ކޮލަމް ހަމަ (8): ތައްޚާނުބެއާއި ކުޑާނިކު
އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
މިއަދު ހެނދުނު ތައްޚާނުބެ ސައިބޮއި ހަދައިގެން ވައިޖައްސައިލައި ފިނިކޮށްލާން ދިއްގައިދޮށު ސަރަހައްދަށް ދިޔަ އިރު އެ ތާނގައި ހުރި ސިމެންތި އަށީގައި އޭނާ ރައްޓެހި ކުޑަމަނިކު އޮށޯވެލައިގެން އޮތެވެ. މިހާ އަވަހަށް ކުޑަ މަނިކު އެ ތަނަށް އައިސް އޮތީމާ، ތައްޚާނުބޭ ސަމާސާއަކަށް ބުނެލިއެވެ. "ކުޑާނިކާ، އަންހެނުން ތަޅައިގަތީތަ، މިހާ ކުރީން މި ތަނަށް އައިސް ނިދާން ތިޔަ އޮތީ؟"
ކުޑަމަނިކު: (ކުއްލިއަކަށް ތެދުވެފައި) ހެހެހެހެ. މިއައީ ތައްޚާނުބެޔާ ބައްދަލުކޮށްލާށޭ މިހާ އަވަހަށް.
ތައްޚާނުބެ: އަނެއްކާ ކިހިނެއްވީ؟
ކުޑަމަނިކު: މުޅީން ސަކަރާތެއްނު؟ ކުރީ ދުވަހު ތައްޚާނުބެ ބުނި ގޮތް މުޅީން ގޯސްކަމަށް އަތޮޅުވެރީން ވިދާޅުވީ؟
ތައްޚާނުބެ: (ހައިރާންވެފައި) އަތޮޅުވެރީންނޭ؟ މިހާރު ވެސް އަތޮޅުވެރީން ތިއްބަވައިތަ؟
ކުޑަމަނިކު: ހުމމމ. އަތޮޅުގެ ހުރިހައި ރައްޔިތުން ވޯޓުލައިގެން ގިނަ ބަޔަކަށް ފެނިގެން އެ މީހުންގެ ވެރިއަކަށް ހޮވާ ބޭފުޅަކު އަތޮޅުވެރިޔަކަށް ނުވާންވީ ކީއްވެ؟
ތައްޚާނުބެ: ބަލަ ތިޔަ ކިޔަނީ އަތޮޅު ކައުންސިލްގެ ރައީސްގެ ވާހަކަތަ؟
ކުޑަމަނިކު: ތޯއްޗެ؟ މަ ކިޔަނީ އަތޮޅުވެރީން. އެއީ ކައުންސިލް މީހުން ވޯޓުލައިގެން ހޮވި މީހެއް ނޫން. އިހަށް ނަމަ ތިޔަހެން ކީދާނެ. އޭރު އަތޮޅު ކައުންސިލުގެ ރައިސް ހޮވަނީ އެ މީހުން އަމިއްލަޔަށް. އެ ވާނީ އަތޮޅު ކައުންސިލްގެ ރައީސްކަމަށް ތޯއްޗެ! އެކަމަކު މިހާރު އަތޮޅު އެންމެން ވޯޓުލައިގެން އަތޮޅުގެ ވެރިއަކަށް މި ހޮވަނީ ބޭފުޅަކު. އެ ވަނީ އަތޮޅުވެރިޔާއަށް ނޫންތަ؟
ތައްޚާނުބެ: ކުޑަމަނިކު ތިޔަ ކިޔާ އެއްޗެއް ވިސްނޭ. ތިޔަ ޚިޔާލަކާ ވެސް ދެކޮޅެއް ނަހަދަން. އެކަމަކު ގާނޫނީ ގޮތުން، އިދާރީ ގޮތުން ކިޔާ ގޮތް މި ބުނީ. ދެން ބުނެބަލަ އަތޮޅު ކައުންސިލްގެ ރައީސް ވިދާޅުވީ ކީކޭއޯ؟
ކުޑަމަނިކު: އޭ! ތައްޚަނުބޭ، ކޮން ރައީސެއްތަ؟ މުޅި ރާއްޖޭގައި ހުސް ރައީސުންނެއް ނުތިބޭނެ. މަ ކިޔާނީ އަތޮޅުވެރީންނޭ.
ތައްޚާނުބޭ: ދެން ހެވޭ ކޮންމެ ބޭފުޅަކަސް. ކީކޭއޯ ވިދާޅުވީ.
ކުޑަމަނިކު: އަތޮޅުވެރީން ބުނީ ރަނގަޅު ގޮތަކީ "ރާއްޖެ އިސްލާންވި" ދުވަހޭ. އެ ވާވުގައި އޮންނާނީ އިބިފިއްޔޭ، އީބީފިއްޔެއް ނޫނޯ. އެހެން އެ މީހުން ޖަލްސާގެ ފޮތިގަނޑުގައި ލިޔެފައި އޮތީ ވެސް. އެހެންވީމާ މި ފަހަރު ތައްޚާނުބޭ ބުނި ގޮތް ގޯސްވީތާ!
ތައްޚާނުބޭ: މަ އޭރު ވެސް ބުނީމެއްނު، އެއްޗަކަށް ވާނީ ބޮޑެތި ބޭފުޅުން ވިދާޅުވާ ގޮތޭ. އަހަރެމެން ބުނާ އެއްޗެއް އެއްޗަކަށް ނުވާނޭ. އަހަރެމެން ލާ ދުންފަތްގަނޑު ކުޑަވީމާ އަހަރެމެން ބުނާ އެއްޗެއް އެއްޗަކަށް ނުވާނެތާ! ދެން ކޮބަޔޯ އެ ތާނގައި އިބިފިލި އޮންނާން ޖެހޭ ސަބަބެއްކަމަށް ދެއްކެވި ޙުއްޖަތަކީ؟
ކުޑަމަނިކު: އަތޮޅުވެރީން ވިދާޅުވީ އެއީ ނިމިނިމުނުކަމެކޭ. އެ ކަން އެ އޮތީ އެ ދުވަހު ނިމިފައޭ. މިއަދާ ހަމައަށް އިސްލާމް ދީން އައިކަން އެއީ މުޅީން އެހެން ކަމެކޭ.
ތައްޚަނުބޭ: އެހެންވީމާ އަތޮޅުވެރީން ވިދާޅުވި ގޮތަށް ކުޑާނިކު ލިޔެކިޔައި ހަދާ! މަށަކަށް އިޙުސާސެއް ނުކުރެވޭ ރާއްޖެ އިސްލާންވި ދުވަސްކީމާ، އެ ކަން މިއަދާ ހަމައަށް ދެމިގެން އައިކަމުގެ މާނައެއް. އަނެއްކާ މީހަކު ސުވާލުކުރާއިރު ބުނަނީ "ރާއްޖެ އިސްލާންވި ކޮންދުވަހަކުހޭ"ތަ؟ ނޫނީ "ރާއްޖެ އިސްލާންވީ ކޮންދުވަހަކުހޭ"ތަ؟ ކުޑާނިކު ޖަވާބު ދީބަލަ!
ކުޑަމަނިކު: ތިޔަ ތާނގައި އެންމެން ވެސް ޖަހަނީ ދެމެފިލި. އެކަމަކު......
ތައްޚާނުބޭ: އެއް ކަމެއް، އެއް ޒަމާނަކު ހިނގި ކަމެއް. ސުވާލުކުރަންވީމާ ވަކި ޒަމާނަކަށް. ޖަވާބު ދޭންވީމާ ވަކި ޒަމާނަކަށް. ކޮބާ ތިޔައިގެ މަންޠިޤަކީ؟
ކުޑަމަނިކު: ތެދެކޭ ދޯ؟ އަސްލު ތައްޚާނުބޭ ބުނި ގޮތް ހަމަ ރަނގަޅީ ދޯ؟
ތައްޚާނުބޭ: އެއީ މަށަށް ރަނގަޅު ގޮތް. އެހެން މީހުންނަށް އެ ގޮތް ރަނގަޅުވުމާ ނުވުމަކީ އެހެންކަމެއް. މަށަށް ބުއްދި ގަބޫލުކުރާ ސަބަބެއް މީހަކު ނުދައްކައިފިއްޔާ މަ ބޭނުންކުރާނީ މަށަށް ދޭހަވާ ގޮތަށް. ތައްޚާނެއް ނޫޅެންވިއްޔާ އިމްތިޙާނެއްގައި ބައިވެރިވާކަށް، މުބާރާތެއްގައި ބައިވެރިވާކަށް. އެހެންވީމާ މަ ލިޔާ އެއްޗެއްގައި މަށަށް ފެންނަ ހަމައަކުން ލިޔެވޭނެނު ދޯ؟ މީހުންނަށް ދޭހަވެސްވާނެނު.
ކުޑަމަނިކު: ހުމމމމމމ! ތިޔާހެން ތިޔާ ކަން އޮތީ. އެހެންވީމާ ދެ ގޮތް ވެސް ރަނގަޅީތާ!
ތައްޚާނުބޭ: ވެދާނެ ބައެއް މީހުންގެ ނަޒަރުގައި ތިޔާހެން ވެސް. ނަމަވެސް މަށަށް އަދި ހަމަ ބުރަވެވޭނީ ރާއްޖެ އިސްލާންވީ ދުވަސް ލިޔާން. އެކަމަކު ކައުންސިލުން ބޭނުން ގޮތަކަށް ކައުންސިލުން ލިޔާނެތާ!
ކުޑަމަނިކު: ތިޔާ ތެދެއް. އެކަމަކު މިހާރު މަ ގަބޫލުކުރަނީ، އަސްލު އަބަދު ވެސް ގަބޫލުކުރަނީ، ތައްޚާނުބޭގެ ބަސް. އެހެންވީމާ ކުރީ ދުވަހު ކިޔައިދިން ގޮތަށް، އޭނާ ދިޔައީ ކޮން އިރަކު؟ އޭނާ އައީ ކޮން ދުވަހަކު؟ އޭނާ މަރުވީ ކޮން އަހަރަކު؟ ޢަލިރަސްގެފާނު ޝަހީދުވީ ކީއްކުރައްވާން ހުންނަވަނިކޮށް؟ ރާއްޖެ އިސްލާންވީ ކޮން ދުވަހަކު؟ ރާއްޖެ އިސްލާންވީ ހިޖުރީ ސަނަތުން 548ވަނަ އަހަރު، މި ގޮތްގޮތަށް ދެމޭފިލި، އީބީފިލި، ޖަހައިގެން ދޯ ރަނގަޅުވާނީ؟ ކުޑަމަނިކަށް ވެސް މިހާރު މި ވިސްނުނީ ތައްޚާނުބޭ ބުނީ ރަނގަޅަށްކަމަށް.
ތައްޚާނުބޭ: ކޮންމެހެން މަ ބުނާ ގޮތް އެއީ އެހެން މީހުންނަށް ރަނގަޅު ގޮތަށް ނުވެ ވެސް ހިނގައިދާނެ. އެކަމަކު، މަށަށް އެހެން މީހަކު ސާބިތު ހެތްކެއް ނުދައްކާހާ ހިނދަކު މަ ބޭނުންކުރާނީ މަށަށް މި ފެންނަ ގޮތަށް. ކޮންމެހެން ކުޑަމަނިކު ވެސް މަ ބުންޏޭ ކިޔައިފައި އެ ވާހަކަ ދައްކާނެ ކަމެއް ނެތް. މަސްލަހަތު ގޯސްވެދާނެ. މިއީ ދެން މާ ބޮޑު މައްސަލައެއް އޮތް ކަމެއް ވެސް ނޫންތާ!
ކުޑަމަނިކު: ހުމމމމމ. އެންމެ ރަނގަޅު. މި ވާހަކަ ދެން މި ނިމުނީ.
ތައްޚާނު: ދެން ކޮން ވާހަކައެއް އޮތީ؟
ކުޑަމަނިކު: ދެން މަ ހިތަށް އަރަނީ، މިހާރު ވާ ގިނަވެއްޖެއެއް ނޫންހޭ ރައީސުން. ކީއްކުރަންހޭ ރައިސުންނޭ ކިޔަނީ؟ އަތޮޅު ކައުންސިލްގެ ރައީސް ވެސް ރަށު ކައުންސިލްގެ ރައީސް ވެސް މިހާރު މި ހޮވަނީ ހުރިހައި ރައްޔިތުންގެ ވޯޓުން. އެހެންވީމާ އަތޮޅުވެރިޔާއާއި ކަތީބު ކިޔާންވީ ނޫންހޭ؟ މަގާމުގެ ހައިބަތު ވެސް މާ ބޮޑޭ އެހެން ކީމާ!
ތައްޚާނުބޭ: ތިޔަ ދައްކަނީ މާ މަތީ ވާހަކައެއް. އަހަރެމެންނަށް ކިހިނެއް ތިޔަ ކަހަލަ ކަންކަން ނިންމޭނީ. ކުރުކޮށް ބުނާނީ ކުޑަމަނިކުގެ ޚިޔާލަށް ތާއީދުކުރެވެޔޭ. އެކަމަކު ތިޔަ ފަދަ ކަންކަން ނިންމާނީ ރައްޔިތުންގެ މަޖިލީހުން. މަށަށް ވާނަމަ، އިނގިރޭސި ނަންނަން ކިޔަސް އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނަށް ވެސް ކިޔާނީ އިލެކްޝަންސް ކޮމިޝަނަރުން. އެ ތާގެ ރައީސަށް ކިޔާނީ ޗީފު އިލެކްޝަންސް ކޮމިޝަނަރު މިހެން. އެކަމަކު ހިނގާދޯ އަހަރެމެންނާ ނުބެހޭ ކަންކަމާ ނުބެހެމާ! މި ފަދަ ވާހަކަ ދައްކައިގެން ފައިދާއެއް ނުކުރާނެ. އަހަރެމެން ފަދަ މުސްކުޅީން ދައްކާ ވާހަކަ ކާކު މި ޒަމާނުގައި ގަބޫލުކުރާނީ.
ކުޑަމަނިކު: ތިޔައީ ވެސް ތެދެއް. އެކަމަކު ރައީސުން ގިނަކަމުން ހަމަ ބޮލަށް އުނދަގޫވާތީ ހަމަ މި ވާހަކަ ބުނެލެވުނީ.
ތައްޚާނު: އެންމެ ރަނގަޅު. މި ވާހަކަ ވެސް މި ނިމުނީނު. އެބަ ޖެހޭ ގޭދޮށަށް އަރާން. އެހެންވީމާ ދެން މިއަދު ވަކިވެލާނަން.
ކުޑަމަނިކު: އެންމެ ރަނގަޅު. މަވެސް މި ދަނީ! އައްސަލާމު ޢަލައިކުމް.
ތައްޚާނުބޭ: ވަޢަލައިކުމް ސަލާމް!