެެވެ. ރަސޫލާ ﷺ ކަމަކާ މެދު، މަޝްވަރާކުރައްވައިފި ނަމަ، އެ ކަމާ މެދު، އިސްވެ ވާހަކަފުޅުދައްކަވައިފައިވަނީ އަބޫބަކްރުގެފާނެވެ. އެހެން ބޭކަލުން ފަހަރެއްގައި ވާހަކަފުޅުދައްކަވައިފާނެތެވެ. ގިނަ ފަހަރަށް އެހެން ޞަޙާބީން ވާހަކަފުޅެއްނުދައްކަވަތެވެ. ރަސޫލާ ﷺ ގިނަ ފަހަރަށް ބުރަވެވަޑައިގެންފައިވަނީ އަބޫބަކްރުގެފާނުގެ ރައުޔަށެވެ. ބަދްރު ހަނގުރާމައިގެ އަސީރުންގެ މަސްއަލައިގައި ފިދްޔަ ނަންގަވައިފައި، އަސީރުން ދޫކޮށްލެއްވީ އަބޫބަކްރުގެފާނުގެ ރައުޔަށެވެ.[2] މުސްލިމުން އަދާކުރި ފުރަތަމަ ޙައްޖުގެ ވެރިއަކަށް ކައު ރަސޫލާ ﷺ ފޮނުއްވީ އަބޫބަކްރުގެފާނެވެ. ޢިބާދާތުގައި ހިމެނޭ އެންމެ ގިނަ މަނާސިކުތައް ހުރީ ޙައްޖުގެ ޢިބާދާތުގައެވެ.
އެކަލޭގެފާނުގެ ޢިލްމު މަތިވެރި ނޫން ނަމަ އަމީރުލްޙައްޖުގެ މަޤާމަށް އިސްނުކުރައްވާނެކަން ކަށަވަރެވެ. ކީރިތި ރަސޫލާގެ ބަދަލުގައި ނަމާދުކުރެއްވުމަށް އިސްކުރެއްވީ އަބޫބަކްރުގެފާނެވެ. އެކަލޭގެފާނުގެ ފިޤްހީ ޢިލްމު މަތިވެރި ނޫން ނަމަ، އެކަލޭގެފާނު ރަސޫލާގެ ބަދަލުގައި ނަމާދުގައި އިމާމަކަށް ނުލައްވާނެތެވެ. އަބޫބަކްރުގެފާނަކީ ނާސިޚު ސުންނަތާ ބެހޭ ގޮތުން އެންމެ ފުންނާބުފުޅު އުސް ޢިލްމުވެރިޔާއެވެ. މުސްލިމުންގެ މައްޗަށް ފަރްޟުކުރެއްވި ޒަކާތާ ބެހޭ ޙުކުންތައް ރަސޫލާ ﷺގެ އަރިހުން އަަބޫބަކްރުގެފާނު އުނގެނިވަޑައިގަތެވެ. އަނަސު ބުނު މާލިކު މި ޢިލްމު ދަސްފުޅުކުރެއްވީ އަބޫބަކްރުގެފާނުގެ އަރިހުންކަމަށް އަނަސުގެފާނު ވިދާޅުވިއެވެ. ޒަކާތާ ބެހޭ ބާބުގައި ވާރިދުވެފައިވާ ޞައްޙަ ޙަދީސްފުޅުތައް ވާރިދުވެފައިވަނީ އަބޫބަކްރުގެފާނުގެ އަރިހުންނެވެ. މި ބާބުގައި ފަޤީހުން ބުރަވެވަޑައިގެންފައިވަނީ މި ޙަދީސްފުޅުތަކަށެވެ. އަބޫބަކްރުގެފާނު ޝަރްޢީ އެއްވެސް މަސްއަލައެއްގައި ކުށެއް ހައްދަވައިފައިވާ ޚަބަރު އެއްވެސް ފޮތެއްގައި އައިސްފައެއް ނުވެއެވެ.[3]
ކީރިތި ރަސޫލާގެ މަޖިލީހުގައި އަބޫބަކްރުގެފާނު ވަނީ ޤާޟީކަން ކުރައްވައިފައެވެ. ފަތުވާދެއްވައިފައެވެ. މިއީ އެއްވެސް ޞަޙާބީއަކަށް ލިބިވަޑައިގެންފައިވާ މަޤާމެއްނޫނެވެ.[4]
ކީރިތި ރަސޫލާ ސުވަރުގެވަޑައިގަތުމަށް ފަހު، އިސްލާމީ އުންމަތާ ކުރިމަތިވި ހުރިހާ މަސްއަލަތަކެއް ދަލީލާއި ޙުއްޖަތާ އެކު، އަބޫބަކްރުގެފާނު ޙައްލުކޮށްދެއްވިއެވެ. ރަސޫލާ އަވަހާރަވިޔަސް ﷲއަކީ ދާއިމަށް އަބަދަށް ވޮޑިގެންވާ ކަލާނގެކަން ބަޔާންކޮށްދެއްވައި މުސްލިމުންގެ ހިތްތަކުގައި އީމާންކަން ވަރުގަދަކޮށްދެއްވައި މުއުމިނުން އީމާންކަންމަތީ ދެމެހެއްޓެވިއެވެ. ރަސޫލާ ﷺ ފަސްދާނުވަޑުވާން ވީ ތަނާއި ރަސޫލާގެ ތަރިކައާ މެދު، ޢަމަލުކުރާންވީ ގޮތް ބަޔާންކޮށްދެއްވީ އަބޫބަކްރުގެފާނެވެ. ޒަކާތްދިނުމުން މަނާވެގަތް މީހުންނާ ދެކޮޅަށް އަބޫބަކްރުގެފާނު ހަނގުރާމަކުރެއްވީ ދަލީލާއި ޙުއްޖަތްދައްކަވައިގެންނެވެ. އަދި ޞަޙާބީން މި ޙުއްޖަތް ޤަބޫލުފުޅުކުރެއްވިއެވެ. ރަސޫލާ ﷺގެ ޚާލިފާއަކު އިސްކުރުމުގެ މަސްއަލައިގައި ޚަލީފާކަން އޮންނަ ޖެހޭނީ ޤުރައިޝުންނަށްކަމަށް އަބޫބަކްރުގެފާނު ބަޔާންކޮށްދެއްވިއެވެ. އިސްލާމީ ލަޝްކަރުގެ ވެރިކަމަށް ރަސޫލާ ﷺ އުސާމަތު ބުނު ޒައިދު އިސްކުރެއްވި އިސްކުރެއްވުން އަބޫބަކްރުގެފާނު ދެމެހެއްޓެވިއެވެ. އެކަލޭގެފާނަށް ވުރެ ޢުމުރުފުޅުން ދޮށީ ޞަޙާބީން މި ލަޝްކަރުގައި ހިމެނިވަޑައިގަންނަވާތީ ޢުމަރުގެފާނު ފަދަ ބައެއް ޞަޙާބީން އުސާމަތުގެފާނު ބަދަލުކުރެއްވުމަށް އަބޫބަކްރުގެފާނަށް ދެންނެވިއެވެ. އެ ހިނދު އަބޫބަކްރުގެފާނުގެ ބަސްފުޅަކަށް ވީ ކައު ރަސޫލާގެ ވަޞިއްޔަތްޕުޅު ބަދަލުނުކުރައްވައި ތަންފީޒުކުރައްވާނެކަމަށެވެ.
އަބޫބަކްރުގެފާނު ޚަލީފާކަމަށް އިސްކުރެވުމުން ދެއްވި ފުރަތަމަ ޚުޠުބާގައި އިސްލާމީ ދައުލަތުގެ ދުސްތޫރު ސާފުކޮށް ބަޔާންކުރެއްވިއެވެ. މި ޚުޠުބާގައި އެކަލޭގެފާނު ސިޔާސީ ޕުރޮގްރާމު ހާމަކުރެއްވިއެވެ. ޙިކްމަތްތެރިކަމާއި ޢަދްލުވެރިކަމާއި ހެޔޮކަންތަކަށް އަމުރުކުރުމާއި މުންކަރާތްތައް ނަހީކުރުމުގެ އުޞޫލުތަކުން ދައުލަތުގެ ތަނބުތައް ވަރުގަދަކުރެއްވިއެވެ. އިސްލާމީ ފުތޫޙާތުތައް ފެށްޓެވިއެވެ.
އަބޫބަކްރުގެފާނުގެ ޢިލްމުވެރިކަމާއި ވިސްނުންފުޅު ތޫނުކަން ނިކަން ދެކެ ބަލާށެވެ! ކީރިތި ރަސޫލާ އެންމެ ފަހުން މީސްތަކުންނަށް ދެއްވި ޚުޠުބާގައި ވިދާޅުވިއެވެ. "ހަމަކަށަވަރުން މި ދުނިޔެއާއި އާޚިރަތުގެ ތެރެއިން ބޭނުން ތަނެއް އިޚްތިޔާރު ކުރަން މާތް ﷲ އެކަލާނގެ އަޅަކަށް ދެއްވައިފިއެވެ.)) މި ފަދައިން ހަމަ ޙަދީސްކުރައްވާ އިރަށް އަބޫބަކްރުގެފާނު ދެންނެވިއެވެ. ކަލޭގެފާނަށް ޓަކައި އަޅުގަނޑުމެންގެ މައިންބަފައިން ޤުރްބާންކޮށްފީމެވެ. އެހެން ޞަޙާބީން އަބޫބަކްރުގެފާނުގެ މި ބަސްފުޅާ މެދު ޙައިރާންފުޅުވެވަޑައިގަތެވެ. ރަސޫލާގެ މި ބަސްފުޅުން އެކަލޭގެފާނު މި ދުނިޔެ ދޫކުރައްވާ ވަގުތު ވަރަށް ކައިރިވެއްޖެކަން އަބޫބަކްރުގެފާނަށް ވިސްނިވަޑައިގަތެވެ.
ރަސޫލާ ﷺއަށް އަބޫބަކްރުގެފާނުގެ ޢިލްމުވެރިކަމާ ބެހޭ ހުވަފެންފުޅެއް ފެނިވަޑައިގަތެވެ. މާތް ﷲ ރުއްސުންލެއްވި އިބްނު ޢުމަރުގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. رسول الله ﷺ ޙަދީސްކުރެއްވިއެވެ. ((ކިރުތަށްޓެއް ތިމަންކަލޭގެފާނަށް އެރުވުނު ތަން ހުވަފެންފުޅެއްގައި ދެކެވަޑައިގަތީމެވެ. ތިމަންކަލޭގެފާނު ބަނޑުފުޅުބޮޑުވަންދެން އެއިން ހިއްޕެވީމެވެ. މި ކިރު ތިމަންކަލޭގެފާނުގެ ނާރުފުޅުތަކާއި މަސްފުޅުތަކުގެ ތެރޭގައި ހިނގައި ފެތުރެމުން ދިޔަ ތަން ވެސް ދެކެވަޑައިގަތީމެވެ. މި ކިރު ތަށިން ބާކީ ހުރި ކިރުފޮދު ތިމަންކަލޭގެފާނު ދެއްވީ އަބޫބަކްރުގެފާނަށެވެ. އަޞްޙާބުބޭކަލުން ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ! މިއީ މާތް ﷲ ކަލޭގެފާނަށް ދެއްވި ޢިލްމުތޯއެވެ؟ ކަލޭގެފާނު މި ޢިލްމުން ފުރައިފުރިހަމަވެވަޑައިގަތުމުން ބާކީ އަބޫބަކްރުގެފާނަށް ދެއްވީތޯއެވެ؟ އެހިނދު ރަސޫލާ ﷺ ޙަދީސްކުރެއްވިއެވެ. ތިޔަބައިމީހުންނަށް އަމާޒު ހިފިއްޖެއެވެ.))[5]
އަބޫބަކްރުގެފާނަކީ ހުވަފެން ތަޢުބީރުކުރެއްވުމުގައި ވަރަށް ސީދާ ބޭކަލެކެވެ. ރަނގަޅު ހުވަފެނެއް މީހަކަށް ފެނިއްޖެނަމަ އެ ހުވަފެނެއް ކިޔައިދިނުމަށް އަބޫބަކްރުގެފާނު ވިދާޅުވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "މުސްލިމު އަޅާ ރަނގަޅަށް ވުޟޫކޮށްގެން ނިދައިފައި އޮންނަ އިރު ފެންނަ ރަނގަޅު ހުވަފެނަކީ މިވެނިއެވެނި އެއްޗަކަށް ވުރެ ލޮބުވެތިކަން ބޮޑު އެއްޗެކެވެ."
އިބްނު ޢައްބާސުގެފާނު އަރިހުން ރިވާވެގެންވެއެވެ. ((އެއް ދުވަހަކު މީހަކު ރަސޫލާގެ އަރިހަށް އައިސް އޭނާއަށް ފެނުނު ހުވަފެނެއްގެ ވާހަކަ ދެންނެވިއެވެ. އޭނާ ދެންނެވިއެވެ. އަޅުގަނޑަށް ރޭ ހުވަފެނުގައި ފެނުނީ އެއިން ގިތެލާއި މާމުއި ވެހޭ ވިލާގަނޑެކެވެ. އެއިން އެތިކޮޅެއް ލިބޭތޯ މީސްތަކުން އެއްވެ ޖަމާވޫއެވެ. އެ ތަނުން މީސްތަކުންނަށް ބިމުން އުޑަށް ވާޞިލުވެވޭނެ ޒަރީޢާއެއް ފެނުނެވެ. އަޅުގަނޑަށް ފެނުނީ ކަލޭގެފާނު އޭގައި ހިއްޕަވައި މައްޗަށް އަރައިވަޑައިގަތް ތަނެވެ. ކަލޭގެފާނަށް ފަހު އޭގައި އެހެން މީހަކު ހިފައި މައްޗަށް އެރިއެވެ. އަދި އޭނާއަށް ފަހު އެހެން މީހަކު އެއިގައި ހިފައި މައްޗަށް އެރިއެވެ. ދެން އެހެން މީހަކު އަރަނިކޮށް އެ ކަނޑައިގެން ދިޔައެވެ. އެއަށް ފަހު، ބުރިވި ތަން ގުޅި އޭނާ މައްޗަށް އެރިއެވެ. އެ ހިނދު އަބޫބަކްރުގެފާނު ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއޭވެ!. ކަލޭގެފާނަށް ޓަކައި އަޅުގަނޑު ބައްޕަ ޤުރްބާންކުރަމެވެ. އަޅުގަނޑަށް މި ހުވަފެން ތަޢުބީރުކުރުމުގެ ހުއްދަދެއްވާނުތޯއެވެ؟ ރަސޫލާ ޙަދީސްކުރެއްވިއެވެ. ކަލޭގެފާނު ތަޢުބީރުކޮށްދެއްވާށެވެ! އަބޫބަކްރުގެފާނު ވިދާޅުވިއެވެ. އެ ވިލާގަނޑަކީ އިސްލާމްދީނެވެ. އެއިން ގިތެލާއި މާމުއި ވެހެމުންދާ އެއްޗަކީ ޤުރްއާނެވެ. އެއިން އެ ފައިބަނީ އޭގެ ފޮނިމީރުކަމެވެ. ނަގާ ބަޔަކު ގިނައިންނާއި މަދުން އެ ނަގަނީ ޤުރްއާނުންނެވެ. ބިމާއި އުޑު ވާޞިލުކޮށްދޭ ޒަރީޢާއަކީ ކަލޭގެފާނު އޭގެ މަތީގައި ހުންނެވި ހައްޤުމަގެވެ. ކަލޭގެފާނު އޭގައި ހިއްޕެވުމުގެ ސަބަބުން ﷲ ކަލޭގެފާނުގެ ދަރަޖަ އުފުއްލެވިއެވެ. އެއަށް ފަހު، ކަލޭގެފާނުގެ ފަހުން އަންނަ މީހަކު އޭގައި ހިފުމުން އޭނާ މަތިވެރިކުރައްވަތެވެ. އޭނާއަށް ފަހު، އަންނަ މީހަކު އޭގައި ހިފުމުން އޭނާ މަތިވެރިކުރައްވަތެވެ. ދެން އަންނަ މީހަކު އޭގައި ހިފުމުން އޭތި ބުރިވެގެންދެއެވެ. އެއަށްފަހު އޭތި އަލުން ދެ ކޮޅު ގުޅި އޭނާ މަތިރިވެގެންދެއެވެ. އޭ ﷲގެ ރަސޫލާއޭވެ! އަޅުގަނޑަށް ތައުބީރު މި ކުރެވުނީ ރަނގަޅަށްތޯއެވެ؟ ނުވަތަ ނުބައިކޮށް ތޯއެވެ؟ ފަހެ ނަބިއްޔާ ﷺ ޙަދީސްކުރެއްވިއެވެ. ބައެއް ބައިތައް ރަނގަޅެވެ. އަނެއްބައި ބައިތައް ނުބައެވެ. އަބޫބަކްރުގެފާނު ވިދާޅުވިއެވެ. ﷲ ގަންދެއްވައި ދަންނަވަމެވެ. އޭ ﷲގެ ރަސޫލާއޭވެ! އަޅުގަނޑަށް ހެދުނު ނުބައި ކަންތައްތައް ވިދާޅުވެދެއްވާށެވެ! ރަސޫލާ ޙަދީސްކުރެއްވިއެވެ. ﷲ ގަންދެއްވައި ހުވާނުުކުރައްވާށެވެ.))[6]
ޢާއިޝަތުގެފާނަށް ހުވަފެންފުޅެއްގައި އެ ކަމަނާގެ ގެކޮޅު ތެރެއަށް ތިން ހަނދު ވެއްޓުނު ތަން ފެނިވަޑައިގަތެވެ. މި ހުވަފެންފުޅު ބަފައިކަލުން އަބޫބަކްރުގެފާނަށް ދެންނެވުމުން ވިދާޅުވިއެވެ. "ދަރިފުޅުގެ ހުވަފެން ތެދުވެއްޖެ ނަމަ، ދަރިފުޅުގެ ގޭގައި މި ދުނިޔޭގެ އެންމެ ރަނގަޅު ތިން މީހުން ވަޅުލެވޭނެއެވެ. ރަސޫލާ ﷺ އެކަމަނާގެ ގެކޮޅުގައި ފަސްދާނުވެޑުވުމުން އަބޫބަކްރުގެފާނު ވިދާޅުވިއެވެ. އޭ ޢާއިޝާއެވެ! މިއީ ދަރިކަނބަލުންގެ ހަނދުތަކުގެތެރެގައި ހިމެނޭ އެންމެ ރަނގަޅު ހަނދެވެ." ޢައްލާމާ ސުޔޫޠީ ވިދާޅުވެފައިވާ ގޮތުގައި[7] ނަބީކަލޭގެފާނަށް ފަހު، ހުވަފެން ތަޢުބީރުކުރުމުގައި އެންމެ މޮޅު ބޭކަލަކީ އަބޫބަކްރުގެފާނެވެ.
އަބޫބަކްރުގެފާނު އެންމެ ބޮޑަށް ދެނެވަޑައިގަންނަވާ ޞަޙާބީކަމުގައި ވިޔަސް އެކަލޭގެފާނަކީ އަމިއްލަފުޅަށް ހައްދަވައިގެން އެއްޗެއް ވިދާޅުވި ބޭކަލެއް ނޫނެވެ. އިބްރާހީމުއްނަޚްޢީ ވިދާޅުވިއެވެ. އަބޫބަކްރުގެފާނު ((وَفَاكِهَةً وَأَبًّا[8])) ކިޔަވައިވިދާޅުވުމުން ދެންނެވުނެވެ. الأبُّ އަކީ ކޮން އެއްޗެއް ތޯއެވެ؟ މީހަކު އެއީ މިވެނިއެވެނި އެއްޗެކޭ ދެންނެވުމުން އަބޫބަކްރުގެފާނު ވިދާޅުވިއެވެ. ތިޔައީ ހަދަހަދައިގެން ދައްކާ ވާހަކަތަކެކެވެ. ﷲގެ ފޮތާ މެދު، ތިމަންކަލޭގެފާނަށް އެނގިވަޑައިނުގަންނަވާ އެއްޗެއް ވިދާޅުވެއްޖެ ނަމަ، ތިމަންކަލޭގެފާނު އުފުއްލައިދޭނީ ކޮން ބިމެއްހެއްޔެވެ؟ ތިމަންކަލޭގެފާނަށް ހިޔާވަހިކަން ދޭނީ ކޮން އުޑެއްހެއްޔެވެ؟
(ނުނިމޭ)
[1] - فتاوى ابن تيمية،،ج13، ص : 127 ، 1997
[2] - كتاب المال والحكم في الإسلام عبد القادر عودة ، ص: 335 ، 1989
[3] - شرح ابن قاسم ، ص : 60 ، 1996
[4] - شرح ابن قاسم ، ص : 59 ، 1996
[5] - عاشور، الكومي،1994،ص 155
[6] - أخرجه البخاري ( ٧٠٤٦ ) و مسلم (٢٢٦٩) ، السيوطي ص : 129 ،1997
[7] - السيوطي،1997، ص130
[8] - عبس: 31