ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ، ނޮވެންބަރު ތިނެއްގައި
ޢަބްދުﷲ ސަޢީދު
އެއީ އޭރު ސިފައިންގެ ޚިދުމަތަށް ވަރަށް ޅަ ޒުވާނެކެވެ. މަސައްކަތްކުރައްވަމުން ގެންދެވީ ކޯސްޓްގާޑުގެ ކުދި ލާންޗުފަހަރުގެ ފަޅުވެރިއެއްގެ ގޮތުގައެވެ. އެ ދުވަސްވަރު އެސްކޫލު ނިމުމުން ސިފައިންގެ ޚިދުމަތަށް މަޖުބޫރުން ގުޅޭން ޖެހުނު ނަމަވެސް ޤައުމީ ޚިދުމަތުގައި ސާބިތުވެ ހުންނެވުމުގެ ވިސްނުންފުޅު އައީ 1988 ނޮވެންބަރު ތިނެއްގައި ދިވެހިރާއްޖެއަށް ކުރިމަތިވި ބިރުވެރި ޙަމަލައަށް ފަހުގައެވެ. އެ ހަމަލާ ކުރިމަތިވިއިރު ޕްރައިވެޓްގެ ރޭންކުގައި ހުންނެވި (މިހާރުގެ ޗީފް އޮފް ޑިފެންސް ފޯސް) މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީގެ ސިފައިންގެ ޚިދުމަތަށްވީ އެންމެ ހަ މަސް ދުވަހެވެ.
ނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމަލާ ދުޝްމިނުން ދޭން ފެށި ރެއާއި އެ ދުވަހަކީ ޕްރައިވެޓް އިބްރާހީމް ޙިލްމީގެ ޑިއުޓީ ދުވަހާއި ޑިއުޓީ ރެއެވެ. އޭރު ކޯސްޓްގާޑު ކުދި ލޯންޗުފަހަރުގައި މަސައްކަތްކުރާ ސިފައިން ޑިއުޓީގައި ތިބެނީ ދަތުރެއް ޖެހިގެން ގޮވައިލީމާ ދާ ގޮތަށް ސްޓޭންޑްބައި [ތައްޔާރީ ޙާލަތު]ގައެވެ. އެރޭ ޕްރައިވެޓް ޙިލްމީ އަވަހާރަލެއްޕެވީ ސިފައިންގެ އިރުމަތީ ފަރާތުގައި އޭރު ހުރި ޢިމާރާތުގެ ކޮންފަރެސް ހޯލްގައި ހަދައިފައިވާ "މަނަވަރު" ފެންޑާގައެވެ.
ދުޝްމިނުން މާލެއަށް އަރައި ދޭންފެށި ބަޑީގެ ހަމަލާގެ އަޑުފައްގަނޑަށް ފެންޑާގައި ތިބި ހުރިހައި ސިފައިން ހޭލައިގެން ވާނުވާ ބަލާން ކޮޅުކޮޅަށް ދުވާންފެށިއެވެ. އެ ވަގުތު އެންމެ ފުރަތަމަ ޕްރައިވެޓް ޙިލްމީ ހީފުޅުކުރެއްވީ ސިފައިންގެ އެތެރޭގައި ހިނގާ ކަމެއްކަމަށެވެ. އެކަމަކު ބަޑީގެ އަޑު ހުކުރު މިސްކިތާ ދިމާއިން ވެސް އަންނަހެން ހީފުޅުވެގެން އެ ފަރާތުގައި ހުރި ކުޑަދޮރުތަކުގެ ކައިރިއަށް ވަޑައިގެން ބައްލަވައިލެއްވިއެވެ. އޭރު އެ ތަނުން ބޭރު ބަލާން ޕްރައިވެޓް ޙުސައިން ޢަބްދުﷲ ވެސް ހުއްޓެވެ. އެ ވަގުތު އެ ތަނުން ދުރަށް ދިއުމަށް ފެންޑާގެ އިސްފަރާތެއްގެ ގޮތުގައި ކަނޑައަޅުއްވައިފައިވާ ސާޖަންޓް ޒުބައިރު އަޙްމަދު މަނިކު ވަރަށް ބާރަށް ވިދާޅުވިއެވެ. އޭރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޣާޒީ ބިލްޑިންގާ ދޭތެރެއިން މީހަކު ހަޅޭއްލަމުން އަންނަ ތަން ޕްރައިވެޓް ޙިލްމީއަށް ފެނިވަޑައިގަތެވެ. ދެން އިވިވަޑައިގަތް ބަޑީގެ އަޑުފައްގަނޑަށް ފަހު ފެނިވަޑައިގަތީ މީހަކު ވެއްޓިފައި އޮތް ތަނެވެ. އެއީ މި ހަމަލާގައި ފުލުސް އޮފީސް ގޭޓުން ވަންނާން އައި ވަސަންތީ ގުރޫޕުގެ ޖޫލީއެވެ.
ސާޖަންޓް ޒުބައިރު އަޙްމަދު މަނިކު އެންގެވުމުން އެ ފެންޑާގައި ތިބި އެހެން ސިފައިންނާއެކު ޕްރައިވެޓް ޙިލްމީ ދެން ވަޑައިގަތީ ބަޑިގުދަނަށް ހަތިޔާރު ނަންގަވާށެވެ. ބަޑިގުދަނަށް ވަޑައިގަތުމާ އެކު، އެތަނުގައި ތިއްބެވި އިސް ބޭފުޅުން ޕްރައިވެޓް ޙިލްމީ ބޭންދެވީ އާމަރީގައި މެގަޒިނަށް ވަޒަންއަޅއްވާށެވެ. އެހެން އިންނަވާ އިރު، ދޭތެރެއަކުން ބަޑިގުދަނުން ބޭރަށް ނިކުމެވަޑައިގެން ސިފައިންގެ އެތެރޭގައި ކަންކަން ހިނގާ ގޮތް ބައްލަވައިލައްވައެވެ. ސިފައިންގެ ޚިދުމަތަށް ޅަކަމުން ސިފައިންގެ އިސް ބައެއް ބޭފުޅުން ފިޔަވައި އެހެން މާގިނަ ބައެއްގެ ނަމެއް އެނގިވަޑައެއްނުގަނެއެވެ.
ބަޑިގުދަނުގައި މެގަޒިންތަކަށް ވަޒަން ލައްވާން ހުންނަވަނިކޮށް، އެ ދުވަހުގެ ފަތިހު 04:40 އެހާކަށްހާއިރު ސިފައިންގެ މަރުކަޒުގެ ހުޅަނގު ދެކުނު ކަން ގޮއްވައިލި ގަދަފަދަ އަޑު އިވިވަޑައިގަތެވެ. އެ ދުވަހުގެ ހެނދުނު ގާތްގަޑަކަށް 10:00 ޖެހިއިރު މި ބާގަނޑު ބައްދާން ނެގުނު ޓީމުގައި ޕްރައިވެޓް ޙިލްމީ ހިމެނިވަޑައިގަތެވެ. ސްޓާފް ސާރޖަންޓް ހަބަރު ދޮންމަނިކާ އެކު، އަނބުގަސްދޮށު ކައިރީން ބަހަކަށް އަރައިވަޑައިގެން ވަޑައިގަތީ ސިފައިންގެ މައި ދޮރޯށި ކައިރީގައި ހުރި މޫނިމާގަސް ކައިރިއަށެވެ. އެއަށް ފަހު، ބަހުން ފައިބައިވަޑައިގެން ހިންގަވައިފައި ވަޑައިގަތީ ދޮރޯށި ކުރިމަތީން ފެންނާން މިހާރު ވެސް ހުރި ފްލޭގް ޕޯސްޓް [ދިދަ ދަނޑި]ގެ އިރުމަތީ ފަރާތު ކަންމަތީގައި ހުރި ވެލި ބަސްތާތަކެއް ނެންގެވުމަށެވެ. އެ ވެލި ބަސްތާތައް ހުރީ ތުން ނުބަދެ ކަމުގައިވާތީ، ސްޓާފް ސާރޖަންޓް ހަބަރު ދޮންމަނިކުގެ އެންގެވުމަށް ވެލިބަސްތާތައް ބަންނާނެ ރޯނު ހޯއްދެއްވުމަށް ޓަކައި ދުވެފައި ވަޑައިގަތީ ކޮއްތު ގުދަނާ ދިމާއަށެވެ. އެ ތަނުން ރޯނު ހޯއްދަވައިގެން ދުވެވަޑައިގެން ދިދަދަނޑީ ކައިރިއަށް ވަޑައިގަތް ވަގުތު ދުޝްމިނުން ސިފައިންގެ ގޭޓަށް ދެމުން ދިޔަ ޙަމަލާގެ ސަބަބުން ވަރަށް އަޑުގަދައެވެ.
ދުޝްމިނުން ދެމުން ގެންދިޔަ ޙަމަލައިގެ އަޑުފަށްގަނޑަށް ސިއްސަސިއްސައިގެން ދެއެވެ. އެހެންނަމަވެސް، ހަވާލުކުރެވިފައިވާ ޓާސްކު [ޒިންމާ] އެ ތަނުން ފުރިހަމަކުރެއްވުމަށް ފަހު، ވެލި ބަސްތާތަކާ އެކު ބަހަށް އަރައިވަޑައިގެން އަނބުގަސްދޮށަށް ވަޑައިގަތުމަށްފަހު، ދަގަނޑު ދެ ތާނގީ ބާގަނޑުގެ ދެ ފަރާތުގައި ބެހެއްޓުމަށް ފަހު، އޭގެ މަތީގައި ދަގަނޑު ފިލާ ބޭއްވުމަށްފަހު، އޭގެ މައްޗަށް ވެލި ބަސްތާ ޖަހައިގެން ބާގަނޑު ބެއްދޭތޯ ޕްރައިވެޓް ޙިލްމީ އާއި އެ ކަމަށް މަސައްކަތްކުރި ޓީމުން ކުރި މަސައްކަތްތަކުގެ ހުރަހަކަށްވީ، ބާގަނޑާ ދިމާ ބޭރުން ޙަރަކާތްތެރިވަމުން ދިޔަ ދުޝްމިނުންނެވެ. ދަގަނޑުފިލާ މައްޗަށް ވެލި ބަސްތާތައް އުއްކަވަމުން ގެންދަވަނިކޮށް ވެލި ބަސްތާއެއް ފިލާމަތީން ވެއްޓުނެވެ. މި ވެލި ބަސްތާ ނަންގަވާން [އޭރުގެ] ޕްރައިވެޓް ޙިލްމީ ދަގަޑުފިލާ ކައިރިއަށް ވަޑައިގެން، ދެކަކޫފުލު ބިންމަތީގައި ޖެއްސެވުމަށް ފަހު، ވެލި ބަސްތާ ނެންގެވި ވަގުތާއި، ދުޝްމިނުން ބޭރުން ބާގަނޑާ ދިމާއަށް ޙަމަލަދޭން ފެށިއެވެ. އެ ވަގުތު ބާގަނޑާ ދިމާއަށް ސިފައިންގެ މަރުކަޒުން ވަރުގަދަ ރައްދު ޙަމަލައެއް ފޮނުވައިލިއެވެ. އެހެންކަމުން، އެންމެ ފުރަތަމަ ފަހަރު ބާގަނޑު ބައްދާންކުރި މަސައްކަތް ކާމިޔާބުވާ ގޮތެއް ނުވިއެވެ. އެ މަސައްކަތުގައި އުޅުއްވުމަށް ފަހު އަނެއްކާ ވެސް ޙިލްމީ ވަޑައިގަތީ އިތުރު ޓާސްކެއް [ޒިންމާއެއް] ޙަވާލުކުރައްވާނެކަމަށް ބަލައިގެން އާމަރީއަށެވެ.
އާމަރީއަށް ވަޑައިގަތުމުން ޙިލްމީއަށް އަނެއްކާ ވެސް ޙަވާލުވެވަޑައިގަތީ ބަޑީގެ މެގަޒިނަށް ވަޒަން ލައްވާށެވެ. ބަޑިގުދަނުގައި އިންނަވައިފައި ބޭރަށް ނިކުމެވަޑައިގަތް ފަހަރަކު ނޮވެންބަރު ތިނެއްގެ ހަމަލާގައި ސިފައިންގެ އެތެރޭގައި ކޮމާންޑަރެއްގެ ގޮތުގައި މަސައްކަތްކުރެއްވި އޭރުގެ މޭޖަރ މުޙައްމަދު ޒާހިރާ ބައްދަލުވެވަޑައިގަތެވެ. ފަހުން ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމު އަދާކުރެއްވި މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މުޙައްމަދު ޒާހިރު ސިފައިންތަކެއްގެ ނަންތައް ވިދާޅުވެފައި ހޯއްދަވައިގެން ބަޑިގުދަންކައިރިއަށް ގެންނެވުމަށް އެންގެވިއެވެ. އެކަމަކު އޭގެ ތެރޭގައި ޕްރައިވެޓް ޙިލްމީ ދެނެވަޑައިގަންނަވާ އެއްވެސް ބޭފުޅެއް ނެތުމުން، ޑިއުޓީ ފޯރިއަށް ގޮވާ މީހަކާ ޙަވާލުކޮށްގެން އެ މީހުން އާމަރީއަށް ގެނައުމުގެ މަސައްކަތް މޭޖަރ މުޙައްމަދު ޒާހިރު ފެށްޓެވިއެވެ. އެހެންކަމުން، ޕްރައިވެޓް ޙިލްމީ އާމަރީ ތެރޭގައި މެގަޒިނަށް ވަޒަން ލައްވަވާން ހުންނަވައިފައި ފަހުން ނިކުތް ވަގުތަކު ފެނިވަޑައިގަތީ މޭޖަރ މުޙައްމަދު ޒާހިރު ބަޔަކާ ވާހަކަ ދައްކަވާން ހުންނެވި ތަނެވެ. އެއީ ރެކީ ޕެޓްރޯލަށް ބޭރަށް ނިކުތުމަށް ކަނޑައެޅުނު ސިފައިންނެވެ. ސިފައިންގެއަށް ދުޝްމިނުން ހަމަލާދެމުން ދަނިކޮށް ސިފައިންގެއިން ބޭރަށް ނިކުންނަށް ހަމަޖެއްސެވި ސިފައިންނާ މޭޖަރ މުޙައްމަދު ޒާހިރު ވާހަކަފުޅުދައްކަވައި ވަރަށް އަސަރާ އެކު، ސަލާންކުރެއްވިއެވެ. އަދި އެތާނގައި ތިބި އެހެން ސިފައިންނެކޭ އެއް ގޮތަށް ޕްރައިވެޓް ޙިލްމީ ވެސް އެ ސިފައިންނާ ސަލާންކުރެއްވިއެވެ. ސިފައިންގެއިން ބޭރަށް ރެކީއަށް ނިކުންނާން ލެފްޓިނެންޓް މޫސާ ޢަލީ ޖަލީލު ހިމެނިވަޑައިގަންނަވާ ގޮތަށް 11 ސިފައިން އާމަރީން ހިނގައިގަތް ވަގުތަކީ އަސަރުގަދަ ވަގުތެއްކަމުގެ އިޙްސާސް، ޕްރައިވެޓް ޙިލްމީއަށް ކުރުވިއެވެ. އޭގެ ކުޑަ ވަގުތެއްކޮޅެއް ފަހުން ޕްރައިވެޓް ޙިލްމީ އޭކޭ 47 ބަޑިއަކާ އެކު، ޑިޔުޓީއަށް ފޮނުވުނީ ސިފައިންގެ އިރުމަތީ ފަރާތުގައި ހުރި ޢިމާރާތުގެ ތިންވަނަ ފަންގިފިލާގެ "މަނަވަރު" ފެންޑާއަށެވެ. އެ ޑިޔުޓީ ޕޮއިންޓުގައި ހުންނެވި އިރު ޕްރައިވެޓް ޙިލްމީއަށް އެންމެ ފުން ހިތާމައެއް ލިބިވަޑައިގަތީ ޤާއިމުވެވަޑައިގެން ހުންނެވި ޑިޔުޓީ ޕޮއިންޓުގެ ބޭރުން ލާންސް ކޯޕްރަލް އާދަމް ނަޞީރު (ޝޭޑީ)އާއި ޕްރައިވެޓް މުޙައްމަދު ޙަސަން ޝަހީދުވެގެން ވެއްޓިވަޑައިގެންފައިވާ މަންޒަރު ފެނިވަޑައިގަންނާއެވެ.
1988 ނޮވެމްބަރ ތިނެއްގައި ދިވެހިރާއްޖެއަށް ނުރައްކާތެރި ޙަމަލަ ކުރިމަތިވި އިރު، ޕްރައިވެޓް ޙިލްމީ ޢުމުރުފުޅުން ހަގު ކަމުގައިވިޔަސް އަދި ސިފައިންގެ ޚިދުމަތަށް އަހަރެއް ނުވި ކަމުގައިވިޔަސް ސާބިތުވެ ހުންނެވީ ސިފައިންގެ މައި މަރުކަޒު ޙިމާޔަތްކުރެއްވުމުގައި ކުރައްވާން ޖެހިވަޑައިގަތް ކޮންމެ މަސައްކަތެއް ކުރެއްވުމަށެވެ. އެ ދުވަހު ދީނާއި ޤައުމަށް ޓަކައި ފަސްޖެހިވަޑައިނުގެން ހިތްވަރާއެކު ޖިހާދުކުރެއްވިއެވެ. ސިފައިންގެ ވެރީން އެންގެވި ކޮންމެ ކަމެއް އެއްވެސް ސުވާލެއް ނެތި ކުރެއްވުމުގައި ސާބިތުވެ ހުންނެވިއެވެ.
ނޮވެންބަރު ތިނެއްގެ ޢުދުވާނީ ހަމަލާއަކީ ސިފައިންގެ މީހެއްގެ ގޮތުގައި ޤައުމަށް ޚިދުމަތްކުރެއްވުމުގައި ސާބިތުވެ ދެމި ހުންނަވާން މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީގެ ހިތްޕުޅާއި ރޫޙުފުޅު ސިފައިންގެ ޚިދުމަތަށް ލަންބުވައިލި ހާދިސާއެވެ. އެ ދުވަހުގެ އެ ހާދިސާއަކީ ސިފައިންގެ ޚިދުމަތާ މެދު، ކުރިން ދެކެވަޑައިގަތް ގޮތް މުޅީން ބަދަލުކޮށްލި ހާދިސާއެކެވެ. އެ ދުވަހަށް ފަހު އަސްކަރީ ޚިދުމަތަކީ ޤައުމަށް ކޮށްދެވޭނެ އެންމެ ފަޚުރުވެރި އަދި އެންމެ ޝަރަފުވެރި އަދި އެންމެ މުހިންމު ޚިދުމަތްކަމަށް ޤަބޫލުފުޅުކުރައްވައިގެން އިޚްލާޞްތެރިކަމާއެކު ކުރިއަށް ވަޑައިގަތުމުގެ ނަތީޖާއަކީ މިއަދު އެމަނިކުފާނު ހުންނެވި ހިސާބަށް ވަޑައިގަތުމުގެ ފުރުސަތު ލިބިވަޑައިގަތުމެވެ. މިއަދު އެއީ ދިވެހި އަސްކަރިއްޔާގެ ޗީފް އޮފް ޑިފެންސް ފޯސްއެވެ. ދިވެހި ލަޝްކަރުގެ ޔުނިފޯމުއެޅި އެންމެ އިސް ކޮމާންޑަރެވެ.
_________________________________