Advertisement

އިސްރާއީލުގެ ޢުދުވާނު ހުއްޓައިލުމުގެ އެއްބަސްވުމަށް ކުރި އުންމީދަށް ހިޔަނި އެޅިފައި

02 Nov 2024 | 00:08
ތިޔަ ފެނިވަޑައިގަންނަވަނީ ފަޖުރުލާ މަންޒަރެއް ނޫނެވެ. އެއީ ޣައްޒާއަށް ހުކުރުވިލޭރޭ ބޮމުގެ ވާރޭ ވެއްސަމުން ދިޔަ މަންޒަރެވެ.

ޢަޒީޒު ޖަމާލު

އިސްރާއީލާއި އިސްރާއީލުގެ އިދިކޮޅު ހަމާސްއާއި ހިޒްބުއްލާއާ ދެމެދު ދެކެވެމުން ދިޔަ ހަނގުރާމަ ހުއްޓައިލުމުގެ އުންމީދުތައް ހުކުރު ދުވަހު ފަނޑުވެއްޖެއެވެ. އެއީ ސުލްހައިގެ ވާހަކަތަކޭ ކިޔައިގެން ވާހަކަދައްކަމުންދާ އިރު އިސްރާއީލުން ދެމުންގެންދާ ޙަމަލާތަކަށް ކުޑަވެސް ހުއްޓުމެއް ނުގެންނާތީއެވެ. އަދި ހުކުރުދުވަހު ވެސް އެތައް ބަޔަކު ޣައްޒާއިންނާއި ލުބުނާނުން އިސްރާއީލުން ބޮންއަޅައި ޝަހީދުކޮށްލައިފައިވާތީއެވެ.

ފަލަސްތީނުގެ ޣައްޒާ ސަރަޙައްދުގެ ސިއްހީ މަސައްކަތްތެރިން ބުނާ ގޮތުގައި އިސްރާއީލުން ދިން ވަރުގަދަ ވައިގެ ހަމަލާތަކުގައި މަދުވެގެން 64 މީހުން ހުކުރުދުވަހު ޝަހީދުވެފައިވެއެވެ. އަދި ބައިރޫތުގެ ދެކުނު ސަރަޙައްދުތަކަށް ވެސް އިސްރާއީލުން ސުމާރެއް ނެތި އިސްރާއީލުން ބޮންއަޅައިފައިވެއެވެ.

ހުކުރު ދުވަހުގެ ފަހުން، އިސްރާއީލުގެ ސިފައިން ބުނި ގޮތުގައި ހަމާސްގެ އިސް އޮފިޝަލެއް ކަމަށްވާ އިއްޒުއްދީން ކައްސާބް ވަނީ ޝަހީދުކޮށްލެވިވިފައެވެ. ޚާން ޔޫނިސްގައި ދެވުނު ވައިގެ ހަމަލާއެއްގައި ޝަހީދުކޮށްލެވުނުކަމަށް ބުނާ ޢިއްޒުއްދީނަކީ ހަމާސްގެ އެންމެ އިސް އިސްވާރުންގެ ތެރެއިން އަވަހާރަ ނުވެ ހުންނެވި އެންމެ ފަހު އިސްވާރުކަމަށް އިސްރާއީލުން ބުނެއެވެ. އަދި އެއީ އޮކްޓޫބަރުގެ ޙަމަލާގައި ޒިންމާ އުފުއްލާން ޖެހޭ އިސްވާރެއްކަމަށް ވެސް އިސްރާއީލުން ބުނެއެވެ.

އިސްރާއީލުގެ ޢަމަލުތަކުގެ ސަބަބުން ސުލްހައިގެ ވާހަކައަށް މިހާރު ވަނީ ހިޔަނިއެޅިފައެވެ. ހަނގުރާމަ ހުއްޓުމުގެ ވާހަކައިގެތެރެއަށް އެމެރިކާ ވަދެގެން އުޅުނަސް އެމެރިކާގެ އިޚުލާސްތެރިކަމެއް ނެތްކަން އެންމެން ވެސް އެނގޭން ޖެހެއެވެ.

އެމެރިކާގެ ޚާއްބަ މަންދޫބު މަސައްކަތްކުރަނީ އަންނަ އަންގާރަ ދުވަހު އެމެރިކާގެ ރިޔާސީ އިންތިޚާބު ބޯމަތިވެފައިވާތީ އެހާތަނަށް ވަގުތީ ގޮތުން ޙަމަލާތައް ހުއްޓައިލެވޭނެ ގޮތެއްގެ ޔަގީންކަން ހޯދާށެވެ.

ނަމަވެސް ހުކުރުދުވަހު އަލްއަޤުޞާ ޓީވީއިން ފޮނުވި ވީޑިއޯ ރިޕޯޓެއްގައި ޙަމާސުން ބުނެފައިވަނީ ވަގުތީ ގޮތުން ހަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމަކަށް ޙަމާސުން ތާއީދު ނުކުރާނެކަމަށެވެ. ޙަމަލާތައް ހުއްޓައިލާން ވާނީ ދާއިމީ ގޮތެއްގައެވެ. އަދި ހަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމެއްގައި ނަމަ، ޕަލަސްތީނުގެ ސަރަހައްދުން އިސްރާއީލުގެ ސިފައިން އެކިއެކަށް ފައިބާންޖެހޭނެކަމަށް އޮންނާނެޖެހެނެއެވެ.

އިސްރާއީލުން ބޭޏުންވަނީ އެ މީހުންނަށް ލިބޭ މާއްދީ އަދި ނަފުސާނީ ގެއްލުން ކުޑަކޮށް ޙަމަލާތައް އަލުން ރާވާނެ ވަގުތު ހޯދުމުަށް ޓަކައި ވަގުތީ ގޮތުން ޙަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމަކަށް ދާށެވެ. އަދި ހަމަލާތައް ހުއްޓައިލައިފައި އޮތަސް އިސްރާއީލު ސިފައިން ޣައްޒާ ސަރަހައްދުގައި ބާއްތިއްބާން އެ މީހުން ބޭނުންވެއެވެ. ނަމަވެސް މި ފަދަ އެއްބަސްވުމަކަށް ޙަމާޒުން ތާއީދު ނުކުރާނެކަމަށް ތަކުރާރުކޮށް ޙަމާސުންވަނީ ބުނެފައެވެ.

މީގެ ކުރީން ޒިންހުވާ ނޫސް އެޖެންސިއިން ފޮނުވި ވީޑިއޯ ތަގުރީރެއްގައި ޙަމާސްގެ އިސް އޮފިޝަލެއްކަމަށްވާ ސާމީ އަބޫ ޒުހުރީ ވިދާޅުވެފައިވަނީ ޣައްޒާގެ ރައްޔިތުން ތަޙައްމަލުކުރަމުން ގެންދާ ވޭނީ ޙާލަތު ބަދަލުކޮށް ދާއިމީ ގޮތެއްގައި ސުލްޙަ ގާއިމުކުރެވޭނެ ކޮންމެ އެއްބަސްވުމަކަށް އަދި ކޮންމެ ޚޔާލަކަށް އެ ޖަމާޢާތުން އޮތީ ހިފެހެއްޓުމެއް ނެތި ހުޅުވައިލައިފައިކަމަށެވެ.

އަބޫ ޒުހުރީ ވިދާޅުވެފައިވަނީ އެ އެއްބަސްވުމުގައި، މުޅި ޣައްޒާއިން އިސްރާއީލު ސިފައިން ފައިބާން ޖެހޭ ވާހަކަ އެއްބަސްވުމގައި ހިމަނާންޖެހޭނެކަމަށެވެ. އަދި ޣައްޒާ ބަންދުކޮށްފައި އޮތް އޮތުން ނިމުކަމަށް ގެނެސް ޣައްޒާގެ އާބާދީއަށް ބޭނުންވާ ބޯހިޔާވަހިކަމާއި އެހެން ހުރިހައި އެހީތެރިކަމެއް ވެސް ފޯރުކޮށްދެވޭނެ މަގުތައް އެއްވެސް ހިފެހެއްޓުމެއް ނެތި ހުޅުވައިލާ ވަހާކަ ވެސް އެއްބަސްވުމުގައި ހިމެނޭން ޖެހޭނެއެވެ. އަދި ޣައްޒާގެ ބިނާރު އަލުން ބިނާކުރުމާއި ޖަލުގައި ތިބި މީހުން ދޫކޮށްލުމުގެ ވާހަކަ ވެސް އެއްބަސްވުމުގައި ހިމެނޭންވާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މި ފަދަ ގޮތަކަށް ވެވޭ ކޮންމެ އެއްބަސްވުމަކަށް ޙަމާސް އޮތީ އެއްވެސް ހިފެހެއްޓުމެއް ނެތި ތައްޔާރަށްކަމަށް ވެސް އަބޫ ޒުހުރީ ވިދާޅުވިއެވެ.  އެ ނޫން ގޮތަކަށް ވެވޭ އެއްބަސްވުމަކަށް ޙަމާސުން ތާއީދު ނުކުރާނެކަމަށް ޙަމާސުން އެ ގެންދަނީ ތަކުރާރުކޮށް ބުނަމުންނެވެ.

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް 2023 އޮކްޓޫބަރު 7ން ފެށިގެން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދުކޮށްލައިފައިވާ މީހުންގެ ޢަދަދު ވަނީ 43,259އަށް އަރައިފައެެވެ. އޭގެ ތެރޭގައި 17,000އެއްހާ ކުޑަކުދިން ހިމެނޭއިރު, އިތުރު 10,000އެއްހާ މީހުންގެ ހަށިތައް، ސުންނާފަތިކޮށްލައިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާކަމަށް ޣައްޒާގެ އޮފިޝަލުން ޤަބޫލުކުރެއެވެ. ޣައްޒާ ޢުދުވާނުގައި އިސްރާއީލުން ވަނީ 101,827 މީހުން ޒަޚަމުކޮށްލައިފައެވެ.

ލުބްނާނުގެ މުސްލިމުންނާ ދެކޮޅަށް ސެޕްޓެންބަރު 23ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ހިންގަމުންދާ ޢުދުވާނުގައި ޝަހީދުކޮށްލައިފައިވާ ޢާންމުންގެ ޢަދަދު ވަނީ 2,897އަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ އަންހެނުންނާއި ކުޑަކުދީން ހިމެނޭކަމުގައި ލުބްނާނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ޚަބަރު ދީފައި ވެއެވެ. އަދި, ޒަޚަމުކޮށްލައިފައިވާ މީހުންގެ ޢަދަދު 13,150އަށް އަރައެވެ. އިސްރާއީލުން ހިންގާ ޢުދުވާނުގައި ގެދޮރު ނެތިކޮށްލައިފައިވާ މީހުންގެ ޢަދަދު 1.2 މިލިޔަނަށް އުފުލިފައިވާ އިރު, އދ.އިން ބުނީ އޭގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު މި ވަގުތު ދިރިއުޅެމުން ދަނީ މަގުމަތީގައިކަމަށެވެ.

(ގިނަ މަޢުލޫމާތު: ރޮއިޓަރސް)

އެޑިޓަރުގެ ނޯޓް
އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރަކީ މަޝްހޫރު ލިޔުންތެރިއެކެވެ. ބަސްވާރެކެވެ. އޭނާ ވަނީ ބަހުގެ ދާއިރާއިންނާއި ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން މަތީތަޢުލީމު ޙާޞިލުކުރައްވައިފައެވެ. ގިނަ ނޫސްމަޖައްލާތަކަކަށް ލިޔުއްވައިފައެވެ. މީގެ އިތުރަށް އޭނާ ވަނީ ކިޔަވައިދެއްވުމާއި އިސްކޫލުތައް ހިންގުމުގެ ދާއިރާގައި ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވައި ތަޖުރިބާ ޙާޞިލުކުރައްވައިފައެވެ. އޭނާއަށް ވަނީ ދިވެހިބަހަށް ޚިދުމަތްކުރުމާއި ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ހިތްވަރުދިނުމުގެ ޤައުމީ އިނާމާއި ޝަރަފުވެރިކަމުގެ އިނާމު ވެސް ލިބިވަޑައިގެންފައެވެ.

Advertisement

ކޮމެންޓް